ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި އަނެއްކާވެސް ތެލުގެ އަގު ބޮޑުކުރުމުން މިފްކޯ އިން ވެސް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފިއެވެ.
މިފްކޯ އިން އިއްޔެ އާންމުކުރި އަގުތަކުގައިވާ ގޮތުން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ވަނީ ލީޓަރަކުން ތިން ރުފިޔާ ބޮޑުކޮށްފައެވެ. އަދި އާންމުންނަށް ޑީސަލް ވިއްކާ އަގު ލީޓަރަކުން ފަސް ރުފިޔާ ވަނީ ބޮޑުކޮށްފައެވެ.
މިފްކޯ އިން މީގެ ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ މަސްދޯނިފަހަރަށް ލީޓަރެއް 14.44 ރުފިޔާއަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 17.10 ރުފިޔާއަށެވެ.
މިފްކޯ އިން އިއްޔެ ބޮޑުކޮށްފައިވާ އަގަށް ބަލައިލާ އިރު, މަސްދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކުމަށް ނިންމާފައިވަނީ 17.63 ރުފިޔާއަށެވެ. އަދި އާންމުންނަށް ދެން ޑީސަލް ލީޓަރެއް ވިއްކާނީ 22.66 ރުފިޔާއަށެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ވެސް އިއްޔެއިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. އެސްޓީއޯ އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.77 ރުފިޔާއަށެވެ. މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރި ހަތަރުވަނަ ފަހަރެވެ.
އެސްޓީއޯ އިން އިއްޔެ ބުނީ، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް އުފުލެމުންދާ ކަމަށެވެ.
އެސްޓީއޯ އިން އެންމެފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 14.60 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު 14.80 ރުފިޔާއަށެވެ.
އެސްޓީއޯ އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ވެސް ތެޔޮ ވިއްކާ އަގުބޮޑު ކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 12.98 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް 13.04 ރުފިޔާއަށެވެ.
މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ވެސް އެސްޓީއޯއިން ވަނީ ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 11.16 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު 11.84 ރުފިޔާއަށް ބޮޑު ކުރިއެވެ.