ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 13

"އެކޮއި ޖިލްވާ ދަނީ އިނގޭ މަންމަ. މަންމަ މިހެން ބުންޏަސް ކައިވެނިކުރާނެ ދުވަހެއް އެނގޭނީ ތިދެކުދިންނަށް. މިދެން އެދުވަސް ދެކޭހިތުން މަންމަ ދެއްކި ވާހަކަތަކެއް" ކައިރީގައި ކޮޅަށް ހުރި ޖިލްވާގެ ކޮނޑުގައި ފިރުމާލާފައި ރޫބިޔާ ބުންޏެވެ. ދެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން ނޯކަރު އަންހެންކުއްޖެއް ރޫބިޔާއަށް ދޮރުހުޅުވައިދިނުމަށް ދިޔައެވެ.

"އެއީ ބަރަކްގެ މަންމައަކީ؟ ޖަވާހިރެއް ދަރިފުޅު ހޮވީ ކުނިގޮނޑަކުންތަ؟" އަންވަރު ޖިލްވާއަށް އެހިއެވެ.

*********

ތައްޔާރުވެގެން ކޮޓަރިން ނުކުތް ވިލިނީ ދެފަރާތް ހޯދައި ބަލައިލިއެވެ. ބެގަރީ ފެންނާކަށް ނެތެވެ. އެވަގުތަކީ އާންމުކޮށް ބެގަރީ ބަދިގޭގައި އުޅޭ ވަގުތަކަށް ވާތީ ވިލިނީ ދިޔައީ އެދިމާލަށެވެ. ރޭގަނޑުގެ ކެއުމުގެ ކަންކަން ހަމަޖެހިފައިވާ ގަޑިއަށް ވުމުން ވިލިނީ ފެނުމާއެކު އެންމެ ފުރަތަމަވެސް ބެގަރީ ސުވާލުކުރީ ކެއުމާ ގުޅޭގޮތުންނެވެ.

"މިދަނީ ބޭރަށް ރައްޓެހިކުއްޖަކާއެކު" ވިލިނީ ބުންޏެވެ. ބެގަރީ ބޯޖަހާލިއެވެ.

"ނަހީކް އެބައުޅޭތަ ގޭގަ؟" ވިލިނީ އެހިއެވެ.

"ކޮޓަރީގަ ވީ. އިރުކޮޅަކުން ތިރިއަށް އަންނާނެ ކާން" ބެގަރީ ބުންޏެވެ.

ހިނގައިގަނެފައި ވިލިނީ މަޑުޖެހުނެވެ. ނަހީކް ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް އެއީ ފިރިމީހާ ކަން ވިލިނީގެ ހަނދާނުގައި ހުއްޓެވެ. ކައިވެނިކޮށްގެން ފިރިމީހާގެ ބެލުމުގެ ދަށަށް އަނބިމީހާ އަންނަ ހިސާބުން ފެށިގެން އަނބިމީހާއަށް މަނާ ކަންތައްތަކެއް ހުރެއެވެ. އެހެންކަމުން ވިލިނީ ބޭނުންވީ ނަހީކް ކައިރީގައި ބުނެފައި ގެއިން ބޭރަށް ނުކުންނާށެވެ. ދޮރާ ހަމައިން އަނބުރާލާފައި އައިސް ވިލިނީ ސޯފާގައި އިށީނެވެ.

މާގިނަ އިރެއްނުވެ ބޮޑު ކޮޓަރީގެ މެދަށް ވާގޮތަށް ހުރި ސިޑިން މީހެއްގެ ފިޔަވަޅު އަޑު އިވުނެވެ. ފޯނަށް ބަލަހައްޓައިގެން އިން ވިލިނީގެ ސަމާލުކަން އެ އަޑަށް ހުއްޓުނެވެ. ނަހީކް ފައިބަނީކަން ވިލިނީއަށް އެނގުނެވެ.

މޭޒުކައިރީގައި އިށީންގޮތަށް ނަހީކް ކެއުމަށް ތައްޔާރުވެލިއެވެ. ލޮލުގެ އެއް އަރިމަތިން ކުޑަކޮށް ދުރުގައި ހުއްޓުނު ވިލިނީ ނަހީކަށް ފެނުނެވެ. މޭޒުމަތީގައި އޮތް ނަހީކްގެ އަތް މުށްކެވިގެން ދިޔަތަން ބެގަރީއަށް ފެނުނެވެ. ކަންބޮޑުވުމާއެކު ވިލިނީއަށް ބެގަރީ ބަލައިލިއެވެ. މަޑުމަޑުން ކުރިއަށް ޖެހެމުން އައިސް ވިލިނީ ހުއްޓުނީ ނަހީކާ ތަންކޮޅެއް ގާތުގައެވެ.

"އަހަ....އަހަރެން ބޭރަށް"

ވިލިނީއަށް ކުއްލި ސިހުމެއް ލިބުނީ ނަހީކް ފުންމައިގެން ތެދުވި ވަގުތު ފަހަތަށް ގޮނޑި ޖެހުނު އަޑުންނެވެ. މީހަކު ބޮލުގައި މަރުތޭލަކުން ޖެހިޔަސް އެވަރުގެ ސިހުމެއް ނުލިބޭނެއެވެ. އަހަރެންނަށް މިކުރެވުނީ ފާފައެއް ހެއްޔެވެ؟ ވިލިނީގެ ހިތުގައި ސުވާލު އުފެދުނެވެ. އެގޮތަށް ކަންތައް ނުކޮށްވެސް ތަންކޮޅެއް މަޑުމައިތިރިކަމާއެކު ހަރަކާތް ކުރެވިދާނެ ނޫން ހެއްޔެވެ؟ ތަނަށް ހީވީ ނަގޫ ރޯޅިއެއްގެ އަސަރުކުރިހެން ވިއްޔާއެވެ؟

"އަހަރެންގެ ކާއެއްޗެހި ކޮޓަރިއަށް ގެނޭ" ނަހީކް ބުންޏެވެ. ދެން ބާރު ހިނގުމުގައި ހިނގައިގަތެވެ. އަރިމަތީގައި ހުރި ވިލިނީއަށް ސަމާލުކަން ނުދީ ބެގަރީ އަވަސްވެގަތީ ނަހީކްގެ ކާއެއްޗެހި ޓްރޭ ތައްޔާރު ކުރުމަށެވެ.

ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ ކީއްވެގެންކަމެއް ހުދު ވިލިނީއަށް ވެސް ނޭނގުނެވެ. އިސްވެ ނަހީކާ ވާހަކަދެއްކުނީތީ އަމިއްލަ ނަފްސަށް ވިލިނީ ލަދުގަތެވެ. އަނބުރާލާފައި ލަސްފިޔަވަޅުތަކެއް އަޅަމުން ވިލިނީ ހިނގައިގަތެވެ. ވިލިނީގެ ހިތުގައި ހުރިހާ ޝަކުވާއެއް އުފެދުނީ ރޫބިޔާއާ މެދުގައެވެ.

**************

ގޮނޑީގައި ނެގިމަޑުވެފައި އިން ވިލިނީއަށް މޭޒު މައްޗަށް ކާން އަރުވަން ހުރި ރިންދާ ބަލައިލައެވެ. މޭޒު ކައިރީގައި ބޭސްކާން އައިސް ހުރި ނަހާ ހުރުމުން ވިލިނީ އާ އަދި ރިންދާއަށް ވާހަކަދައްކާލެވޭނެ ގޮތެއް ނުވެއެވެ.

"ވަރަށް ބަސްއަހައިގެން އުޅެއްޗޭ އިނގޭ ކަނބުލޯ. ތިކައިވެނި މަތީގައި ދެމިތިބެވޭތޯ ބަލާތި" ނުކުމެގެން ދަމުން ވިލިނީގެ އަތުގައި ނަހާ ފިރުމާލަމުން ބުންޏެވެ. ނަހާގެ އެ ޖުމްލައިންވެސް ވިލިނީގެ ހިތަށް ކުރި އަސަރު ބޮޑުވިއެވެ. ބަސްއަހައިގެން ދިރިއުޅެން ވިލިނީ ހުރީ ތައްޔާރަށެވެ. ދެން ހުރި މީހާ ބަސްނާހަންޏާ ވިލިނީ ކުރާނީ ވަކި ކީއްހެއްޔެވެ؟

މެދުގައި ނޫޑްލްސް ތަށި ބަހައްޓާފައި ވިލިނީ އާ ތައްޓެއް ގާތްކޮށްލަމުން ރިންދާ އިށީނީ ވިލިނީ އާ ޖެހިގެން އިން ގޮނޑީގައެވެ. ވިލިނީއަށް ފަރުވާތެރި ނަޒަރަކުން ރިންދާ ބަލައިލިއެވެ. ފަހުގެ ތާރީހެއްގައި ވިލިނީ އެހާ ހިމޭންވެފައި އިންތަނެއް ރިންދާއަށް ނުފެނެއެވެ. އަނގަ ގަދަ ވިލިނީ އިނީ މުޅިން އޮއްސިފައެވެ. ވިލިނީ ބުނިހެން އާ ކައިވެނީގެ އެއްވެސް އުފާވެރިކަމެއް ވިލިނީގެ މޫނުމަތިން ނުފެނެއެވެ.

"އަހަރެން ނުބުނަންތަ އެއިރުވެސް މީހެއްގެ ގޮތެއް ނުބަލައި ނީންނާށޭ. ވިލީގެ ބޮޑޫ އަވަސް އަރުވާލީމަ މުހިންމު ކަމަކަށް ވިލީއަށްވެސް ނުވީ" ރިންދާ ބުންޏެވެ. ވިލިނީގެ ތައްޓަށް ނޫޑްލްސް އަޅައިދިނީ ރިންދާއެވެ. އުލެއް ތަށީ ތެރެއަށް ލާފައި އަނެއްކާވެސް ވިލިނީއަށް ރިންދާ ބަލައިލިއެވެ.

"ދެން ތިހެން ނީނދެބަލަ" ވިލިނީގެ އަތުގައި ރިންދާ ހިފާލިއެވެ.

ފުން ނޭވައެއް ވިލިނީ ދޫކޮށްލިއެވެ. އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ނަގާފައި ކުރިމަތީ ކެމެރާ ހުޅުވާލިއެވެ. ދެން މޫނާ ދިމާކޮށް އަމިއްލަ ސޫރައަށް ވިލިނީ ބަލައިލިއެވެ. ގައިމުވެސް އެ މޫނުން އައިބެއް ވިލިނީއަށް ނުފެނެއެވެ.

"އަހަރެން ވަރަށް ހުތުރުތަ ރިދާ" ވިލިނީ އެހިއެވެ.

"ކާކު ބުނީ؟ އޭނަ އެހެން ބުނީތަ؟" ރިންދާ ބުންޏެވެ.

"ނުބުނޭ. އަހަރެންނަށް އެކަހަލަ އެއްޗެއް ހީވާތީ" ވިލިނީ ބުންޏެވެ.

"ތި ފޯނު ބާއްވަލަ. ވިލީ ތިއީ ހަޑި ކުއްޖެއް ނޫން. ދެން އަހަރެންނަށް ކިޔައިދީބަލަ. އޭނަ ކީއްކުރީތަ؟" ރިންދާ އެހިއެވެ.

ކައިވެނީގެ މަޖިލީހުން ނުކުތްގޮތަށް ސައުވީސް ގަޑިއިރު ވަންދެން ނަހީކްގެ ހަބަރެއް ނުވާ ކަމުގައި ވިލިނީ ބުންޏެވެ. އެއްތަށި މައްޗަށް ކާން ނާރާ ވާހަކަ އާއި ހާލު ބަލައިނުލާ ވާހަކަ ކިޔައިދިނެވެ. އެގޭގައި ނަހީކްގެ އާއިލާ އެއްވެސް މީހެއް ނެތް ކަމަށް ބުންޏެވެ. އެންމެ ފަހުން ދާދި ދެންމެއަކު ނަހީކް ކަންތައްކުރި ގޮތް ކިޔައިދޭން ފެށުމުން ވިލިނީއަށް ރޮވުނެވެ.

"ލޯބިވަނީތަ އޭނަދެކެ" ވިލިނިގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުމުން ރިންދާ އެހިއެވެ. އެހެނީ ކައިވެންޏެއްގެ މަތީގައި އިންނަ އަންހެނަކު ފިރިމީހާގެ ފަރުވާކުޑަކަމުގެ ވާހަކަދައްކާއިރު ލޮލުން ވެއްޓޭ ކަރުނަ ސިފަކޮށްދެނީ އަނބިމީހާ ފިރިމީހާދެކެ ވާ ސާފު ލޯތްބެވެ. ރިންދާ އެ ސުވާލުކުރީ އެހެންވެއެވެ.

"ނުވޭ. ލޯތްބަކީ އެހެން ހަމަ ހުރެފަ ވެވޭ އެއްޗެއްތަ؟ މިކަހަލަ ކައިވެންޏެއްގަ ދެމީހުންނަށްވެސް އެކަކު އަނެކަކުދެކެ ލޯބިވެވޭނީ އެކަކު އަނެކަކުގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބިގެން. އެކަމަކު އޭނަ އެއްވެސް ސަބަބަކާ ނުލައި އަހަރެންދެކެ އެހާ ފޫހިވަނީ އަހަރެންނަށް އެހާ ނަފްރަތުކުރަނީ ކީއްވެގެންބާއޭ ހިތަށް އަރަނީ. ދެރަވީ އަހަރެން ވާހަކަދެއްކީމަ އެގޮތަށް އޭނަ ކަންތައްކުރީތީ. އަހަރެން އުޅުނީ ހަމައެކަނި ގެއިން ބޭރަށް ނުކުމެލާތީ އެވާހަކަ ބުނެލަން" ވިލިނީ ވާހަކަދެއްކިއެވެ.

"އަހަރެންގެ އެކުވެރިޔާ ތިހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިނީތީ އަހަރެން ދީފާނަން ހިޔާލެއް" ރިންދާ ބުންޏެވެ. ވާހަކައިގެ ތެރެއިން ރިންދާ އައިސް އަލަމާރި ކައިރިއަށް ގޮސް ކޮށާފައި ތައްޓަކަށް އަޅާފައި ހުރި ކިޔުކަމްބާ ތަށި ގެނެސް މޭޒަށް އެރުވިއެވެ.

"ކޮންމެގޮތެއް ވިޔަސް މިހާރު ތިވަނީ ކައިވެނި ކުރެވިފަ. ވިލީގެ ބޮޑޫ އާއި އޭނަ އާ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ އަސަރު ވިލީއަށް ކޮށްގެން ނުވާނެ. ކައިވެނިކުރީ އޭނަވެސް ބޭނުންވެގެން ނޫންކަން އެބަ އެނގޭ. އެހެންވީމަ ހަމަ ކައިވެނި ރޫޅާލުމުގެ އިހްތިޔާރުވެސް އެބައޮތެއްނު. ކޮންމެހެން ބޮލެއް ގިނަކުރަން އެގޭގަ ވިލީ ހުރުމުގެ އެއްވެސް މާނައެއް ނެތް. އަހަރެންނަށް ފެންނަނީ އޭނަ އާ ވާހަކަދައްކަން. އޭނަ އަނގައިން ނުބުންޏަސް ވިލީއަށް ވާހަކަދެއްކިދާނެތާ. ބުނާނީ ތިމަންނަ ވަރިކޮށްދޭށޭ. އޭނަ އެކުގައި އުޅެން ބޭނުންނުވަންޏާ ވަރިކޮށްދޭނެއްނު. އެހެންނޫނީ އަހާބަލަ ކޮބާތޯ ވިލީގެ ކުށަކީ؟" ރިންދާ ވާހަކަދެއްކިއެވެ.

"އަހަރެން ބޭނުމީ ބޮޑޫ އާ ވާހަކަދައްކަން. އަހަރެންނަށް މިވަރުގެ އަނިޔާއެއް ބޮޑޫ ދިނީ ކީއްވެގެންތޯ އަހަން އަހަރެން ބޭނުމީ" ވިލިނީ ބުންޏެވެ.

"ވިލީ ބޭނުންގޮތެއް" ރިންދާ ބުންޏެވެ. "ދެން ބުނެބަލަ ކޮންނަމެއް ކިޔާ ބޭފުޅެއްތަ އެއީ"

"އޭނައަށް ކިޔަނީ ނަހީކް. ބަލާލަން ރީތިވެފަ ނަން ކިތަންމެ ރީތިވިޔަސް އެއީ ހަމަ ފޮނި ބޮޑާ ކިބުރުވެރިއެއް. ތިމާއަށް ތިމާ ފެނިފަ ހުންނަ މީހެއް"

"ނަހީކޭ...." ރިންދާއަށް ބުނެވުނެވެ. މަގުމަތިން ދިމާކުރާ ޒުވާނާގެ ތަސްވީރު ރިންދާގެ ސިކުނޑީގައި ރޯލްވިއެވެ. "އެބައިންތަ ފޮޓޯއެއް. ދައްކަބަލަ ބަލާލަން" ރިންދާ ބުންޏެވެ.

ވިލިނީ ނެގީ ފޯނެވެ. ފޯނުގަ އިނީ ނަހީކްގެ އެންމެ ފޮޓޯއެކެވެ. އެއީ ރޫބިޔާ އަތުން ވިލިނީ ހޯދި ފޮޓޮއެވެ. ފޮޓޯ ބޮޑުކޮށްލާފައި ރިންދާ އަތަށް ފޯނު ދިއްކޮށްލިއެވެ. ވަގުތުން ރިންދާއަށް އައި ބަދަލު ވިލިނީއަށް ފާހަގަވިއެވެ.

"ކިހިނެއްވީ ދަންނަންތަ މީނަ؟" ވިލިނީ އެހިއެވެ.

ރިންދާ ދެފަރާތަށް ބޯހޫރާލާފައި ވިލިނީއަށް ފޯނު ދިއްކޮށްލިއެވެ. ނަހީކަކީ މަގުމަތިން ރިންދާގެ ފަހަތުން އުޅޭ ޒުވާނެކޭ ބުނަން ބޭނުމެއް ނުވިއެވެ. އިތުރަށް އެކުވެރިޔާ މާޔޫސްކުރަން ރިންދާ ހިތް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް ނަހީކަށް ފިލާވަޅެއްދޭން ރިންދާ ނިންމިއެވެ.

*****************

ވަޒީފާ ނިންމާފައި ގެއަށް ގޮސް ހެދުން ބަދަލުކުރި ގޮތަށް ބަރަކްގެ މިސްރާބަކަށްވީ ގ. އައްސޭއާބާދުގެއެވެ. ރަސްމީ މަސައްކަތެއްގައި އަތޮޅުތެރޭގައި ހަފުތާއެއްހާ ދުވަހު އުޅެފައި ބަރަކް މާލެ އައީ ރޭގެ ވަގުތެއްގައެވެ. އެހާ ދުވަހު ޖިލްވާ ނުފެންނާތީ ބަރަކް ހުރީ އެ ސޫރަ ދެކިލާހިތުން ކެތްމަދުވެފައެވެ. ފޯނުން ގުޅައިގެންވެސް ޖިލްވާއަށް ވާހަކަދައްކާލަން ލިބުނު ވަގުތުކޮޅު މަދެވެ.

އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ބަރަކްގެ ދެލޯ މުޅި ގޭތެރެ ހޯދާލިއެވެ. ހޯދަން ބޭނުންވާ ސޫރަ ލޮލުގެ ޗާޓަށް އަރާ ގޮތް ނުވުމުން ކުރިމަތީގައި ހުރި ނޯކަރު އަންހެންކުއްޖާއަށް ބަލައިލިއެވެ.

"ކޮޓަރީގަ ވެއްޖެ" އަނގައިން ބުނުމަކާ ނުލައިވެސް ބަރަކްގެ ހިތުގައި އުފެދިފައިވާ ސުވާލު ނޯކަރު ކުއްޖާ ދެނެގަތެވެ.

އެއްފަރާތުގައި ހުރި ސިޑިން އަރައިގެން ބަރަކް ދިޔައީ މައްޗަށެވެ. ނަސީބަކުން ޖިލްވާގެ ކޮޓަރީ ދޮރުގައި ޓަކިޖަހަން ބަރަކް ނުޖެހުނެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރު މަޑުމަޑުން އެތެރެއަށް ބަރަކް ކޮށްޕާލިއެވެ. އެއާއެކު ލޯގަނޑު ކުރިމަތީގައި ހުރި ޖިލްވާ ބަރަކްއަށް ފެނިއްޖެއެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލިންނާއި ކޮޓަރި ތެރޭގައި ހިފާލާފައިވާ މީރު ވަހުން ޖިލްވާ ފެންވަރައިގެން ނުކުތީ ދާދި ދެންމެއަކު ކަން ބަރަކްއަށް އެނގުނެވެ. ހިނިތުންވެލައިގެން ހުރެ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ބަރަކް ކުރިއަށް ދިޔައެވެ.

ލޯގަނޑުން ފެންނަން ހުރި ޖިލްވާގެ އަމިއްލަ ސޫރައިގެ ފަހަތުން ކުއްލިއަކަށް ބަރަކްގެ ސޫރަ ފެނުމުން ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ފަހަތަށް އެނބުރި ބަލައިލީ ނިކަން އަވަހަށެވެ. ހަގީގަތުގައިވެސް ފަހަތުގައި ބަރަކް ހުރިކަން އެނގުމުން ޖިލްވާއަށް ހެވުނެވެ. ބަރަކް އާ ގާތްވެލުމަށްފަހު ބައްދާލާފައި ދެލޯ މަރާލިއެވެ.

"އަހަރެންދެކެ ހިތްހަމަނުޖެހިފަތަ؟" ބަރަކް އެހިއެވެ. ބަހެއް ނުކިޔައި ޖިލްވާ ދެފަރާތަށް ބޯހޫރާލިއެވެ. އެ މަންޒަރު ބަރަކްއަށް ފެނުނީ ލޯގަނޑުންނެވެ.

"ކޮންއިރަކު އައީ؟ ނުވެސްބުނޭ. ކީއްވެ ބުނެނުލާ ތިއައީ" ޖިލްވާ ޝަކުވާކޮށްލިއެވެ.

"ކުއްލިއަކަށް ފެނުނީތީ ޖިލްގެ ފަރާތުން އަހަރެންނަށް ކިހާ ލޯބި ހަދިޔާއެއް މި ލިބުނީ. ބުނެފަ އައިނަމަ އެ ހަދިޔާ ނުލިބުނީހެއްނު" ޖިލްވާގެ ނޭފަތު ކުރީގައި ކުޑަކޮށް ހިފާލަމުން ބަރަކް ބުންޏެވެ.

"ހިނގާ ދުއްވާލަން ދާން" ޖިލްވާ ބުންޏެވެ.

"އަހަރެން ތައްޔާރު. އަވަހަށް ހިނގާ" ބަރަކް ބުންޏެވެ.

"އަހަރެން ރީތިވަންދެން މިތާ އިށީނދޭ" ބަރަކްގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބައިންދާފައި ޖިލްވާ ބުންޏެވެ.

ހަގީގަތުގައި ޖިލްވާ ހުރީ ބަރަކްދެކެ ހިތްހަމަނުޖެހިފައެވެ. ރޫބިޔާ އައިސް ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. ޖިލްވާ ކައިރީގައި ބުނެނުލައި ބަރަކް އެގެއަށް ރޫބިޔާ ފޮނުވައިގެންނެވެ. އެތައް ޝަކުވާއެއް ހިތުގައި ފޮރުވައިގެން ޖިލްވާ ހުރީ ބަރަކް ފެނުމާއެކު ކުއްލިއަކަށް ހުރިހާ ޝަކުވާތަކެއް ބަންޑުންކޮށްލާށެވެ. އެހެންނަމަވެސް އެކަމެއް ޖިލްވާއަށް ކާމިޔާބު ނުވިއެވެ. ހަފުތާއެއްގެ މުއްދަތަށްފަހު ބަރަކް ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އެ ހުރިހާ ޝަކުވާތަކެއް މަތިން ޖިލްވާ ހަނދާން ނެތުނެވެ. އެހެންނަމަވެސް ޖިލްވާ ހުރީ އެވާހަކަތައް ބަރަކް އާ ހިއްސާނުކުރާކަށްވެސް ނޫނެވެ.

************

ފަހާފޮށި ދޮށުގައި އިން ރޫބިޔާ ބަލައިލީ ކުރިމައްޗަށް ދިގު ހިޔަންޏެއް އެޅުނުތަން ފެނިފައެވެ. ކައިރީގައި ހުރި އަޔާލް ފެނުމުން ރޫބިޔާ މޫނު ކުނިކޮށްލިއެވެ.

"އަހަރެން ނޫޅެން ކަލޭގެ ދިގުކަން ބަލާކަށް" ރޫބިޔާ ބުންޏެވެ.

"ބައްޕަ މިގެ ކަލެއަށް ދިން ލިޔުންތައް ބަލަން އަހަރެން ބޭނުން" އަޔާލް ބުންޏެވެ. ރޫބިޔާގެ މޫނުމަތިން ހައިރާންކަމެއް ފެނިލިއެވެ. އެހާ އަވަހަށް އިންތަނުން ތެދުވެ އަޔާލް އާ ދުރަށް ޖެހުނެވެ.

"ނުޖެހޭނެ ކަލެއަށް މަ އެ ލިޔުންތައް ދައްކާކަށް. އަހަރެން ކިތައް ދުވަހު ބުނެފިން ކަލޭ ކައިރީގަ މިގެއިން ދާށޭ. މިގެއަކީ މަގޭ ގެއެއް" ރޫބިޔާ ބުންޏެވެ. އަޔާލްގެ ދެއަތް މުށްކެވުނެވެ. ރުޅި ކޮންޓްރޯލު ކުރުމަށް އަޔާލް މަސައްކަތް ކުރިއެވެ.

"އަހަރެން މިތަނަކުން ނުދާނަން. އަހަރެން ކައިވެންޏެއް ކުރަން ނިންމައިފިން. އޭގެކުރިން މިގެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ. ލިޔުންތައް މިހޯދަނީ އެހެންވެ. އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނީސް ލިޔުންތައް ގެނެސްދީ. އަހަރެން ބޭނުންވެއްޖިއްޔާ މިހާރުވެސް ކަލޭގެ ކޮޓަރިއަށް ވަދެވިދާނެ. އަހަރެން ބޭނުން ކޮންމެ އެއްޗެއް ހޯދިދާނެ. ތިމާއަށް ބާރު ނުދެއްކޭ އެއްޗެހި ފޭރިގެން ހޯދުމަކީ އަހަރެންގެ އުސޫލެއް ނޫން" އަޔާލް ވާހަކަދެއްކިއެވެ.

ރޫބިޔާ ކަންބޮޑުވިއެވެ. ގޭގައި ބަރަކް ހުރި ވަގުތެއްވެސް ނޫނެވެ. އަނގައިން ދެރަވާން ބޭނުންނުވިޔަސް އަޔާލް އެހެން ހުރެފައި ފަޅައިގެންދާނެ އިރެއް އިނގެނީއެއްވެސް ނޫނެވެ. ހުޝިޔާރުވެ ހުރެ ފަހަތަށް ޖެހެމުން ގޮސް ކޮޓަރީގެ ދޮރުން އެތެރެއަށް ރޫބިޔާ ވަނެވެ.

"ކައިވެންޏެކޭ.... ގެއަށް ބޮޑެތި ބަދަލުތަކެއް ގެންނާށޭ. އެ ފެންވަރު ކަލޭގެ އެބަހުރިތަ؟ ކަލޭގެ އެކައުންޓަށް އެހާ ފައިސާ ވަނީ ކިހިނެއް؟ އަހަރެން ހައިރާންވެއްޖެ އަންހެނަކު ކަލެ އާ އިންނަން އެއްބަސްވީތީ. ހެހެހެ... ކޮންތާކުން އައި މޮޔައެއް އެއީ؟"

އަޔާލް ހަމައިން ނެއްޓީ ދެނެވެ. ރިންދާ އާ ގުޅުވައިގެން ރޫބިޔާ އެފަދަ އެއްޗެއް ބުނީތީއެވެ. އެންމެ ކައިރީގައި ހުރި ރޫބިޔާގެ ފަހާފޮށީގައި ފައިން ޖެހިޖެހީނުން ތިރިން ބައެއް ނެއްޓިގެން ދިޔައެވެ. އެވަރުންވެސް އަޔާލް މައިތިރި ނުވިއެވެ. ފަހަން ފަށާފައި އޮތް ހެދުން ރޮއްޖާއެކު ދަމައިގަނެފައި އިރައި ކުދިކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ރޫބިޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ރުޅި އަންނަ ވަގުތުތަކުގައި އަޔާލްއަކީ އިންސާނެއްބާއޭ ހިތަށް އެރިއެވެ. ދޮރުލައްޕައި އެތެރެއިން ތަންޑު އެޅުވީ އެދިމާލަށް އަޔާލް ދިން ނުރައްކާތެރި ނަޒަރެއްގެ ސަބަބުންނެވެ. ދޮރުފަތުގައި އަޔާލް ފައިންޖެހި އަޑު އިވުމާއެކު ރޫބިޔާ ތެޅިގަތެވެ. އަވަހަށް ބަރަކް ވީތަނެއް ހޯދަން ރޫބިޔާ އަވަސްވެގަތެވެ. އެހެން ނޫނީ އަޔާލް ގެ ބޮލަށް ވައްޓާލަންވެސް ފަހެއް ނުޖެހޭނެއެވެ. އަޔާލްގެ ދެވަނަ ހަމަލައާއެކު ކޮޓަރީގެ ތަންޑު ނެއްޓިގެން ގޮސް ދޮރުފަތް އެތެރެއަށް ހުޅުވި ފާރުގައި ޖެހި މައިތިރިވިއެވެ. ރޫބިޔާއަށް ގަޔަށް ދެކަމު އެއްކޮށް ދެވުނުހެން ހީވި ވަގުތުކޮޅެކެވެ. ފާހާނައަށް ވަދެ ދޮރުލައްޕައި ތަޅުލެވުނީ ހަމަ ކިރިޔާއެވެ.

******************

ނިދަން އެތައް މަސައްކަތެއް ކޮށްގެންވެސް ނުނިދުމުން ވިލިނީ ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ރޭގަނޑުން މާބޮޑު ބައެއް އޭރު ފާއިތުވެ ނުދެއެވެ. ސިޑިން ފޭބުމުގެ ކުރިން މަތީގައި ހުރި ތަންތަން ވިލިނީ ބެލިއެވެ. އެތައް ކޮޓަރިއެއް ހުރިއިރު ހުރިހާ ތަނެއް ހުރީ ތަންޑުލާފައެވެ. އެތަނުން ނަހީކްގެ ކޮޓަރިއަކީ ކޮބައި ކަމެއް ވިލިނީއަށް ފާހަގަކުރަން ނޭނގުނެވެ. މަޑުމަޑުން ތިރިއަށް ފައިބައިގެން އައިރު ބޮޑުކޮޓަރި ތެރެއިން އަލިކަމެއް ފެނުނުހެން ހީވެ އެދިމާލަށް ވިލިނީގެ ނަޒަރު ދަތުރުކޮށްލިއެވެ.

(ނުނިމޭ)