ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ،
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން މިއަދު ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ. ދަނޑަށް ވަން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ހުދުކުލައިގެ ދިދަ ތަކެއް ހިފައިގެންނެވެ.
އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ހަމަނުޖެހުމާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ފުލުހުންގެ ޕޯޓަލް https://police.gov.mv/helpus/casetip އަށް ހިއްސާކުރުން އެދޭ ކަމަށެވެ. އެ ޕޯޓަލަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ އިރު، އެ ހަރަކާތުގައި ބޭނުންކުރި ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު