ފުލުހުންނާއި ސިފައިންނަށް އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ އަގު ކުޑަކުރެވޭނެ ގޮތެއް ހޯދަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން މިއަދު ފާސްކޮށްފިއެވެ.

ހުޅުމާލޭގައި ސިފައިންގެ ކުންފުނި، ސިފްކޯ އިން ސިފައިންނަށް އިމާރާތް ކުރަމުން އަންނަ ފްލެޓްތަކާއި ޕޮލިހުންގެ ކުންފުނި ޕޮލްކޯ އިން ފުލުހުންނަށް ތަރައްގީކުރަމުންދާ ފްލެޓްތަކުގެ މަސައްކަތްތައް ލަސްވެ ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ މައްސަލަ އެސްއޯއީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

އެ މައްސަލައިގައި ކޮމިޓީގެ ރެކޮމެންޑޭޝަންތަކެއް ހިމަނައި ކޮމިޓީ ރިޕޯޓު މިއަދު ވަނީ ފާސްކޮށްފައެވެ.

އެރިޕޯޓުގައި ކޮމިީގެ ރެކޮމެންޑޭޝަންތަކުގެ ގޮތުގައި މިހާރު މާކެޓްގައި ފްލެޓް ހުރި އަގުތައް ބަލައި އެ އަގުތަކާ ގުޅޭ ޕްލޭނެއް އެކުލަވާލުމަށް ވަނީ ހިމަނައިފައެވެ. އަދި ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕޯސް ހޯލްތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ޕޮލްކޯ އާއި ސިފްކޯ އިން އެންމެ ފުރަތަމަ އެ މަޝްރޫއު ހަވާލުކުރި އިރު، ވާދަވެރި ބީލަމަކުން ފުރުސަތު ދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާ އިރު ވާދަވެރި ބީލަމަކަށް ހުޅުވާލުމަށާއި މަޝްރޫއު ހަވާލު ކުރާއިރު އެކުންފުންޏަކީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުމަށްވެސް ހިމަނާފައިވެއެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށްވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމަށް އަމާޒު ކޮށްގެން 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފެށި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފުރަތަމަ ނޫމަޑިއާ ހަވާލު ކުރީ އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް ސަރުކާރުން ދިނުމަށްފަހު، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން އަނެއް ބައި އެ ކުންފުނިން ލާގޮތަށެވެ.

ނަމަވެސް އެކި މައްސަލަތަކާހުރެގެ މަޝްރޫއުގެ މަސައްކަތް ލަސްވެ އެކި ފަހަރުމަތިން އެކި ފަރާތްތަކާ މި ޕްރޮޖެކްޓް ވަނީ ހަވާލުކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރަރު އިލްޔާސް ލަބީބް ވިދާޅުވީ ފްލެޓްގެ މަސައްކަތް އެތައް އަހަރަކަށް ލަސްވުމުގެ ސަބަބުން ފްލެޓްތަކަށް އަންދާޒަ ކުރި ވަރަށް ވުރެ ވެސް ހަރަދު ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީ 22 ގެ ނިޔަލަށް ސިފްކޯ އިން ވަނީ 640 މިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށާއި އިންޓްރެސްޓާއި ޕީނަލް އިންޓްރެސްޓްގެ ގޮތުގައި ލޯނުގެ ބެލެންސަށް 867 މިލިއަން ރުފިޔާ އެއަށް އަރާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މުއްދަތާ ހަމައަށް ފޮލްކޯ އިން 497 މިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށާއި އިންޓްރެސްޓާ އެކު އެ އަދަދު 725 މިލިއަނަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.

އިލްޔާސް ލަބީބް ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތް ފުރިހަމަކުރުމަށް އިތުރަށް ލޯނު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފްލެޓްތަކުގެ މަހު ކުލި އިތުރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ނަމަ، ކޮންޓްރެކްޓަރަށް ފައިސާ ހޯދިފައިނުވާތީ، ކުރީގެ ސަރުކާރުން މަސައްކަތްކުރީ 1.2 ބިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަަގައި އެ ފައިސާ ސިފްކޯ އާއި ޕޮލްކޯއަށް ދޭން ކަމަށެވެ. ނަމަވެސް ބޭންކުން ލޯނު ދޫކޮށްފައިނުވާތީ، އެ ދެ ކުންފުންޏަށް ލޯނު ދޫކުރީ ފިނޭންސް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެތަނުގެ މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް އެއިރު ބެލެވުނު އަދަދު ފްލެޓް ގަތް މުވައްޒަފުންނަށް ހިއްސާކޮށް އެމީހުންގެ އަތުން އެޑްވާންސް ފައިސާ ނެގިޔަސް މަސައްކަތް ލަސްވުމުގެ ސަބަބުން އަގުތަކަށް އަންނާނެ ބަދަލުތައްވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.