ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ މަގުސަދު ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ޑައިވާޝަންގެ ނިޒާމް ގާއިމްކޮށް, އެ ނިޒާމު ފައްކާކުރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑައިވާޝަންގެ ނިޒާމަކީ ކުށެއް ކުރުމުން އެކުށާ ގުޅިގެން އަންނަ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތުދީ, އެ ޕްރޮގުރާމް ފުރިހަމަކޮށް ނިމުމުން ހުކުމް ތަންފީޒުކުރަން ނުޖެހުމެވެ.
"އިމްޕްލިމެންޓޭޝަން އޮފް ޑައިވާޝަން ފޯ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ"ގެ ނަމުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގައި އަލަށް ފަށާ ކަމަކަށްވާތީ އެންމެން އެކަމަށް ވަރަށް ބޮޑަށް އަހުލުވެރިވާންޖެހޭ ކަމަށެވެ.
"މިމަސައްކަތް ކުރުމުގައި އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންޖެހެނީ އަޅުގަނޑުމެން މިއަދުގެ ހާލަތު އޮތްގޮތުން އެންމެ ކުއްޖަކު ރަނގަޅުކުރެވު ނަމަވެސް އެއީ މި މުޅި މައްސަލައިން އަރައިގަތުމަށް ނެރެވޭ މުހިއްމު ނަތީޖާއެއްގޮތުގައި ފާހަގަކޮށްގެން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރި ވިދާޅުވީ، ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މުޅި އިޖުތިމާއީ ވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލެއް އައިސްފައިވަނީ "ސިޔާސަވަމުންދާ ކުޑަކުދިންނަށް" ރަނގަޅު ހައްލެއް ހޯދޭނެ މަގެއް ހޯދިފައި ނެތުމުން ކަމަށެވެ. މި މަސައްކަތް އެކި ސަރުކާރުތަކުން އެކި މިންވަރަށް ކުރަމުންގޮސް މިސަރުކާރު އައުމާއެކު އެންމެ އިސްކަމެއް ދީގެންކުރި އެއްކަމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއެކުވެސް އެމަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރެސިޑެންޓަލް ފެސިލިޓީޒް އަދި ހާފްވޭ ހައުސް ހެދުމުގެ މަސައްކަތަކީ އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަންކަމަށް ވިޔަސް އެމަސައްކަތް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތުގައި އަމަލީ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން ބުނީ، ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު މިއަދު ފެށި މަސައްކަތު ބައްދަލުވުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.