ލައިފް ސްޓައިލް

މީޑިއާ ބިލިއަނަރު މާރޑޮކާއި ފިލްމީތަރި ޖެރީ ހޯލްގެ ކަައިވެނި ނިމުމަކަށް!

އޮސްޓްރޭލިޔާއަށް އުފަން އެމެރިކާގެ މީޑިއާ ބިލިއަނަރު ރޫޕަރޓް މާރޑޮކާއި އޭނާގެ އަންހެނުން ޖެރީ ހޯލްގެ ކައިވެނި ނިމުމަކަށް އަތުވެއްޖެއެވެ.

އުމުރުން 91 އަހަރުވީ މާރޑޮކާއި 65 އަހަރުވީ ޖެރީ ހޯލްގެ ކައިވެނި ކުރެވުނީ ވަރަށްވެސް ބޮޑު ހަފުލާއެއްގައި 2016 ވަނަ އަހަރުއެވެ. މި ކައިވެންޏަށްފަހު މާރޑޮކް ބުނެފައިވަނީ ޖެރީ ހޯލަކީ އެފަދަ ދެވަނައެއްނުވާ ބައިވެރިއެއް ކަމަށާއި އެކަހަލަ ބައިވެރިއެއް ލިބުމަކީ އޭނާއަށްވުރެ ނަސީބުގަދަ އެހެން ފިރިހެނަކު ނެތުމާ އެއްކަހަލަ ކަމެއް ކަމުގައެވެ. މަސައްކަތަށްވުރެ ބޮޑަށް މިހާރު ބަލަނީ އަންހެނުންނަށް ވަގުތު ދެވޭތޯ ކަމަށްވެސް ބުނެފައިވެއެވެ.

މިހާވަރަށް ފޮނިކަނޑައި ފޮނުއެރުވުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ މިދެމަފިރިން ވަރިވާ ވާހަކަ ފެތުރުމުން ރައްޓެހިންނާއި ހެޔޮއެދޭ މީހުން ވަނީ ހައިރާންވެފައެވެ. މާރޑޮކަކީ މީޑިއާގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބިލިއަނަރެވެ. އެމެރިކާގެ ފޮކްސް ނިއުސްއާއި ވޯލްސްޓްރީޓް ޖާނަލްގެ ވެރިޔަކީ އޭނާއެވެ. އިނގިރޭސިވިލާތުގެ ދަ ސަން ނޫހާއި ދަ ޓައިމްސް ނޫހުގެ ވެރިޔަކީވެސް އޭނާއެވެ. މީގެ އިތުރަށް މުޅި ދުނިޔޭގެ އެންމެ މަޝްހޫރު މަލްޓިމީޑިއާ ކުންފުނި ކަމަށްވާ އެމެރިކާގެ ޓުވެންޓީފަސްޓް ސެންޗަރީ ފޮކްސްގެ ބާނީއަކީވެސް މާރޑޮކެވެ. ދާދިފަހުން އޭނާ ވަނީ މި ކުންފުނި ވޯލްޓް ޑިޒްނީ ކުންފުންޏަށް ވިއްކާލައިފައެވެ.

މާރޑޮކްގެ މީޑިއާ ވިޔަފާރިއެކޭ އެއްގޮތަށް އޭނާގެ ލޯބީގެ ހަޔާތްވެސް ވަރަށް ކުލަގަދައެވެ. ފިލްމީތަރި އަދި ކުރީގެ މޮޑެލް ޖެރީ ހޯލަކީ މާރޑޮކްގެ ހަތަރުވަނަ އަނބިމީހާއެވެ. ކުރީގެ ތިން ކައިވެނިން އޭނާއަށް ހަ ކުދިން ލިބިފައިވެއެވެ. އަނެއްކޮޅުން ޖެރީ ހޯލްގެ ލޯބީގެ ހަޔާތުގެ ވިދުންވެސް ހަމައެހާ ގަދައެވެ. ރޯލިން ސްޓޯންސް ގްރޫޕުގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކް ޖެގާރ އާއި އިނދެގެންނާއި ނީނދެ ހަތަރު ކުދިން ވިހާފައިވެއެވެ. ގާތްގަޑަކަށް ބާވީސް އަހަރު އެކީގައި އުޅެފައި ދެމީހުން ވަކިވީ 1999 ގައެވެ.