ޚަބަރު

ޔޯގާ ހަމަނުޖެހުމުގައި ފުލުހުންގެ ބައިވެރިވުމެއް ނެތް: ސުޖާއު

އަލީ ޔާމިން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ފުލުހުންގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ބްރީޗުވުމަކީ ފުލުހުންގެ ފެއިލިއާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ އެތެރޭގެ އިންކުއެރީއެއް ހަދަމުން އަންނައިރު، ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަނުންނާއި ޕޮލިސް ބޯޑުންވެސް އިންކުއެރީއެއް ހަދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޔޯގާ ހަމަނުޖެހުން ހިންގުމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ސުޖާއު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ފުލުހުންގެ ބައިވެރިވުމެއް އޮތްކަން އެނގިފައިނުވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމަކުން ފުލުހުން އެތަނަށް އައި ކްރައުޑާ ބައިވެރިވެ ހަމަނުޖެހުން ހިންގަން މަގުފަހިކޮށްދިން ކަމެއްވެސް އަދި ބައިވެރިވިކަމެއްވެސް އެނގިފައެއް ނެތް،" ސުޖާއު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެ ހަމަނުޖެހުމުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދިނެވެ.

ދަނޑަށް އަރައިގަން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުން ރޫޅާލީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.