ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މަރުގެ އިންޒާރު ދީފިއެވެ.
މިނިސްޓަރު މަހުލޫފަށް މަރުގެ އިންޒާރު ދީފައިމިވަނީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގީ ޖަމިއްޔަތުލް ސަލަފާއި ޕީޕީއެމްގެ އިސް ފަރާތްތަކުން ކަމަށް ތުހުމަތުކުރައްވާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައިވަނިކޮށެވެ.
މިނިސްޓަރު މަހުލޫފު މިއަދު އާއްމު ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާއަށް އިންޒާރުދީ މީހަކު ކޮށްފައިވާ މެސެޖެއް ހިއްސާކުރައްވައިފައެވެ. އެ މެސެޖުގައި، މިނިސްޓަރު މަހުލޫފަކީ އިންޑިއާގެ "ޕަޕެޓެއް" ކަމަށް ބުނެފައިވާއިރު ޔޯގާ ހަރަކާތް ކުރިއަށް ގެންދިޔަ ދުވަހު މަހުލޫފު އަތުގައި ޖެހުނު ނަމަ "ނޮޅާލާނެ" ކަމަށް ބުނެފައިވެއެވެ.
"އަހަރެމެން މިތިބީ ބަލަން. އަހަރެމެންގެ އަހަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އެޅިޔަސް. ކަލެއާ ކަލޭގެ އާާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ" މަރުގެ އިންޒާރު ދީ މަހުލޫފަށް ފޮނުވި މެސެޖުގައިވެއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މިނިސްޓަރުކަމުގެ މަގާމަކީ މާ މުހިންމުކަމެއް ނޫން ކަމަށާއި ބިރު ދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލެއް ނުވާނެ ކަމަށެވެ.
"ތިޔަކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެއްޔާ ޔަގީނުންވެސް އަޅުގަނޑުވާނީ ޝަހީދަކަށް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފަށް މަރުގެ އިންޒާރުދިން މައްސަލައާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ. އެ މައްސަލައިގައި ފުލުހުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.