އުރީދޫގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމާސް ލޭންޑް" ރާއްޖެއަށް ތައާރަފުކޮށްފައެވެ.
ރާއްޖޭގައި ގޭމިން ކޮމިއުނިޓީއެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެ އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގުސަދުގައި އުރީދޫން ތައާރަފުކުރި އެ ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
އުރީދޫގެ ވަރުގަދަ 4ޖ އަދި 5ޖީ ނެޓްވޯކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ވެފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންއާއި ގުޅުންހުރި ހުރިހާ ހިދުމަތާއި މައުލޫމާތު އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ.
އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭނެއެވެ. އަދި ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޯބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެއެވެ.
ގޭމިން ޕެކްތަކާއި ގިފްޓް ކާޑު އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަންއިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްގެންދާނެއެވެ.
އެގޮތުން ރޭގެ ރަސްމިއްޔާތުގައި އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވަނީ އިއުލާނުކޮށްފައެވެ. އެއް ލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ކުރިއަށް ގެންދާ އެ ޗެމްޕިއަންޝިޕްގައި ޕަބްޖީގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާ ވަރަކަށް ފައިސާގެ އިނާމު އިތުރުވަމުންދާނެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެންނާނެއެވެ.
"ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެން ގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލުކުރި މުހިންމު ލަނޑުދަނޑިއާއެކު އާ ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފުކުރުމަކީ މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށްވެ، އިތުރު ހަރުފަތަކަށް ވާސިލުވުމަށް ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުން ކަމަށެވެ.