މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދު އަށް ލައްކަ ހުރަސްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 805،986 ފަތުރުވެރިން އައިސްފައިވެ އެވެ.
ނަމަވެސް އަހަރުގެ އެހެން މަސްތަކާ އަޅާ ބަަލައިއިރު މި މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. ކުރީ އަހަރުތަކުގެ ތަފާސްހިސާބަށް ބަލައި އިރު، ޖޫން މަހު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އާއްމުކޮށް މަދުވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4،503 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް 8.2 ދުވަސް ހޭދަކުރެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ 14.8 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސި ވިލާތުން ހިއްސާ ކުރަނީ 11.9 ޕަސެންޓެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން ހިއްސާ ކުރަނީ މާކެޓުގެ 10 ޕަސެންޓެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާ އިރު، 57،197 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. ރާއްޖޭގެ ބެޑް ކެޕޭސިޓީއަކީ 60,657 އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު