ޚަބަރު

މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރުގެ ބޭސިން ފުންކުރުމުގެ 80 ޕަސެންޓް ނިމިއްޖެ

ރިފާ ހަލީލު

ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 80 ޕަސެންޓު ނިމިއްޖެއެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ މުޅި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުއަކީ ޖުމުލަ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެއެވެ.

އަދި ބަނދަރާއި ނެރު ފުންކުރުމާއި ރޭމްޕެއް ހެދުމާއި ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތްވެސް ކުރާނެއެވެ.