އެމެރިކާގެ ވޮޝިންޓަންގައި ރާއްޖޭން ކަނޑައަޅާ ސަފީރަކު ބެހެއްޓުމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މީގެ ކުރިން ވޮޝިންޓަންގެ މަސްލަހަތުތައް ބަލަހައްޓަމުން ގެންދިޔައީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ އޮފީހުން އެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.
ނަމަވެސް ވޮޝިޓަންގައި ރާއްޖޭގެ އެންބެސެޑަރެއް ބެހެއްޓެވުމަށް އެ މަގާމަށް މ. އަތަމާވިލާ، އަބްދުލްގަފޫރު މުހައްމަދު ކުރެއްވުމަށް ނިންމަވައި، އޭނާއަށް ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޖިލިސް ތަޅުމުން ވަނީ ފޮނުވައިފައެވެ.
އެކަމާ ގުޅޭ ގޮތުން ހާރިޖީ ގުޅުންތުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގައި މިވަގުތު ދުނިޔެއަށް އިގުތިސާދީ ބޮޑު ކާރިސާއެއް ދިމާވެފައިވުމާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު ހުރިހާ އޮފީސްތަކަކަށް އަންގަވާފައިވާ މި ދަނޑިވަޅުގައި އާ އެންބަސީއެއް ހުޅުވުމުގެ ބަދަލުގައި ހަރަދު ކުޑަކުރެވެން ހުރި ދާއިރާތަކުން ފޮރިން މިނިސްޓްރީންވެސް ހަރަދު ކުޑަ ކުރަންޖެހޭނެ ކަަމަށް މެންބަރުން ވިދާޅުވިއެވެ.
އެހެންކަމުން މި ދަނޑިވަޅުގައި ވޮޝިންގްޓަންގައި އެމްބަސީއެއް ގާއިމުކުރުމަކީ ކިހާ މުހިއްމުކަމެއްތޯ ބެލުމަށާއި އެކަމުން ރާއްޖެއަށް ކުރާނެ ފައިދާއަކީ ކޮބައިތޯ ބެލުމަށާއި އަދި އެކަަމަށް ކުރަންޖެހޭ ހަރަދުގެ ތަފުސީލު އޮޅުން ފިލުވުމަށް ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީން ފާސްކުރިއެވެ.