ޚަބަރު

ދެ ރުއް ދޭތެރޭގައި ފިތިގެން މީހަކު މަރުވެއްޖެ

ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަނިކޮށް، ދެ ރުއް ދޭތެރޭގައި ފިތިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، ނ. ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުން ދިޔަ 53 އަހަރުގެ ބަންގްލަދޭޝް މީހަކު ދެ ރުއް ދޭތެރޭގައި ފިތިގެން އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:15 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ދެ ރުއް ދޭތެރޭގައި ފިތިގެން ބިދޭސީއަކު މަރުވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބިއްލޫރި ޝީޓްތަކެއް ދަށުވެގެންވެސް ބިދޭސީއަކު މަރުވެފައެވެ.

މީގެއިތުރުން މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބަލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެ އަނިޔާ ލިބިގެން އެ ދުވަހު އެކަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ފަރުވާ ދެމުން ދަނިކޮށް އަނިޔާވި ދެވަނަ މީހާ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަރުވެފައެވެ.