ވާހަކަ

ފިނިމެންދަމަކުން 04

މަރިޔަމް ޝަފާ އިބްރާހިމް

1

(ކުރީ ހަފުތާތަކުގެ ތެރެއިން)

ފަޒީލަށް ޖަލުހުކުމެއް ކުރަނީ އަންހެންކުއްޖެއްގެ މަރުގެ މައްސަލައިގައެވެ. އެކަމަށް އޭނާގެ އިއުތިރާފު އޮތުމާއެކު، އެއްވެސް ދެކޮޅު ހެދުމެއް ނެތި ހުކުމާ އެއްބަސްވެއެވެ. ޖަލުން އޭނައަށް މަރުހަބާ ކިޔަނީ ފަޅުވެ، ބަންދުކޮށްފައި ހުންނަތާ ދުވަސްވެފައި ހުރި ގޮޅިއަކުން، ވީރާނާ ކަމާއި ނާމާން ކަމެވެ. ފަޒީލުގެ ހުކުމް އިސްތިއުނާފުކުރުމަށް، ލޯފާމުގެ އިސްވަކީލާ، މާހީ، ފަޒީލުގެ ކޭސް ސްޓަޑީ ކުރެއެވެ. ފުރަތަމަ ކޭހުގެ މައުލޫމާތު ދެނެގަތުމަށް، ގޭގެ 'ސްޓަޑީރޫމު'ގައި ހުއްޓާ، މާހީއަށް ނުރައްކާތެރި ސިފައެއްގައިވާ މަހުލޫގެއް ފެނި، މާހީ ހޭނެތެއެވެ. ފަޒީލަށް ނިދީގައި ފެންނަނީ ހުވަފެނެއްކަމަކު، އެއީ ސީދާ އެގޮޅި ތެރޭގައި ކަންތައް ވަމުން ދިޔަގޮތެވެ. "ލުސިފަރ"ޝައިތާނާ، އޭނާއަށް އަޅުވެތިކޮށްފައި ހުރި ޒުވާނާ، ބައްރާއަށް އެދޭތީގެ ދެން އޮތް މަސައްކަތާ ބެހޭ ގޮތުން ކިޔައިދެމުން ދިޔައިރު، އިންސާނެއްގެ ސިކުނޑިއާއި ލަގޮޑިއަދި މޭގަނޑު ކަމުން ދިޔައީ ގޮޅީ ތެރޭގައެވެ. ބައްރާގެ އަނބިމީހާ، ޝައިތާނާގެ އަޅަކަށް ވިގޮތުގެ ވާހަކަ އަދި ހުދު ބައްރާ ޝައިތާނާއަށް ސަޖިދަ ޖެހި ވާހަކަ ދެކެވެއެވެ. އެންމެ ފަހުން ޝައިތާނާ ވަދެހުސްވެ ގެއްލެނީ ބައްރާގެ ހަށިގަނޑު ތެރެއަށެވެ. ފަޒީލަށް ހޭލެވެނީ ބަންގީގެ އަޑަށެވެ. އޭރުވެސް ކުނި،ނުބައިވަހެއް ގޮޅިތެރޭގައި ހުއްޓެވެ. އަނެއްކޮޅުން މާހީގެ ހެއަށް ގޮތެއްވެ، ވާނުވާ ނޭނގިފައި، ހޭލެވެނީ ފިރިމީހާއާއި ކުދިންނާއެކު ކޮޓަރީގެ އެނދުގައި އޮއްވައެވެ. އެދުވަހުގެ ހަވީރު، މާހީ، ފަޒީލާ ބައްދަލު ކުރަން މާފުށްޓަށް ދާންޖެހޭ ވާހަކަ ބުނުމުން، ފިރިމީހާ ޔޫޝައު އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް މާހީ، ފިރިމީހާ ރުއްސައެވެ. އެވަގުތު ދާދި ކައިރީގައި ހުރި މޭޒުމަތީގައި ހުރި މާވަށިގަނޑު ތެޅިލުމަކާއެކު އޭގައި ހުރި ސަންފްލާވަރގެ ކަރުގަނޑުން ކޮންމެވެސް އެއްޗެއްގެ ސޫރައެއް ސިފަނުކުރެވޭފާޑަކަށް، ހިޔަނިހެން ފެނިފައި ގެއްލުނުތަން، މާހީއަށް ކިތަންމެހާވެސް ރީއްޗަށް ފެނެއެވެ. މިހިސާބުން ކުރިއަށް ގެންދަވާ......

*********

ހެނދުނުގެ ސައިގަޑިއަށް ޔުނިޓުދޭއްގެ ދަގަނޑުދޮރުތައް ހުޅުވާލާ އަޑުން، ކިތަންމެ ގަދަ ނިންޖެއްގައި އޮންނަ މީހާވެސް ހަތަރެސްފައި ކޮޅަށް ޖެހޭނެއެވެ. ފަޒީލު އިނީ ފަތިހު ހޭލާފައި އޮށޯވެ އުޅެއުޅެ ނުނިދިގެން އަށީގެ ކަނުގައި، ފާރަށް ލެނގިލައިގެން އިށީނދެގެންނެވެ. އެހެން އިނދެފައި ދެފަހަރަކު ތެދުވެގެން ދޮރާ ހަމައަށްވެސް ދިޔައެވެ. ދަގަނޑު ތޭރިދޮރުން ބޭރުން ފެންނަން އޮތް ކޮރިޑޯގެ ނުތާހިރުކަމާއި ދިމާކުރިމަތިން ފެންނަން ހުރި ތިލައިގެކޮޅު ގޮތަށް ތޫނުކޮށް ހަދާފައިވާ ތިލަފެންސާއި އޭގެ ބޭރުން ފެންނަން އޮތް ޖަންގައްޔެއް ކަހަލަ ގަސްބޯވެ، ވިނަހެދި، ވާވެފައި އޮތް ޔާޑަށް ބަލައިލައިފައި އަނެއްކާވެސް އެނބުރި އައިސް އޭނާ އިށީނދެ އެއިންނަނީ ވިސްނަންވީ ކޮން އެއްޗެއްކަން ނޭނގިފައެވެ.

"ކާންދޭ ބާއީ...ކާންދޭ ބާއީ..."

"ބަރޯ ގެނައީޔޯ...އޭހ...އަލަށް އައި ބުރޯ....ހޭލާތަ؟ ހަބަރެއް ވެބަލަ....ގޮވާލަބަލަ..."

އެކިދިމަދިމާލުން، އެކި އަޑުތަކުން ގޮވަނީއެވެ. ޖަވާބު ދޭންވީ ކާކަށް، ކީކޭ ކިޔާފައި ކަމެއް ފަޒީލަކަށް ނޭނގެއެވެ. އެކަމަކު އެގޮވަނީ ހަމަ އޭނާއެކޭ އެއް ހާލެއްގައި މިތަނުގެ ކޮންމެވެސް ގޮޅިއެއްގައި ތިބި ބައެއްކަން ގައިމެވެ. އެމީހުން އޭނާއަށް އެގޮވަނީ ކޮންމެވެސް ރަހުމެއް، ކުލުނެއް ހުރީމަތާއެވެ. އެހެންނޫންނަމަ ކޮންމެހެން، އިއްޔެ މިތަނަށް އައި ބީރައްޓެއްސަކަށް ގޮވަންވީ ކީއްވެހެއްޔެވެ. އަމުދުން އޭނާ ގެނެސްފައި އެހެރީ އާދައިގެ ކުޑަ ކުށެއް ކޮށްގެން، ކުޑަ ދުވަސްކޮޅަކަށް ނޫނެވެ. ވީއިރު މީހަކު، ލޯތްބާއެކު އޭނައަށް ގޮވައި، ހާލު ބަލައިފާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ދުވަހަކީ ބުރާސްފަތި ދުވަސްކަމަށް ވާތީ، ހެނދުނުގެ ނާސްތާއަށް ގެނެސްފައި ހުރީ ޕާނާއި ބަޓަރާއި ޖޭމެވެ. ފަޒީލު، އޭނާއަށް، ހަވާލުކޮށްފައިވާ ރަބަރު ކާތަށްޓާއި ފެންބޯން ދީފަ ހުރި ރަބަރު ޖޯޑު، ކާންދޭން، ތަކެތި ދިއްކުރުމަށް، ތޭރިތަކުގެ މެދުން ހަދާފައިހުރި އާގައިން، ކާންދޭން އައިސްތިބި ދެމީހުންނަށް ދިއްކޮށްލިއެވެ.

"އައްސަލާމްއަލައިކުމް...އަހާ...ކިހިނެއް؟...ހާދަ މާޔޫސްވެފަ....އެހެން ކަމަކު ނުދާނެ...."

ކާންދޭ މީހުންގެ ތެރެއިން ތުނބުޅިއެއް ލާފައި ހުރި އަޅުވެރި ސިފައެއްގެ ޒުވާނަކު ތަށިތައް ނަގަމުން ފަަޒީލަށް ގޮވާލިއެވެ.

"އޭ....އެއްބަނޑުމީހާ....މިހާރުދެން ތިހިރީ ޖަލަށްލާފައި....ދެރަވާނެވަރަކަށް ވެ ނިމިދާނެ މިހާރު... ދެން އޮތް ތަނުގައި އުޅޭން އޮތް ތަނުގެ ކަންތަކާ އުޅޭން ޖެހޭނީ.... އެކަނިދޯ އަދި ތިއޮންނަނީވެސް..."

ކޮރިޑޯމަތީގައި އެމީހުން ގެނައި ބޮޑެތި ބާލިދީތައް ބަހައްޓާފައި ދެ ޒުވާނުން ހިންދެމިލިއެވެ. އެކަކު ތަށި ހިފައިގެން ހުރެ ފަޒީލަށް ރަނގަޅަށް ބަލައިލިއެވެ. ބަލާބެލުމަށް ވަރަށް އަޅުވެރި ފާޑު ޖަހައެވެ.

"ބުރޯ....ތި ގޮޅި ބަދަލު ވާން ވީނު...؟!" އެމީހާ ވިސްނާލާފައި ބުނެލިއެވެ.

"އެހެން ބަދަލުވެވޭތަ؟" ފަޒީލަށް ހެވުނީ ބޭއިހުތިޔާރުގައި މަލާމާތުގެ ރާގަކަށެވެ.

"އާނ!.. މިފަޅިން ކޮންމެ ގޮޅިއަކަށްވެސް ލައިދޭނެ... ވެދާނެ އެކޮޅުގަ މީހުން ތިބި ގޮޅިތައް ފުލްވީމަ ކަމަށް...."

ތުނބުޅިލާފައި ހުރި ޒުވާނާ ބުނެލިއެވެ. އޭރު ދެންހުރި ޒުވާނާ ތަށްޓަށް ދެޖޭމު ތަށްޓާއި އެއްތަށި ބަޓަރާއި ހަތަރުފޮތި ޕާން ލައިދެނީއެވެ.

"މަށަށް ކިޔަނީ ސައްޔާހު....ހިމަންދޫ..."

ބާލިދީ މަތިނަގަމުން ތުނބުޅިލައިފައި ހުރި ޒުވާނާ ތައާރަފުވެލިއެވެ.

ކިރުސައިބާލިދީގެ ނެގި މައްޗާއެކު ގެރިކިރުސައިގެ ފޮނިވަސްގަނޑު އަރައިގެންދިޔައެވެ. ރޭ ކާންއުޅުމުން އަރުތެރެއިން އެކައްޗެއްވެސް ނުދިރިގެން ހައިކަން މަތީގައި ނިދި، ފަޒީލުގެ ބަނޑުފުރިއަރައިގަތްކަހަލައެވެ. ޖޯޑަށް އަޅައިދިން ސައިތަށްޓަށް އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ ދަހި ފާޑަކަށެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި ކަރުއެލިއްޖެއެވެ.

ރޭ ހުރި މުށިމަހުގެ ރަހަ ހިތަށް އެރީއެވެ. ހީވާ ގޮތުން އެމުށިމަސް ތެލުލާފައި ހުރީ ބަދަލުނުކޮށް އެކިއެއްޗެހި ތެލުލެވޭތާ ދުވަސްވެފައި ހުރި ތެޔޮއެއްޗަކުންނެވެ. ނޫނީ އެކަހަލަ ތެލެއް އެކުވެފައި ހުރި ތެޔޮ އެއްޗެއްގައެވެ. ވެފައި ހުރި ހައިކަން ފިލުވުމަށް ރޭގައި ރޮށިކޮޅަކާއެކު އަނގަޔަށް ލީ މަސްކޮޅުގައި ލި ކަރުވެފަހުރި ތެލުގެ ރަހަ އަދިވެސް އޭނާގެ އަރުގައި އެބަހުރި ކަހަލައެވެ.

ޕާނާއި ޖޭމު، ބަޓަރު އަޅާފައި ހުރި ތަށި ދީފައި އެކޮޅު ގޮޅިތަކާ ދިމާއަށް ދިޔަ އަނެއް ޒުވާނާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ގޮޅީގެ ކާންދޭ ތަނުން އެތެރެއަށް އަތްދިއްކޮށްލާފައި ކޮންމެވެސް އެއްޗެއް އެތެރެއަށް އެއްލާލައިފިއެވެ. ފަޒީލު ހައިރާންވެފައި ބަލައިލުމުން ޒުވާނާ އެއްލޯ މަރާލިއެވެ.

"އަސީލު ކިޔަނީ.... އެކަމަކު އެއްވެސް މީހަކު ނަމަކުން ނުގޮވާނެ... ވެރިންވެސް ގޮވާ އުޅެނީ ކަޅޫގެ ނަމުން..." ޒުވާނާ އޭނާގެ ނަން ބުނެފައި ޕާންކޮތަޅުތައް ލާފައި ހުރި ބާލިދީ ހިފައިގެން ދާން ފިޔަވަޅު ނެގިއެވެ.

"މެންދުރު ކާގަޑިއަށް އަންނާނަން އިނގޭ.... އަވަހަށް ސައިބޯން ދޭ..."

ކާންދޭ މީހުން ގޮވައިގެން އައިސް ހުރި ޑިއުޓީ އޮފިސަރަކީ ތަންކޮޅެއް ފަރުވާކުޑަ މީހެއްކަންނޭނގެއެވެ. ކުޑަތަންކޮޅެއް ދުރުގައި ބޭރު ބަލަހައްޓައިގެން ހުއްޓެވެ. ކާންދޭ މީހުންނާއެކު ހިނގައިގަތް ގަޑީގައިވެސް ޑިއުޓީ ގޮޅި ހުރި ފަރާތަށް ނާންނަކަމާއި ހިނގައިގަތީވެސް އެދިމާއަށް ބަލައިލުމެއްވެސް ނެތި، ފެންސުތައް ކައިރިންކަން ފަޒީލަށް ފާހަގަކުރެވުނެވެ.

ހައިވެފައި ހުރި ވަރުން ހަތަރުފޮތި ޕާންވެސް ފަޒީލަށް ކެވުނެވެ. އެކަމަކު ސައިތަށީގެ ރަހަ އެނގޭ ވަރަށް ހައިކަން ފިލުމަށްފަހު އެންމެ ކޯވަރެއްވެސް އިތުރަކަށް ނުދިރުނެވެ. ރަހަ އެނގުމުގެ ކުރިން އަރުން އެތެރެއަށް ދިޔަ ވަރުން ފުއްދާލަން ޖެހުނީއެވެ. ދާދި ދެންމެއަކު ބަނޑުހައިވެފަ، ހުރިވަރުން ބޮޑު ދެކޯވަރަކުން ދިރުވައި އެލެވުނު ސަޔަކީ، ފަސް، ހަ ލީޓަރުގެ ފެން އެއްޗަކަށް ކިރިޔާ ކުލަ ޖެހޭ ވަރަށް ސައިފަތް އަޅައިގެން ކައްކާފައި، ގެރިކިރުދަޅަކާއި ހަކުރު ކިލޯއެއް އަޅައިގެން ގިރާފައި ހުރި ސައެއްކަން ޔަގީނެވެ. ގެނެސްފައި ހުރި ޖޭމާއި ބަޓަރުގެ އިތުރުން، ހަތަރުފޮތި ޕާން ކެވުނީ މާބޮޑު ތާޒާކަމެއް ނެތަސް، ހަލާކު ނުވެ ހުރުމަށްވުރެ ބޮޑަށް ވެފައި ހުރި ހައިކަން ބޮޑުކަމުންނެވެ.

ކާންދޭ ސޮރު ގޮޅި ތެރެއަށް އެއްލައިލި ބޮނޑި ނަގައި ފޮރުވާފައި، ސައި ބޯން އިށީނދެ އިން ފަޒީލަށް އިތުރަށް ސައިތަށި ނުބޮވުނީމަ، ތެދުވެގެން ގޮސް ފާހާނާ ތަށްޓަށް ބާކީ ހުރި ބައި އޮއްސާލިއެވެ. ތަށި ދޮވެގެން ނުކުމެ، ބޭރުގައި ހުރި އިސްކުރުން ފެންއަޅައިގެން، ފެންފޮދަކުން ކޯ ދޮވެލިއެވެ. ފެނުގެ ރަހަ ނުބައި، ނުބައެއް ނޫނެވެ. އެހެނެއް ކަމަކު އެއީ ފަޒީލު މީގެ ކުރިން ދުވަހަކުވެސް ބޯން ބޭނުން ކުރި އެއްވެސް ފެނެއްގައި ލީ ރަހައެއް ނޫނެވެ.

ފަޒީލަށް ހިންދިރުވައިލެވުނެވެ. އަމިއްލަ ނަސީބުގެ ދެރަކަމާމެދު ހިތުގައި ޖެހުނީއެވެ. މިއީ އޭނާގެ އެންމެ އުފާވެރި، ހިތްގައިމު އުމުރެވެ. އެކުވެރިންނާއެކު ދުނިޔޭގެ ތެރޭގައި އުދުހެމުން، ފިކުރެއް، ހިޔާލެއް ނެތި ރޭދުވާ ހޭދަކުރަންވީ އުމުރެވެ. އެކަމަކު ވަގުތުގެ ކުރިން ހުރިހާ ކަމެއްވެސް ބަދަލުވެގެން ދިޔައީ ކޮންފަދަ ހިތްދަތި، އަދި ނިކަމެތި ގޮތަކަށް ހެއްޔެވެ.

ކާންދޭ އެކުވެރިޔާ ދިނީ ކޮންއެއްޗެއްތޯ ބެލުމަށްޓަކައި، ފަޒީލް ސިމެންތި ގޮނޑިއެއްގައި އިށީނދެ، އޭނާގެ ދަތްއުނގުޅާ ބުރުހާއި، ބޭސްފުޅި ބާއްވާފައި އޮތް ދިމާލުން، މޭޒުގެ ކަނުން އެކަރުދާސްގަނޑު ނެގިއެވެ. ބޭރު ކޮރިޑޯއަށް ބަލަން އިނދެ އޭނާ އެކަރުދާސް ބޮނޑިވަރު ނިއުޅައިލިއެވެ. އޭގައި އޮތީ ސިނގިރޭޓަކާއި ރަށުބިޑިބޮނޑިއެކެވެ. ދެން އޮތީ ފޯއްޕެކެޓަކާއި ލައިޓަރެކެވެ. ކަރުދާސްގަނޑުގައި ތަނޑި ދިގު ލިޔުމަކުން ސަލާމަށްފަހު ހަތަރު ޖުމުލައެއްވަރު ލިޔެފައި އޮތެވެ.

"އޭހ. ޖަލުގެ އާ އެކުވެރިޔާއެވެ. މިއިން ބިޑިއެއްގެ ބޭނުން ހިފީމަ ސިކުނޑިއަށް ލުއިވާނެކަން ގައިމެވެ. ތިގޮޅިން ބަދަލުވާށެވެ. ތިފަޅި އެހާ ރަނގަޅެއްނޫނެވެ. އަބަދުވެސް ތިއޮތީ ޖަލުގަކަން ވިސްނައިގެން އުޅޭތި!"

ފަޒީލު ހީނލާފައި ފޯއްފޮއްޗެއް އަނގައަށް ލިއެވެ. ކިރުސައިގެ ރަހައިން މޭނުބައިކޮށްފައި ހުރުމުން މިއީ ވަރަށް ރަނގަޅު އެހީއަކަށްވިއެވެ.

ސިނގިރޭޓް ނަގައި ތުނބުގައި ޖަހާލީ އެއީ އޭނާއަށް އާ ކަމަކަށް ނުވާތީއެވެ. ލައިޓަރު އަޅައިލުމަށްފަހު ފުންކޮށް، ރަނގަޅަށް އަލާ ފިލާވަރަށް އެތެރެއަށް ދަމާލިއެވެ. އަދި ވަރަށް ހަމަޖެހިފައި ދުންބޮޅުބޮޅަށް ދޫކޮށްލީ، ގޮޅީގެ ދޮރާ ދިމާވާގޮތަށެވެ.

ދޫކޮށްލި ދުމުގެ ތެރެއިން، ކޮރިޑޯއިން ބޭރުން ކަޓަރުފެންސުތައް ފުރޭނިގެން ގޮސް ފެންނަން އޮތް ގަސްގިނަ، ޔާޑު ތެރޭގައި، އެއްކަނެއްގައި ހުރި ޖަންކްޝަންގާގަނޑު މަތީގައި ކޮންމެވެސް މީހަކު އިންހެން ފަޒީލަށް ހީވެއްޖެއެވެ. ދުވާލުގެ މިގަޑީގައި އެދިމާއަށް ނުކުމެ، އެތަނުގައި އިށީނދެ އެއިނީ ކީއްކުރާ ކާކުބާވައެވެ. އަމުދުން ފަޒީލުގެ ގޮޅިއާ ދިމާއަށް ކަޅިޖަހައިނުލައި ބަލަން އެއިނީ ކީއްވެގެން ބާވައެވެ. އަމުދުން ފަޒީލަކަށް މިޖަލުތަކުގެ އެއްވެސް ކަމެއް، އެއްވެސް ވަރަކަށް ނޭނގޭއިރު އޭނާއަށް ހާއްސަ ސަމާލުކަމެއް ދީގެން އެމީހަކު އެއިނީ ކީއްވެގެންހެއްޔެވެ.

އަނެއްކާ އޭނާ ސިނގިރޭޓް ބޯން އިންތަން ފެނުނީމަ މައްސަލައަކަށް ވީބާވައެވެ. އަވަސްއަވަހަށް ސިނގިރޭޓްބުރި ނިވާލާފައި ފަޒީލު، ބާކީއޮތް ބަޔާއި ދެންހުރި ތަކެތި، ކަރުދާސްގަނޑުތެރެއަށްލާފައި، މޭޒުގެ ކަނެއްގައި ބޭއްވިއެވެ. އަދި އޭގެ މަތީގައި އޭނާގެ ސާމާނުހުރި އާދައިގެ ބާޒާރު ކޮތަޅެއް އަޅައި ފޮރުވުމަށްފަހު، އެނބުރި އެދިމާއަށް ބަލައިލިއެވެ. ހީވިހީވުމެއްކަމަށް ހިތާފައި، ތެދުވެގެން ގޮސް ދޮރުގެ ތޭރިތަކުގައި ހިފާ ރަނގަޅަށް ބަލައިލިއެވެ.

ނޫނެކެވެ. ހަމައެއްވެސް މީހަކު ނެތެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ. ކޮރިޑޯ ތެރެއިން ކޮޅުކޮޅަށް ކުރުކާލިކަނޑާ ހިނިތަކުގެ ބޮޑެތި ފައުޖުތަކާއި ދޭތެރެއަކުން ރޭސްޖަހަމުން ދުވާ ސިއްހަތު ރަނގަޅު މީދާތަކުގެ އިތުރުން ބޯހިރަފުހުން ހުދުވެފައިވާ ފެންސުތަކާއި ކޮރިޑޯގެ ބިމުގެ ހާލުން، މިހިސާބަށް އިންސާނަކު ހިލަންވެސް ނުވާތާ އެތައް އަހަރެއްވެފައިވާ ކަހަލަ ގޮތަކަށެވެ.

ފަޒީލު ތޭރިތަކުގައި ހިފަހައްޓައިގެން ހުރެ ފަރުވާތެރި ލޮލަކުން ރަނގަޅަށް ގޮޅި ތެރެއަށް ނަޒަރު ހިންގާލިއެވެ. މިއީ އޭނާގެ އުމުރުގެ ބާކީއޮތް ބައި ވޭތުކުރަން ޖެހޭ ތަނެވެ. އެކަމަކު މިތަނުގައި އެންމެ ގަޑިއިރުވެސް ދިގު އަހަރެކޭ އެއްފަދައެވެ. މިގޮތަށް އޭނާ ހޭދަކުރަން ޖެހޭނީ އަދި ކިތައް ދުވަސް ބާވައެވެ.

"ޔޫޓޫގެ އޭބީ ފަޅި ވައިވާނެ.. އެކަމަކު ތިންމަސްވެ، ގޮޅި ބަދަލުކުރީމަ ދެން އޯކޭވާނެ. ފަހަރެއްގައި ތިންމަސް ނުވިޔަސް ބަދަލުކޮށްފާނެ. މިހާރު އޭބީފަޅީގަ އެހާ ދުވަހަކު ނުބާއްވާ.... ގަޅިޖެހުނީމަ ގެންދަން ޖެހެނީ އެފަޅިއަށް ވިއްޔަ. އެތަން ފުލްކޮށްގެން ވާކަށް ނޯންނާނެތާ."

އިއްޔެ ފަޒީލުއާއެކު ދޯނިން އައި ކުށްވެރިން ދެއްކި ވާހަކަތަކުގެ މާނައެއް އަދިވެސް އޭނާއަކަށް ނުވިސްނެއެވެ. މިފަޅު، ވީރާނާ ޖަލުގައި މީހުން ދިރިއުޅޭ ގޮތާމެދު އެކައްޗެއްވެސް ފަޒީލުގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވެއެވެ.

އިސްކުރުން އަންނަނީ ސަޕްލައިފެން ކަން އެނގުނަސް، އެފެން ބުއިމުން އޭނާގެ ބަނޑަށް އުނދަގުލެއް އިހުސާސް އެބަވެއެވެ. އެހެންވިޔަސް ކުރާނެ ކަމެއްނެތެވެ. މިއީ މިތަނުން ބޯން ލިބޭ ފެނެވެ. ކޮފީ ބޮވައިގަނެގެން ގޮސް އޭނާގެ އަރުތެރޭގައި ރަހަލާހެންވެސް ބައެއް ފަހަރު ހީވެއެވެ. އެހެންވިޔަސް ކުރާނީ ކީއްހެއްޔެވެ.

އެކޮޅުގަ ޖެހިފައި، މިކޮޅުގަ ޖެހިފައި، އަށީގައި އިށީނދެ އިނދެފައި، ތެދުވެގެން ގޮސް ދޮރުގެ ތޭރިތަކުގައި ހިފަހައްޓައިގެން ހުރެފައި، އަނެއްކާވެސް ގޮސް ފާހާނާއަށް ވަދެފައި، މިކަހަލަ ގޮތަކަށް ފަޒީލު އެނބުރި، އެނބުރި ހުއްޓާ އަނެއްކާވެސް ޖަލުތެރެއިން ދޮރުތައް ހުޅުވޭ އަޑު އިވިއްޖެއެވެ. އިރުކޮޅަކުން ހެނދުނުގެ ސައި ހިފައިގެން އައި އަސީލް، ޖޫސް ޖަގަކާއި ބާލިދީއެއްގައި ކްރީމްކްރޭކާ ބިސްކޯދު ހިފައިގެން އައިސް ފަޒީލަށް ގޮވާލައިފިއެވެ.

"ނަސީބު ވަރަށް ރަނގަޅު. މިއަދު ހުރީ ރަހައެއް ލާ ޖޫހެއް... އަވަހަށް ތަށި ގެނޭ... ބިސްކޯދުކޮޅެއްވެސް ކޮތަޅަކަށް ނަގާފަ ބަހައްޓާ. މިރޭ އަންނާނީ ބަތާއި އަލުވި ރިހަ... މިރޭ ނުކެވުނިއްޔާ ސައިތަށްޓާއެކު ކެވިދާނެއެއްނު..."

ބިސްކޯދު ބާލިދީ ތެރެއިން އާދައިގެ ކުޑަކޮތަޅަކަށް އަށެއްކަ ވަރަކަށް ބިސްކޯދު އަޅާފައި، ކޮތަޅު ކާންދޭ އާނގަތެރެއިން ފަޒީލުގެ އަތަށް ދިއްކޮށްލަމުން އަސީލު ބުނެލިއެވެ. ކޮންމެވެސް ވާހަކައެއް ބުނަން ކަމަށް ހީކޮށްލިތަނާހެން ފަޒީލަށް ކުޑަތަންކޮޅެއް ދުރުގައި ހުރި ޑިއުޓީ އޮފިސަރު ފެނިއްޖެއެވެ. އެހެންކަމުން ފަޒީލު އޭނާ ބުނަން ތައްޔާރުވި ވާހަކަ އަވަހަށް އެހެން ދިމާއަކަށް އަނބުރާލިއެވެ.

"މިފަޅީގައި އެއްވެސް ބަޔަކު ނޫޅެނީތަ؟"

"މަ ހުކުމަށް ގެނައިއިރުވެސް މިގޮޅިތަކުގައި އެއްވެސް މީހަކު ނެތް. މިފަސްގޮޅި ހުންނާނީ ހުސްކޮށް، ބޭރުވެސް، މިގޮޅިވެސް ސާފުކޮށްފަ މިއޮތީ... އަސްލު މާ ރަނގަޅެއްނު ދުވަސްކޮޅަކު އެކަނި އޮވެ، ކަންތައްތައް ދެނެގަނެ. ދަސްވެގެން ބަދަލުވީމަ... އެކަމަކު.... މައްސަލައަކީ އެހެން ގޮޅިއަކުވެސް މީހަކު ނެތީމަ ދޯ...."

ފަޒީލު ޖޫސްފޮދެއްގެ ރަހަ ބަލައިލަމުން އަސީލު ދެއްކި ވާހަކަ ކަނުލައި އަޑުއެހިއެވެ. އަސީލު ބުނީ ތެދެކެވެ. ޖޫހުގެ ރަހަ ރަނގަޅެވެ. އިއްޔެ، މިރަށަށް އައިއްސުރެން އޭނާގެ އަރުން އެތެރެއަށް އެއްވެސް ރަހައެއް ލާ އެއްޗެއް ދިރުނުނަމަ އެއީ ދެންމެ ބުއި ޖޫހެވެ. ހަކުރު އަޅާފައި ފެން ގިނައިން އަޅާފައި ޖޫސްމަދުން ހުރި ނަމަވެސް މީގަ ރަހައެއް އެބަހުއްޓެވެ. އަދި އެއްތަށި އަޅައިދިނުމަށް އެދި ފަޒީލު ތަށި ދިއްކޮށްލިއެވެ.

"ފެންއަޅާ ފުޅިއެއްވެސް ނެތްދޯ...؟ އާނ.... އެހެންޏާ... ގެނެސް ފަޅު ތަނަކަށް ވިއްޔަ ލާފަ ތިހިރީ..... އޭތް ކައުޓީ... އާދެބަލަ..." ޖޫސްޖަގުން އެއްތަށި އަޅައިދެމުން އަސީލު ޑިއުޓީއަށް ގޮވާ ގެނައެވެ. "އޭތް... ކައުޓީ... މިއީ ވެސް އިންސާނެކޭ.... މީހަކު މަރާފަ މުޅަ މަސްގަނޑާއެކު ރޭކޮށްފަ އައިސް ތިބި މީހުންވެސް މިޖަލުގަ އުޅެފަ އެބަހުރިދޯ؟ މިއީ އަދި މާބޮޑު ކަމެއް ނޫނެއްނު.... މިސޮރަށް ފެންބޯން ފުޅިއެއް ގެނެސްދީބަލަ. އޭރުން ކޮންމެ ފަހަރަކު އިސްކުރުން ފެންއަޅާކަށް ނުޖެހޭނެއެއްނު."

"އަސީލު.... ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރުމެންނަކަށް ތިކަހަލަ ކަންތަކެއް ނުކޮށްދެވޭނެކަން... އެސޮރު ގާތު ބުނޭ... ކެތްކޮށްލައިގެން އޮވެލާށޭ.... ދެހަފުތާއެއްހާ ވަރު ވާނީ.... ސީޑީ ފަޅިއަށް ބަދަލުކޮށްލާނެ..."ޑިއުޓީ ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.

"ކަންޖޫސް..." ޑިއުޓީ ދާން ހިނގައިގަތުމުން އަސީލު ފޫހި ގޮތަކަށް ތުން ތަޅުވާލިއެވެ. "އެހ....އޯކޭ....މެންދުރު ކާގަޑިއަށް އަންނާނީ މަށެއް ނޫން ކަންނޭނގޭ...އެކަމަކު މާދަން ހެނދުނު ސަޔަށް އަންނާނަން... ފެންފުޅިއެއް ގެނެވޭތޯ ބަލާނަން.... އަނހާ... އެއްކަލަ އެތި އޯކޭތަ؟ ޑާކެއް ގެނައިމެއްނު!"

"އެ ފެނިއްޖެއްޔާ ކިހިނެއްވާނީ؟ ސަކަރާތްވާނެދޯ؟" މަޑުމަޑުން ފަޒީލު އަހާލިއެވެ.

"ކީއްވެ މަނާ ވާންވީ؟ އެކަމަކު ގޮތްބޮޑު ޑިއުޓީއަކަށް ފެނިއްޖެއްޔާ އަހާފާނެ ކޮންތާކުން ކާކުގެނައި އެއްޗެއްތޯ! ބުނޭ ހިފައިގެން އައި އެތިކޮޅެކޭ..... ކުޑަކޮށް ހިތްވަރުކޮށްލަން ޖެހޭނީ... މިފަޅިން ބަދަލު ކުރީމަ ދެން ވަރަށް ފަސޭހަ ވާނެ.... ހެލޯވެސް އޮންނާނެ...." ފަހު ދެބަސް އަސީލު ބުނެލީ ކިރިޔާ އިވޭ ވަރަށެވެ.

"ތޭންކްސް އިނގޭ..." ފަޒީލު ހިތުގެ އަޑިން ޝުކުރު އަދާކުރިއެވެ. އޭނާއަށްޓަކައި މިއީ ހަމަ ރަހުމަތެއްފަދަ އިންސާނެކެވެ.

"ޑަސްސްބީން...." ދުރުން ކޮންމެވެސް ގޮޅިއަކުން ބާރަށް ގޮވަން ފެށިއަޑު އިވުނެވެ.

"މިގޮޅީގަ ޑަސްބިން ނަގައިގެން މިދަނީ...." ހަމައެހާ ބާރަށް އަސީލު ގޮވާލިއެވެ. ފަޒީލަށް ކަންފަތުގައި އަތް އަޅައިގަތުމާއެކު ބާރަށް ހީނގަނެވުނެވެ.

"ޑަސްބިނެއް ނެތް..... އަވަހަށް ދޭ..."

ކާންދޭ މީހާއާއި ޑިއުޓީ ހިނގައްޖެއެވެ. އަނެއްކާވެސް ފަޅުކަމާއި އެކަނިވެރި ހިމޭންކަން ފަޒީލުގެ ވަށައިގެން އެނބުރިގަތެވެ.

*********

އަސުރުން ފައިބައިގެން މާހީ ތައްޔާރުވަމުން ދިޔައީ އަވަސްއަރުވައިލައިފައެވެ. ލޯންޗު ފުރާގަޑި ގާތްވަނީއެވެ. ލައިގެން ހުރި އަޅިކުލައިގެ ސޫޓާއެކު ގަދަ ކަނޑުނޫކުލައެއްގެ ދިގު ކޯޓުގައި މާހީގެ އިސްކޮޅު އިތުރަށް ދިގުކަމަށް ދައްކައެވެ. ބޭނުންވާ ހުރިހާ ލިޔުންތަކެއް އެއްކޮށްލައިފައި ހުރި ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން ބޮލާއެކު އޮޅާފައި އޮތް ސްކާފު ސްޓައިލާ އެއްގޮތަށް ރީތިކޮށް ތަރުތީބުކޮށްލިއެވެ. މާހީ ބުރުގާ ނާޅައެވެ. އެހެނެއްކަމަކު އަބަދުވެސް އޭނާގެ ބޮލާއެކު އޮޅާލާ، ނޫނީ ކަނދުރާއިން މޭމަތީގައި ފަތުރާލާ، މި ހާއްސަ ސްކާފު ނޫނީ ދޯޕައްޓާއެއް ނަމަވެސް، އޭރަކު ލައިގެން ހުންނަ ހެދުމަކާ ގުޅޭ ގޮތަށް ބޯ ނިވާކުރުމަކީ މާހީގެ ވަރަށް ކުރިއްސުރެވެސް އާދައެކެވެ.

"ގޯޖަސް.... މިއަދު މާފުށީ ހުރިހާ ޑިއުޓީންގެ ހިތް ގުޑުގުުޑު އަޅާނެ... ކިތައްް އަނބިން ޖެލަސްވާނެބާ...؟"

ފިރިމީހާގެ ސަމާސާއަށް ލޯއަޅައިލަމުން މާހީ ހީނގަތެވެ. އަދި ކާރުގެ ދޮރުފަތް ލައްޕައިލަމުން ޔޫޝައުގެ ކޮނޑުގައި އަތްއަޅުވާލިއެވެ.

"ހަސަދަވާނީ ދުޝްމަނުން... އަހަރެންމީ ކޮން މޭކަޕެއް ކުރާ މޮޑެލްއެއްތަ؟ އެހެން ވަކީލުންވެސް ލާ ކަހަލަ ކޯޓުގަނޑެއްގަ މިހިރީ.... އެހެންނޫނަސް މަމިދަނީ އިޝްގު ފަތުރާކަށް ނޫނޭ..." މާހީ ހީނލަމުން ވާހަކަ ދެއްކިއެވެ.

"އާހާ...ކާކު ބުނީ ތިދަނީ އެހެންނޭ.... އެކަމަކު ފަޒީލުގެ ނަޒަރުން ސަލާމަތްވާނެބާ....؟ ކިޔާތީ އަޑުއެހިން އޭނަ އެމަރާލައިގެން އުޅެނީ ވަރަށް ރީތި މަންޖެއެކޭ.... ނަންވެސް ވަރަށް ތަފާތޭ..." ކާރު ސްޓާޓްކޮށްލަމުން ޔޫޝައު ބުނެލިއެވެ.

"މަރާލީއޭ...؟ ޔޫޝައުއާ ނުވެސް ގުޅޭ ވައްތަރެއްނު...." މާހީ ނުރުހުންވެފައި ބުނެލިއެވެ.

"ސޮރީއޭ... ހަބަރުތަކުގައި އޮންނަ އެއްޗެއް ކިޔިދާނެއެއްނު... އެކަމަކު އެމަންޖެގެ ނަން ތަފާތު ކަމާމެދު ދެކޮޅެއް ނުހެދޭނެ...." ޔޫޝައު ހުންގާނަށް ސަމާލުވަމުން ބުންޏެވެ.

"އާނ... އަސްލު... ތަފާތު ރީތި ނަމެއް ދޯ...ހިންދާމުއަސްމާ..."

މާހީއަށް ނަންބުނެވުނީ ހަމަ ކިރިޔާއެވެ. ކާރަށް ލޮޅުންގަނޑެއް އަރައިގެންދިޔައެވެ. ހީވީ ކޮންމެވެސް އެއްޗެއް ކާރުގެ ކުރިމަތީގައި ހުރެ ޖެހިގަތީހެނެވެ. އެކަމަކު މަގު އޮތީ ހަމަހުހަށެވެ.

"އައްދެ...ނަމަކީ ހާދަ ބާރުހުރި ނަމެކޭ... ކާރު އެދިޔައީ ބިމުން ހިއްލާލައިގެން ސޮއްސައިގެން ވިއްޔަ..." ޔޫޝައުގެ ފަރިތަކަމާއި ހުޝިޔާރުކަމަށް ސާބަސްދޭވަރުވެއެވެ. މާހީ ހިމޭނުން އިނީ އޭނާގެ ލޮލަށް ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވިޔަސް އެއީ ވަހުމެއް ނޫންކަން ޔަގީން ވާތީއެވެ. މަޖީދީމަގުން ގޮސް ބޭރުމަގަށް އަޅުވާލި ކާރުގެ ކުރިމަތީ ހުރި ހިޔަނި ކާރުގައި ޖެހިގަތްތަނާއި އެހިޔަންޏެއް ހުރަސް ކޮށްލިތަން މާހީއަށް ރަނގަޅަށް ފެނުނުކަމުގައިވިޔަސް އެވާހަކަ ޔޫޝައު ގާތު ބުނުމުގެ ބޭނުމެއް ނެތެވެ. ޔޫޝައުއަކަށް އެމަންޒަރެއް ނުފެނެއެވެ.

ފަޒީލުގެ މިކޭސް ހަވާލުވި ފަހުން މާހީއަށް ތަފާތު ކަންތައްތަކާ ކުރިމަތިލާން ޖެހޭކަމީ ހަމަގައިމުވެސް ހީވާ ހީވުމެއް ނޫނެވެ. އެކަމަކު އެއީ ކީއްވެގެންވާކަމެއް ބާވައެވެ. އޭނާއަކީ ރަށްފުށުގެ ބޯދާ ވާހަކައާއި ހިޔާލީތަކެތި ގަބޫލު ކުރާ މީހެއް ނޫނެވެ. އެކަމަކު ސައިންސާއި ކީރިތި ގުރުއާނާއި ނައްސުން ސާބިތުވެފައިވާ ކަންކަން އޭނާ ގަބޫލު ކުރެއެވެ. އެބައިބައި އޭނާ ވަނީ އިލްމުގެ ގޮތުގައި އުނގެނިފައެވެ.

ކިޔަވަން އުޅުނު ދުވަސްވަރު ރުގުޔާ ކުރުމާއި އެސްފީނާ، ސިހުރުގެ ބައިތަކާއި އޭގެ ފަރުވާ އޭނާ ކިޔެވިއެވެ. އެއްވެސް ސެޓްފިކެޓަކަށް ނުވަތަ އެފަދަ ކަމެއް ކުރުމަކަށް ނޫނެވެ. އެކަމަކު އަމިއްލަ އިލްމު އިތުރުކުރުމަށެވެ. އަމިއްލަ ބޭނުމެއް ޖެހުމުން މީހެއް ގާތަށް ދާން ނުޖެހޭނެ ވަރުކުރުމަށެވެ. ކަމެއް ދިމާވެއްޖެ ހާލަތެއްގައިވެސް އަމިއްލައަށް އެކަމަކަށް ފަރުވާދެވޭނެ ފެންވަރު ހުރުމަށް ބޭނުންވާތީއެވެ. އެކަމަކު..... މިދިމާވާ ކަންތައްތަކަކީ އެއިލްމާ ގުޅުން ހުރި ކަމެއްބާވައެވެ. ނޫނީ ފަޒީލާ ގުޅުން ހުރި ކަމެއް ބާވައެވެ. ނުވަތަ މާފުށީ ޖަލުގައިވާ ކޮންމެވެސް ކަމެއްގެ އަސަރު ބާވައެވެ.

(ނުނިމޭ)