ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 11

ކޯޓު ދޮރުމަތީގައި ރޫބިޔާ އާއި ވިލިނީ މަޑުކޮށްލައިގެން ހުއްޓެވެ. ކައިވެނީގެ މަޖިލިސް ނިންމައި ބޭރަށް ނުކުތް ފަހުން ނަހީކް ވިލިނީއަށް ގެއްލިއްޖެއެވެ. އުންމީދު ކުރި ފަދަ މަންޒަރެއް ނަހީކްގެ ފަރާތުން ނުފެނުނީތީ ވިލިނީ ހުރީ ލަދުންނެވެ. ވާންވީ ކިހިނެއްކަމެއް ނޭނގިފައެވެ. އެހެން ހުރެފައި ރޫބިޔާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"އެއީ ކޮންކަހަލަ މީހެއް؟" އެންމެފަހުން ވިލިނީ ބުންޏެވެ.

"ކިހިނެއްވީ؟ ދެން ޝަކުވާނުކުރޭ. ދިރިއުޅެވޭތޯ ބަލާތި" ރޫބިޔާ ބުންޏެވެ. އިތުރަށް ވާހަކަދައްކަން ވިލިނީއަށް ފުރުސަތެއް ނުދިނެވެ. ނަހީކްގެ އަމަލުތައް ހުރިގޮތުން ރޫބިޔާވެސް ހުރީ ފޫހިވެފައެވެ.

ކުއްލިއަކަށް ފެނުނީ ކައިރިން އަޅާފައި ދިޔަ ނަހީކެވެ. ޒޯނުގައި ހުރި ސައިކަލް ނެރެން ފެށުމުން ވިލިނީ ކުރިއަށް ޖެހިލިއެވެ. ހީކުރީ ވިލިނީ ގޮވައިގެން ދާނެ ކަމަށެވެ. ކުރިއަށް ޖެހެވުނީ އެހެންވެއެވެ. އެހެންނަމަވެސް ބަޔަކު ބަލަހައްޓައިގެން ތިބިކަން ނަހީކަށް ނޭނގޭ ކަހަލައެވެ. ނޫނީ ހަމަ ގަސްދުގައި އަޅާނުލާ ދިޔައީއެވެ.

"އަޅާނުލާ. އެއީ ފިސާރި ފޮނިބޮޑު މީހެއް. ހިނގާ އެގެއަށް ދާން" އަޅައިވެސްނުލާ ނަހީކް ކުރިއަށް ދުއްވާލުމާއެކު ރޫބިޔާ ބުންޏެވެ. ވިލިނީ ހުރީ ހައިރާންވެފައެވެ. ކައިވެނިކުރި ފަހުން އަދި ފަނަރަ މިނެޓް ވީކަމެއްވެސް ނޭނގެއެވެ. ވިލިނީ ހުރީ ކޮން ސިފައެއްގަތޯވެސް ނަހީކް ބަލައިނުލައެވެ. އެވަރުގެ މީހަކާއެކު މުޅި އުމުރު ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟

************

ރޭގަނޑުގެ ކެއުމުގެ ފަހުން ނަހާ އާއި ޝާހްބާޒް ނުކުމެ ގޯތިތެރޭގައި ހުރި ޖޯލީގައި އިށީނދެގެން ތިއްބެވެ. ބައެއް ރޭރޭ އެގޮތަށް ނުކުމެ ވާހަކަދައްކާލަން ތިބުމަކީ ދެމަފިރިން ކުރާ ކަމެކެވެ. ބޯދަށަށް އެއް އަތް ލައްވާލައިގެން ޝާހްބާޒް އޮތީ ހާމައަށް ފެންނަން އޮތް އުޑަށް ބަލަހައްޓައިގެންނެވެ. ތާއަބަދު އޭނާއަށް ކުރެވޭ ފިކުރުގައި ބަނދެވިފައެވެ.

"އަހަރެން ދެން ހަދާނީ ކިހިނެއް؟" ޝާހްބާޒް ބުންޏެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނަހާއަށް ނޭނގުނެވެ. ބުނެވޭ ބަހެއްގެ ސަބަބުން ފިރިމީހާއަށް ދުވަހަކުވެސް ފުރިހަމަނުވާނޭ އުންމީދެއް ދެވިދާނެތީ ނަހާ އިނީ ވިސްނައިގެންނެވެ.

"އަހަރެން ދަންތަ ބައްދަލުކޮށްލަން" ނަހާ ބުންޏެވެ. ވަގުތުން ޝާހްބާޒް ދެކޮޅު ހެދިއެވެ.

"އަހަރެން ބޭނުމެއްނޫން އޭނަ ކުރިމައްޗަށް ދުވަހަކުވެސް ނާ ދާކަށް. އޭނަ އަހަރެންނަށް ކުރާ ނަފްރަތުގެ އެންމެ ބޮޑު އަސްލަކީ ތީ" ޝާހްބާޒް ބުންޏެވެ. ނަހާ އިސްޖަހާލިއެވެ.

"އަހަރެންނަށް މިކުރެވުނީ ކުށެއްތަ؟ ޝާހުގެ ކައިވެނި ރޫޅެން ދިމާވީ އަހަރެންގެ ސަބަބުންތަ؟" ނަހާ ބުންޏެވެ. ޝާހްބާޒް ނަހާއަށް ބަލައިލިއެވެ. އިސްއޮބާލައިގެން އިންގޮތުން އަނބިމީހާ ވަރަށް ހިތުގައި ޖެހިފައި އިންކަން ޝާހްބާޒަށް އެނގުނެވެ. އެހެންކަމުން ނަހާގެ ކޮނޑުމަތިން އަތް ވަށާލާފައި ގަޔާ ކައިރިކޮށްލިއެވެ.

"އަހަރެންވެސް ބޭނުންވީ ލޯބި. ޔަތީމުވި ދެ ދަރިންނަށް އޯގާތެރިވާނެ މީހަކު ބޭނުންވީ. އެފަދަ ހިތްހެޔޮ ކަމަކަށް އަހަރެން ހުރީ ފެންބޮވައިގަނެފަ. ދެވަނަ ފަހަރަށް އަހަރެންނާ ޝާހު ބައްދަލުވުމަކީ އެއީ ތަގުދީރުގެ ނިޔާ. އަހަރެންގެ ގަސްދަކީ ކައިވެންޏެއް ރޫޅާލުމެއް ނޫން" ހިތުގައި ޖެހިފައި ނަހާ ވާހަކަދައްކަމުން ދިޔައެވެ.

**********

ގޭޓުން ސައިކަލް އެތެރެއަށް ވަނުމާއެކު ގާޑު ގޭޓު ލައްޕަން އުޅުނެވެ. މަޑުޖެހުނީ ދޮރުމައްޗަށް ހުއްޓާލި ކާރުން ފައިބައިގެން ގޭޓާ ދިމާލަށް އައި ދެ އަންހެނުން ފެނިފައެވެ.

"އަހަރެމެން ނުހުއްޓުވާތި. ދުރުގަހުރޭ. އަހަރެން މިއައީ މިގޭ ވެރިމީހާގެ އަނބިމީހާ ގޮވައިގެން" ރޫބިޔާގެ އެ ޖުމްލަ ރުވާފައި ފޮނުވާލި ތީރެއްހެން ކުރިއަށްދިޔަ ނަހީކްގެ ކަންފަތުގައި ޖެހުނެވެ.

ދެއަތް މުށްކެވިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. ގޭގައި ކަންކަން ބަލަހައްޓަން ތިބޭ މީހުން ކައިރީގައި ނަހީކްގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެހެން މީހަކު ދެއްކުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ. ރޫބިޔާ އެގޮތަށް ގާޑު ކައިރީގައި ބުނީތީ ނަހީކް އިންތިހާއަށް ރުޅިއައެވެ.

"ބެގަރީ..." ނަހީކް ބެގަރީއަށް ގޮވާލުމާއެކު ފަހަތުގައި އައިސް ޖައްސައިފިއެވެ. ގާޑު މީހާ ޕޯސްޓު ތެރެއަށް ވަދެ މަޑުކޮށްލައިގެން ހުއްޓެވެ.

"މެހްމާނު ކޮޓަރިއަށް ގެންދޭ" ނަހީކް ބުންޏެވެ. އެއާއެކު ބެގަރީ ބަލައިލީ ރޫބިޔާއަށް ވުރެ ކުޑަތަންކޮޅެއް ކުރީގައި ހުރި ވިލިނީ އަށެވެ. ދެވަނަ ބަހެއް ނުކިޔައި ބެގަރީ ހިފީ ވިލިނީ ކައިރީގައި ހުރި ބްރީފްކޭހުގައެވެ.

"ހިންގަވާ އެތެރެއަށް" ބެގަރީ ބުންޏެވެ. ނަހީކްގެ މޫނަށް ބަލަހައްޓައިގެން ހުރެ ވިލިނީ ލަސްލަހުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ނޭނގޭ ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު މޫނުމަތިން އެކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ގޭތެރެއަށް ވަނުމުގެ ކުރިން ފަހަތަށް އެނބުރި ވިލިނީ ރޫބިޔާއަށް ބަލައިލިއެވެ. އެއާއެކު ވިލިނީއަށް ރޫބިޔާ އަތް އުފުލާލިއެވެ.

"ކަލޭ މަޑުކުރޭ" އެތެރެއަށް ވަންނަން ހިނގައިގަތް ރޫބިޔާގެ ފިޔަވަޅު ހީވީ ހިލައިގެ ގާތަކުގެ މަތީގައި ތަތްލިހެންނެވެ.

"ބުނަން. ކަލޭގެ ޗަރުކޭސް ބަލަން އަހަރެން ނުހުންނާނަން. އެއީ މަގޭ ދަރިއެއްފަދަ ކުއްޖެއް. އެކުއްޖާގެ ގައިގައި އިނގިލީ ކުރި ޖައްސާލިޔަސް ނިމުނީ" ރޫބިޔާ ބުންޏެވެ.

އިންޒާރެއްދޭ ފަދައިން ރޫބިޔާގެ އިނގިލި ހުރީ ނަހީކްގެ މޫނަށް ދިއްކޮށްފައެވެ. ނަހީކް ޖަހާލީ ހިނިގަނޑެކެވެ. ހުނުން ހުއްޓައެއްވެސް ނުލިއެވެ. އިނގިލި ތިރިކޮށްލާފައި ރޫބިޔާއަށް ނަހީކްގެ މޫނަށް ބެލެމުން ދިޔައެވެ. ނުބައި ނުލަފާ ހިޔަޅު އިންސާނެކެވެ. މަކަރުވެރިކަމާއި ސިއްރުވެރިކަން އެ ހުނުމުގައި އެކުލެވިގެންވާކަން ރޫބިޔާއަށް އިހުސާސްވިއެވެ. ނަހީކްގެ ސިކުނޑީގައި އެނބުރެމުންދަނީ ކޮންކަހަލަ ކަންތައްގަނޑެއް ކަމެއް އަންދާޒާ ކޮށްލަންވެސް ރޫބިޔާއަށް ނޭނގުނެވެ.

"ކަލޭ ހަނދާންކުރައްޗެ. ހިސާބު ބަރާބަރު މިވީ. މީގެފަހުން މި މަގުންވެސް ކަލޭ ފެނިގެން ނުވާނެ. ރައްކާވޭ" ނަހީކް ބުންޏެވެ. އަތުން އިޝާރާތްކޮށް ގޭޓު ދައްކާފައި ނަހީކް ރޫބިޔާއަށް ފުރަގަސްދިނެވެ.

"ކަލޭ ތިއީ ކާކު އަހަރެންނަށް އަމުރުކުރަން. މަގޭ ދަރި އާ ބައްދަލުނުކުރެވޭ ގޮތް ކަލޭ ކީއްކުރަން ދުނިޔޭގެ އެއްވެސް ބާރަކަށް ނެހެދޭނެ" ރޫބިޔާ ގަދަވެލިއެވެ. ނަހީކްގެ ކުރިމަތީގައި ބަލިވުމަކީ ރޫބިޔާ ބޭނުންވާކަމެއް ނޫނެވެ.

"ހެހެހެ... އޭނަ ސަލާމަތުން ބަހައްޓަން ބޭނުމިއްޔާ އަހަރެން މިބުނި ގޮތަށް ކަލޭ ކަންތައްކުރަން ޖެހޭނީ. އެހެންނޫނީ... އަހަރެންނަކީ ކޮންކަހަލަ މީހެއްކަން ކަލެއަށް އޮޅިފައެއް ނޯންނާނެ" ނަހީކް ބުންޏެވެ.

ރޫބިޔާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ނަހީކް އެދިން ބިރުވެރި އިންޒާރާއެކު ރޫބިޔާގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅައިގަތެވެ. ވިލިނީއަށް ކަމެއްވެއްޖެނަމަ ރަށުގައި ހުރި ކޮއްކޮއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެވަގުތަށް އެންމެ ރަނގަޅުވާނީ ނަހީކް އެދުނު ފަދައިން ކަންތައްތައް ކުރުންކަން ރޫބިޔާއަށް ވިސްނުނެވެ. ނުކުމެގެން ދިޔައިރު ނަހީކަށް ވަރުގަދައަށް ދެލޯ އަޅާލިއެވެ.

**************

ސިޑިން ފައިބައިގެން އައި ރިންދާ އައީ އަތުގައި އޮތް ފޯނުން ވިލިނީއަށް ގުޅައިގެންނެވެ. އެހެންނަމަވެސް ވިލިނީ ފޯނަށް ޖަވާބުނުދޭތީ ރިންދާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ކައިވެނިކޮށްފިކަން ރިންދާއަށް އެނގުނީ ވިލިނީގެ ފޭސްބުކް ސްޓޭޓަސް އާކޮށްފައި އިނުމުންނެވެ. އަންގާނުލާތާ އެވަރުގެ ކަމެއް ވިލިނީ ކުރީތީ ރިންދާ ދެރަވެސްވިއެވެ.

ބަދިގެއަށް ވަންގޮތަށް ފޯނު މޭޒުމަތީގައި ބާއްވާފައި ރިންދާ އުޅުނީ ކޮފީއެއް ހެދުމަށެވެ. ރޭގަނޑު ދިހައެއްޖަހައި ބޮޑުވެއްޖެއެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ރިންދާ ނިދަން ބޭނުންވާ ގަޑި ނުޖެހޭތީ ކޮޓަރީގައި ހުންނަން ބޭނުންނުވިއެވެ.

ކޮފީ އާއި ބިސްކޯދު ހިފައިގެން މޭޒާ ހަމައަށް ނާދެވެނީސް ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ. ރިންދާ ބަލައިލީ ވިލިނީ ކަމަށެވެ. އެހެންނަމަވެސް އަރާފައިން އަޔާލްގެ ނަން ފެނުމުން ރިންދާގެ ދެ ތުންފަތް ދެމިލިއެވެ. ދެލޮލުން ފާޅުވެގެން ދިޔައީ ތަފާތު ވިދުވަރެކެވެ. ހިތުގެ ހިނގުންވެސް ތަފާތުވިހެން ހީވިއެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި ރިންދާ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

"ހާދަ ވަރަކަށް ލަދުތިގަންނަނީ" ރިންދާއަށް 'ހެލޯ' އޭ ނުބުނެވެނީސް އަޔާލްގެ އަޑު އިވިއްޖެއެވެ. މޮޔައެއްހެން ވަށައިގެން ރިންދާއަށް ބަލައިލެވުނީ ފެންނަ ހިސާބުގައި އަޔާލް ހުރި ކަމަށެވެ.

"ހަނދާން ވަނީ. އަހަރެން މިހުރީ އަދިވެސް އިންތިޒާރުގަ" ރިންދާގެ ހީލުމުގެ އަޑު އިވުމުން އަޔާލް ބުންޏެވެ.

"މާދަމާ ޖަވާބެއްދޭނަން" ރިންދާ ބުންޏެވެ.

"ތިހެންވިއްޔާ މިރޭ ނުވެސްނިދޭނެ" އަޔާލް ބުންޏެވެ.

"އަހަރެން ދޭ ޖަވާބަކުން ޔާލް ދެރަނުވައްޗެ" ރިންދާ ބުންޏެވެ.

"މަސައްކަތްކުރާނަން. ބެލްކަންޏަށް ނުކުމެލަބަ. ކަމަނަ ދެކިލާހިތުން" އަޔާލް ބުންޏެވެ. އަޔާލް ވާހަކަދައްކަމުން ދިޔައިރު މަގުމަތިން ދުއްވާ އެއްޗެހީގެ އަޑު ރިންދާއަށް އިވުނީ ދެނެވެ. ރިންދާއަށް ބެލްކަންޏާ ދިމާލަށް ދެވުނީ ދުވެފައެވެ.

"ކޮބާ؟" ރިންދާ ބެލްކަންޏަށް ނުކުމެފައި ދެފަރާތް ބަލައިލިއެވެ. އަޔާލް ފެންނަން ނެތުމުން ކޮބާތޯ އެހުނީ އެހެންވެއެވެ.

"މިހާ ކައިރީގައި ހުރިއިރުވެސް ކީއްވެ ދުރު ތިހޯދަނީ" އަޔާލް ބުންޏެވެ.

ދިމާލަށް ހުރި ފިހާރައިގެ ކުޑަދޮރުގައި ލެގިލައިގެން ހުރި އަޔާލް ރިންދާއަށް ފެނުނީ ދެނެވެ. ވަގުތުން ރިންދާގެ ހިނިތުންވުން ފުންވެލިއެވެ. އަޔާލްއަށް އަތުން ހަނާ އަޅާލިއެވެ.

"ކޮންކަހަލަ އެއްޗެއް ލައިގެން ތިހުރީ" ރިންދާ އެހިއެވެ.

"ގަރާޖު މަސައްކަތް އަދި ނިމުނީ ދޫންޏާ. ގެއަށް ދިޔަ މަގުމަތީގައޭ ރިދާގެ މޫނު ދެކިލަން މިއައީ" އަޔާލް ބުންޏެވެ.

"ދެން މިހާރު ފެނިއްޖެތަ؟" ރިންދާ އެހިއެވެ. ވާހަކަދައްކަމުން ދިޔައިރު ދެމީހުން ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ.

"މާބޮޑަށްވެސް. ކައިރިއަށް ދާހިއްވަނީ. އެކަމަކު..." އަޔާލް ބުންޏެވެ.

"އެކަމަކު.... ކިހިނެއްވީ؟" ރިންދާ ބުންޏެވެ.

"ހީވަނީ ކައިރިއަށް ދިޔުމުގެ ފުރުސަތު އަހަރެންނަށް ނުލިބޭނެހެން" އަޔާލް ބުންޏެވެ.

"ތިއެއް އިނގޭނީ ވަގުތުޖެހުނީމަ"

******************

ވިލިނީއަށް ހޭލެވުނީ މުޅި ހަށިގަނޑަށް ފިނިވެގެންނެވެ. ކޮޓަރި މެދުގައި ހުރި ކިންގް ސައިޒްގެ ބޮޑު އެނދުގައި ވިލިނީ އޮތީ ކުޑަ ތަންކޮޅެއްގައެވެ. ދެލޯ ހުޅުވުމާއެކު އެންމެ ފުރަތަމަވެސް ވިލިނީއަށް ހޯދާލެވުނީ ފޯނެވެ. ބާލީސް ކައިރީގައި އޮތް ފޯނު ނަގާފައި ވިލިނީ ގަޑި ބަލައިލިއެވެ. ފަތިހު ފަސްގަޑިބައި ވެއްޖެކަން އެނގުމުން ވިލިނީ އެނދުން ތެދުވިއެވެ. ކޮޓަރިއަށް ވެއްދި ފޮށި ބެގަރީ ބެހެއްޓި ތަނުގައި ހުއްޓެވެ. ކައިވެންޏަށްފަހު އަނބިމީހާގެ ހާލު ބަލައިލަންވެސް ފިރިމީހާ ނާންނަކަން އެނގުމުން ވިލިނީ ދެރަވެއްޖެއެވެ. ބޮޑޫ ވިލިނީ އެއްކޮށްޕާލީ ކޮންފަދަ މުސީބާތެއްގެ ތެރެއަށް ކަމެއްވެސް ނޭނގެއެވެ.

"އެއީ އިންސާނެއްތަ އަނެއްކާ؟ އަހަރެންނަށް ޝައްކު" ފޮށި ހިފައިގެން އައިސް އެނދަށް އަރުވަމުން ވިލިނީ އަމިއްލަ ނަފްސަށް ބުންޏެވެ.

"ބޭނުންނުވާއިރު ކީއްކުރަން ކުރި ކައިވެންޏެއް؟ އަހަރެން ވަކި މޮޔަވެގެނެއް ނޫނޭ ކައިވެނި ކުރީކީ؟ ފޮނި މީހެއް. މިގޭ މީހަކާވެސް އަހަރެން ބައްދަލުކުރުވީކީ ނޫން. ހީވަނީ ޖަންގައްޔެއްގެ ތެރޭގައި ހުރި ހޮހޮޅައަކަށް އަހަރެން ވައްދާފައި ހުރިހެން" ބަދަލުކުރަން ބޭނުންވާ ހެދުން ހިފައިގެން ގޮސް ވިލިނީ ފާހާނާއަށް ވަނެވެ.

************

މޭޒު ކައިރީގައި ހުރި ބެގަރީ ބަލައިލީ ކޮޓަރިއެއްގެ ދޮރު ލެއްޕުނު އަޑަށެވެ. ވިލިނީ ނުކުތީކަން ބޭގަރީއަށް އެނގުނެވެ. އެކަން އެނގުމުން އަވަސް އަވަހަށް މޭޒުމަތި ރަމަތަކޮށްލިއެވެ. ތަންތަން ހޯދަމުން އައި ވިލިނީއަށް ކާ ބައި ހުރި ދިމާ އެނގުނީ ތަނބަކުން އެކަން ފާހަގަކޮށްފައި ހުރުމުންނެވެ. އޭނާ ހިނގާފައި އައީ ދެވޭ ނުދެވޭ ތަނެއް ނޭނގިއެވެ.

"ސަލާމް ކޮއްކޯ" ވިލިނީ ސިހުނީ ދާދި ކައިރިން ބަރު ފިރިހެން އަޑެއް އިވިމުންނެވެ. ބެގަރީ ދާދި ގާތުގައި ހުރިކަން އެނގުމުން ވިލިނީ މޭގައި އަތްއަޅާލިއެވެ.

"ކޯޗެއްތޯ ތައްޔާރުކޮށްދޭންވީ؟" ބެގަރީ އެހިއެވެ. ވިލިނީއަށް ހަމަޖެހިލެވުނެވެ. ބޭގަރީގެ އަޑުގައި އޯގާތެރިކަންވިއެވެ. ދެލޮލުންވެސް އެއްވެސް ހަރުކަށިކަމެއް ވިލިނީއަށް ނުފެނެއެވެ.

"ތިއީ... ތިއީ...؟"

"މިއީ ބެގަރީ. މިގޭ ހުރިހާ ކަމެއް ބަލަހައްޓަނީ އަޅުގަނޑު. އަޅުގަނޑު ދިވެހިން ވާހަކަދެއްކިޔަސް އަޅުގަނޑު މިއީ މި ގައުމުގެ ރައްވެއްސެއް ނޫން" ބެގަރީ ވާހަކަދެއްކިއެވެ.

ބެގަރީގެ ވާހަކަދެއްކުމުގައި ހުރި އޮމާންކަމާއި ސާދާކަމުން ވިލިނީއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެ ބިރުވެރި ގޭގެ ތެރެއިން ލިބުނު ފިނިކަމެކެވެ.

"ކޮބާ ނަ.... ނަހީކް؟" އަޅައަޅައިގަންނަމުން ވިލިނީ އެހިއެވެ.

ބެގަރީ ވިލިނީގެ މޫނަށް ބަލައިލީ ރަހުމާއި ކުލުނުން ފުރިގެންވީ ބެލުމަކުންނެވެ. ރޭގައި އެ އަންހެންކުއްޖާއާ ނަހީކްގެ ކައިވެނި ކުރެވިއްޖެކަން ބެގަރީއަށް އެނގެއެވެ. އަދި އެކުއްޖާއާ ނަހީކް އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަންވެސް ބެގަރީއަށް އެނގެއެވެ. ބެގަރީ ދެރަވީ ނަހީކްގެ ހަޔާތުގައި ވިލިނީއަށް ހިތާމަ އާއި ހިތްދަތިކަން ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނެކަން ހަނދާންވެފައެވެ.

"ނަހީކް އޮފީހަށް ހިނގައްޖެ" ބެގަރީ ބުންޏެވެ.

**************

ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލާފައި ބަރަކް ވަނީ ކަންމަތީ ފިހާރައަށެވެ. ކަޕްނޫޑްލްސް ތައްޓަކާއި މަސްމިރުސް ޕެކެޓެއް ގަނެގެން މަގުހުރަސްކޮށްލާފައި ބަރަކް ގެއަށް ވަނެވެ. އޮފީހުގައި އުޅެފައި ބަރަކް ގެއަށް އައީ މެންދުރު ކާށެވެ. އަޔާލް ވަޒީފާގައި ހުރުމުން ގޭގައި ކާ އެއްވެސް އެއްޗެއް ރޯފިލުވާފައި ނުހުންނާނެކަން ބަރަކްއަށް އެނގެއެވެ. ކަޕްނޫޑްލްސް ގަތީ އެހެންވެއެވެ.

ހެދުން ބަދަލުކޮށްގެން ބަރަކް ބަދިގެއަށް ވަންއިރު މޭޒު ކައިރީގައި ކަޅު ސައި ތައްޓަކާއި ފާރޮށި ކިބައެއް ހިފައިގެން އިން ރޫބިޔާ ފެނިފައި ހައިރާންކަމުގެ ބެލުމަކުން ބަލައިލިއެވެ.

"މަންމަ މިއަދު ވަޒީފާއަށް ނުދާ ދުވަހެއްތަ؟" ގެނައި އެއްޗެހި މޭޒުމަތީގައި ބަހައްޓާފައި ބަރަކް އަވަސްވެލީ ފެން ހޫނުކުރާށެވެ.

"އަހަރެން މިއަދު މިއުޅެނީ ބަލިވެ. އަހަރެން މިތާ ވެއްޓިފަ އޮތަސް ކިހިނެއްވެފަތޯވެސް އަހާލާނެ މީހަކު މިގޭގަ އުޅޭތަ؟" ރޫބިޔާ ވާހަކަދެއްކިއެވެ.

"މަންމަ ބަލިކަމެއް ނޭނގޭ. ޑޮކްޓަރަށް ދައްކަން ހިނގާ" ބަރަކް ބުންޏެވެ.

"ކީއްކުރަން. ބަރަކް ކޮންމެހެން މާ މާތް ދަރިއަކަށް ވާންއުޅޭނެ ކަމެއްނެތް" ރޫބިޔާ ބުންޏެވެ.

ބަރަކް ފުންނޭވައެއް ދޫކޮށްލިއެވެ. މިހާތަނަށްވެސް ބަރަކްއަށް ހެޔޮކޮށް ރޫބިޔާ ބަހެއް ބުނެފައެއް ނެތެވެ.

"ބަރަކް. އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ. ތިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިއަކީ. ކައިވެންޏެއް ނުކޮށް އަންހެނަކާއެކު ތިހެން އުޅެނިކޮށް ބޮނޑިއެއް ބޮވިދާނެ. އެހެންވީމަ އަވަހަށް ޖިލްވާ އާ އިންނަން އުޅޭ" ރޫބިޔާ ވާހަކަދެއްކިއެވެ. ބަރަކްއަށް ލިބުނީ ހައިރާންކަމެކެވެ. ކުއްލިއަކަށް ރޫބިޔާ އެވާހަކަ ފެށުމުގެ ބޭނުމެއް އޮތްކަމަކަށް ބަރަކް ނުދެކެއެވެ.

"ކިހިނެއްވީ މިހާރު؟ އެވަރުގެ އެއްޗެއް ބުނުމުގެ ހައްގުވެސް އަހަރެންނަށް ނެތީތަ؟" ބަރަކް ބަލަހައްޓައިގެން އިންގޮތުން ރޫބިޔާ ބުންޏެވެ.

"އެހެނެއްނޫން. އަހަރެން މިހިތަށް އެރީ ހައްގު އޮތް ކަންތައްތަކުގެ ވާހަކައަށް ވުރެ ބޮޑަށް މަންމަގެ ޒިންމާތަކުގެ ވާހަކަދެއްކިއްޔާ މާ ރަނގަޅުވާނެހެން" ބަރަކް ބުންޏެވެ. ބޯން އިން ސައި ޖޯޑު ތިރިކޮށްލާފައި ދެލޯ ވަށްކޮށް ބަރަކްގެ މޫނަށް ރޫބިޔާ ބަލައިލިއެވެ.

"މަންމައަށް ހަމަ ނުވިސްނޭތަ؟ އަހަރެން އަދި މީހަކާ ނީންނަމޭ. އަހަރެންނަކީ މަންމަގެ ދަރިއެކޭ. މަންމަ އަތުން ކާއެއްޗެއް ރޯފިލުވާފަ ދިން ދުވަހެއް ބުނެބަލަ ނިކަން. ވަޒީފާ ނިންމާފަ އައިމަ އަހާލިންތަ ކާނަންހޭ؟ ނޫނީ ކައިގެންހޭ ތިއައީ. މަންމައަށް ނިމުނީ ވަޒީފާ އަދާކޮށްފަ އެހެން ކަންކަން ކުރެވެނިކޮށް. ނީއްތަގެ ކައިވެނިކޮށްދީފަ މިހާރު ތިއުޅެނީ އަހަރެން ކައިވެނި ނުކޮށްގެން. މަންމައަށް އުނދަގުވީތަ؟" ބަރަކް އެހިއެވެ.

"އަހަރެން ބުނީމެއްނު ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ވާހަކައެއް ނުދެއްކޭނޭ" އެއްބައި ބޮއެފަ ހުރި ސައިޖޯޑު ހިފައިގެން ތެދުވަމުން ރޫބިޔާ ބުންޏެވެ.

*************

ގަރާޖުގައި މަސައްކަތް އެންމެ ބުރަވި ވަގުތެވެ. ސައިކަލެއްގެ ހަން ބެއްދުމުގައި އުޅުނު އަޔާލްގެ ބުރަކަށީގައި މީހަކު ކޮށްޓާލުމުން ބަލައިލިއެވެ.

"ކައެ ހޯދަން ކުއްޖަކު އައިސް އެބަހުރި" ފަހަތުގައި ހުރި މީހާ ބުންޏެވެ. ކުރަން ހުރި މަސައްކަތް އެމީހާ އާ ހަވާލުކޮށްފަ ފޮތިކޮޅަކުން ދެއަތް ފޮހެމުން ގަރާޖުން އަޔާލް ނުކުތެވެ. ދޮރުމަތީގައި ހިނިތުންވެލައިގެން ހުރި ރިންދާ ފެނުމުން އަޔާލްއަށް ގަބޫލުކުރަން ދަތިވިއެވެ. ހުވަފެނެއް ކަމަށް ހީކޮށް ދެތިން ފަހަރު އެސްފިޔަ ޖަހާލިއެވެ.

"މިއީ ހަމަ އަހަރެން" ރިންދާ ބުންޏެވެ. އަޔާލް ހީލިއެވެ. ދެން ހެދިލައިގެން ހުރި ރިންދާގެ ފުރިހަމަ އިސްކޮޅަށް ބަލައިލިއެވެ.

"ކޮންދަތުރެއް؟ ކިހިނެއް މިތަން ރިދާއަށް އެނގުނީ؟" އަޔާލް ބުންޏެވެ. އެއިރު ގަރާޖު ތެރެއިން އެކުވެރިންތަކެއް އަޔާލް އާ ދިމާކުރުމުގެ ގޮތުން އެކި އަޑުއަޑުން އެއްޗެހި ބުނެލާ އަޑު އިވެއެވެ.

"އަހަރެން މިއައީ ކުރީ ރެއަކު ޔާލް އަހަރެންނަށް ދިން ފިނިފެންމާ ބަލާ" ރިންދާ ބުންޏެވެ. ޝައުގުވެރިކަމާއެކު ރިންދާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި އަޔާލް ރިންދާ އެނބުނި އެއްޗެއް ވިސްނާލިއެވެ.

"ޔަގީންތަ؟"އިނގޭތަ ތިބުނެވުނު އެއްޗެއް" އަޔާލް ބުންޏެވެ.

"އިނގޭ. ކޮބާ އެމާ؟ ދޭންވީ" ރިންދާ ބުންޏެވެ.

ލޯބިވެތި ނަޒަރެއް ރިންދާއަށް ދީގެން ހުރި އަޔާލް އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރިއެވެ. ވަގުތުން ރިންދާ އޭނާގެ ދެ އަތުގެ ތެރެއަށް ގެނެސް ބޮނޑިކޮށްލަން ހިތްއެދުނެވެ. އެހުރިހާ ކަމަކަށް އެޅުނު ހުރަހަކަށް ވީ ހުރެވުނު ތަނެވެ.

"ބައްދަލުކުރަންވީ ތަނެއް ބުނޭ. އޭރުން މާ ލިބޭނެ" އަޔާލް ބުންޏެވެ.

"މިރޭ ނުވައެއް ޖަހާއިރު. އަހަރެން ޔާލްއަށް މަޑުކުރާނަން. ގޮވައިގެން ދާންވީ ތަނެއް އެނގޭނީ ޔާލްއަށް" ރިންދާ ބުންޏެވެ. އަޔާލް ހީލިއެވެ. ދެން މަޑުމަޑުން ރިންދާއާ ގާތަށް އެއްފިޔަވަޅު އެޅިއެވެ.

"ސައިކަލް ފަހަތަށް އަރާނަންތަ؟" މަޑުމަޑުން އަޔާލް އަހާލިއެވެ. ވަގުތުން ރިންދާ ބޯޖަހާލިއެވެ.

************

ވިލިނީގެ ކޯލެއް ރިންދާއަށް ލިބުނީ ދުވަހުގެ އިރުއޮށްސެން އުޅެނިކޮށެވެ. ފޯނު ނެގިގޮތަށް ފުރަތަމަވެސް ރިންދާ ޝަކުވާކޮށްލިއެވެ.

"އަހަރެންގެ ހާލު އަހާލަބަލަ އެންމެ ފުރަތަމަ" ވިލިނީ ބުންޏެވެ.

"ކީއްކުރަން. ނޭހިޔަސް އެނގޭ ވިލީ ހުންނާނީ އުފަލުންކަން. ކައިވެނިވެސް ކުރެވުނީނުން. އަހަރެން ހީކުރީ ފިރިސޮރުގެ އުނގުތެރެން އަދި ބޯހިއްލާ ނުލެވެނީ ކަމަށް" ރިންދާ ވާހަކަދެއްކިއެވެ.

"ތެދެއް ތިބުނީ. ގާޒީންނާއި ހެކިވެރިންގެ ކުރިމަތީގައި ފިރިހެނަކު އަނބި ގަބޫލުކޮށްފީމޭ ބުނި އަޑު އެހިން" ވިލިނީ ބުންޏެވެ.

"ކީކޭ ތިބުނީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟" ކަމެއް ގޯސްވެއްޖެހެން ހީވުމުން ރިންދާ އެހިއެވެ.

"އެތަނުން އެގަޑީގަ އޭނަ ނުކުތްގޮތަށް އަދި ލޮލަށް ނުފެނޭ. ސީރިޔަސްލީ ރިދާ... އަހަރެންނަށް ދެން ހަދާނެގޮތެއްވެސް ނޭނގުނު. ކައިވެންޏެއް ކުރެވުނުކަމެއް ނޭނގޭ" ވިލިނީ ވާހަކަދެއްކިއެވެ. ވިލިނީގެ އަޑުގައި މޮޅިވެރިކަމެއް ހުރިކަން ރިންދާއަށް އިހުސާސްވިއެވެ. އެގޮތަށް އެކުވެރިޔާއަށް ދިމާވުމުން ހަގީގަތުގައިވެސް ރިންދާ ހިތުގައި ޖެހުނެވެ.

ވިލިނީގެ ވާހަކަތަކުން ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. އެކުވެރިޔާ އާ ވާހަކަދައްކާލައި ހުރިހާ ކަމެއް އެނގެން ރިންދާ ބޭނުންވިއެވެ.

"އަހަރެން ދަންތަ ވިލީ އާ ބައްދަލުކޮށްލަން. ތިގޭ އެޑްރެސް ފޮނުވަބަލަ" ރިންދާ ބުންޏެވެ.

"ޔާރައްބީ. ލާހިކެއްނޫން އަހަރެންނަށް މިގެއަށް މީހަކު ވައްދާކަށް. ރިދާ ހުރޭ. އަހަރެން ދާނަން ކޮންމެސް ވަގުތަކުން" ވިލިނީ ބުންޏެވެ.

(ނުނިމޭ)