ފުޓްސަލް

އަރާމު ހޮލިޑޭސް އެންޑް ސްޕާ މިޔަޓް ފުޓްސަލް ފިއެސްޓާގެ ގުރު ނަގައިފި

ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖު މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ އިރު، މި އަހަރުގެ މުބާރާތުގައި 15 ޓީމަކުން ވާދަކުރާނެއެވެ.

މުބާރާތުގައި މިއަހަރު 14 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނޭނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.

ޝީ ބިލްޑިންގައި ރޭ ބޭއްވި ހާއްސަ އިވެންޓް މިޔަޓް ޖަމިއްޔާގެ ރައީސް މުހައްމަދު ހަމީދު ޝަރަފުވެރި ކޮށްދެއްވި އިރު، މުބާރާތުގައި ވާދަކުރާ ޓީމުތަކުންވެސް އިވެންޓުގައި ބައިވެރިވިއެވެ.

މުބާރާތުގެ ގްރޫޕުތައް

މިއަހަރުގެ މުބާރާތުންވެސް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ފެންނާނެއެވެ. އެގޮތުން ގްރޫޕު ސްޓޭޖުގެ މެޗުތައްވެސް މުބާރާތުގައި ވަރުގަދަވާނެއެވެ. އެންމެ ވަރުގަދަ ގްރޫޕުގެ ގޮތުގައި ގްރޫޕް ސީ ފާހަގަކޮށްލެވޭ އިރު، އެ ގްރޫޕުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަނަރަޕްކަން ހޯދި ގާފަރުވެސް ފެންނާނެއެވެ. އޭގެ އިތުރުން ތުލުސްދޫގެ އެންމެ ވަރުގަދަ އެއް ޓީމު ކަންމަތި އެފްސީ އާއި ދިއްފުށިވެސް ހިމެނެނީ އެ ގްރޫޕުގައެވެ.

ގްރޫޕް ސްޓޭޖަށްފަހު އޮންނާނީ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކެވެ. އެހެންކަމުން ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ނޮކްއައުޓް ބުރަށްދާނެއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިވެވޭނެ ފުރުސަތު ވަނީ ދީފައެވެ. އަދި ރަށުން، އަތޮޅުން ބޭރުން ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ގެންދެވޭނެ އުސޫލެއްވެސް އެކުލަވާލާފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.