ރައްޔިތުންގެ މަޖިލީހުގައި މަޖިލިސް މެންބަރަކު ވަޒިރަކާ ސުވާލުކުރުމުން ދެއްވާ ޖަވާބާ ގުޅިގެން އިތުރު ސުވާލުކުރުމަށް މެންބަރުންނަށް ދޭ ވަގުތު 30 މިނެޓަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން މަޖިލީހުން ފާސްކުރީ، އާއްމު ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޓީގައި ބަހުސްކުރުމަށްފަހު އެ ބަދަލު ގެންނަން ކޮމިޓީން ފާސްކޮށް އެކަމަށް ގޮތެއް ކަނޑައެޅުމަށް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް މަޖިލިސް ގަވާއިދުގެ 78 ވަނަ މާއްދާގައި މިހާރު ކަނޑައަޅާފައިވާ 20 މިނެޓުގެ މުއްދަތުގެ ތެރޭގައި ގިނަ މެންބަރުންތަކެއް ފުރުސަތަށް އެދިފައި އޮތް ނަމަވެސް ގިނަ މެންބަރުންނަށް ފުރުސަތު ނުލިބި އެ ވަގުތު ހަމަވެގެންދާ މައްސަލައިގައި މަޖިލީހުގެ ބައެއް މެންބަރުން ޝަކުވާ ކުރުމާ ގުޅިގެން އެކަމަށް ގޮތެއް ނިންމައި ދިނުމަށް އެދިވަޑައިގެން ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މި މައްސަލައަށް ކޮމިޓީގައި ބަހުސްކުރެއްވުމަށްފަހު، ކޮމިޓީން ފާސްކުރީ ގަވާއިދުގައި މިހާރު އޮތް 20 މިނެޓުގެ ތެރެއަށް 10 މިނެޓް އިތުރުކުރުމަށެވެ. އެއީ ވަޒީރު އެކަމަށް އިންކާރު ނުކުރާ ނަމައެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނިންމުމަށް ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމެވެ.
އޭނާ ހުށަހެޅުއްވީ އިތުރު ސުވާލު ކުރުމަށް މެންބަރުންނާ ދޭ ވަގުތު ޖުމުލަ 30 މިނެޓަށް އިތުރު ކުރުމަށެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެންނެވެ.