ވިލިނީގެ ވާހަކަތަކުން ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. އެކުވެރިޔާ އާ ވާހަކަދައްކާލައި ހުރިހާ ކަމެއް އެނގެން ރިންދާ ބޭނުންވިއެވެ.
"އަހަރެން ދަންތަ ވިލީ އާ ބައްދަލުކޮށްލަން. އެޑްރެސް ފޮނުވަބަލަ" ރިންދާ ބުންޏެވެ.
"ޔާރައްބީ. އަހަރެންނަށް ލާހިކެއް ނޫން މިގެއަށް މީހަކު ވައްދާކަށް. ރިދާ ހުރޭ. އަހަރެން ދާނަން ކޮންމެސް ވަގުތަކުން" ވިލިނީ ބުންޏެވެ.
************
ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވެވުނު އެންމެ ފުރިހަމައަކަށް ރިންދާ ތައްޔާރުވަމުން ދިޔައެވެ. ހުސް ހުދުކުލައިގެ އަތްދިގު ހެދުން ހުރީ ކަކުލަށް ވުރެ ތަންކޮޅެއް ތިރިއަށެވެ. ތިރިން ލައިގެން ހުރީ ކަޅު ކުލައިގެ ފުޅާ ހަރުވާޅެކެވެ. އަރައިގެން ހުރި ގަދަ އޮރެންޖް ކުލައިގެ ކުޑަ ކައްޓެއް ލާފައި ހުރި ބޫޓުގައި ރިންދާ ދިގު ކަމަށް ދައްކައެވެ. އިސްތަށިގަނޑު އެއްކޮށްލާފައި ފަހަތަށް އައްސާލާފައި ހުރިއިރު ތަފާތު ރީތިކަމެއް ފާޅުވަމުން ދިޔައެވެ. ތުންފަތުގައި ރަތްކުލައެއް ޖައްސާފައި ފަހު ކަމަކަށް ދެ ކަންފަތްދަށަށް ސެންޓްކޮޅެއް ބުރުވާލިއެވެ. ޑްރެސިން ޓޭބަލްގެ އެއްފަރާތުގައި ހުރި ހަރުން ދަބަސް ނަގައިގެން ރިންދާ ކޮޓަރިން ބޭރަށް ނުކުތެވެ.
ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ބޭރަށް ދިޔުމުގެ ހުއްދައަކަށް ނަހާގެ ކައިރިން ކުރިން ރިންދާ ވަނީ ހޯދައިފައެވެ. އެގަޑިއަށް ކާރު ހުސްކުރާނެ ވާހަކަ ޝާހްބާޒް ބުނުމުން ރިންދާ ވަގުތުން މަނާކުރިއެވެ. ދަނީ އެކަނިންތޯ ސުވާލުކުރުމުން ރިންދާގެ ފަރާތުން ޖަވާބެއް ނައެވެ. ނަހާ އާއި ޝާހްބާޒް އެކަކު އަނެކަކުގެ މޫނަށް ބަލައިލާފައި ރިންދާގެ ހަމަހިމޭންކަން ދެނެގަތެވެ. ޒުވާން އަންހެން ދަރިފުޅު މައިންބަފައިންނާއެކު އަބަދު ތަންތަނަށް ނުދާނެކަން އެ ދެމަފިރިން ހަނދާން ނުނެތެއެވެ. ދަރިފުޅު ފިއްތައިގެން ގޭގަ ބޭންދުމަކީ ނަހާގެ ވިސްނުމެއް ނޫނެވެ.
"ދަނީތަ" ބަދިގެއިން ނުކުމެގެން އައި ނަހާއަށް ދޮރާ ދިމާލަށް ދިޔަ ރިންދާ ފެނުމުން އެހިއެވެ. ރިންދާ ބޯޖަހާލިއެވެ. ނަހާއަށް ފާހަގަވީ ރިންދާ ތައްޔާރުވެގެން ހުރި މިންވަރެވެ. އާދައިގެ މީހަކާ ބައްދަލުކުރަން އެހާ ނަލަވެގެން ރިންދާ ނުދާނެކަން ނަހާއަށް އެނގުނެވެ. މާލެ އައިފަހުން ރިންދާ އެހާ ވަރަށް ތައްޔާރުވެގެން ހުއްޓައި ނަހާއަށް ނުފެނެއެވެ.
"ގެއަށް އައިސް ކޮންމެސް އެއްޗެއް ކައިގެން އެނގޭ ނިދާނީ. މަންމަ ބަހައްޓާނަން ރިދާއަށް ކާއެއްޗެހި" ނަހާ ބުންޏެވެ. ރިންދާ ބޯޖަހާލާފައި ނުކުތެވެ. ނަހާއަށް އެދިމާ ބަލަހައްޓައިގެން ހުރެވުނީ ބިރުހީވެފައެވެ. ހެޔޮހާލުގައި ރިންދާ ލައްވާތޯ ނަހާ ހިތާހިތުން ދުއާކޮށްލިއެވެ.
*********
ގޭ ދޮރުމައްޗަށް ނައިސް އަޔާލް މަޑުކޮށްލައިގެން އިނީ ގޯޅި ކަންމަތީގައެވެ. އާންމުކޮށް ބެލްކަންޏަށް ރިންދާ ނުކުމެ ހުންނަ ފަޅި ނޫން އަނެއް ފަޅީގައެވެ. އެހެންކަމުން ރިންދާ ފެންނާނީ ކޮން ދިމާލަކުން ކަމެއް އަޔާލްއަށް ނޭނގެއެވެ. އެނގެނީ އެ ސަރަހައްދަކީ އޭނާ އަންނަން ބޭނުންވާ ހިސާބެއް ނޫންކަމެވެ. ރަނީން ދިރިއުޅޭ ގެ ހުންނަނީ އެހިސާބު ކަމަށްވާތީއެވެ. ކުއްލިއަކަށް ފެނުނީ ރިންދާ އައިސް ދާދި ގާތުގައި ހުއްޓައެވެ. އައި ނައި ކޮޅެއް ނޭނގި ރިންދާ ފެނުމުން އަޔާލް ސުވާލުކުރިއެވެ.
"ހަންޑިއެއްތަ؟"
"ކިހިނެއްވީ؟ ހަންޑިއެއް ބަލާ އައީހެއްނޫންތަ ތިއިނީ" ރިންދާ ބުންޏެވެ.
"ހަންޑިއެއް ވިޔަސް ހެޔޮ. ދުލެއް ނުކުރާނަން" ހިނިގަނޑަކާއެކު އަޔާލް ބުންޏެވެ.
އަޔާލްގެ ސައިކަލް ފަހަތަށް އެރުމުގެ ކުރިން ރިންދާ ދެފަރާތް ހޯދައި ބަލައިލިއެވެ. ފިރިހެނެއްގެ ސައިކަލް ފަހަތަށް ރިންދާ އަރާ ފުރަތަމަ ފަހަރު ކަމަށްވުމުން އުނދަގޫވިޔަސް ސިކުނޑިއަށް ވިސްނައިދިނީ އަޔާލްއަކީ ރިންދާއަށް ހާއްސަ މީހެއް ކަމެވެ.
************
ކޮޓަރީގައި ޓަކިޖަހާލި އަޑު އިވުމާއެކު އެނދުގައި އޮތް ވިލިނީ ފުންމައިގެން ތެދުވިއެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ބެގަރީއެވެ. ވިލިނީ ހީލިއެވެ.
"ކާން ތައްޔާރުގަ ހުރީ" ބެގަރީ ބުންޏެވެ.
ވިލިނީ ކޮޓަރިން ނުކުތީ އަލުން ކޮޓަރިއަށް ވަދެ ފޯނު ހިފައިގެންނެވެ. މޭޒު ކައިރިއަށް ދިޔައިރު ވިލިނީގެ އިންތިޒާރުގައި މަޑުކޮށްގެން ބެގަރީ ހުއްޓެވެ. މޭޒު މައްޗަށް ނަޒަރު ހިންގާލިއިރު ތަފާތު އެކި ވައްތަރުގެ ކާއެއްޗެހި މޭޒުމަތީގައި އަތުރާލާފައި ހުއްޓެވެ. އެއިން އެއްވެސް އެއްޗަކާ ވިލިނީ ގަޔާނުވިއެވެ. އެހެންނަމަވެސް ކުޑަކޮށް ކާން ވިލިނީ ނިންމިއެވެ.
"އަހަރެން އެކަނި ކާން ވަރަށް ފޫހިވޭ. ބެގަރީވެސް ކާންވީނުން" ވިލިނީ ބުންޏެވެ. ބެގަރީ ހުރީ ރަހުމާއި ކުލުނުން ފުރިގެންވީ ބެލުމަކުން ވިލިނީއަށް ބަލަހައްޓައިގެންނެވެ.
"މައާފްކުރައްވާ. އަޅުގަނޑު ރޭގަނޑު ނުކަން" ބެގަރީ ބުންޏެވެ.
ވިލިނީ ފޫހިވިއެވެ. އެގޭތެރެއިން ވިލިނީއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ހަފަރާތުން ވަށާލާފައިވަނީ އެކަނިވެރިކަމާއި މޮޅިވެރިކަމެވެ. ކުރެވުނު ކައިވެންޏާ މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ވިލިނީގެ ބޮލުގައި ހީވަނީ މަރުތޭލަކުން ޖަހާ ހެންނެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" ވިލިނީ އެހިއެވެ. ބެގަރީ ބޯޖަހާލުމާއެކު ވިލިނީ އިސްދަށަށް ޖަހާލިއެވެ.
"ބެގަރީއަށް އެނގޭތަ ނަހީކްގެ ހުރިހާ ކަމެއް. މިހެން މިބުނީ ކީއްވެތަ ނަހީކް އަހަރެންނާ މެދު އެގޮތަށް ކަންތައްކުރަނީ؟ ކީއްވެގެން އަހަރެންގެ ހާލު ބަލާލަންވެސް ނާންނަނީ؟ ކައިވެނި ކުރި ފަހުން އަދި ނުދެކެން. މިގޭތެރެން ނަހީކްގެ އާއިލާ މީހަކުވެސް ނުފެނޭ" ވިލިނީ ވާހަކަދެއްކިއެވެ.
ބެގަރީ ހިތުގައިޖެހުނެވެ. ވިލިނީ ފަދަ މައުސޫމް އަންހެންކުއްޖަކާ އިނދެގެން ގެނެސް އެގޮތަށް ނިކަމެތިކޮށްލީތީ ހުދު ބެގަރީވެސް ނަހީކާ މެދު ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް ބެގަރީއަކީ ނަހީކަށް އެއްޗެއް ބުނާވަރަށް ވުރެ ފެންވަރު ދަށް މީހެކެވެ.
"ނަހީކްގެ އާއިލާ ދިރިއުޅެނީ ރާއްޖެއިން ބޭރުގަ. އިތުރަށް ނަހީކާ ބެހޭގޮތުން އެއްޗެއް ބުނާކަށް ނޭނގޭ" ބެގަރީ ބުންޏެވެ. ދޮންކެޔޮ ވަށް ކާލިގޮތަށް ފެންފޮދެއްވެސް ނުބޮއެ ވިލިނީ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ކަންތައްކުރާނެ ގޮތަކާމެދު ވިސްނާށެވެ.
*************
އަޔާލް އާއި ރިންދާގެ މިސްރާބަކަށްވީ ވިލިމާލެއެވެ. ފެރީން ފޭބިގޮތަށް މީހުންގަނޑުގެ ތެރެއިން ދެކުދިން ހިނގައިގަތެވެ. ވަކި ހިސާބަކުން ރިންދާގެ އަތްތިލައިގެ ތެރެއަށް އަޔާލް އަތްތިލަ ލައްވާލިއެވެ. ރިންދާ ހީލަމުން އަޔާލްގެ މޫނަށް ބަލައިލިއެވެ. އެ އަތް ނައްޓުވާލަން ރިންދާ މަސައްކަތް ނުކުރެއެވެ. ދެކުދިން ހިނގާފައި ނުކުތީ އެންމެ ކައިރިން ނުކުމެވޭ އަތިރިމައްޗަށެވެ. ގަސް ބޯ ކަމަކު ތަން އަމާނެވެ. ކޮންމެވެސް ވަރަކަށް ރަށުތެރެއިން މީހުން ހޭލަމޭލަވާ ތަން ފެނެއެވެ. އަނދިރި ތަންތަންގަނޑަށް ވުރެ ގިނައީ ކޮންމެވެސް ވަރެއްގެ އަލިކަމެއް ހުރި ތަންތަނެވެ. މެދުކެނޑުމެއްނެތި ފެރީ ދަތުރުކުރާ އަޑު އިވިއިވި ހުއްޓެވެ.
"މިތަން ރަނގަޅު. ހިނގާ އިށީންނަމާ" ރާޅުޖަހާ ހިސާބަށް ވުރެ ތަންކޮޅެއް ދުރުގައި ހުއްޓި ރިންދާގެ އަތްތިލައިން ދޫކޮށްލަމުން އަޔާލް ބުންޏެވެ. ރިންދާ ހީލާފައި އެންމެ ރަނގަޅު ކަމުގައި ބުންޏެވެ.
ހަނދުވަރުގެ ރިހި އަލިން މުޅި ސަރަހައްދު ވަނީ ހުޅުދާންކޮށްލައިފައެވެ. އެންމެ ތަފާތު ރީތިކަމެއް ލިބިފައިވަނީ މޫދުގެ ލޮނުގަނޑަށެވެ. ހަނދުވަރުގެ އަލިން ލޮނުގަނޑަށް އެޅިފައިވާ ގޮތުން ހިތްތަކަށް ހަމަޖެހުން ގެނުވާނެކަން ކަށަވަރެވެ. އެއްވެސް މަހްލޫގެއްގެ އުނދަގޫނުވާ ހިސާބުގައި ހިތްއެދޭ ބައިވެރިޔާގެ ނުހަނު ގާތުގައި އިނދެވޭގޮތް ވުމުން ދެކުދިންގެ ހިތަށްވެސް ލިބިފައިވަނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ.
"ދެން ބުނެބަ" ރިންދާއަށް ބަލައިލަމުން އަޔާލް ބުންޏެވެ. ދޮންވެލިގަނޑު މަތީގައި ދެކުދިން އިށީނދެގެން ތިބިއިރު ތިބީ ދެމެދަށް ވައިރޯޅިއެއްވެސް ނުވަދެވޭހާ ގާތުގައެވެ.
"ކޯޗެއް ބުނެދޭންވީ؟" ރިންދާ ބުންޏެވެ.
"ކީއްވެ އާއެނކޭ ބުނީ؟" އަޔާލް އެހިއެވެ.
"ތި ސުވާލުގެ ޖަވާބުގެ ބަދަލުގައި އަހަރެން ސުވާލެއް ކޮށްލަންތަ؟" ރިންދާ އެހިއެވެ. އަޔާލް ބޯޖަހާލިއެވެ.
"އަހަރެން ހިޔާރުކުރީ ކީއްވެ؟ ފެނުނުތާ ގިނަ ވަގުތުތަކެއްވެސް ނުވޭ. އަހަރެން ކަމުދިޔައީ ކީއްވެ؟" ރިންދާ އެހިއެވެ.
"އަހަރެން ތިސުވާލު އަމިއްލަ ހިތާ ކުރިން. އަހަރެންނަށް ރިދާ ކަމުދިޔައީ ހުރިހާގޮތަކުންވެސް. ރިދާގެ ހުރިހާ ކަމެއް. ސިފައިން ފެށިގެން ހިނގުމާ ހަމައަށް. އިސްކޮޅުން ފެށިގެން ހަރަކާތްތަކާ ހަމައަށް. ކުޑަގޮތަކަށް ބުނަންޏާ ފައި ތިލައިން ފެށިގެން ބޮލާ ހަމައަށް" އަޔާލް ބުންޏެވެ.
ރިންދާއަށް ހެވުނެވެ. އަޔާލްގެ ވާހަކަދެއްކުން ހުންނަގޮތް ރިންދާއަށް ކަމުދެއެވެ. ހަޔާތުގައި ފުރަތަމަވެސް ލޯބި އެވެވުނީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރިންދާއަށް ކަމުދާ ޒުވާނެއް ދެކެއެވެ.
"އަހަރެންނަށްވެސް ވީ ހަމަތިހެން. ޔާލް ވަރަށް ހާއްސަވެއްޖެ. އަހަރެން މާލެ އައީ ވަރަށް ފަހުން. ހަގީގަތުގައި އަހަރެން އުޅެމުން އައީ ވަރަށް އެކަނިވެރި ދިރިއުޅުމެއް. މީހުންނާ މާގިނަ ވާހަކަދައްކާ ހިތެއް ނުވޭ. ތަންތަނަށް ނުކުމެ އުޅޭހިތެއް ނުވޭ. އަހަރެންގެ މަގުސަދަކީ މުޅިން އެހެން ކަމެއް. ސްޓްރެސް ގިނަ ދިރިއުޅުމުގެ ތެރެއިން އަހަރެންނަށް ލިބުނު އުންމީދެއް ޔާލް ތިއީ. ވިލީ އާ ބައްދަލުކުރަން ދިޔަ ގޭތެރެއިން އަހަރެންނަށް އަހަރެން ހިތްއެދޭ މިތުރެއް ފެނިދާނެ ކަމަކަށް ހިއެއްވެސް ނުކުރަން. މާކުރިން ޔާލް އަހަރެންނަށް ހިތްކިއި ކަން ހަމަ ނަސީބެއް" ކުޑަ ހީލުމަކާއެކު ރިންދާ ވާހަކަދެއްކިއެވެ.
"އަހަރެންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ރިދާ، އަހަރެން މިކުރަނީ ސަމާސާއެއް ނޫން އިނގޭ" ރިންދާގެ މޫނުގައި އިނގިލިތަކުން ފިރުމާލަމުން އަޔާލް ބުންޏެވެ. އެ އިނގިލިތަކުގައި އަތާއެކު ރިންދާ ހިފާލިއެވެ. ދެން ތިރިކޮށްލުމަށްފަހު ރިންދާގެ ދެއަތްތިލައިގެ ތެރޭގައި އަޔާލްގެ އަތްތިލަ ފޮރުވާލާފައި ގެނެސް މޭގައި ޖައްސާލިއެވެ.
"އަހަރެންވެސް. ޔާލް ބޭނުން. އަހަރެންނަށްވެސް ލޯބިވެވިއްޖެހެން ހީވަނީ. އެކަމަކު ރައްޓެހިވެގެން އުޅެން އެހާ ރަނގަޅެއް ނޫން. އަހަރެން ބޭނުމީ ކައިވެންޏަކާ ހަމައަށް ދާން. ޔާލް ތައްޔާރުނަމަ" ރިންދާ ބުންޏެވެ.
ދިރިއުޅުމެއް ފަށާ ހިސާބަށް ރިންދާގެ ވާހަކަތައް ދިޔުމާއެކު އަޔާލް ކަރުއެލުވާލިއެވެ. ހަޔާތުގެ ބައިވެރިއަކަށް ރިންދާ ގެނެސް ވަކި ދިރިއުޅުމެއް ފަށަން އަޔާލްވެސް ބޭނުންވެއެވެ. އެހެންނަމަވެސް އޭގެކުރިން އަޔާލް ނިންމަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުއްޓެވެ. މާލޭގައި ބައްޕަގެ އަމިއްލަ ގޯތި ހުރިއިރު އެގޭ ވެރިޔަކީ ހަމައެކަނި އަޔާލް އާއި ބަރަކްއެވެ. އެގެއަށް އެހެން މީހަކު އަތްގަދަ ކުރުމަކީ އަޔާލް އެންމެ ރުޅިގަދަކުރުވާ ކަމެވެ. ކައިވެންޏެއް ކުރަން ފެށުމުގެ ކުރިން ދަލުބޭރުން ޖެހިފައި އިން މީދާ ދުރަށްލާން އެބަޖެހެއެވެ.
"ކިހިނެއްވީ؟ ކައިވެނިކުރަން ޔާލް ބޭނުންނުވަނީތަ؟" ފިކުރެއްގައި އިން އަޔާލްގެ ދަތްދޮޅީގައި ހިފައި މޫނާ ދިމާލަށް އަނބުރާލަމުން ރިންދާ ބުންޏެވެ.
"ނޫން. އަހަރެންނާ ބެހޭގޮތުން އެއްވެސްކަމެއް އެނގެން ރިދާ ބޭނުމެއްނުވޭތަ؟ މިބުނީ އަހަރެންގެ ދިރިއުޅުން. ވަރަށް ފަހުން އަހަރެން ވަޒީފާއަށް ދާން ފެށީ. އަހަރެން އަތުގަ ދިރިއުޅޭނެ ގެއެއް ނޫން އެހެން އެއްވެސް އެއްޗެއް ނެތް. މި ފޯނަކީ އުފަންދުވަހުގެ ހަދިޔާއަކަށް ބަރަކް ދިން ފޯނެއް. އަހަރެން ބޭނުން އަމިއްލަ ދިރިއުޅުމެއް އުޅެން. ވަޒީފާއަށް އަދި ދެ މަސްވަރު ވީމަ ސައިކަލެއް ނަގަންވެސް ބޭނުން. އޭރުންނެއްނު އަހަރެންނަށް ރިދާ ގޮވައިގެން އެއްތަނުން އަނެއްތަނަށް ދެވޭނީ. އަހަރެންނަށް އަދި ވަގުތުކޮޅެއް ދޭނުންވީނުން. ހުރިހާކަމެއް ހަމަޖެހުނުހާ އަވަހަކަށް އަހަރެން ކައިރިއަށް އުމުރަށް ރިދާ ގެންނާނަން" ރިންދާގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް ތަޅުވާލަމުން އަޔާލް ބުންޏެވެ.
އަޔާލްގެ ދިރިއުޅުމުގެ ހާލަތު އެނގުމުން ރިންދާ ދެރަވިއެވެ. ލޯބިވެވުނީ ރާއްޖޭގައި ނަން ހިނގާވަރުގެ މުއްސަންޖަކާ ނޫންކަން އެނގުމުން އަމިއްލަ ނަފްސަށް ރިންދާ ފަހުރުވެރިވިއެވެ. އަޔާލް އެދުނު ފަދައިން ބޭނުން ވަރަކަށް ވަގުތު ނަގަން ލޮލާއި ބޮލުން ރިންދާ ރުހުނެވެ. ހިނިތުންވުމަކާއެކު ބޯޖަހާލީ އަޔާލްގެ އެދުމަށް ރުހިއްޖައީމޭ ބުނާ ފަދައިންނެވެ.
"އެދުވަހު އެގޭގަ ފަހަން އިނީ ޔާލްގެ މަންމަ ކަމަށް ހީކުރީ" ރިންދާ ބުންޏެވެ.
"އެ އަންހެންމީހާ އެއީ އަހަރެންގެ އެންމެ ބޮޑު ބޮލުގެ ރިހުން. އެއީ ބޮޑު ބަލިމަޑުކަމެއް. އަހަރެންގެ ދިރިއުޅުން ހަލާކުކުރަން އުޅޭ ދައިތަގަނޑެއް" އަޔާލް ބުންޏެވެ. ރިންދާ ކައިރިއަށް ހިނިއައެވެ.
އަޔާލްގެ ކޮނޑުގައި ބޯއަޅުވާލާފައި ރިންދާ ދެލޯ މަރާލިއެވެ. އަޔާލް ބޭނުންވާ ވަގުތު ދޭން ރިންދާ ހިތް ނިންމިއެވެ. ކިތަންމެ ދުވަހެއް ވިޔަސް ރިންދާ ހުންނާނީ އަޔާލްގެ މީހެއްގެ ގޮތުގައެވެ. ހިތުން އަޔާލްއަށް ދިން މަގާމަކީ އެހެން އެއްވެސް މީހަކަށް ދޭނެ މަގާމެއް ނޫނެވެ.
***********
ހުކުރު ދުވަހެއްގެ ހެނދުނު ވަގުތެވެ. ގޭގައި ގެންގުޅޭ ކުދިންނާއެކު ޖިލްވާ ބަދިގޭގައި އުޅުނެވެ. ކާފަ އަންވަރަށް ސައުވީސް ގަޑިއިރު ގޭގައި ހުންނަން ލިބޭ ދުވަހަކީ ހަމައެކަނި ހުކުރު ދުވަހެވެ. އެހެންކަމުން ކައްކާ ކުދިންނާއެކު ހުކުރު ދުވަހު ޖިލްވާ ވެސް ބަދިގެއަށް ވަދެއެވެ. ޖިލްވާގެވެސް ބައިވެރިވުމާއެކު ކާފައަށް ކާއެއްޗެއް ރޯފިލުވާފައި ދިނުމަށެވެ.
ބެލް އަޅާލި އަޑު އިވުނީ ކޮފީތައްޓެއް ހިފައިގެން އަންވަރު ސޯފާގައި އިންދައެވެ. ގޭތެރެއިން ކުއްޖަކު ދޮރުހުޅުވާލުމާއެކު އަންވަރުގެ ކަންފަތުގައި ޖެހުނީ އަންހެނެއްގެ އަޑެވެ.
"ޖިލްވާ އުޅޭތަ؟ އަހަރެން މިއައީ ޖިލްވާ ކައިރިއަށް"
ނޯކަރު ކުއްޖާ ފަހަތުން ވަދެގެން އައި ރޫބިޔާ ފެނުމާއެކު އަންވަރަށް ނޭނގުނެވެ. އެހެންނަމަވެސް ވަރަށް ފުރިހަމައަށް މެހްމާންދާރީ އަދާކުރިއެވެ. ނޯކަރު ކުއްޖާ އަންވަރުގެ އެދުމަށް ޖިލްވާއަށް ގޮވަން ދިޔައެވެ.
"އަޅުގަނޑަށް އަދި ނޭނގިފަ މީނީ" ކުރިމަތީގައި ހުރީ މާބުލް ކުޑަ މޭޒުމަތީގައި ކޮފީ ތަށި ބަހައްޓަމުން އަންވަރު ބުންޏެވެ.
ރޫބިޔާ އަންވަރަށް ނަޒަރެއް ދިނެވެ. އަންވަރުގެ ހަށިގަނޑަކީ ރޫބިޔާ ހީކުރި ވަރަށް ވުރެ ޒުވާން ހަށިގަނޑެކެވެ. ވިހި އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އަންހެންކުއްޖެއްގެ ކާފައެކޭ ބުނާވަރެއް ނޫނެވެ. އަންވަރު ވާހަކަދެއްކި އިރުވެސް ރޫބިޔާއަށް އިނދެވުނީ އަންވަރަށް ބަލަހައްޓައިގެންނެވެ.
ޖިލްވާ އައިސް ހުއްޓުނީ އަންވަރާއި ރޫބިޔާ އާ ދެމެދަށް ވާހެންނެވެ. ފަހަތުން އައި ނޯކަރު ދެ އަންހެންކުދިން ގެނައި ކާއެއްޗެހި ތަށިތައް ރޫބިޔާގެ ކުރިމަތީގައި އަތުރާލިއެވެ. ރޫބިޔާއަށް އިހުސާސްވީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. ހަޔާތުގައި ދުވަހަކުވެސް އެހާ ފުރިހަމައަށް ފަރުމާކޮށްފައި ހުރި ގެޔަކަށް ރޫބިޔާ ނުވަދެވެއެވެ. ހީވަނީ ދުނިޔެމަތީގެ ސުވަރުގެއެއް ހެންނެވެ. ބަރަކްގެ ހޮވުމާމެދު ރޫބިޔާ އުފާކުރިއެވެ. އެ މުއްސަނދިކަމުން ބައެއް އަޅާނެ ކަމަށް ރޫބިޔާ އުންމީދު ކުރިއެވެ.
"މިއީ ޖިލްވާ އަކީ" އަންވަރު ބުންޏެވެ. ގޭތެރޭގެ އެކި ދިމާ ބަލަމުން ދިޔަ ރޫބިޔާގެ ނަޒަރު ޖިލްވާއަށް ހުއްޓުނީ ދެނެވެ.
ދޮން ހަންގަނޑެއް ލިބިފައިވާ ހިމަތޮޅި އަންހެންކުއްޖެކެވެ. ބަރަކް އާ އެއް އިސްކޮޅެކެވެ. ކަނާތްފަރާތުން ތިރީ ތުންފަތާއި ދަތްދޮޅީގެ ކުޑަތަންކޮޅެއް މަތިން ފާޅުވާން އިން ކަޅުތިލައިގެ ސަބަބުން ޖިލްވާގެ ސޫރައަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ލައިގެން ހުރި އަލި ނޫކުލައިގެ ޓީޝާޓްކޮޅާއި އަޅިކުލައިގެ ކަށިމައްޗާ ހަމައަށް އަންނަ ޓައިޓްކޮޅުގައި ޖިލްވާ ރީއްޗެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާލާފައި ދައްޗަކުން ހައްޔަރުކޮށްލާފައި އޮތްއިރު ކަންފަތް ކައިރިން ބައެއް ނުކިޔަމަންތެރި އިސްތަށިކޮޅުތައް ތިރިއަށް ސޮހިފައި ހުއްޓެވެ.
"އެހެންތަ. ހާދަ ރީތި ކުއްޖެކޭ މީ" ކޮޅަށް ތެދުވި ރޫބިޔާ ޖިލްވާގެ މޫނުގައި ފިރުމާލިއެވެ. ފައިބާފައި ހުރި އިސްތަށިކޮޅު ޖިލްވާގެ ކަންފަތުގެ ނިވަލަށް ލައްވާލީ ރޫބިޔާއެވެ.
"ޝުކުރިއްޔާ. އަޅުގަނޑަށް އަދި ނޭނގުނު ތިއީ ކާކު ކަމެއް" ހީލަމުން ޖިލްވާ ބުންޏެވެ.
"ނުވެސް އެނގޭނެ. ކަލޭމެން ކަހަލަ އިއްޒަތްތެރިންނަށް އެނގޭނެ އެއްޗެއް އޮންނާނެތަ؟" އެ ބަސްތައް ވީ ރޫބިޔާގެ ހިތުގައެވެ.
"މިއީ ރޫބިޔާ. ބަރަކްގެ މަންމަ" ރޫބިޔާ ބުންޏެވެ.
ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ބަރަކްގެ މަންމަ ބައްދަލުކުރަން އައިކަން އެނގުމުން ޖިލްވާ ތެޅިގަތެވެ. ބަރަކް އެކަހަލަ ވާހަކައެއް ނުވެސް ބުނޭ ވިއްޔާއެވެ. އެކަން ކުރިން އެނގިފައި އޮތްނަމަ ރޫބިޔާ އާ މެދު އެއަށްވުރެ ގާތްކޮށް ކަންތައް ކުރެވުނީހެވެ. ޖިލްވާ ބަރަކްދެކެ ހިތްހަމަނުޖެހުނެވެ.
"އެހެންތޯ. ކުރިން ދިމާވެފަ އަދި ފެނިފަވެސް ނެތީމަ އަޅުގަނޑަށް ނޭނގުނީ" އަންވަރު ވާހަކަދެއްކިއެވެ. ރޫބިޔާ ފާޑަކަށް ހީލައިފިއެވެ. އަމިއްލަ ތަންތަނަށް އަންނައިރު ކޮންމެހެން އަންގަންޖެހޭ ހެއްޔެވެ؟ ބަރަކްއަށް ނޭނގި ރޫބިޔާ އައީވެސް އެކަމަށް ބަރަކް ދެކޮޅުހަދާނެތީއެވެ. ޖިލްވާގެ މުއްސަނދިކަމާއި ސޫރަ އަމިއްލަ ލޮލުން ދެކިލުމުގެ ބޭނުމުގައެވެ.
"އާނ. ބަރަކް ފޮނުވައިގެނޭ މިއައީ" ރޫބިޔާ ބުންޏެވެ. "ތިހެން ނުހުރެބަލަ ކޮޅަށް. އާދެބަލަ މިތާ އަހަރެން ކައިރީގަ އިށީންނަން" ޖިލްވާގެ އަތުގައި ހިފައި ގާތަށް ގެންނަމުން ރޫބިޔާ ބުންޏެވެ. ލަދުން ހުރެފައިވެސް ރޫބިޔާ އާ ޖެހިގެން ޖިލްވާ އިށީނެވެ.
"އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. ޖިލްވާގެ ކާފަ މިގަޑީގަ ގޭގަ އުޅޭނެ ކަމަށް ބަލާފައި މިއައީވެސް" ރޫބިޔާ ބުންޏެވެ.
"އަވަހަށް ބުނޭ" އަންވަރު ބުންޏެވެ. އަދި ރޫބިޔާގެ ވާހަކަތަކަށް ސަމާލުކަންދޭ ފަދައިން ގޮނޑިން ތަންކޮޅެއް ކުރިއަށް ޖެހިލިއެވެ.
"ވަރަށް ހައިވެސްވެފަ މި އިންނަނީ. ކީއްކުރާނީ އަހަރެން ބަލިމަޑުކަމުން ގޭގައި ކައްކައި ނެހެދޭ" ރޫބިޔާ ބުންޏެވެ. ދެން ކުރިމަތީގައި ހުރި ތަށިތަކުން މަތި ނަގަންފެށިއެވެ. ސަމްސަލެއް އުލެއް އޮތްއިރުވެސް ފޮތިކޮށްފައި ހުރި ކަރާތައް އަތުން ނަގައިގެން ކާން ފެށިއެވެ. ކަރާތަކުގެ ފެންތައް ލައިގެން އިން ހެދުމަށް ފައިބައިގަތުމާއެކު އަތުން ފޮޅާލިއެވެ. ބައެއް ފެންތައް އަންވަރުގެ އަތަށްވެސް ބުރައިގެން ދިޔައެވެ. ބަރަކްގެ މަންމަގެ ފަރާތުން އެފަދަ އަމަލުތަކެއް ފެންނަން ފެށުމުން ޖިލްވާ އިނީ ލަދުންނެވެ. ކާފަގެ ކުރިމަތީގައި ރޫބިޔާ އެހެން އުޅުމުންނެވެ.
"މިދެމީހުން ހިތާވެގެން އުޅޭތާ ކިހާދުވަހެއް މިވަނީ. ދެން މިހާރު އިންނަން ވެއްޖެހެން އަހަރެންނަށް ހީވަނީ. ތިހެން އުޅެނިކޮށް ރަށްމެދަށް ބަލިވެ އިނދެފާނެ. އެއިރުން އަހަރެމެން ދޯ ލަދުގަންނާނީ. އަޅެ ޖިލްވާއާ ބަރަކް ނުވިސްނަންތަ މިކަމަކާ" ރޫބިޔާ ދެއްކި ވާހަކަތަކުން ޖިލްވާއަށް އިސްއުފުލާލަންވެސް ނުކެރުނެވެ. އަންވަރު އިންދާ އެފަދަ ވަހަކަތަކެއް ރޫބިޔާ ދެއްކީތީ ޖިލްވާ ހިތްހަމަނުޖެހުނެވެ.
"މިޒަމާނުގެ ކުދިންނަށް ކައިވެނިން ބޭރުން ގޮތްގޮތަށް އުޅުމަކީ ރީތިކަމެއް. އަހަރެންނަށް ޔަގީން މިދެމީހުން މިހާރު ތިބޭނީ އިންފަހަނައަޅައި ގޮސްފައިކަން. ބަރަކްގެ ގެއްލޭނެ އަބުރެއް ނޯންނާނެ. ކަމެއްވިޔަސް ބަދުނާމުވާނީ ޖިލްވާ. ނޫންތަ އަންވަރު؟" ފުންމައިގެން ގޮނޑިން ތެދުވި އަންވަރަށް ޖިލްވާ ލަދު ކުޑަވެފައި އިންތަން ފެނުމުން ރޫބިޔާގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހުމުގެ ނަޒަރަކުންނެވެ.
"އަހަރެންގެ ދަރިފުޅަށް އަހަރެން އިތުބާރުކުރަން. ރަނގަޅު ކަންކަމާއި ނުބައި ކަންކަން އަހަރެންގެ ދަރިފުޅަށް ބުނެދިނިން. އަދި ކޮންމެ ދުވަހަކު އެކަންކަން ހަނދާންކޮށްދެން. ރޫބިޔާ ބަރަކްއަށް ތިވާހަކަތައް ވިސްނައިދިނުން ރަނގަޅީ. ދެން އެންމެ ރަނގަޅު ދިޔަސް" އަންވަރު ބުންޏެވެ. ކާފަ ހިތްހަމަނުޖެހިއްޖެކަން ޖިލްވާއަށް އެނގުނެވެ.
"ކައިވެނީގެ ފަހުން ތިދެކުދިން އުޅޭނީ މިގޭގަ ދޯ. އާނ ބަރަކް އުޅޭ ގެގަނޑު ގެޔަކަށް ނުކިޔާނެ. މިދެކުދިން އިނީމަ އަހަރެންވެސް ޗުއްޓީ ހަދާލަން އަންނާނަން މިގެއަށް" ކޮޅަށް ތެދުވެ އަޅައިގެން ހުރި ދަބަހުގެ ވާގަނޑުގައި ހިފާ ކޮނޑުމައްޗަށް އަރުވާލަމުން ރޫބިޔާ ބުންޏެވެ.
"އެކޮއި ޖިލްވާ ދަނީ އިނގޭ މަންމަ. މަންމަ މިހެން ބުންޏަސް ކައިވެނިކުރާނެ ދުވަހެއް އެނގޭނީ ތިދެކުދިންނަށް. މިދެން އެދުވަސް ދެކޭހިތުން މަންމަ ދެއްކި ވަހަކަތަކެއް" ކައިރީގައި ކޮޅަށް ހުރި ޖިލްވާގެ ކޮނޑުގައި ފިރުމާލާފައި ރޫބިޔާ ބުންޏެވެ. ދެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން ނޯކަރު އަންހެންކުއްޖެއް ރޫބިޔާއަށް ދޮރުހުޅުވައި ދިނުމަށް ދިޔައެވެ.
"އެއީ ބަރަކްގެ މަންމައަކީ؟ ޖަވާހިރެއް ދަރިފުޅު ހޮވީ ކުނިގޮނޑަކުންތަ؟" އަންވަރު ޖިލްވާއަށް އެހިއެވެ.
(ނުނިމޭ)