މޭޒުކައިރީގައި ފޯނަށް ބަލހައްޓައިގެން އިން ނަހީކަށް ހެވެނީއެވެ. އެންމެފަހުން ހުނުންގަނޑު ބާރުވަމުން ގޮސް އެ އަޑު މުޅިން ކެބިން ތެރެއަށް ފެތުރޭ ވަރަށް ބާރުވިއެވެ. ހުޅުވާލާފައި އިން ހަބަރުގެ ތަފްސީލު ކިޔޭ ގޮތެއްވެސް ހެވޭ ވަރުން ނުވިއެވެ. ހަބަރުގެ ސުރުހީ ކިޔާލުމާއެކު ނަހީކަށް ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ.
"އަހަރުގެ އެންމެ ބޮޑު ޖޯކު" ހުނުންގަނޑުގެ ތެރެއިން ނަހީކް ބުންޏެވެ.
***************
އިރުކޮޅަކުން ފޯނުން ބަލަހައްޓައިގެން އިނދެފައި ލެޕްޓޮޕުން ރާއްޖެއިން ބޭރުގެ ނަންބަރަކާ ވީޑިޔޯ ކޯލު ކޮށްލިއެވެ. މާގިނަ އިރެއްނުވެ ސްކްރީނުން ފެންނަން އިނީ ނަހީކް ބައްދަލުކުރަން ބޭނުންވި ފަރާތެވެ. އެ ސޫރަ ފެނުމާއެކު ނަހީކަށް ޖަޒުބާތީ ވެވުނެވެ. ފެންނަން އިން މީހާ ދެއަތުގެ ތެރެއަށް ގެނެސް ދެ ލޮލުގައި ބޮސްދޭން ބޭނުންވިއެވެ.
"ރަނގަޅުތަ؟"
ނަހީކް ނިކަން އަވަހަށް ބޯޖަހާލިއެވެ. ދެން ހާލު އަހާލާފައި ހަނދާންވާ ވާހަކަ ބުނެލިއެވެ. ވަރަށް އަވަހަށް ބައްދަލުކުރަން ދާނެ ވާހަކަ ބުނެފައި ހޯދަން ބޭނުންވި މީހާ ގޭތެރޭގައި އުޅޭތޯ އަހާލިއެވެ.
"މިއޮތް އައީނު. އޭނަ ނުހުންނާނެ ކަމަކަށް އޭނަގެ ނަން ކިޔާކަށް ނުވާނެ"
ދެ އެކުވެރިންނަށް ދައްކަން ބޭނުންވި މައުލޫއަށް ވާހަކަނުދެއްކި އިރުގަނޑެއް ދިޔައެވެ. އިތުރު މީހަކު މައިދާނަށް މައުޖޫދުވެ އިނުމުންނެވެ. އެހެންނަމަވެސް އިރުކޮޅެއްފަހުން ދެ އެކުވެރިން އެކަނިވެއްޖެއެވެ.
"ހަބަރުތައް ބަލައިލިންތަ؟" އެހެން އެހުނީ ދެ އެކުވެރިންނަށް އެއްކޮށެވެ. އެހެންކަމުން ދެމީހުންވެސް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.
"އެ ކާކުތަ؟ ނާކު ދަންނަ މީހެއްތަ؟"
"ނޫން. އެހެންވެއޭ މިކަން އަހަރެންނަށް ޖޯކަކަށް ވެގެން މިއުޅެނީ؟"
"އޯކޭވާނެ. ރައްކާވެ ތިބިއްޔާ ދަތުރު" ނަހީކް ބުންޏެވެ. "ޒޭވާ! އަދި މިއީ ނިމުމެއް ނޫން"
"ކަލޭ މަށަށް ބިރުދައްކަނީތަ؟ އަހަރެން މިހިރީ އެމީހުންގެ އަތްފޯރާ ފަށަށް ވުރެ ދުރުގަ"
*******************
ކާމޭޒު ކައިރީގައި އިން ބަރަކް ޖެހިގެން އިން އަޔާލްއަށް ފޯނު ނަންބަރެއް ކިޔައިދެމުން ދިޔައެވެ. އަޔާލްގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ހީވެސްނުކުރާހާ ފަސޭހައިން ރިންދާގެ ފޯނު ނަންބަރު ލިބުނީތީ އަޔާލް އިނީ ވަރަށް ހަމަޖެހިފައެވެ.
"ޝުކުރިއްޔާ ބްރޯ" އަޔާލް ބުންޏެވެ.
"ޝުކުރިއްޔާއެއް ނޫން. މުސާރަ ލިބިއްޖެއެއްނު. މިރޭ ކާން ބޭނުމީ ބޭރުން" ބަރަކް ބުންޏެވެ.
"ތިއީ އެއްވެސް ކަމެއް ނޫން" އަޔާލް ބުންޏެވެ. މިހާރުވެސް އަޔާލް އިނީ އެކަނިވެ ރިންދާއަށް ގުޅާލާ ހިތްވެފައެވެ.
"ދޮންބެގެ ސަބަބުން އަހަރެން މުޅިން ބަދުނާމުވެއްޖެ. ނީއްތަ ހީކުރީ އަހަރެން އެ ކުއްޖާއާ އަޅައިގަނެގެން ކަމަށް. މަންމަ ކައިރީގައި ނުބުނެފިއްޔާ ރަނގަޅު" ބަރަކް ބުންޏެވެ.
"ސޮރީ އޭ ބްރޯ. ދެން ދޮންބެ ގޮސްލިޔަސް ހެޔޮތަ؟" އަޔާލް ބުންޏެވެ. އަޔާލް ބޭނުންވެގެން އުޅުނު ކަންތައް ވަގުތުން ބަރަކްއަށް އެނގުނެވެ. އެހެންކަމުން ހިނި އައިސްފައި ބޯޖަހާލިއެވެ.
*************
ހައިބް ގޮވައިގެން ޕާކުގައި އުޅެފައި ގެއަށް އައިސް ވަންތަނާ ދަބަހުގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. އެކަމަށް ސަމާލުކަން ނުދީ ރިންދާ އުޅުނީ ހުސް ފައިގައި ހުރި ހައިބްގެ ދެފައި ދޮއްވާށެވެ. އެތަން ފެނުނީ ކޮޓަރިން ނިކުތް ނަހާ އަށެވެ. ރިންދާގެ ފޯނު ރިންގުވާ އަޑު ނަހާއަށް އިވުމުން އެތަނާ ކައިރިވެލިއެވެ.
"ގެނޭ މަންމަ އަތަށް. ދަރިފުޅު ފޯނަށް ޖަވާބުދީބަލަ" ނަހާ ބުންޏެވެ.
ހީލަމުން ރިންދާ ބޯޖަހާލިއެވެ. ދެން ދަބަހުން ފޯނު ނަގަމުން ވަނީ ކޮޓަރިއަށެވެ. ރިންދާ ހައިރާންވިއެވެ. ނުދަންނަ ނަންބަރެކެވެ. ދެ ކޯލު މިސްވެފައެވެ. ފޯނު ނުނެގެނީސް ކެނޑިއްޖެއެވެ. ރިންދާގެ ނިތަށް ރޫއަރައިގެން ދިޔައެވެ.
"އެއީ ކާކު ހެއްޔެވެ؟ ރިންދާގެ ނަންބަރު އެނގޭ ބައިވަރު މީހުންތަކެއް ނުތިބޭނެއެވެ. ދެފަހަރު ގުޅާނެ ވަރުގެ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ. ގުޅަންވީ ހެއްޔެވެ؟ ނޫނެކެވެ. އެވާނީ އެމީހަކަށް އޮޅިގެން ގުޅުނު ކަމަށެވެ. ފުން ނޭވާއަކާއެކު ފޯނު އެނދުމަތީގައި ބާއްވާފައި ފާހާނާއަށް ވަންނަން ރިންދާ އުޅުނެވެ. ލައިގެން ހުރި ޓައިޓްގެ ފައިކުރި ތަނބިކަށިމަތި ފެންނަވަރަށް ހިއްލާލައިގެން ފާހާނާއާ ދިމާލަށް ދަނިކޮށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެހެންކަމުން ރިންދާއަށް ދެވުނީ ފާހާނާއަށް ވަނުމުގެ ބަދަލުގައި ފޯނާ ދިިމާލަށެވެ.
"މިރޭ އަށްގަޑި ބަޔަށް. ދަ ކްލައުޑް ރެސްޓޯރަންޓް. ރޯޝަނީމަގު" ކުރިން ގުޅާފައި އިން ނަންބަރު ކޮށްފައި އިން މެސެޖު ރިންދާ ލަސްލަހުން ކިޔާލިއެވެ. އެއްފަހަރަކު ނޫނެވެ. ތިންހަތަރު ފަހަރުއެވެ. އެހާ ޖެހިލުން ކުޑަވެފައި މެސެޖު އެކުރީ ކާކު ހެއްޔެވެ؟ ރިންދާގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ. ދެ އަތްތިލައިގެ ތެރޭގައި ފޯނު ބާއްވައިގެން އެތައް އިރަކު އެނދުގައި ވިސްނަން އިނދެފައި އެންމެފަހުން މެސެޖަށް ޖަވާބުދޭން ފެށިއެވެ.
"ތިއީ ކާކު؟ ހީވަނީތަ ތިހެން ގަޑި ކިޔާލާއިރަށް އަހަރެން ދާނެއޭ"
ޖަވާބެއް އަންނަން މާގިނައިރެއް ނުނެގިއެވެ.
"އަޔާލް ކިޔަނީ. ލޯބިން ޔާލްއޭ ކިޔާ އުޅޭ. ޕްލީޒް ރިދާ. އަންނައްޗޭ. ވާހަކަދައްކާލާ ހިތުން"
މެސެޖު ކިޔާލިގޮތަށް ރިންދާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އެއީ އަޔާލް ހެއްޔެވެ؟ ޤަބޫލުކުރަން ދަތިވިޔަސް ރިންދާގެ ހިތް އެއީ އަޔާލްކަން ގަބޫލުކުރިއެވެ. އިރުކޮޅަކުން ފެނުނީ ރިންދާގެ ތުންފަތް ދެއަރިމައްޗަށް ދެމިލިތަނެވެ. އެކަމަކީ ހުދު ރިންދާވެސް އެދިއެދި ހުރި ކަމަކަށް ވުމުން އިންކާރު ކުރާނީ ކިހިނެއް ހެއްޔެވެ؟
************
އެކުވެރިންނާއެކު ދުވަން ދާން ތައްޔާރުވެގެން ހުރި ރޫބިޔާއަށް ގެއިން ނިކުންނަން ދިޔަ އަޔާލް ފެނިފައި ހުއްޓުން އެރިއެވެ. އަޔާލް ހުރީ ދުވަހަކުވެސް ނުވާހާ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އިސްކޮޅުން ދިގު އަޔާލްގެ ފުރިހަމަ އިސްކޮޅަށް ރޫބިޔާ ބަލައިލިއެވެ. އެ ފުރިހަމަ ސޫރައަށް ތައުރީފުކުރަން ރޫބިޔާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އަނގަ ހަދާލާފައި ނިތަށް ރޫ އަރުވާލިއެވެ. އެހާ ވަރަށް ހެދިލައިގެން އަޔާލް ދާތަނެއް ބަލަން ރޫބިޔާ ބޭނުންވިއެވެ. އެހެންކަމުން އަޔާލްގެ ފަހަތުގައި އަޅުވާލިއެވެ.
ރެސްޓޯރަންޓް ކުރިމަތީގައި މަޑުކޮށްލައިގެން ހުރި އިރުކޮޅަކާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ރިންދާ އަންނާނަމޭ ބުނި ގަޑިޖެހެން އަދި ފަނަރަ މިނެޓް ހުއްޓެވެ. ކެތްތެރިކަން ކުޑަކަމުން އަޔާލްއަށް ބައިގަޑިއިރު ކުރިން އާދެވުނީއެވެ. އެތެރެއަށް ވަންނަންވެސް އަޔާލް ބޭނުމެއް ނުވިއެވެ. ވެދާނެއެވެ. ރިންދާގެ ފުރަތަމަ ފެނިލުންވެސް އޭނާއަށް މުހިންމެވެ.
މާގިނައިރެއް ނުވެ އަޔާލްގެ އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. ކަޅުކުލައިގެ ކާރު މަޑުކޮށްލީ ރެސްޓޯރަންޓް ދޮރުމައްޗަށެވެ. ކުރީ ޝީޓުން ދޮރެއް ހުޅުވުނު ތަން ފެނުމާއެކު އަޔާލްގެ ހިތް ތެޅިލިއެވެ. ކަޅިޖަހާނުލައި އެދިމާ ބަލަހައްޓައިގެން ހުއްޓައި ކާރުން އެ ފޭބީ އަޔާލްގެ ހިތުގެ ހަމަޖެހުމެވެ. ހިނިތުންވެ ހުރެ މޫނުމައްޗަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅުގައި ހިފަހައްޓާލާފައި ކަންފަތް ދޮށަށް ލައްވާލި ރިންދާގެ އެ އިނގިލިތަކުގައި ހިފާލަން އަޔާލްގެ ހިތް އެދުނެވެ. އަޔާލްއަށް ހީވީ ފިލްމެއްގެ މަންޒަރު ދެލޮލަށް ފެންނަމުން ދިޔަހެންނެވެ.
ކަޅުކުލައިގެ ލޭސްފޮތީގެ ޓޮޕްކޮޅަކާއި ގަދަ ނޫ ކުލައިގެ ޖީންސްގައި ރިންދާ ހުރީ ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުވެގެންނެވެ. އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލައިފައެވެ. ތުންފަތުގައި ޖައްސާފައި ހުރި ފަނޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ނޫނީ އެއްވެސް މޭކަޕެއް ނެތެވެ. ރިންދާއަށް ކުރިމަތީގައި ހުރި އަޔާލް ފެނުނީ ކާރު ކުރިއަށް ދުއްވާލި ފަހުންނެވެ. އެހެންކަމުން ރިންދާއަށް ކާރާ ވީކޮޅަށް ބަލައިލެވުނެވެ. ޝާހްބާޒަށް އަޔާލް އެހާ ގާތުގައި ހުއްޓާ ފެނުނުތީ ޔަގީން ކުރުމަށެވެ.
"އެއީ ކާކު؟ އަނެއްކާ" ރިންދާގެ ގާތުގައި ހުއްޓެމުން އަޔާލް އެހިއެވެ. ރިންދާއަށް ހެވެން އުޅުނެވެ. ފުރަތަމަވެސް އަޔާލް ބޭނުން އެވީ ކާރުގައި ރިންދާ ގޮވައިގެން އައި މީހަކު އޮޅުންފިލުވަން ވިއްޔާއެވެ. އެހާ އަވަހަށް ޖޭ ބޮކި ފެޅުނީއެވެ.
"ބޭބެ އެއީ" ރިންދާ ބުންޏެވެ. އަޔާލްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
"ވަރަށް ރީތި. މާޝާﷲ" އަޔާލް ބުންޏެވެ. ރިންދާ އިސްޖަހާލިއެވެ. ރިިންދާގެ ތުންފަތް ދެމިލިތަން އަޔާލްއަށް ފެނުނެވެ. ރިންދާ ގަޔާވެއްޖެކަން އަޔާލްއަށް އެނގުމުން ހިތްހަމަޖެހުނެވެ.
"ހިނގާ އެތެރެއަށް" އަޔާލް އަތްދިކޮށްލިއެވެ. އެ އަތުގައި ހިފާށޭ ބުނި ކަހަލައެވެ. ރިންދާ ފުރިހަމަ ނަޒަރެއް އަޔާލްއަށް ދިނީ ދެނެވެ. ދިއްކޮށްލި އަތުގައި ރިންދާ ހިފާނޭކަމަށް އަޔާލްއަށް ހީވީ ހެއްޔެވެ؟ ކޮންމެ އަންހެންކުއްޖަކާ މެދުގައިވެސް އަޔާލް ކަންތައްކުރަނީ އެހެން ހެއްޔެވެ؟ އެހެންނަމަވެސް ބަލައިބެލުމަށް އެހެން ހިއެއް ނުވެއެވެ. އަޔާލްގެ ދެލޮލުން ރިންދާއަށް ތަފާތެއް ފެންނަމުންދަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ގޭތެރެއިން ފެނުނު އަޔާލްއާއި މިހާރު ރިންދާގެ ކުރިމަތީގައި ހުރި އަޔާލް ހާސްބައި ތަފާތެވެ. ރިންދާއަށް އެންމެ ކަމުދާވަރުގެ އިސްކޮޅެކެވެ. އިސްތަށިގަނޑު އެންމެ ބޮލެއްވެސް ނޫނެވެ. ކަޅު ކުލަގަދަ ވަރުގަދަ ދެ ބުމައެވެ. ދެއަތުގެ މީދާ މަސްގަނޑަށް ލައިގެން ހުރި ޓީޝާޓްގެ އަތްކުރި ހިފާލާފައެވެ. އަރައިގެން ހުރީ މުށި ކުލައިގެ ކެޝުއަލް ބޫޓަކަށެވެ.
"ތިއަތުގަ ހިފަން އަދި މާ އަވަސް ކަންނޭނގެ" ރިންދާ ބުންޏެވެ. ހިނިގަނޑަކާއެކު އަޔާލް އަތް ތިރިކޮށްލިއެވެ. ދެން އެއްފަރާތަކަށް ޖެހިލާފައި ދާންވީ މަގު ރިންދާއަށް އިޝާރާތުން ދައްކާލިއެވެ.
އެތެރެއަށް ވަދެގެން ގޮސް މޭޒު ކައިރީގައި ހުރި ގޮނޑި ބޭރަށް އަޔާލް ދަމާލިއެވެ. ރިންދާ އިށީނުމުން އަޔާލް އިށީނެވެ. ވެއިޓަރަކު އައިސް އޯޑަރު ނަގައިގެން ދާންދެން އެއްކުއްޖަކުވެސް ވާހަކައެއް ނުދައްކައެވެ.
"ހިތުގަ ސުވާލެއް އޮތިއްޔާ ކުރިޔަސް އެންމެ ރަނގަޅު" އަޔާލް ބުންޏެވެ.
"ވަރަށް ސްމާޓް" ހިތާހިތުން ރިންދާ ބުންޏެވެ.
"އަހަރެން ތެދެއް ބުނިއްޔާ ގަބޫލުކުރާނަންތަ؟" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.
"މިގޮތަށް އަންހެންކުއްޖަކާއެކު މިކަހަލަ ތަނެއްގަ އަހަރެން މިއިނީ އަލަށް" އަޔާލް ބުންޏެވެ. ރިންދާ ހީލިގޮތުން އެކަން ގަބޫލުނުކުރަނީއޭ އަޔާލްއަށް ހީވިއެވެ.
"ގަބޫލުނުކުރެވޭ ދޯ" އަޔާލް ބުންޏެވެ.
"އަސްލު ކީއްކުރަންވެގެން ބައްދަލުކޮށްލަން ބުނީ" ރިންދާ އެހިއެވެ.
"އަހަރެންނަށް ރިންދާ ފެނުނީ އެދުވަހު ގެއަކުން ނޫނޭ" އަޔާލް ބުންޏެވެ. ރިންދާގެ ދެ ބުމަ ގޮށްޖެހުނެވެ.
"ހެހެހެ... އެއީ އެއް ރެއެއްގެ ދަންވަރު. ނުނިދިގެން އަހަރެން ނިކުތީ މަގުމައްޗަށް. ހިނގަމުން ދަނިކޮށް އަހަރެންނަށް ފެނުނީ މި ގަރުނުގަވެސް އަހަރެންނަށް ފެންނާނެ އެންމެ ހިތްގައިމު މަންޒަރު. އޭރު ހިމަފޮދު ވާރޭ ވެހެމުންދިޔަ. ގެއެއްގެ ބެލްކަނީގައި ޕަރީއެއް ފަދަ އަންހެންކުއްޖެއް. ވާރެއާ ސަމާސާކުރަމުން ދަނިކޮށް އަހަރެން ދުށީ. ވަގުތުން އެމަންޒަރު އަހަރެން ފޯނުގަ ރައްކާކުރީ" ޖީބުގައި އޮތް ފޯނު ނަގަމުން އަޔާލް ބުންޏެވެ. އެވާހަކަތަކާ ރިންދާ ޝައުގުވެރިވެފައި އިނެވެ.
"ހަގީގަތުގައި އަހަރެން އެމަންޒަރު ރައްކާކުރީ ފޯނުގައެއް ނޫން" ރިންދާ އަތަށް ފޯނު ދިއްކޮށްލަމުން އަޔާލް ބުންޏެވެ. ރިންދާ ފޯނުގައި ހިފާފައި ބަލައިލިއެވެ. ފެންނަން އިނީ ރިންދާގެ ތަސްވީރެވެ. އެރޭ ރިންދާގެ ހަނދާނަށް އައެވެ. ނުދަންނަ މީހަކު އަތުން ހަނާއަޅާލިތަން ފެނުމުން ރިންދާ އެތެރެއަށް ވަންކަން ހަނދާންވުމުން ހިނިއައެވެ.
"އެއީ އަޔާލްތަ؟" ރިންދާ އެހިއެވެ.
"އާދެ. އެއީ މި ނިކަމެތި އަޅާ. ކަލާގެ ޖާދޫގައި ޖެހި އެރޭ އަޅާގެ މި ހިތް ހަނާވެއްޖެ" އަޔާލް ބުންޏެވެ. ރިންދާއަށް ހެވެން ފެށުނެވެ. އަޔާލްގެ ވާހަކަތައް އަޑުއަހާ ހިތްވެއްޖެއެވެ. އަންހެން ކުދިންގެ ހިތް އަތުލަން ކުޅަދާނަ ޝާއިރެކެވެ.
"އަހަރެން ބޭނުމީ"
"ރަހުމަތްތެރިކަން ދޯ" ރިންދާ ބުންޏެވެ. އަޔާލް ހުއްޓުން އަރާފައި ރިންދާއަށް ބަލައިލިއެވެ.
"އެއަށްވުރެ ގާތް ގުޅުމެއް އަހަރެންނަށް ރަނގަޅީ. އަހަރެންނަށް ރިންދާ ވަރަށް ކަމުދޭ" އަޔާލް ބުންޏެވެ. ތުންފަތުގައި ދަތްއަޅާލަމުން ރިންދާ އެސްފިޔަތައް ތިރިކޮށްލިއެވެ.
"އަހަރެން ދުރުދުރުން އެއްވެސް ވާހަކައެއް ނުދައްކާނަން. އަހަރެން ބޭނުންވާގޮތް މިބުނީ. އަހަރެންނަށް ނޭނގޭ ރިންދާ ހުރީ ހުސްކޮށް ކަމެއް ނުވަތަ ނޫންކަމެއް" އަޔާލް ވާހަކަދެއްކިއެވެ.
"އަހަރެންގެ ފިރިއެއް ހުރެއޭ ބުނެފިއްޔާ" ރިންދާ ބުންޏެވެ.
"އަޅާގެ ނަސީބުގަ ހުރި ގޮތްކަމަށް ގަބޫލުކޮށްގެން އައިކޮޅަށް ދާނީ" އަޔާލް ބުންޏެވެ.
"އެކަމަކު އެއީ ދޮގެއް. އަހަރެންގެ ހަޔާތުގައި އެހާ ހާއްސަ މީހެއް ނެތް" ރިންދާ ބުންޏެވެ. އަޔާލް ހީލިއެވެ. ރިންދާގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން ހިމޭނުން އިރުކޮޅަކު އިނެވެ. ދެން ޖީބުން ނެގި ރަތްކުލައި ފިނިފެންމާ ތުންފަތުގައި ޖައްސާލިއެވެ.
"އަހަރެންގެ މި ހުށަހެޅުން ގަބޫލުކުރިއްޔާ މި މަލުގާ ހިފާ. މިއީ އަހަރެން ރިންދާ ބޭނުންވާވަރު ހާމަކޮށްދޭނެ ލޯބީގެ ވަރުގަދަ ހެއްކެއް" އަޔާލް ބުންޏެވެ.
އަޔާލް ހީކުރިގޮތާ ހިލާފަށް ރިންދާ މަލުގައި ނުހިފިއެވެ. މަލުން ފިޔައެއް އުފުރާލުމަށްފަހު ތިރިކޮށްލާފައި އޮތް އަތް މައްޗަށް ހިއްލާލިއެވެ. އަތްތިލަ ހުޅުވާލާފައި އެ ފިޔަ ބޭއްވީ އަތްތިލަ މަތީގައެވެ. ރިންދާ ކުރަން އުޅޭ ކަމެއް ނޭނގި އަޔާލް ބަލަހައްޓައިގެން އިނެވެ.
"މީގެ މާނައަކީ އަހަރެން އަދި ގަބޫލު މިކުރީ ޔާލްގެ ރަހްމަތްތެރިކަމޭ. އަހަރެންގެ ހިތް ބުނާ އެއްޗެއް ސާފުވީ އިރަކުން ހުދު އަހަރެން ޔާލްގެ ފައިދަށަށް ތިމާ ހޯދަން ދާނަން" ރިންދާ ބުންޏެވެ.
އަޔާލްއަށް ރިންދާގެ އެ ޖަވާބު ވަރަށް ކަމުދިޔައެވެ. އަލަތު ލޯބި ކާމިޔާބުވާނެކަމުގެ ފެހި ސިގްނަލް ލިބިގެންދިޔައެވެ. ތޫނު ބެލުމަކުން ރިންދާއަށް ބަލަހައްޓައިގެން އިނީ އިންތިޒާރުކުރާނަމޭ ބުނާ ފަދައަކުންނެވެ.
************
"ޔަގީނޭ ކޮންމެވެސް އަންހެނެއް ކައިރިއަށް ވަންނަންކަން އެދިޔައީ. މި ޒުބީނާއާ ހެދިގެން އެއްކަމެއްވެސް ނުވާނެ. އެހެންނޫނީ ތިއްތި ދައްކަން އެދިޔަ އަންހެނަކު ފެނުނީސް" ރޫބިޔާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ ރޫބިޔާއަށް ފެނުނު މަންޒަރަކުން އަތުގައި އޮތް މާގަނޑު ދޫވެގެން ތިރިއަށް ވެއްޓުނެވެ. ވިލިނީ އިށީނދެގެން އިނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑުފޮށި ކައިރީގައެވެ. ވިލިނީ އެކޮޓަރީގައި ނުބަހައްޓަންވެސް ރޫބިޔާ އުޅުނީ ވިލިނީގެ ސަމާލުކަން އެ ފޮށްޓަށް ހުއްޓިދާނެތީއެވެ.
"ބޮޑޫ... މިއީ ހާދަ ބޮޑު ފޮށްޓެކޭ. މީގަ ކޯޗެއްތަ ހުރީ. އަހަރެންނަށް ބޭނުންކުރެވޭ އެއްޗެއް ހުންނާނެތަ؟" ފޮށީގެ މަތިގަނޑު ނަގަން މަސައްކަތް ކުރަމުން ވިލިނީ ބުންޏެވެ.
"ދުރަށް ދޭ. އިރުކޮޅަކުން ވިލިނީގެ ކައިވެނި ކުރެވޭނެ. ދޭބަލަ ތައްޔާރުވެގެން ހުރެވުނީ އެންމެ ރަނގަޅަށްތޯ ބަލައިލަން. އިރުކޮޅަކުން ޓެކްސީ އަންނާނެ" ފޮށި ކައިރިން ވިލިނީ ދުރަށްލަމުން ރޫބިޔާ ބުންޏެވެ. ޓައިލްސްތަކުގެ މަތީގައި އިށީނދެގެން އިން ވިލިނީ ކޮޅަށް ތެދުވެ ހަމަ އިސްކޮޅަށް ދެމިލިއެވެ. ރަތްކުލައިގެ މިޑީ ހުރީ ވިލިނީގެ ތަނބިކައްޓަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށެވެ. އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލާފައި ހުރިއިރު ދެފަރާތުން ނަންނުގައްޗެއް ފަދައިން އޮޅިފައި ދެ އިސްތަށިކޮޅު އޮތެވެ.
"ކައިވެންޏެއް ކުރެވެން އުޅޭކަމުގެ އިހުސާސެއް ނުކުރެވޭ" ލޯގަނޑު ކުރިމަތީގައި ހުރެފައި ވިލިނީ ބުންޏެވެ.
ތެދެކެވެ. ރޫބިޔާއަށް ވެސް ކުރެވެނީ ހަމަ އެ އިހުސާސެވެ. ހީވަނީ ވިޔާފާރީގެ މުއާމަލާތެއް ނިންމާލެވޭ ހެންނެވެ. ރަށުގައި ހުރި ވިލިނީގެ ވަލީވެރިޔާ ގެންނަންވެސް ނަހީކް އެއްބަހެއް ނުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެ ކައިވެނި ކުރުވަން ރޫބިޔާ ބޭނުންވެއެވެ. ބާޒީ ރޫބިޔާގެ ކޮޅަށް އޮތުމުން ކަންތައްތައް ކުރަން ރޫބިޔާއަށް ނުހަނު ފަސޭހައެވެ. މުށުތެރޭގައި ފިއްތުނުހާ ބާރަކަށް ނަހީކް ފިއްތަން ރޫބިޔާ ހުރީ ބޭނުންވެފައެވެ.
**********
ކައިރީގައި ނަހީކް އިށީނުމާއެކު ވިލިނީގެ އަތްފައި ފިނިވެގެން ދިޔައެވެ. ހަމަ ލޮލަށް ނަހީކް ފެނުނުއިރު ފޮޓޯއިން ފެންނަ ފެނުމަށް ވުރެ އެތައް ގޮތަކަށް ތަފާތެވެ. ބަލައިބެލުމަށް ހަރުކަށި ފާޑު ޖަހައެވެ. އެންމެ ފަހަރަކުވެސް ވިލިނީއަށް ބަލައިނުލާކަން ފާހަގަކުރެވުމުން ވިލިނީ މޫނު ހަދާލިއެވެ. ނަހީކްގެ އެންމެ ފުރަތަމަ ފެނިލުމާއެކުވެސް އެއީ ބޮޑާ ފޮނި މީހެއްކަން ވިލިނީއަށް އެނގިއްޖެއެވެ.
"އަނބި ގަބޫލުކޮށްފިން"
ފިކުރުތަކެއްގައި އިން ވިލިނީ ސިހުނީ ނަހީކްގެ އަޑަށެވެ. ކުރިއަށް ވުރެވެސް ބާރަށް ހިތް ތެޅިގަތީ މީހެއްގެ އަންބަކަށް އޭނާވިކަން އިހުސާސްވި ހިސާބުންނެވެ. ވިލިނީއަށް ނޭނގުނީ އޭނާއަށް ގިރާކުރެވެން އުޅެނީ ކިހާ ވަރެއްގެ ބޮޑު އަޑިގުޑަންކަމަކާ ކަމެވެ. ވިލިނީގެ ކުރިމަގު އޮތީ ނަހީކްގެ އަތުތެރޭގައި ކަމެވެ. މަޖުބޫރުން ކުރި ކައިވެނީގައި ރޫބިޔާގެ ފަރާތުން ހިފަން ބޭނުންވާ ބަދަލު ހޯދަން ނަހީކް ބޭނުންކުރާނެ ހަތިޔާރަކީ ވިލިނީއަށް ވާނެ ކަމެވެ.
(ނުނިމޭ)