އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 21

އަބްދުﷲ ފާރޫގް ހަސަން

އިސްލާމީ ޖުމްހޫރިއްޔާގައި ޒިންމީންގެ ޙައްޤުތައް

(20 ޖޫންގެ އަދަދާ ގުޅޭ)

އިސްލާމީ ޖުމްހޫރިއްޔާއެއްގައި ޣައިރުމުސްލިމަކަށްވެސް ރައްޔިތަކަށްވުމުގެ ޙައްޤު ދެވޭނެއެވެ. ޝަރުޠަކީ އެމީހަކު އިސްލާމީ ދައުލަތުގެ ރަށްވެހިކަމުގެ ޤާނޫނު ޤަބޫލުކުރުމެވެ. އެޤާނޫނަށް ޢަމަލުކުރަން ރުހި ޤަބޫލުވުމެވެ. އިސްލާމީ ދައުލަތުގެ ޣައިރުމުސްލިމް ރައްޔިތުން (ޒިންމީން) ޢަސްކަރީ ޚިދުމަތްކުރުން ލާޒިމެއް ނުވާނެއެވެ. އެހެންކަމުން ޢަސްކަރީ ޚިދުމަތުން އިސްތިސްނާވާތީއާއި އިސްލާމީ ދައުލަތުން އެމީހެއްގެ ޖާނާއި މާލު ރައްކާތެރިކޮށް ބަލަހައްޓައިދޭތީ އެކަމުގެ ބަދަލެއްގެގޮތުން އެމީހަކު ފައިސާގެ ޢަދަދެއް ދައްކާންޖެހޭނެއެވެ. ޖިޒީގެ ނަމުގައެވެ. އެމީހަކު ޢަސްކަރީ ޚިދުމަތުގައި ބައިވެރިވާން ތައްޔާރަށް ހުރިކަމުގައިވާނަމަ އެމީހެއްގެ އަތަކުން ޖިޒީއެއް (ޢަސްކަރީ ޓެކުހެއް) ނުނެގޭނެއެވެ.

ޣައިރުމުސްލިމް ރައްޔިތުންނަށް ލިބިދެވޭނެ ޙައްޤުތައް

1. ޣައިރުމުސްލިމް (ޒިންމީ) ރައްޔިތުންނަށް އެބައިމީހުންގެ ޢަޤީދާއާއި އަޅުކަންކުރުމުގައިވަނީ ފުރިހަމަ މިނިވަންކަން ލިބިގެންނެވެ. އެބައިމީހުންގެ ޚާއްޞަ ހެދުންތައް ބޭނުންކުރުމާއި އާދަކާދަތައް ދެމެހެއްޓުމާއި ޢީދުތައް ފާހަގަކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވެއެވެ.

2. ޣައިރުމުސްލިމުންގެ ކާވެންޏާއި ވަރިޔާއި އަދި އެނޫންވެސް އެހެނިހެން މުޢާމަލާތުތަކުގައި އެބައިމީހުންގެ ދީނާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ. އެހުރިހައި ކަމެއް ބަލަހައްޓައި ހިންގާނީ އެބައިމީހުންގެ ދީނީ އިމާމެވެ. ނުވަތަ އެބައިމީހުންގެ އަމިއްލަ ކޯޓުތަކުންނެވެ.

3. ޣައިރުމުސްލިމުންގެ ފުރާނައާއި މުދާ ރައްކައުތެރިކޮށްދިނުމަކީ އިސްލާމީ ދައުލަތުގެ ވާޖިބެކެވެ. ޣައިރު މުސްލިމުންނަށް އެއްވެސްކަހަލަ ގަދަބަދަވިކަމެއް ދައްކައި އަނިޔާއެއް ކޮށްގެނެއް ނުވާނެއެވެ. ޚާއްޞަކޮށް عـلاّمـــة إبـــن حـــزم ގެ ވާހަކަފުޅު ގެންދަވައިފައިވަނީ ވަރަށް މައްޗަށެވެ.
إبـــن حـــزم ވިދާޅުވާގޮތުގައި މުސްލިމުން އެބައިމީހުންގެ ފުރާނަތަކާ ކުޅެގެންވެސް ޣައިރުމުސްލިމުންގެ ފުރާނަ ރައްކައުތެރިކޮށްދޭން ޖެހޭނެއެވެ. އެހެނީ އިސްލާމީ ރިޔާސަތުންވަނީ ޒިންމީންގެ ޖާނާއި މާލު ރައްކައުތެރިކޮށްދިނުމުގެ ޒިންމާއާ ޙަވާލުވެފައެވެ.

4. އިސްލާމީ ދައުލަތުގެ ރައްޔިތުން ކަމުގައިވެފައިވާ ޣައިރުމުސްލިމުންނަށްވެސް އެކި ކުށްކުށަށް ދެވޭނީ އެކުށްކުށަށް އަރައިގަންނަ މުސްލިމުންނަށްވެސް ދޭ އަދަބެކެވެ.

5. ޣައިރުމުސްލިމުންނަށްވެސް ސަރުކާރުގެ ވަޒީފާ ދެވިދާނެއެވެ. ޝައްކެއްނެތެވެ. އިސްލާމީ ދައުލަތަކީ ނަޒަރިއްޔާތީ ރިޔާސަތެކެވެ. އިސްލާމީ ޢަޤީދާއަކީ އެދައުލަތުގެ އަސާސެވެ. އެހެންކަމުން އެދައުލަތުގެ މުހިންމު އަދި ޙައްސާސް މަޤާމުތަކެއް ޣައިރުމުސްލިމުންނަކަށް ނުދެވޭނެއެވެ.

6. ޢާންމުގޮތެއްގައި ޣައިރުމުސްލިމުންގެ ފަރާތަކުން ޢަސްކަރީ ޚިދުމަތެއް ނުހޯދައެވެ. އެހެނީ އެބައިމީހުންނަކީ އިސްލާމީ ޢަޤީދާ ޤަބޫލުކުރާ ބައެއް ނޫނެވެ. މުސްލިމުންނެއް ނޫނެވެ. އެފަދަ ބަޔަކު އިސްލާމްދީނަށްޓަކައި އިޚްލާޞްތެރިކަމާއެކު ޖާނުދޭނެތޯއެވެ؟ އެހެންކަމުން އެބައިމީހުންވަނީ ޢަސްކަރީ ޚިދުމަތުން އިސްތިސްނާ ކުރެވިފައެވެ. އެ އިސްތިސްނާކުރުމުގެ ބަދަލުގައި އެބައިމީހުންގެ އަތުން ޢަސްކަރީ ޓެކުހެއް އަތުލެވެއެވެ. އެއީ ވަރަށް ކުޑަކުޑަ އެއްޗެކެވެ. މުސްލިމުން ދޭންޖެހޭ ޒަކާތަށްވުރެވެސް މާކުޑަކުޑަ އެއްޗެކެވެ. ހިތުން ރުހުމުން އަމިއްލައަށް ޢަސްކަރީ ޚިދުމަތަށް ކުރިމަތިލައި ނަން ހުށަހަޅާ މީހުންގެ އަތަކުން ޢަސްކަރީ ޓެކުހެއް ނުނެގޭނެއެވެ. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނާއި ބަލިކަށިމީހުންވެސް ވާނީ ޢަސްކަރީ ޓެކުހުން އިސްތިސްނާ ކުރެވިފައެވެ.

7. ޤާނޫނު ހަދާ މަޖިލީހާއި އެނޫންވެސް ލަފާދޭ މަޖްލިސްތަކުގައި ޣައިރުމުސްލިމުންނަށް ބައިވެރި ވެވިދާނެއެވެ. އެކަމަކު އެއީ ޚާއްޞަ ބާވަތެއްގެ މެމްބަރޝިޕެކެވެ. أميـــرالمـؤمـنــيـن އިންތިޚާބު ކުރުމުގައި ޣައިރުމުސްލިމުންގެ ރައުޔެއް ނުހޯދޭނެއެވެ. ކީރިތި ޤުރްއާނާއި ޙަދީޘުގެ މައްޗަށް ބިނާކޮށް ހަދާ ޤާނޫނުތަކަށް ވޯޓުދިނުމުގެ އިޚްތިޔާރެއްވެސް ނޯންނާނެއެވެ. ޢާންމު ޤާނޫނުތައް ހެދުމުގައި ޣައިރުމުސްލިމުން ބައިވެރިކުރެވިދާނެއެވެ. އެބައިމީހުންގެ ބައިވެރިވުން ބާއްވާނީ ކޮންދާއިރާއެއްގައިކަން ކަނޑައަޅާނީ އިސްލާމީ ސަރުކާރުންނެވެ. ޤައުމުގެ ޢާންމު އިންތިޒާމީ މުޢާމަލާތަކުގައި އެބައިމީހުންގެ ތަޖުރިބާގެ ބޭނުންކުރެވިދާނެއެވެ. أميـــرالمـؤمـنــيـن عـمــر بـــن الخطّــاب رضـى اللّــه عــنـــه އެގޮތަށް ޢަމަލުކުރެއްވިކަން ސާބިތުވެއެވެ.

އިސްލާމީ ޖުމްހޫރިއްޔަތު އުވިދިޔުން

އިސްލާމީ ވެރިކަމެއްގެ މިންގަނޑު ކަނޑައަޅައިދޭ ނަމޫނާ ދައުރަކީ الخــلفــاء الــرّاشــدون ގެ ދައުރެވެ. އިސްލާމީ ސިޔާސީ ނިޒާމުގެ ބާވަތާއި ސިފަ ކަނޑައަޅައިދޭ މިންގަނޑެއް ކަމުގައި ބެލެވޭނީވެސް ނަބަވީ މަންހަޖުގައި ޚިލާފަތު އޮތްދުވަސްވަރެވެ. އިސްލާމީ ސަރުކާރުތައް ދެނެގަނެވޭނެ މިންގަނޑެއްކަމުގައި ވަނީވެސް ހަތަރު ޚަލީފާއިންގެ ދުވަސްވަރެވެ. ނުބުއްވަތާއި ރިސާލަތުގެ ވެރި ސާހިބާ އެ ނަމޫނާއެއްގައި ހިފަހައްޓާން އަމުރުކުރައްވައިފައިވާ ނަމޫނާ ދައުރަކީ ހަތަރު ޚަލީފާއިންގެ ވެރިކަމުގެ ދުވަސްވަރެވެ. އެހެންކަމުން އެނިޒާމާ ތަފާތު ކޮންމެ ނިޒާމެއްވާނީ ނުރަނގަޅު ނިޒާމެއް ކަމުގައެވެ.

އިސްލާމީ ވެރިކަމުގެ ނިޒާމުގެ ނަމަކީ "ޚިލާފަތު ޢަލާ މިންހާޖިއްނުބުއްވަތި" އެވެ. ނަމަވެސް އެ އިޞްތިލާޙު ބޭނުންކުރުމުން ޢާންމު ކިޔުންތެރިޔަކަށް އިސްލާމްދީނުގެ ސިޔާސީ ނިޒާމުގެ އޮނިގަނޑު އޮންނާންވީގޮތް ވިސްނައިނުގަނެވި ހިނގައިދާނެއެވެ. އެހެންކަމުން عـلاّمـــة شبــلـــى އާއި، مـــولانــا آزاد އާއި، مـــولانــا مـــــودودى އާއި، عــلاّمــــة يــوسف الــقـــرضـــاوى ފަދަ ބޭކަލުންވަނީ ހަމައެކަނި ވިސްނައިގަތުމުގެ ފަސޭހައަށްޓަކައި إســلامــــى جـمهـــوريّــــة ނުވަތަ އެ ނަމާ ވައްތަރު އިޞްޠިލާޙުތައް ބޭނުންކުރައްވައިފައެވެ. އިސްލާމްދީނުގެ ސިޔާސީ ނިޒާމަކީ އިސްތިބުދާދީ ނިޒާމެއް ނޫންކަން ވިސްނައިދެއްވުމަށްޓަކައެވެ. ލަގަނެއްނެތް ބާރުތަކެއް ވެރިމީހާއަށް ލިބިދޭ ނިޒާމެއް ނޫންކަން ވިސްނައިދިނުމަށްޓަކައެވެ. އިސްލާމީ ނިޒާމަކީ ރަސްކަމުގެ ނިޒާމެއްވެސް ނޫންކަން ވިސްނައިދިނުމަށްޓަކައެވެ. ވެރިކަން ވާރުތަކުރެވޭ ނިޒާމެއް ނޫންކަންވެސް ވިސްނައިދިނުމަށްޓަކައެވެ. އެ ނިޒާމުގައި ސަރުކާރަށް ތަންޤީދުކޮށް ފާޑުކިޔުމުގެ ދޮރު ތަންމިނަށް ހުޅުވިފައިވާކަން އަންގައިދިނުމަށްޓަކައެވެ. الخــلافــة الــرّاشــدة ގައި އޭގެ ސުމާރެއްނެތްހައި ގިނަ މިސާލުތައް ވަނީ ފެނިފައެވެ.


މިދެންނެވި ނިޒާމުގައި ޚަލީފާއަކު ނުވަތަ އަމީރަކު ހޮވަނީ އިންތިޚާބުންނެވެ. އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ޖަމާޢަތެއް އޮވެއެވެ. ޚަލީފާއިން ނުވަތަ އަމީރުން އިންތިޚާބު ކުރައްވަނީ އެ ޖަމާޢަތުންނެވެ. އެ ނިޒާމުގައި ހުރިހައި މައްސަލަތަކެއް މަޖްލިސުއްޝޫރާގެ ކުރިމައްޗަށް ހުށަހެޅެއެވެ. އެ ނިޒާމުގައި ވެރިމީހާއަށް މުސާރަޔަކަށް ނެގޭނީ ކިރިޔަކިރިޔާ ދުވަހުގެ ފުރާގު ހަމަޖެއްސޭވަރެވެ. ބައިތުލްމާލުގެ ހައިސިއްޔަތަކީ އަމާނަތެއްގެ ހައިސިއްޔަތެވެ. ޙާކިމުގެ ޙަވާލުގައި އެ އަމާނާތް ހުރިކަމުގައިވިޔަސް އެއީ އޭނާގެ މިލްކެއް ނޫނެވެ. އޭނާ ހިތުހުރިގޮތަކަށް ހިތުހުރިވަރަކަށް ޚަރަދެއް ނުކުރެވޭނެއެވެ. ރިޔާސީގަނޑުވަރުގެ ނަމުގައި ކިއްލާތަކެއް ބިނައެއް ނުކުރެވޭނެއެވެ. ސެނެޓައިޒަރުގެ ގޮތުގައި ސެންޓު ބޭނުމެއް ނުކުރެވޭނެއެވެ. ރަންރިހީން ތަށިތައްޓާއި ސަމުސަލާއި މަތިންދާބޯޓުތަކެއް ނެހެދޭނެއެވެ. ޢާންމު ފަރުދުންގެ ވިސްނުން ސުމަކަށްދާހައި އަގުބޮޑު ފޭރާމެއް ނުހޯދޭނެއެވެ. ތިރީގައިމިވަނީ އިސްލާމީ ޖުމްހޫރިއްޔަތެއްގެ ނުވަތަ މިންހާޖުއްނުބުއްވަތުގައި ބިނާކުރެވޭ ޚިލާފަތެއްގައި ކަންހުންނާނެގޮތުގެ ޚުލާޞާއެކެވެ.

1. އިސްލާމީ ޚިލާފަތުގެ ނިޒާމުގައި އަމީރު ނުވަތަ ޚަލީފާގެ ދިރިއުޅުއްވުން ހުންނާންވާނީ މުސްލިމުންގެ ޢާންމު ފަރުދެއްގެ ދިރިއުޅުމާ އެއްގޮތަކަށެވެ. ޝާހީ އިސްރާފާއި ދެއްކުންތެރިކަމުގެ ދިރިއުޅުމެއް ނުއުޅެވޭނެއެވެ. ތިމާއަކީ ރަސްކަލެއް ކަމަކަށެއް ކަނޑައެއް ނޭޅުއްވޭނެއެވެ. އެފަދަ ބަސްފުޅެއް އެންމެފަހަރަކު ވިދާޅުވެލެއްވި ކަމުގައިވިޔަސް، މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން އެބޭފުޅެއްގެ ލަފުގައި ހިއްޕަވައި ދުރަށްލައްވާން ޖެހިވަޑައިގަންނަވާނެއެވެ.

2. އިސްލާމީ ޖުމްހޫރިއްޔަތުގައި ނުވަތަ މިންހާޖުއްނުބުއްވަތުގައި ހިނގަމުންއައި އިސްލާމީ ޚިލާފަތުގައި ބައިތުލްމާލަކީ ރައްޔިތުންގެ އަމާނަތެކެވެ. ޚަލީފާއަކު އެ އަމާނަތަކީ އެބޭކަލެއްގެ އަމިއްލަފުޅު ޚަޒާނާކަމުގައި ހެއްދެވިނަމަ އެންމެ ދުވަހަކުވެސް މަގާމަކު ދެމިއެއް ނުހުންނެވުނީހެވެ.

3. އިސްލާމީ ޖުމްހޫރިއްޔަތު ނުވަތަ الخــلافــة الــرّاشــدة ގައި ކޮންމެ ރައްޔިތަކަށްވެސް ޚަލީފާއިން އިޙްތިސާބުކުރުމުގެ ފުރިހަމަ ޙައްޤު އޮތެވެ. ޚަލީފާއިން ގެންދެވީ އިޙްތިސާބުކުރާން ހިތްވަރު ދެއްވަމުންނެވެ. އެޒަމާނުގައި ޢާންމު މުސްލިމުން އެކަންކުރިގޮތަށް މިޒަމާނުގައި ރައްޔިތުންގެ މީހަކު އެކަންކުރާން އުޅެފިނަމަ އެމީހެއްގެ ނިމުމަކަށްވާނީ ޖަލުކަމުގައި ނުވަތަ ޤަތުލުކުރެވުން ކަމުގައިވުމަކީ ދުރުކަމެއް ނޫނެވެ.

4. الخــلافــة الــرّاشــدة ގައި ނިޔާކަނޑައެޅުމުގެ ނިޒާމަށް ފުރިހަމަ މިނިވަންކަން އޮތެވެ. ނަމަވެސް އެޒަމާނަށްފަހު ފަނޑިޔާރުގެ އޮތީ ރަސްރަސްކަލުންގެ ފިއްތުންތަކުގެ ދަށުގައެވެ.

5. އިސްލާމީ ޚިލާފަތުގައި އިޖްތިމާޢީ ހުރިހާކަމެއް ކުރެވެމުންދިޔައީ ސައްލާއާއި މަޝްވަރާގެ މަތީންނެވެ. އެ ބަރަކާތްތެރި ދައުރު ނިމުމާއެކު ރަސްރަސްކަލުންނަކީ ގޮށްމުށުބާރުގެ ވެރީންކަމުގައި ވެވަޑައިގެންފިއެވެ.

6. الخــلافــة الــرّاشــدة ގެ ދައުރުގައި ޚަލީފާއިންގެ ދިރިއުޅުއްވުމަކީ ފާފައިން އެއްކިބާވެވަޑައިގެންނެވުމާއި ތަޤްވާވެރިކަމުގެ ނަމޫނާއެކެވެ. އެބޭކަލުންގެ ޒަމާނަށްފަހު ފެށުނު ދައުރަކީ ފާސިޤުކަމާއި ފާޖިރުކަމާއި "ހިއްޕެވުމާއި" ނާޗަރަންގީގެ ދައުރެކެވެ.

7. އިސްލާމީ ޖުމްހޫރިއްޔަތުގައި ނުވަތަ ޚިލާފަތުގައި ސަރުކާރުގެ ނިޒާމު ހިނގަމުންދިޔައީ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ ނާރެހުގައެވެ. ނަމަވެސް އެއަށްފަހު އައި ދައުރުގައި އިސްކަންދެވުނީ މާލީ މަންފާތަކަށާއި ސިޔާސީ މަޤްޞަދުތަކަށެވެ. އާ މުސްލިމުންގެ އަތުންވެސް ޖިޒީ ނަގާން ފެށިއްޖެއެވެ. ސަރުކާރުގެ ޚަޒާނާ މުއްސަނދިކުރުމަށްޓަކައެވެ. ބަނޫ އުމައްޔަތުގެ ޒަމާނުގައި އެކަމުގެ މިސާލުތައް ފެންނާން ފަށައިފިއެވެ. الخــلافــة الــرّاشــدة ގެ ޒަމާނުގައި ބައިތުލްމާލަކީ އޭގެ ޙައްޤުވެރީންގެ އެއްޗެކެވެ. ޚަލީފާއަށް އެބޭކަލެއްގެ އުފާފުޅަށްޓަކައި ނުވަތަ ޚާންދާނުގެ ކުޅިސަމާއަށްޓަކައި ބައިލާރިވެސް ޚަރަދެއް ނުކުރެއްވޭނެއެވެ.

(ނުނިމޭ)