ޚަބަރު

ގައުމީ ތަރައްގީގައި ސަރުކާރު ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު: ނައިބު ރައީސް

މުހައްމަދު އިޝާން

ރާއްޖޭގެ ގައުމީ ތަރައްގީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަިއބު ރައީސް ވިދާޅުވީ، ކަރަންޓުގެ ހިދުމަތަކީ ސާފު ވައި ބޭނުންވާ ފަދައިން އަސާސީ ހިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކަރަންޓުގެ ދިނުމުގެ ބޮޑު ޒިންމާ، ސްޓެލްކޯއިން ފުރިހަމައަށް އަދާކުރަމުންދާ ކަމަށާއި އެހާ ފުރިހަމަކޮށް އެ މަސައްކަތް ކުރެވެނީ އެ ކުންފުނީގައި މަސައްކަތްތެރި ޓީމެއް އޮވެގެން ކަމަށެވެ.

ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރައްވައި ނަިއބު ރައީސް ވިދާޅުވީ ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މަސައްކަތާއި ހިދުމަތުގެ އަގު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ސްޓެލްކޯއިން ވަރަށް ބޮޑުކޮށް ފެނިގެންދާ ކަމަށެވެ. އަދި ސްޓެލްކޯއަކީ އިޖުތިމާއީ ގިނަކަންކަންވެސް ކޮށްދޭ ކުންފުންޏެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށާއި އެގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް "އަވިކަތަ" އިފްތިތާހުކޮށްދެއްވައިފައެވެ. މީގެ އިތުރުން ސްޓެލްކޯގެ 25 އަހަރުގެ ތާރީހުގައި އެކުންފުންޏަށް ހިދުމަތްކޮށްދެއްވާފައިވާ މެނޭޖިން ޑިރެކްޓަރުންނަށް ދޭ އެވޯޑާއި ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓްހެޑް/ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ވެސް ހަވާލުކޮށްދެއްވައިފައެވެ.

ވަރާރަސަތޭކަ ސާޅީސްނުވަ ވަނަ އަހަރު މާލޭގައި ކަރަންޓްގެ ހިދުމަތްދޭން ފެށުނު އިރު، މާލޭގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ އުފައްދަވާފައި ވަނީ 1997 ވަނަ އަހަރު، އެއިރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ނެރުއްވި ހާއްސަ ގަރާރަކުންނެވެ.