ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ޔޫރަޕް ތަމްސީލުކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވާންކުރާނެ ކަމަށް ބެލެވޭ ހަތް ޓީމު

އިމާދު ލަތީފު

1

ޔޫރަޕުގެ ސަރަހައްދީ ފުޓްބޯޅަ ކޮންފެޑެރޭޝަނުގެ ނަމަކީ ޔުއޭފާއެވެ. މިއީ ފީފާގެ ހަ ކޮންފެޑެރޭޝަނުގެ ތެރެއިން އެންމެ މުއްސަނދި، އެންމެ ވަރުގަދަ، އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބުވެސް ކޮންފެޑެރޭޝަނެވެ. މިހާތަނަށް އެކާވީސް ވޯލްޑްކަޕް ބޭއްވިފައިވާއިރު އޭގެތެރެއިން ބާރަފަހަރު ތަށި ހޯދާފައިވަނީ ޔުއޭފާއަށް ނިސްބަތްވާ ގައުމުތަކުންނެވެ. ޔުއޭފާގެ މެންބަރު ގައުމުތަކުގެ އަދަދަކީ 55 ކަމަށްވާއިރު މީގެ ތެރެއިން ކޮންމެ ހަތަރު ގައުމަކުން އެއްގައުމު މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުން ފެނިގެންދާނެއެވެ. މާނަޔަކީ ޔުއޭފާ ތަމްސީލުކުރާ ތޭރަ ގައުމު ފެނުމެވެ. މިފަހަރު ޔޫރަޕުން ކޮލިފައިވެފައިވާ ތޭރަ ޓީމުގެ ތެރެއިން ތިރީގައި މިބަލާލަނީ ފީފާގެ ރޭންކިންއާއި ފެންވަރާއި ކާމިޔާބީތަކަށް ބަލާފައި އެންމެ އިސްކޮށް ތަރުތީބުކުރެވޭ ހަތް ގައުމަށެވެ.

1- ފްރާންސް (ދަ ބްލޫސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފްރާންސްގެ ޓީމު ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ދަ ބްލޫސްގެ ނަމުންނެވެ. މިއީ ނޫކުލައިގެ ޖާޒީ ލައިއުޅޭތީ ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި މިވަގުތު ފްރާންސްގެ ވަނަޔަކީ ތިންވަނަ އެވެ. ފްރާންސަކީ ވޯލްޑްކަޕުގެ އެންމެފަހުގެ ޗެމްޕިއަންވެސްމެއެވެ. އެއީ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއްބާރެވެ. މިފަހަރުގެ ވޯލްޑްކަޕަކީ ފްރާންސްގެ ސޯޅަ ވަނަ ވޯލްޑްކަޕެވެ. މިހާތަނަށް ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެއްފަހަރު ރަނަރއަޕްކަން ލިބުނެވެ. ފްރާންސާއިމެދު އެންމެ ފާހަގަކުރެވޭ ނުގުތާޔަކީ ވޯލްޑްކަޕުގެ ފައިނަލްގައި ކުޅެފިއްޔާ ދެން ޖެހިގެން އަންނަ ވޯލްޑްކަޕެއްގައި ގްރޫޕް ފިޔަވަހިން ކަޓައިގެން ދިއުމެވެ. މީގެ ކުރީގެ ދެފަހަރު އެކަން ހިނގީ އެހެންނެވެ. މިފަހަރު އެހެންވެއްޖެނަމަ ހެޓްރިކް ފުރިހަމަވީއެވެ.

2- ޖާރމަނީ (ޑީ މަންޝާފްޓް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޖާރމަނީގެ ޓީމު ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ޑީ މަންޝާފްޓްގެ ނަމުންނެވެ. މިނަމުގެ އިނގިރޭސި މާނަޔަކީ "ދަ ޓީމް" މިއެވެ. ފީފާ ރޭންކިންގައި މިވަގުތު ޖާރމަނީގެ ވަނަޔަކީ ބާރަވަނައެވެ. ރޭންކިންގެ ކޮންމެ ހިސާބެއްގައި ޖާރމަނީ އޮތަސް އެއީ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބާރެވެ. އަދި ވޯލްޑްކަޕުގައި ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމެވެ. މިފަހަރަކީ ޖާރމަނީގެ ވިހިވަނަ ވޯލްޑްކަޕެވެ. މިހާތަނަށް ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. ރަނަރއަޕްކަންވެސް ހަތަރު ފަހަރު ހޯދާފައިވެއެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕަކީ ވޯލްޑްކަޕްގެ މުޅި ތާރީޚުގައިވެސް ޖާރމަނީގެ އެންމެ ނާކާމިޔާބު ފަހަރެވެ. ގްރޫޕް ފިޔަވަހިވެސް ކަޑައްތު ނުކުރެވި ލައްވައިލީ 32 ޓީމުގެ ތެރެއިން 22 ވަނައިގައެވެ.

3- ސްޕެއިން (ލަ ރޯހާ)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސްޕޭނުގެ ޓީމު ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ލަ ރޯހާގެ ނަމުންނެވެ. މިނަމުގެ އިނގިރޭސި މާނަޔަކީ "ދަ ރެޑް ވަން" އެވެ. މިއީ ޖާޒީގެ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި މިވަގުތު ސްޕޭނުގެ ވަނަޔަކީ ހަތްވަނައެވެ. ފަހަކަށް އައިސް ސްޕޭނަކީ ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއްބާރެވެ. މިފަހަރަކީ ވޯލްޑްކަޕުގައި ސްޕޭން ކުޅޭ ސޯޅަވަނަ ފަހަރެވެ. ފައިނަލްގައި ކުޅެފައިވަނީވެސް އަދި ޗެމްޕިއަންކަން ލިބިފައިވަނީވެސް މިހާތަނަށް އެންމެ ފަހަރަކުއެވެ. އެއީ 2010 ގެ ވޯލްޑްކަޕެވެ. އޭގެފަހުން މިހާތަނަށް ކުޅެވުނު ދެ ވޯލްޑްކަޕުގެ ތެރެއިން 2014 ވަނަ އަހަރު ކެޓީ ގްރޫޕް ފިޔަވަހިންނެވެ. އެންމެފަހުން 2018 ވަނަ އަހަރު ކެޓީ ދެވަނަބުރުން ނުވަތަ ސޯޅަ ޓީމުގެ ނޮކައުޓް ބުރުންނެވެ.

4- އިންގްލެންޑް (ދަ ތްރީ ލަޔަންސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިންގްލެންޑްގެ ޓީމު މަޝްހޫރުވެފައި އޮންނަނީ ތްރީ ލަޔަންސް ނުވަތަ ތިން ސިންގާގެ ނަމުންނެވެ. މިއީ ގަދީމީ އިންގްލެންޑުގެ ސިއްކައިގައި ކުރަހާފައި ހުންނަ ތިން ސިންގާއަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި އިންގްލެންޑުގެ ވަނަޔަކީ މިވަގުތު ފަސްވަނައެވެ. މިފަހަރުގެ ވޯލްޑްކަޕަކީ އިންގްލެންޑުގެ ސޯޅަވަނަ ވޯލްޑްކަޕެވެ. މިހާތަނަށް އެއްފަހަރު ފައިނަލްގައި ކުޅެގެން ތަށިވެސް ވަނީ ހޯދައިފައެވެ. އެއީ އަމިއްލަ ފަސްގަނޑުގައި ކުޅެގެން 1966 ވަނަ އަހަރުއެވެ. ސެމީފައިނަލްގައި ކުޅެގެން ދެފަހަރަކު ބަލިވެފައިވެއެވެ. އެންމެފަހުން ކުޅުނު ދެ ވޯލްޑްކަޕަށް ބަލާއިރު 2014 ވަނަ އަހަރު ކެޓީ ގްރޫޕް ފިޔަވަހިންނެވެ. އޭގެ ހަތަރު އަހަރު ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ކުޅެފައިވެއެވެ.

5- ނެދަރލޭންޑްސް (އޮރާންޔަ)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހޮލެންޑް ނުވަތަ ނެދަރލޭންޑްސް މަޝްހޫރުވެފައި އޮންނަނީ އޮރާންޔަ ގެ ނަމުންނެވެ. މި ނަމުގެ މާނަޔަކީ އޮރެންޖެވެ. މިއީ ގައުމީ ޖާޒީގެ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި ނެދަރލޭންޑްސްގެ ވަނަޔަކީ މިވަގުތު 10 ވަނައެވެ. މިއީ ވޯލްޑްކަޕުގައި ނެދަރލެންޑްސް ކުޅޭ އެގާރަވަނަ ފަހަރެވެ. މިހާތަނަށް ތިން ފަހަރަކު ރަނަރއަޕްކަން ހޯދާފައިވެއެވެ. އެންމެ ގިނައިން ފައިނަލް ކުޅެގެން ތަށި ހޯދިފައިނުވާ ޓީމަކީވެސް ނެދަރލޭންޑްސްއެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ކުޅުނު ވޯލްޑްކަޕަށް ކޮލިފައި ނުވެއެވެ. އޭގެ ކުރިން ކުޅުނު ދެ ވޯލްޑްކަޕުގެ ތެރެއިން އެއްފަހަރު ފައިނަލްގައި އަނެއްފަހަރު ސެމީފައިނަލްގައި ކުޅުނެވެ. ނެދަރލޭންޑްސްގެ ފުޓްބޯޅައިގެ ރަންޒަމާނަކީ 1970 ގެ އަހަރުތަކެވެ. ޔޯހަން ކްރައިފްމެންގެ ޒުވާން ދުވަސްވަރެވެ.

6- ބެލްޖިއަމް (ދަ ރެޑް ޑެވިލްސް)

ބެލްޖިއަމް މަޝްހޫރުވެފައި އޮންނަނީ ރެޑް ޑެވިލްސްގެ ނަމުންނެވެ. މިއީ ޖާޒީގެ ރަތްކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި ޖޫންމަސް ނިމެމުންދާއިރު ބެލްޖިއަމްގެ ވަނަޔަކީ ދެވަނައެވެ. އަހަރު ފެށިގެންއައީ ރޭންކިންގެ އެއްވަނައިގައި އޮވެގެންނެވެ. މިއީ ވޯލްޑްކަޕްގައި ކުޅޭ ސާދަވަނަ ފަހަރެވެ. މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއަކީ 2018 ވަނަ އަހަރު ތިންވަނަ ލިބުމެވެ. އޭގެކުރިން 1986 ގައިވެސް ސެމީގައި ކުޅެފައިވެއެވެ. އެންމެފަހުގެ ދެ ވޯލްޑްކަޕަށް ބަލާއިރު އެއްފަހަރުން އަނެއްފަހަރަށް އެއްދަރަޖަ ކުރިއަށް ޖެހެމުން އައިސްފައިވެއެވެ. އެގޮތުން 2014 ވަނަ އަހަރު ކުއާޓަރގައި އަދި 2018 ވަނަ އަހަރު ސެމީގައި ކުޅުނެވެ. މި ތަރުތީބަށް ބަލާފައި މިފަހަރަކީ ފައިނަލްގައި ކުޅޭނެ ފަހަރެކޭ ބުނެވިދާނެއެވެ.

7- ޕޯޗުގަލް (އެ ސެލެސާއޯ)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޕޯޗުގަލްގެ ވަނަމަކީ "އެ ސެލެސާއޯ" އެވެ. މީގެ އިނގިރޭސި މާނަޔަކީ ދަ ސެލެކްޝަނެވެ. ހޮވައިލެވޭ ޓީމެވެ. ފީފާ ރޭންކިންގައި ޖޫންމަހު ޕޯޗުގަލްގެ ވަނަޔަކީ 8 ވަނައެވެ. ގަތަރުގައި މިފަހަރު ޕޯޗުގަލް ކުރާ ތަޖުރިބާޔަކީ އެގައުމުން ވޯލްޑްކަޕުގައި ކުރާ 8 ވަނަ ތަޖުރިބާއެވެ. މިހާތަނަށް ވޯލްޑްކަޕުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޯދުމެވެ. އޭގެފަހުން 2006 ވަނަ އަހަރު ޖާރމަނީގައި ބޭއްވުނު ވޯލްޑްކަޕުގެ ސެމީ ފައިނަލުގައިވެސް ކުޅެފައިވެއެވެ. އެންމެ ފަހުން ކުޅުނު ދެ ވޯލްޑްކަޕަށް ބަލާއިރު 2014 ވަނަ އަހަރު ކެޓީ ފުރަތަމަ ބުރުންނެވެ. އޭގެ ހަތަރު އަހަރު ފަހުން 2018 ވަނަ އަހަރު ކެޓީ ދެވަނަ ބުރުން ނުވަތަ ސޯޅަ ޓީމުގެ ނޮކައުޓް ބުރުންނެވެ.