މިއަހަރުގެ ނޮވެމްބަރު އެކާވީހުން ޑިސެމްބަރު އަށާރަޔަށް ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި ބޭނުންކުރާ ރަސްމީ ބޯޅައިގެ ނަމަކީ އައްރިހުލާ އެވެ. އައްރިހުލާއަކީ އަރަބި ލަފުޒެކެވެ. މާނަޔަކީ ދަތުރެވެ. ނުވަތަ ދަތުރުނާމާއެވެ. މި ބޯޅަ ތައްޔާރުކުރީ އެޑިޑާސް ކުންފުނިންނެވެ. އެޑިޑާހަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާކަމަށްވާ ފީފާގެ ޕާޓްނަރެކެވެ. އަދި އެއީ 1970 ވަނަ އަހަރުގެ ވޯލްޑްކަޕުން ފެށިގެން ވޯލްޑްކަޕްގެ ރަސްމީ ބޯޅަ ފީފާޔަށް ސަޕްލައިކޮށްދޭ ފަރާތެވެ. މިފަހަރުގެ ރަސްމީ ބޯޅަޔަށް އަރަބި ނަމެއް ދިނުމުގެ އިތުރަށް ގަތަރާއި ގުޅުންހުރި އަދިވެސް ކިތަންމެ ކަމެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ބޯޅައިގައި ބޭނުންކޮށްފައިވާ ކުލަތަކާއި ކުރެހުންވެސް ހިމެނެއެވެ. މިއިން ކޮންމެ އެއްޗަކުން ގަތަރާއި ގުޅުންހުރި މާނައެއް ދޭހަކޮށްދެއެވެ.
އައްރިހުލާގެ މައިގަނޑު ކުލަޔަކީ ހުދުކުލައެވެ. އެހެންނަމަވެސް ކުރެހުންތަކުގައި އިތުރު ކިތަންމެ ކުލައެއް ބޭނުންކޮށްފައިވެއެވެ. އައްރިހުލާގައި ބޭނުންކޮށްފައިވަނީ އައު ބައްޓަމެއްގެ ވިހި ފިތެވެ. ފިތްތަކުގެ ބައްޓަމުން ދައްކައިދެނީ ގަތަރާއި ގަލްފުގެ އެހެނިހެން ގައުމުތަކުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ދޯނިފަހަރާއި އޭގެ ތިނެސްކަން ރިޔަލެވެ. ހުދުކުލައިން ރަމްޒުކޮށްދެނީ އަރަބީންގެ ހުދު ޖުއްބާއެވެ. ފިތްތަކުގައި ބޭނުންކޮށްފައިވާ ކުލަތަކުގެ ތެރެއިން އެންމެ ގަދަކުލަޔަކީ ގަތަރުގެ ގައުމީ ދިދައިގެ ކުލަތަކެވެ. ބޯޅައިގެ ކުރެހުމަށް ބަލާފައި ބައެއް މީހުން ބުނެއެވެ. އެއީ ރޭގަނޑު ވެރިރަށް ދޯހާގެ މަލަމަތީގެ ކުލަތަކެވެ. އެކަމަކު އެޑިޑާސް އާއި ފީފާޔާއި ގަތަރުގެ އޮގަނައިޒިން ކޮމިޓީންވެސް މިވާހަކަ ދޮގުކުރެއެވެ. ބޯޅައިން ފެންނަނީ ދޯހާގެ މަލަމަތި ނޫންކަމަށް ބުނެއެވެ.
އައްރިހުލާގެ ކުލަތަކާއި ފިތްތަކުގެ ބައްޓަމަށް މިފަހަރު އައިސްފައިވާ ބަދަލުގެ އިތުރަށް މީގައި ހިމެނޭ އެންމެ މުހިއްމު އައުސިފަޔަކީ އޭގެ ސްޕީޑްޝެލްއަށް ގެނެސްފައިވާ ބަދަލެވެ. މީގެ ބޭނުމަކީ ބޯޅައިގެ ސްޕީޑް ހަލުވިކޮށް ބާރަށް ފޮނުވައިލުމާއި ކާރވްކުރަން ފަސޭހަކުރުމެވެ. ކޮންމެ ވޯލްޑްކަޕަކަށް އެޑިޑާސްއިން ތައްޔާރުކުރާ ރަސްމީ ބޯޅައިގައިވެސް ތަފާތު ކޮންމެވެސް އައު ސިފައެއް ނުވަތަ ސިފަތަކެއް ހިމަނައެވެ. އައު ދިރާސާތަކާއި އައު ހޯދުންތަކާއި އައު ވިސްނުމުގެ މަތީގައެވެ. އެގޮތުން މިފަހަރުގެ އައްރިހުލާ ބޯޅަޔަކީ އޭގައި ބޭނުންކުރެވިފައިވާ އައު ސިފަތަކުގެ ސަބަބުން ކުޅުންތެރިން ވަރަށް ރުހޭނެ އަދި ކުރިއަށްވުރެވެސް ގިނަ ގޯލްތަކެއް ފެނިގެން ދިއުމަށް މަގުފަހިކޮށްދޭނެ ބޯޅައެއް ކަމަށް އެޑިޑާސްއިން ބުނެއެވެ.
ކުރިން ބަޔާން ކުރެވުނު ޒަމާނީ ސިފަތައް ހިމެނިފައިވާ އައްރިހުލާ ބޯޅަ ތައާރަފުކޮށް ދައްކައިދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޯ މެސީއެވެ. އޭނާގެ ނަޒަރުގައި މިއީ މިހާތަނަށް ތައާރަފު ކުރެވުނު އެންމެ މޮޅު އަދި އެންމެ ޒަމާނީ ބޯޅައެވެ. ހުރިހާވެސް ރީތި ނަމަކާއި ޝުކުރެއް އެޑިޑާހަށެވެ. މިއީ ފީފާޔާއި އެޑިޑާސްގެ ޕާރޓްނަރޝިޕް ފެށުނުފަހުން ފާއިތުވީ ފަންސާސް އަހަރުގެ ތެރޭގައި ފީފާޔަށް އެޑިޑާހުން ސަޕްލައިކޮށްދިން ސާދަވަނަ ރަސްމީ މެޗު ބޯޅައެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވުނު ވޯލްޑްކަޕަށް ފަހު މިހާތަނަށް ރަސްމީ ބޯޅައިގެ ތަފާތު ބާވީސް ޑިޒައިނެއް ފެނިގެން ގޮސްފައިވެއެވެ. އެޑިޑާހުގެ ދައުރު ފެށުނީ ކުރިންވެސް ދެންނެވިފަދައިން 1970 ވަނަ އަހަރު އެޑިޑާހުން ތައްޔާރުކޮށް ސަޕްލައިކޮށްދިން ޓެލްސްޓަރ ބޯޅައިންނެވެ.
ޓެލްސްޓަރ އަކީ ހަގީގަތުގައި ޒަމާނީ ފުޓްބޯޅައިގެ ފަރުމާ ބަދަލުކޮށްލި ބޯޅައެވެ. ކަޅާއި ހުދުގެ ބައްތިރީސް ފިތް އެކުލެވޭ މިބޯޅަޔަކީ އަދިވެސް ފުޓްބޯޅައޭ ބުނާއިރަށް ގިނަބައެއްގެ ސިކުނޑިތަކަށް ސިފަވެގެންދާ ބޯޅައެވެ. މިފަރުމާގެ ފިތްތަކެއްގެ މައްޗަށް މިގޮތަށް މި ބޯޅަ ފަރުމާކުރުމުގެ ޚިޔާލު އެޑިޑާސް ކުންފުންޏަށް ލިބުނީ އެމެރިކާއިން ޖައްވަށް ފޮނުވައިލި ވަށް ސެޓެލައިޓަކުންނެވެ. މި ބޯޅަޔަށް ޓެލްސްޓަރގެ ނަންދިނީވެސް އެ ސެޓެލައިޓަށް ނިސްބަތްކޮށްފައެވެ. އޭގެ ހަތަރު އަހަރުފަހުން 1974 ގެ ވޯލްޑްކަޕަށް ތައްޔާރުކުރި ބޯޅަޔަކީވެސް އޭގެ އަސްލަކަށް ޓެލްސްޓަރ އޮރިޖިނަލް ޑިޒައިން ބަލައިގެން ކުދިކުދި ބައެއް ބަދަލުތަކާއެކު ތައާރަފުކުރި އެޑިޑާސް ޓެލްސްޓަރ ޑުރްލާސްޓެވެ. ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި އަދިވެސް ޓެލްސްޓަރ ބޭނުންކުރެއެވެ. އެ ފަރުމާ ނެތިއްޔާ ބޯޅަޔަކަށްވެސް ނުވެއެވެ.
ފުޓްބޯޅައިގެ ފެންވަރު އަންނަނީ މަތިވަމުންނެވެ. ގޭމުގެ ސްޕީޑާއި ކުޅުންތެރިންގެ ސްޕީޑްވެސް އަންނަނީ މަތިވަމުންނެވެ. އެހެންވީމާ ބަދަލުވަމުންދާ ގޭމަށް ފެތޭ އެއްޗަކަށް ބޯޅަ ހެދުމަކީ އަބަދުވެސް އެޑިޑާސްގެ އަމާޒެކެވެ. އަދި އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޯޅަޔަށް ޒަމާނީ ބަދަލު ގެނައުމަކީވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އައްރިހުލާ ލޯންޗު ކުރުމަށްފަހު މި ބޯޅަ ދައްކައިލުމާއި އަޖުމަބެލުމުގެ ގޮތުން ދުނިޔޭގެ ތަފާތު އެތަކެއް ގައުމުގައި ޚާއްސަ އިވެންޓުތައް ބޭއްވިފައިވެއެވެ. މި އިވެންޓުތަކުގައި މި ބޯޅައިގެ އަޖުމަބެލި އެންމެންވެސް ބުނަނީ މިވަރެއް ނެތްކަމުގައެވެ. މިއަށްވުރެ ހަލުވި އަދި ބާރަށް ފޮނުވައިލެވޭ ބޯޅައެއް މިހާތަނަށް ފެނިފައިނުވާ ކަމުގައެވެ. އެހާ ފާސްޓް ބޯޅަޔަކަށް ވަނީވިއްޔާ ކުރީފަހަރުތަކަށްވުރެ މާގިނަ ގޯލްތައް މިފަހަރު ފެނުމުގެ ފުރުސަތު ބޮޑެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022