ޚަބަރު

ހައިކޯޓުގެ ގޮފިތައް އުވާލަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ، ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު އެ ކޮމިޓީން ފާސްކޮށްގެންނެެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

ހައިކޯޓުގެ ގޮފިތައް އުފައްދާފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 35 މައްދާގެ (ށ) އާއި އޭގެ ތިރިން ހުރި އަކުރުތަކުން ބާރު ލިބިގެންނެވެ. އެ މާއްދާގައި ބުނަނީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށް އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ.

އެ ދެ ގޮފި ގާއިމުކުރާނެ ރަށަކާއި އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ހައިކޯޓަށް ވަކި ހާއްސަ އިހުތިސާސްތަކެއް ކަނޑައެޅިފައިވީ ނަމަވެސް، ހައިކޯޓުގެ ދެ ގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުން އެކަނި ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެ ގޮފިތަކަށް ހައިކޯޓުގެ ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކުރިއެވެ.

އޭގެ ތެރެއިން އުތުރު ގޮފީގައި ހިމެނޭ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ދެކުނުގައި ހިމެނޭ އަތޮޅުތަކަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

ކޮމިޓީން ފާސްކުރި ބިލުގައި އެ ގާނޫނުގެ 35 މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ހައިކޯޓު އަދި ހައިކޯޓުގެ އެންމެހާ ޝަރީއަތްތަކުގެ އަޑުއެހުން އާއްމު ގޮތެއްގައި ހިނގަމުންދާނީ އަދި ހައިކޯޓަށް އައްޔަންކުރާ އެންމެހާ ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށެވެ.

އެކަން އެހެން އޮތް ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފި އުވުނީކަމަށް ބިލުގައި ބުނެފައިވެއެވެ.

އެ ދެ ގޮފީގެ މިލްކުވެރި ކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުވީ ކަމަށާއި، އެ ދެ ގޮފީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން މަސައްކަތް ކުރާނެ އެހެން ތަނެއް މި ގާނޫނަށް އަމަލު ކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑީޖޭއޭއިން ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި އެ މުވައްޒަފުންގެ ވަޒީފާ ބަދަލު ކުރުމުގެ ކަންތައް ނިންމަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަންތައް ނިމެންދެން އެ މުވައްޒަފުން ތިބޭނީ ޑީޖޭއޭގެ މުވައްޒިފުންގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާއިރު އެ ދެ ގޮތްޕަށް ހުށަހެޅި، އެތަންތަނުގައި ރަޖިސްޓްރީކޮށް، ހިންގަމުން ގޮސްފައިވާ އެންމެހައި މައްސަލަތައް، މާލޭގައި ހިނގަމުންދާ ހައި ކޯޓަށް ބަދަލުވީ ކަމަށާއި، މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހައިކޯޓުން ހަމަޖައްސަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.