ނަފްސާނީ ބަލީގެ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް އައިޖީއެމްއެޗްގައި އިއްޔެ ހުޅުވައިފިއެވެ.
މިއަހަރުގެ ރައްޔިތުން މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ނަފްސާނީ ބަލި މީހުންނަށް ފަރުވާދޭ ހާއްސަ ވޯޑެއް ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، އެ ހޮސްޕިޓަލުގެ ސެންޓާ ފޯ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަ ކުރެވިފައިވާ ނުވަ އެނދުގެ އެ ވޯޑުގައި ޑީއެސްކެލޭޝަމް ކޮޓަރިއަކާއި ބޭރަށް ނުކުމެވޭ ގޮތަށް ހަދާފައިވާ ޓެރެސް އެއް ހިމެނޭ ކަމަށެވެ.
އަދި ބަލި މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތައްވެސް ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ނަފްސާނީ ބަލި މީހުންގެ ގޮތުގައި ފަރުވާ ހޯދުމަށް އެތައް ބަޔަކު ކިޔުގައި ޖެހިފައިވާއިރު، ކިޔު ކުޑަކުރުމަށްޓަކައި އެހެން ބަޔަކާ ގުޅިގެން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އައިޖީއެމްއެޗްއިން އަންނަނީ ކުރަމުންނެވެ.
ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް ހުޅުވިއިރު، އައިޖީއެމްއެޗްގައި 2019 ވަނަ އަހަރު ވަނީ ސެންޓާ ފޯ މެންޓަލް ހެލްތުގެ ނަމުގައި ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު