ޚަބަރު

ހުމާއި ރޯގާ ފެތުރޭތީ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުގެ ހިދުމަތް ފަށައިފި

މުހައްމަދު އިޝާން

މިދުވަސްވަރު ހުމާއި ރޯގާ ފެތުރޭތީ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން ހިދުމަތް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ، މިދުވަސްވަރު ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފްލޫ ކްލިނިކުން ހިދުމަތް ދެނީ ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިމަހުގެ ހަ ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް ހަތަރު ބައްޔެއް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޑެންގީ، އަރިދަފުސް ރޯގާ، އިންފުއެންޒާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވާ ކަމަށެވެ.

މިއަހަރު މިހާތަނަށް ޑެންގީގެ 92 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 32 ކޭސް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ ފަހު ހަފުތާގައި ކަމަށެވެ. މިދިޔަ މަހު ޑެންގީގެ 185 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި 73 ކޭސް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، އަރިދަފުސް ރޯގާ ޖެހިގެން އޭޕްރީލް މަހު 12،978 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހު 4،105 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ، އެޕްރީލް މަހާ އަޅައި ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށާއި އަދި ޓެސްޓު ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން ހަތަރު ސާމްޕަލެއް އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު ވަނީ ބޭރަށް ހިންގުމުގެ 1،575 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މަހު 1،824 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.