ޚަބަރު

ދަފްތަރުގައި ތިބި މީހުންނަށް މާލެއިން ގޯތި ލިބޭނެ: މިނިސްޓްރީ

މުހައްމަދު އިޝާން

މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން އެހެން އެއްވެސް ރަށެއްގެ ރަޖިސްޓަރީގައި ނެތް މީހުންނަށް މާލެ އިން ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށާއި 4000 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުންނެވެ. އެ ސްކީމުން މާލޭގެ މީހުންނަށް ދޫކުރާ ގޯތީގެ އުސޫލުގައިވާ ގޮތުން، މާލޭ ގޯތި ލިބޭނީ މާލޭ ނޫން އެހެން އެއްވެސް ތަނެއްގައި ރަޖިސްޓަރީވެފައި ނުވާ މާލޭގެ ރަށްވެހިންނަށެވެ.

އެހެންވެ މާލޭގެ ދަފްތަރުގައި ނަންތިބި މީހުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަންބޮޑުވުންތަކާ ގުޅިގެން އަކްރަމް "ވަން" އަށް ވިދާޅުވީ، ދަފްތަރުގައި ނަން ހިމެނޭ މީހުންގެ ތެރެއިން ގޯތި ނުވަތަ ފުލެޓް ލިބެނީ މީގެ ކުރިން އެހެން ރަށެއްގައި ރަޖިސްޓްރީވެފައި ނެތް ފަރާތްތަކަށް ކަމަށެވެ.

"އެ މީހުންގެ ތެރެއިން މާލޭ ނޫން ތަނެއްގައި ރަޖިސްޓްރީވެފައި ނެތް މީހުންނަށް ގޯތި ލިބޭނެ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ދަފްތަރުގައި ތިބި މީހުންގެ އަދަދު ބަލައި އެފަރާތްތަކަށް ވަކި އަދަދެއްގެ ގޯއްޗާއި ފްލެޓް، ހައުސިން މިނިސްޓްރީން ކަނޑައަޅާނެ ކަމަށެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓް ކަމަށެވެ.

ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެ ކަމަށާއި އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށް ކަމަށާއި އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.