ގަބުރުމަތީ ބިނާކޮށްފައި ހުރުމުން މިސްކިތް ތަކުގެ ދަފްތަރުން އުނިކޮށްފައިވާ ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތް އިމާރާތް ކުއްޔަށް ނުދޭން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ދަރަނބޫދޫގެ ކުރީގެ މިސްކިތުގައި ބިދޭސީން ނިދައި، ކައިބޮއެ ހަދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުވެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އެރަށު ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

ދަރަނބޫދޫ ކައުންސިލުން ބުނީ "ދާރުލްއުލޫމް" މިސްކިތް އިމާރާތް ހުރި ބިމުގައި ގަބުރު ހުންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިގެން 2017 ވަނަ އަހަރު އެ މިސްކިތް ދަފްރަތުން އުނިކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެ އިމާރާތް ކައުންސިލާ ހަވާލުކުރުމުން އެކި ބޭނުންތަކަށް އިމާރާތް ބޭނުން ކޮށްފައިވާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުން އައިސްފައިވާ ކަމަށެވެ.

އެގޮތުން މިވަގުތު އެ އިމާރާތުގައި ހުރީ އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެމްއެމްސީ އިންފްރާސްޓްރަކްޗާ ލިމިޑެޓަށް ދޫކޮށްފައި ކަމަށާއި މީގެ ކުރިން އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީއަށްވެސް އެ އިމާރާތް ދޫކޮށްފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި އިމާރާތް އެއްވެސް ބަޔަކަށް ދޫކުރުމަށް އެދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މި ކައުންސިލްގައި އެދިފައިނުވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

"ކައުންސިލުން މިހާރު ނިންމާފައިވަނީ މި އިމާރާތުގައި މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތްތަނުގައި މިފަދަ ބޭނުންތަކަށް ބޭނުން ނުކުރަމަށެވެ." ކައުންސިލުގެ ބަޔާނުގައިވެއެވެ.

ކައުންސިލުން އިތުރަށް ބުނީ އެ އިމާރާތުގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތިކޮށް ވީޑިއޯ އާންމު ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. އަދި އެއީ ކަމުގެ ހަގީގަތް އޮޅުވާލައި އެ ރަށު ކައުންސިލާއި ރައްޔިތުން އަދި ސަރުކާރު ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެކަން ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

ދަރަނބޫދޫ މިސްކިތެއްގައި ބިދޭސީން ދިރިއުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެރަށުގެ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތަށް ގެންގޮސްފައި ތިބި ބިދޭސީންތަކެއް އެ އިމާރާތުގައި ކައްކައި އަންނައުނު ދޮވެ، ނިދާ ހަދާ މަންޒަރު ފެނެއެވެ.