ރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލުތައް މުހިއްމު ދައުރެއް އަދާ ކުރާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މުޖުތަމައުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ޕްރައިވެޓް ސްކޫލުތަކާއި ޕްރައިވެޓް ޕްރީ ސްކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމު ކަމަށާއި ތައުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ގައުމު ކުރިއެރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތުން ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވިޔަސް ކުރިއެރުންތައް ހޯދޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
ތުއްތު ކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ނަކަލުކުރާ ބައެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހިނގާ ނުރަނގަޅު އަމަލުތަކުން ކުދިން ސަލާމަތްކޮށް، އެ ކުދިންނަށް ނަމޫނާ ބަޔަކަށް ވުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވައިފައެވެ.
އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން ހިންގާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ އެސްކޭޖީގެ 11 ކުލާހެއްގެ ދަރިވަރުންގެ ތެރެއިން އެސްކޭޖީ ހަތެއް، ދިހައެއް އަދި އެގާރައިގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު