ޚަބަރު

އިތުރު ބަޔަކާއެކު އަނދުން ހުސެއިން ބަރަހަނާ ހާލުގައި އޮތް ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ

އިބްރާހިމް ޒަކީ

އިތުރު ބަޔަކާއެކު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ބަރަހަނާ ހާލުގައި އޮތް ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިއީ ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައިވާ ފޮޓޯއަކާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ.

އެ ފޮޓޯއިން ފެންނަނީ، އަނދުން ހުސެއިން ކަމަށް ބުނާ މީހާ އެނދެއްގައި އުޑުތިލަމަތިން އޮށޯވެ އޮންނައިރު އޭނާއާ ޖެހިގެން އެއް ފަރާތުގައި ފިރިހެނެއް އަދި އަނެއްފަރާތުން އޭނާގެ އަތްދަނޑި މަތީގައި މޭމައްޗަށްވާ ގޮތަށް އަންހެނަކު އޮތް ފަދަ ގޮތަކަށެވެ.

އެ ފޮޓޯ ސޯޝަލް މީޑިއާގައި ލީކުކޮށްލުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށާއި، އޭނާ ހައްޔަރުކުރުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

އެކަމާ ގުޅިގެން ފުލުުހުން މިއަދު ބުނީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ފުލުހުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

އަނދުން ހުސެއިން ކަމަށް ބުނާ މީހެއްގެ ބަރަހަނާ ފޮޓޯއެއް ލީކު ކޮށްލާފައިވާ އިރު، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން، އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުތަކާ ގުޅިގެން މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓް ރޭ ހިފާއްޓާފައިވާ ކަމަށެވެ.