ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

ބޮޑީބޯޑިން ޓްރަޔަލްސްތަކުގެ ސެމީ ފައިނަލަށް ތައްޔާރުވެއްޖެ

ބައިނަލްއަގުވާމީ ބޮޑީ ބޯޑިންގެ ވޯލްޑް ޓުއާގައި ހިމެނިގެން އަންނަ މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން އިވެންޓުގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ސެމީ ފައިނަލް ހީޓުތަކަށް ތައްޔާރުވެއްޖެއެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ އެންމެ ބޮޑު އިވެންޓް، ވޯލްޑް ޓުއާގައި މިފަހަރު ރާއްޖޭގައި ބާއްވާ މުބާރާތެއް ހިމެނިފައިވާ އިރު، އެއީ މިފަހަރުގެ ވޯލްޑް ޓުއާގައި ހިމެނޭނެ ދެވަނަައަށް އެންމެ އަގުބޮޑު މުބާރާތެވެ.

ޖުލައި 29 އިން އޯގަސްޓް ހަތަކަށް ރާއްޖޭގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ އެ މުބާރާތުގެ ފައިސާގެ އިނާމަކީ 70،000 ޑޮލަރެވެ. ވޯލްޑް ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން އެ މުބާރާތަށްވުރެ އަގުބޮޑު ހަމައެކަނި މުބާރާތަކީ ޗިލީގައި މޭ މަހު ބާއްވާ އަންޓޮފަގަސްޓާ ބޮޑީ ބޯޑިން ފެސްޓިވަލެވެ. އެ މުބާރާތުގެ އަގަކީ 90،000 ޑޮލަރެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ޓްރަޔަލްސްތަކުގެ ކުއާޓާ ފައިނަލުން ޖޫނިއާ މެންސް ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ މުހައްމަދު ކައިފް، އިބްރާހިމް އަތޫފް، އިޔަން އަހުމަދު އަދި އަބްދުﷲ ޝިމާލް ޝަމީމް (ޝިމައްލެ) އެވެ. ސެމީ ފައިނަލްގެ ހީޓް އެކެއްގައި ވާދަކުރަނީ އަތޫފާއި ކައިފެވެ. އަދި ދެވަނަ ހީޓުގައި ޝިމައްލެ އާއި އިޔަން ވާދަކުރާނެއެވެ.

މެންސް އޯޕަން ސެމީ ފައިނަލުގައި ވާދަކުރަނީ މުހައްމަދު ވިއާމްއާއި އަލީ ޖާވިދު (ޖާއްޓެ)ގެ އިތުރުން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރުގެ މަގާމު އެންމެ ފަހުންވެސް ހޯދި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަދި މުހައްމަދު ޖަރީޝް ޖިހާދެވެ.

ކުއާޓާ ފައިނަލްގެ ހީޓް ހަތަރެއްގައި ކުޑަ އައްޔަ ވަނީ އަހުމަދު ނަޒްމީން ބަލިކޮށްފައެވެ. ކުޑައައްޔަ ވަނީ 14.17 ޕޮއިންޓް ސްކޯ ކޮށްފައެވެ. ނަޒްމީނަށް އެހީޓުގައި ކުރެވުނީ 9.10 ޕޮއިންޓުގެ ސްކޯއެކެވެ. ކުއާޓާ ފައިނަލްގެ ހީޓް ދޭއްގައި ޖާއްޓެ މޮޅުވީ 13.27 ޕޮއިންޓު ސްކޯ ކޮށްގެންނެވެ. އޭނާއާ ވާދަކުރި މޫސާ މުހައްމަދަށް ސްކޯ ކުރެވުނީ 5.53 ޕޮއިންޓެވެ.

ޑްރޮޕް ނީ ކެޓަގަރީ މިހާރު ގޮސްފައިވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ. ކުއާޓާ ފައިނަލުގައި ދެ ހީޓެއް ހިމެނޭއިރު، ފުރަތަމަ ހީޓުގައި ވާދަކުރަނީ ޝިމައްލެ، ވިއާމް އަދި ރީޝާންއެވެ. ހީޓު ދޭއްގައި ވާދަކުރަނީ ކުޑަ އައްޔަ، ދާއޫދު ފަޒީހު އަދި ހައްސާން މުހައްމަދެވެ.

ރާއްޖެއަށް ފުރަތަމަ ވޯލްޑް ޓުއާ މުބާރާތް

މިއީ ލީގު އުސޫލުން އަހަރު ތެރެއަށް ބަހާލައިގެން ހިންގޭ މިފަދަ ބޮޑު ކުޅިވަރެއްގެ ވޯލްޑް ޓުއާ މުބާރާތެއްގެ ފުރުސަތު ރާއްޖެއަށް ލިބޭ ފުރުތަމަ ފަހަރުވެސް މެއެވެ. މޯލްޑިވްސް ޕްރޯގައި ދުނިޔޭގެ ބޮޑީބޯޑިންގައި ފާހަގަކޮށްލެވޭ އެންމެ ފުންނާބު އުސް އެތުލީޓުން ވާދަކުރާ އިރު، ފުރުސަތަކީ ރާއްޖޭގެ އެތުލީޓުންނަށްވެސް ލިބޭ ބޮޑު ފުރުސަތެކެވެ. މިއީ އޭޝިއާއަށްވެސް ބޮޑީބޯޑިން ވޯލްޑް ޓުއާގެ މުބާރާތެއް އަންނަ ފުރަތަމަ ފަހަރުވެސް މެއެވެ.

"އަބަދުވެސް ރާއްޖޭގެ އެތުލީޓުން ދެކެމުން އައި ހުވަފެނެއް ވޯލްޑް ޓުއާ މުބާރާތެއްގައި ޕާފޯމް ކުރުމަކީ. އެހިސާބަށް ދާން މި ލިބުނީ ވައިލްޑްކާޑު ފުރުސަތެއް. އެއީ މުބާރާތް ރާއްޖެ މިއައީ. މިއީ ވަރަށް ބޮޑު ފުރުސަތެއް ދިވެހި ހުރިހާ އެތުލީޓުންނަށްވެސް. ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުންގެ ހުނަރުވެރިކަން ފެނުމުން ލިބޭނެ ވަރަށް ބޮޑު މޯޓިވޭޝަނެއް. އެހެންވީމަ މިއީ ވަރަށް ބޮޑު ފުރުސަތެއް،" މޯލްޑިވްސް ޕްރޯގެ ސަބަބުން ލިބޭނެ ފުރުސަތާއި ގުޅޭ ގޮތުން ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) "ވަން" އަށް ބުންޏެވެ.

ވޯލްޑް ބޮޑީބޯޑިން ޓުއާގެ ރާއްޖޭގެ އިވެންޓަށް ހޯސްޓްކުރާ ގައުމުގެ ގޮތުގައި ރާއްޖެއަށް ދެ ވައިލްޑްކާޑް ސްލޮޓް ލިބެއެވެ. އެމްބީބީއޭއިން ނިންމާފައި ވަނީ މިހާރު ކުރިއަށްދާ ކޮލިފިކޭޝަނަށް ބަލައި، ރާއްޖޭގެ ބޮޑީބޯޑިން ރޭންކިންއެއް އެކުލަވާލައި، ކޮންމެ ޑިވިޝަނަކަށް ދެ ސްލޮޓް ދިނުމަށެވެ. ވައިލްޑްކާޑް ސްލޮޓް ލިބޭ އެތުލީޓެއް ވާދަކުރާނީ ގަދަ 32 ބޮޑީބޯޑަރުން ވާދަކުރަން ފަށާ ހިސާބުންނެވެ. އެ ގޮތުން ވައިލްޑްކާޑް ދޭނީ ބޮޑީބޯޑިން ލީގުގެ ރޭންކިން އެއް ވަނަ އަދި ދެ ވަނަ އަށެވެ.

އައިބީސީން ދޭ ވައިލްޑްކާޑް ސްލޮޓްގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޑިވިޝަނުގައި ދެ ބޮޑީބޯޑަރުންނާއި ޖޫނިއާ މެންސް ޑިވިޝަންގައި ދެ ބޮޑީބޯޑަރުންނާއި ޓްރަޔަލްސް އިން ކުރިހޯދާ ޑްރޮޕްނީ ކެޓަގަރީގެ ދެ ބޮޑީބޯޑަރުންނަށެވެ.

ހުނަރުހުރި ލެވަލާއި މުބާރާތުގައި ވާދަކުރަން އަންނަ ދުނިޔޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުންގެ ލެވަލަށް ބަލާފައި، ވައިލްޑްކާޑް އެންޓްރީއެއް ދިނުމުގެ ބަދަލުގައި، ވިމެންސް ޑިވިޝަނުން ވައިލްޑް ކާޑްގެ ބަދަލުގައި އެމްބީބީއޭ އިން ދޭނީ ފްރީ ޕާސް އެވެ. ޕްރީ ޕާސް ދިނުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ކެޓަގަރީ އާއި ޖޫނިއާ މެންސް ކެޓަގަރީން ހަތަރު ޖާގަ، ވިމެންސް އޯޕަން ޑިވިޝަން އަދި ޑްރޮޕްނީ ޑިވިޝަން، ކޮންމެ ޑިވިޝަނަކުން ދެ ޖާގައެވެ.