ޚަބަރު

ސްޓެލްކޯއަކީ ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކަށް ބަދަލުކުރަންޖެހޭ: ޝަރީފު

ރިފާ ހަލީލު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މިއަދަކީ ސްޓެލްކޯ ނޫ ނޫކަށި ޒުވާނަކަށްވެ, ރައްޔިތުންނަށް ދޭ ހިދުމަތް އެ ހިތްވަރާއެކު ދޭން ފަށައި، ކުންފުނީގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނީގެ ގޮތުގައި މި ކުންފުނީގެ ނަން ބޭނުންކުރަންވީ. އޭރަށް ބޮޑު ބަދަލެއް އަންނާނެ. އަދި މި ކުންފުނީގެ މިސްރާބު ބަދަލު ކޮށްލަންވީ ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏަކަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކަސްޓަމަރު އޮރިއެންޓެޑް ކުންފުންޏަކަށް ސްޓެލްކޯ ބަދަލުކުރާ އިރު، އެ ކުންފުނީގެ ހުރިހާ ނިންމުންތަކެއްގެ އެންމެ ފުރަތަމަ މަސްލަހަތު އޮންނަންޖެހޭނީ ކަސްޓަމަރުންނަށް ކަމަށެވެ. އޭރުން އާންމުންގެ ތެރޭގައި މަގުބޫލު ކުންފުންޏަކަށް ސްޓެލްކޯ ހެދޭނެ ކަމަށް ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އާ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީ ވިދާޅުވީ މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާ އެކު ސިސްޓަމެޓިކް ގޮތެއްގައި ރޭވިގެން ކަމަށެވެ. އަދި ދައުލަތުން އަދިވެސް ބޭނުންވަނީ އެ ކުންފުނިން ދޭ ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިހާރަށްވުރެ ރަނގަޅު ހިދުމަތަކަށް މާދަމާ ތައްޔާރުވުމަށް ކަމަށް ވިދާޅުވިއެވެ.

"..އެހެންވީމަ އަޅުގަނޑުމެން އެންމެންގެ ކޮނޑުގަ އެޅިފަ އޮތް ޒިންމާއަކީ ކުންފުނީގެ ހިދުމަތް ދިވެހި ދައުލަތަށް އަދި ރައްޔިތުންނަށް ލިބިގެންދިއުން. އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތަކީ ތިބޭފުޅުންނަށް ރައްޔިތުންނަށް މި ހިދުމަތް ދިނުމުގައި އިހުލާސްތެރިވާށޭ، ހިތްވަރުކުރާށޭ، ތެދުވެރިވާށޭ،" އޭނާ ވިދާޅުވިއެވެ.