ތާރީޚު

ދުނިޔޭގެ ތާރީޚު: ޗެންގީޒް ޚާންގެ މަހާނަ ހުންނަތަން ސިއްރުވެފައި އޮތުމުގެ ސަބަބަކީ ކޮބާ؟

އިމާދު ލަތީފު

4

މީގެ 795 އަހަރު ކުރިން އަވަހާރަވި ޗެންގީޒް ޚާނަކީ އާދައިގެ ރަސްކަލެއް ނޫނެވެ. ބައެއް މީހުން ގެންގިޒް ޚާނޭވެސް ކިޔައެވެ. އަނެއްބަޔަކު ޖެންގިޒް ޚާނޭވެސް ކިޔައެވެ. ކޮންމެ ނަމަކުން ކިޔަސް އެއީ މޮންގޯލިއަނުންގެ އެކި ގަބީލާތައް އެއްކުރައްވައި މޮންގޯލިއަނުންގެ ގުޅިފައިވާ ރަސްކަމެއް ގާއިމް ކުރައްވައި ދުނިޔޭގެ އެންމެ އިރުމަތިން އެންމެ ހުޅަނގަށް އެ ރަސްކަމުގެ އިންތައް ފުޅާކުރެއްވި ރަސްގެފާނެވެ. އެރަސްގެފާނުގެ ސީދާ ފިރިހެން ލައިނަށްފެތޭ ފިރިހެނުންގެ އަދަދު މިއަދުވެސް ސޯޅަ މިލިއަނަށް އަރައެވެ. ޗެންގީޒް ޚާނުގެ އައުލާދަށް ނިސްބަތްވާ އެތައް އެތައް ރަސްކަލުންނެއް ދުނިޔޭގެ އެކި ގައުމުތަކުގައި ރަސްކަން ކުރެއްވިއެވެ. އިންޑިޔާގައި އެންމެފަހުން އެންމެ ވަރުގަދަ ރަސްކަމެއް ކުރި މޫގަލް ޚާންދާނުވެސް ފެށެނީ ޗެންގީޒް ޚާނާއި ހަމައިންނެވެ.

މިދެންނެވި ޗެންގީޒް ޚާނު އުފަންވީ މިހާރުގެ މޮންގޯލިޔާގެ ޚެންޓީ ޕްރޮވިންސްގައި މީލާދީން 1162 ގައެވެ. އެހެންވީމާ ޗެންގީޒް ޚާން އުފަންވެފައި އެވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 9 އަހަރު ފަހުންނެވެ. އޭރު ދިވެހި ރަސްކަމުގެ ސިންގާސަނާގައި އިންނަވާނީ ދަރުމަވަންތަ ރަސްގެފާނެވެ. ތީމުގޭ މަހާކަލަމިންޖާއެވެ. ޗެންގީޒް ޚާނުގެ ރަސްކަން ފެށުނީ މީލާދީން 1207 ގައެވެ. އޭރު ދިވެހިރަސްކަމުގެ ސިންގާސަނާގައި އިންނަވާނީ ސުލްތާން ދިހެއި ކަލަމިންޖާއެވެ. ޗެންގީޒް ޚާން އަވަހާރަވީ މީލާދީން 1227 ގައެވެ. އޭރު ދިވެހި ސިންގާސަނާގައި އިންނަވާނީ ސުލްތާން ވަޑި ކަލަމިންޖާއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ތާރީޚު ލިޔެ ރައްކާކުރުމުގެ ގޮތުން ލޯމާފާނު ލިޔެވުނީ ޗެންގީޒް ޚާނުގެ ރަސްކަން ފެށުމުގެ ގާތްގަޑަކަށް ދިހަބާރަ އަހަރު ކުރިންނެވެ.

ކޮންމެއަކަސް ދުނިޔޭގެ ތާރީޚުގައި ފާއިތުވި އެއްހާސް އަހަރުގެ ތެރޭގައި އުފެދުނު ކަމަށް ތާރީޚުގެ އިލްމުވެރިން އިއްތިފާގުވާ އެންމެ ވަރުގަދަ ރަސްގެފާނު ޗެންގީޒް ޚާން އުފަންވެ އޭނާގެ ރަސްކަން ހިނގާފައި އެވަނީ ދިވެހިރާއްޖޭގެ ރަސްކަން ތީމުގޭ ޚާންދާނުގެ ނުވަތަ ތީމުގޭ ޑައިނާސްޓީގެ ރަސްރަސްކަލުން ހިންގެވި ޒަމާނުގައެވެ. ދިވެހި ރަސްރަސްކަލުންގެ ޒަމާން ބަޔާންކުރުމުގެ ބޭނުމަކީ ޗެންގީޒް ޚާނުގެ ރަސްކަމުގެ ދުވަސްވަރަކީ ކޮބައިކަން ބޮލަށް ވައްދާން ފަސޭހަކުރުމުގެ ގޮތުންނެވެ. ޗެންގީޒް ޚާން އަވަހާރަވެފައި ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ރަނިކަމަނާ ރެހެންދި ޚަދީޖާ ތަޚުތަށް އިސްވުމުގެ 120 އަހަރު ކުރިންނެވެ. ޔޫރަޕުގެ މަޝްހޫރު ސައްޔާހެއް ކަމަށްވާ މާކޯ ޕޯލޯ ޗައިނާއަށް ދިޔުމުގެ 48 އަހަރު ކުރިންނެވެ.

ތާތާރުން ބަޣުދާދު ތަޅާލި ވާހަކަޔަކީ އިސްލާމީ ތާރީޚުގައި ވަރަށް ސާފުކޮށް ބަޔާން ކުރެވިފައިވާ ވާހަކައެކެވެ. ތާތާރުންނޭ އެކިޔަނީވެސް މޮންގޯލުންގެ ލަޝްކަރަށެވެ. ބަޣުދާދު ތަޅާލިއިރު މޮންގޯލިއަނުންގެ ތަޚުތުގައި އިންނެވީ ޗެންގީޒް ޚާނުގެ ކާފަދަރިކަލުން މޮންގްކޭ ޚާނެވެ. މިކަމެއް ހިނގީ މީލާދީން 1258 ގައެވެ. ބަޣުދާދުގައި އޭރު ހުންނެވީ އައްބާސީ ދައުލަތުގެ ޚަލީފާ މުއުތަސިމެވެ. ކޮންމެއަކަސް މޮންގޯލުން ވަނީ އިރާގާއި ސީރިޔާވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. ޗައިނާއިން ފެށިގެން މިހާރުގެ ޔުކްރޭނާއި ހަމަޔަށް ފެތުރިފައި އޮތީ މޮންގޯލުންގެ ރަސްކަމެވެ. މުޅިންވެސް ކަނޑީގެ ބާރުގައެވެ. ބުނެވޭ ގޮތުގައި މޮންގޯލުންގެ ހަނގުރާމަތަކާއި ގުޅިގެން ސީދާގޮތުންނާއި ނުސީދާގޮތުން ފަސްދޮޅަސް މިލިޔަން މީހުން މަރުވިއެވެ.

ޗެންގީޒް ޚާނުގެ ޑީއެންއޭ ހިއްސާކުރާ މީހުންގެ އަދަދު މިއަދު ސަތޭކަ މިލިޔަނަށްވުރެ މަދެއް ނުވާނެއެވެ. ތާރީޚުގައި ޗެންގީޒް ޚާނަށް ދެވިފައިވާ މަގާމު ނުހަނު މަތިވެރިއެވެ. އެކަމަކުވެސް އޭނާ އަވަހާރަވެގެން ވަޅުލެވުނު ތަން އެކަކަށްވެސް ނޭނގެއެވެ. ހޯދުނު މީހަކުވެސް ނެތެވެ. ޗެންގީޒް ޚާނުގެ މަގްބަރާ ހުންނަތަން ވަނީ ވަންހަނާވެގެންނެވެ. ދުވަސްވަރަކީ ދިވެހީންވެސް ލޯމާފާނު ލިޔުނު ދުވަސްވަރެވެ. ހޭވައްޓާލާފައި މީސްތަކުން ތާރީޚު ލިޔުނު ދުވަސްވަރެވެ. އެކަމަކުވެސް ޗެންގީޒް ޚާނުގެ މަގްބަރާ ހުރިތަން މިއަދާ ހަމަޔަށްވެސް ވަނީ ސިއްރުވެގެންނެވެ. ސަބަބަކީ ކޮބައިބާވައެވެ. ސަބަބަކީ ޗެންގީޒް ޚާނުގެ ވަސިއްޔަތެވެ. އޭނާ އަވަހާރަވެގެން ވަޅުލެވޭތަން ސިއްރު ކުރުމަށް ވަރަށް ވަރުގަދަޔަށް އޮތީ ވަސިއްޔަތް ކުރައްވައިފައެވެ.

ޔޫރަޕުގެ ސައްޔާހު މާކޯ ޕޯލޯ ޗައިނާއަށް ދިޔައީ ޗެންގީޒް ޚާނު އަވަހާރަވިތާ 48 އަހަރު ފަހުންނެވެ. އޭރު މޮންގޯލިއަނުންގެ ރަސްކަމުގެ ކިއްލާ މޮންގޯލިއާއިން ވަކިކޮށް ޗައިނާގައި ވަނީ ގާއިމް ކުރެވިފައެވެ. އޭރު ރަސްކަމުގައި އިންނެވީ ޗެންގީޒް ޚާންގެ ކާފަދަރިކަލުން ކުބިލާއި ޚާނެވެ. މާކޯ ޕޯލޯ ލިޔެފައިވާގޮތުން ޗެންގީޒް ޚާނުގެ މަހާނަ ހުރިތަން ސިއްރު ކުރުމުގެ ގޮތުން އޭނާ ވަޅުލުމުގެ ކަންކަމުގައި އުޅުނު އެންމެން ހިމެނޭގޮތުން ވިހިހާސް މީހުން ގަތުލުކުރެވުނެވެ. ޗެންގީޒް ޚާނުގެ މަހާނަ ހުރިތަން ނޭނގުނަސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ މަހާނަ ހުންނާނީ ޗެންގީޒް ޚާނުގެ އުފަން ޕްރޮވިންސްކަމުގައިވާ ޚެންޓީގައެވެ. އެ ޕްރޮވިންސްގެ ބުރުޚާން ޚަލްދޫނޭ ކިޔުނު ފަރުބަދަޔާ މާދުރުނޫން ތަނެއްގައެވެ. މިއީ ޗެންގީޒް ޚާނުގެ ހަޔާތުގައި އޭނާ މާވަރަކަށް ލޯބިކުރެއްވި ހިސާބެެކެވެ.