ޚަބަރު

ވިމްގެ ގްލޯބަލް ޓޮޕް 50 އެވޯޑު ދިވެހި ފަސް ކަނބަލަކަށް

މުހައްމަދު އިޝާން

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވި ވިމެން އިން މެނޭޖްމަންޓް (ވިމް) ގެ "ޓޮޕް 50 ގްލޯބަލް އެވޯޑްސް" ރާއްޖޭގެ ފަސް ފަރާތަކަށް ލިބިއްޖެއެވެ.

ރާއްޖެއިން އެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާގެ ރައީސް، އަދި ޝުނާނާ އެލްއެލްޕީގެ ކޯ ޕާޓްނާ ގާނޫނީ ވަކީލާ ޝުނާނާ މަރިޔަމް އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން އާއި ވޮލީބޯޅަ އާއި ނެޓްބޯޅަ ކުޅުންތެރިޔާ އަދި ކުޅިވަރުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކޮށް ގައުމީ އިނާމުތައް ހޯދައިފައިވާ އައިޝަތު ނާޒިމާ އާއި ޝެފް ޖުވޭރިއާ ވަޖްދީ އަދި ކުރީގެ ހެލްތު މިނިސްޓަރު ކަމާއި އާއި ޖެންޑާ މިނިސްޓަރުކަން ކުރައްވައިފައިވާ، މިހާރު ދިވެހި ރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް ޑރ. މަރިޔަމް ޝަކީލާއެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ވިމެން އިން މެނޭޖްމަންޓް ޓޮޕް 50 ގްލޯބަލް ކޮންފަރެންސް އެންޑް އެވޯޑްސްގެ 12 ވަނަ އެޑިޝަންގައި 200 އަށް ވުރެ ގިނަ، ސަރަހައްދީ އަދި ދުނިޔޭގެ ވިޔަފާރި ލީޑަރުންނާއި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން އިންސްޕިރޭޝަނަލް އަންހެނުން ވަނީ ބައިވެރިވެފައެވެ.

ފުރަތަމަ ފަހަރަށް ދުބާއީގައި ބޭއްވި މި އަހަރުގެ އިވެންޓް ތީމް ރެސިލިއެންސް އެންޑް ރީއިންވެންޝަންގައި ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ކޯޕަރޭޓް ލީޑަރުންނާއި މަޝްހޫރު ފަރާތްތަކާއި ކުޅިވަރު ޝަހުސިއްޔަތުންނާއި ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ހައި ޕްރޮފައިލް އިވެންޓުގެ އެ އެޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ ޔޫއޭއީގައި ހުންނަ ސްރީލަންކާ ބިޒްނަސް ކައުންސިލާއި އިކުއަލިޓީ އެލަޔަންސް ޔޫކޭގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައެވެ.

ވިމްއިން ބުނީ، މި އިވެންޓުގެ ސަބަބުން ކަނބަލުންނަށް އިތުރު ހިތްވަރު ލިބި ހިދުމަތުގެ ދާއިރާތަކުގައި ދެމިތިބުމުގެ ރޫހު އާލާވެފައިވާ ކަމަށެވެ. އަދި އެކި ފެންވަރުގައި، އަންހެނުންގެ ހިދުމަތްތައް ފާހަގަކުރާ އިރު، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަދަނީ ޖަމިއްޔާތަކާއި ވަކީން ހާއްސަކޮށް ފިރިހެނުން ކުރާ މަސައްކަތްވެސް ފާހަގަކޮށް ޝުކުރުވެރިވާ ކަމަށް ވިމްއިން ބުންޏެވެ.

"ދުނިޔޭގެ ދަތުރައިގެން ކުރިއަށް ދާއިރު، އަޅުގަނޑުމެން މިތިބީ އެހެން މީހުންގެ ކިބައިން ދަސްކުރުމަށް ކެތްމަދުވެފައި. ތަފާތު ގައުމުތަކާއި އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ އަންހެނުންގެ ފަރާތުން ލިބުނު ކާމިޔާބީތަކުގެ ވާހަކަތައް ދެނެގަނެ، ދައްކައިލުމަށް ކެތްމަދުވެފައި. އަޅުގަނޑުމެން އުންމީދުކުރާ ގޮތުގައި މިއީ އެހެން މީހުންނަށް ހިތްވަރުދީ ކުރިޔަށް ދިއުމުގެ ރޫހު އާލާކުރުމަށް ބޭނުންވާ ބަދަލު ގެނެސްދޭނެ ކަމެއް. ވިމް އިން އަބަދުވެސް އާ ހިޔާލުތަކަށް މަރުހަބާ ކިޔާނެ." ވިމްއިން ބުންޏެވެ.

ވިމެން އިން މެނޭޖްމަންޓް ޓޮޕް 50 ގްލޯބަލް ކޮންފަރެންސް އެންޑް އެވޯޑްސްގެ ލައިވް ސްޓްރީމް މުޅި ދުނިޔެއިން ބެލިކަމަށާއި މި އެވޯޑުގައި ނުވަ ގައުމަކުން 13 ފަނޑިޔާރުންނާއި 26 ގައުމަކުން ނޮމިނޭޝަންތަކާއި 18 ގައުމަކުން ވަނަތައް ހޯދި ކަމަށް ވެސް ވިމް އިން ބުންޏެވެ.

ވިމްގެ މި ކޮންފަރެންސް އަދި އެވޯޑުގައި ރާއްޖެއިން ވަނީ 17 މީހުން ހިމެނޭ ޑެލިގޭޝަނެއް ބައިވެރިވެފައެވެ. އޭގެ ތެރޭގައި ވިމްގެ ރާއްޖޭގެ ގޮފީގެ ރައީސާ އާއި އެކްސްކޯ މެންބަރުންގެ އިތުރުން ކުރިން ވިމްގެ އެވޯޑު ލިބިފައިވާ ފަރާތްތަކާއި މެންބަރުން ހިމެނެއެވެ.

މި ހަފުލާގެ ޑެސްޓިނޭޝަން ޕާޓްނަރަކީ އެމްއެމްޕީއާރްސީގެ ސަނީ ސައިޑް އޮފް ލައިފެވެ. ރާއްޖެއިން މި ހަފުލާއަށް ސަޕޯޓް ކުރުމުގެ ގޮތުން ސްޕޮންސަރު ކުރެއްވި އިތުރު ފަރާތްތަކަކީ ސިމްޑީ ގްރޫޕާއި ދަ ހޯކްސް އަދި މާފުށީގައި ހުންނަ ކްރިސްޓަލް ސޭންޑްސް ގެސްޓް ހައުސްއެވެ.

ވިމެން އިން މެނޭޖްމަންޓް (ވިމް) އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ލަންކާގެ ވަޒީފާގެ ދާއިރާތަކުގައި އަދި ވިޔަފާރީގެ ދާއިރާތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުންއަންނަ ވިމްގެ ގޮފިތައް ލަންކާގެ އިތުރުން ރާއްޖެ އަދި ކެނެޑާގައި ހުރެއެވެ. ވިމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފި ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ރާއްޖޭގެ އެކި ދާއިރާތަކުން އަންހެނުން ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުން ދެއެވެ.