"ހަމަތެދެއް މިބުނީ. ލަދުން ބޯ ހަލާކު! މައިދައިތަމެން ގާތު މިވާހަކަ ދައްކަންވެސް މަށަކަށް ނުކެރޭނެ. ކޮން އިބާރާތަކުން ބުނާނީވެސް؟ މަމިއިނީ ބަލިވެ، މަށާއެކު މަގޭ މަންމަގެ ޑެލިވަރީވެސް އެއްމަހެއްގަ!"
"މަންމައާ ހެދި ހަމަ އަޖައިބުވެއްޖެ. ތިދެން މީހުން ކުރާކަހަލަ ކަންތަކެއް ނޫންދޯ؟ އަލަށް މީހަކާ އިނދެގެން ހަނީމޫން ހަދައި ދަރިން ހޯދާކަށް ނޫނޭ މަންމަ މީހަކާ އިންނަން އަހަރެމެން ހުރިހާ ކުދިން އެއްބަސްވީ."
"ބައްޕައަށްވެސް ވާ ސާބަސް. މިއުމުރުގަ ތިއަށްވުރެ މޮޅުކަމެއް ކުރާން ނޭނގުނީތަ؟"
މިކަހަލަ ކިތަންމެ ވާހަކައެކެވެ. ދަރިން ކުރާ ހުއްޓުމެއް ނެތް ޝަކުވާތަކެވެ.
މިއީ އިވޭ ވާހަކައެކެވެ. ދާދި ފަހުން ދިމާވި ކަމެކެވެ. ތިމާގެ އަންހެންކުއްޖެއްގެ ކައިވެނީގެ ހަފުލާއެކެވެ. އަންހެންކުއްޖާގެ ފިރިމީހާގެ މަންމައާއި ބަލާބެލުމަށް މަންމައަށްވުރެ ހަގުކަމަށް ވައްތަރު ޒުވާނަކާއެކުގައި ޕާޓީއަށް އަޔެވެ. އެކުވެރިޔާ އާއި އޭނާގެ ފިރިމީހާގެ މޫނުމަތީގެ ކުލަވަރު އެހާ ރަނގަޅެއް ނޫނެވެ. މަންމައަކު ފެނުމުން ދަރިފުޅެއްގެ މޫނަށް އަރާފައި ހުންނަ ކުލަޔާ ތަފާތެވެ. އެމަންމައާ ވާހަކަދެއްކުމެއްވެސް ނެތެވެ. އެންމެންގެ ލޯތަކުން ސަލާމަތްވާން އުޅޭ ކަހަލަ އުނދަގޫ ގޮތްތަކެއް އެމީހުންގެ ހަރަކާތްތަކުން ފާހަގަވެއެވެ. ނޫންގޮތަކަށް އެކުވެރިޔާގެ އާއިލާގެ އެހެން ކުއްޖެއް ގާތުގައި ސިއްރުސިއްރުން އަހާލީމެވެ. އަސްތާއެވެ. މިވެގެން އުޅޭ ގޮތަކީ މަންމަ، ދޮންބައްޕައާ އިނދެގެން އަހަރުނުވަނީސް ބަލިވެ އިނީއެވެ. މަންމަގެ އުމުރުން ފަންސާސްދެއަހަރު ވެއްޖެއެވެ. މިއުމުރުގައި ދަރިން ހޯދަން ޖެހޭހެއްޔެވެ، އަމުދުން މާމަ ދަރިން ތިއްބައި، އަނެއްކޮޅުން އެންމެ ހަގު ކުއްޖާ މީހަކާ އިންނަނީކަން އެނގި ހުރެ މިވަރު ކުރީމަ އެއްބަޔަކަށް ކަމުނުދަނީއެވެ.
މިއީ ދިވެހި މުޖުތަމައުގައި އަދިވެސް ބައެއް މީހުންގެ އޮންނަ ގަބޫލު ކުރުމެކެވެ. އަވަހަށް މީހަކާ އިނުމާއި އަވަހަށް ދަރިން ހޯދުމުގެ އާދަކާދައެވެ. ދަރިން މީހުނާ އިނދެ، ދަރިން ހޯދުމުގެ ދުވަސް ޖެހި، ދަރިން ނުވަތަ ޅީދަރީން، ދަނބިދަރިން، ބަލިވެ ތިބެ ދަރިން ހޯދުމުގެ ދުވަސްވަރު، މައިންބަފައިން ދަރިން ހޯދުމަކީ ކަނޑައެޅިގެން ހުތުރު، ވިޔާނުދާ، ކަޓު ކަމެއް ކަމަށް ބައެއް ދަރީންވެސް ދެކެއެވެ. މުޖުތަމައުގައި މިފަދަ އަންހެނުންނާއި ފިރިހެނުންނަކީ، އަމިއްލަ ގޭގައި ކުށްވެރިވެފައި ތިބޭ ބަޔެކެވެ. ދަރިންގެ ފަރާތުން ނުރުހުމާއި ނަފުރަތުގެ ބަސްތައް އިވޭއިރު، ރައްޓެހިންނާއި އަވަށްޓެރިންގެ ފަރާތުން، މަލާމާތާއި ޖެއްސުމުގެ ބަސްތައް އަޑުއަހަން ޖެހެނީ މަދު ފަހަރަކު ނޫނެވެ.
މިއީ ކޮން ގާނޫނެއްގައި، ކޮން ގަވައިދެއްގައި އޮންނަ މާއްދާއެއްގައި ހިމެނިފައި އޮތް ކަމެއް ބާވައެވެ. ދަރިންގެ ދަރިން ލިބުމުން، މާމަދަރިން ލިބުމުން އަމިއްލައަށް، ދަރިން ހޯދުމުން މަހުރޫމް ވާން ޖެހޭ ސަބަބެއް އޮވޭބާވައެވެ؟ މާމަދަރިފުޅު ބަލައި ބޮޑު ކުރުމަކީ މައިންގެ ކޮނޑުގައި އޮތް ވަރަށްބޮޑުޒިންމާއަކަށް ހަދައިގެން އުޅޭ ދަރިން އަދިވެސް އަޅުގަނޑުމެންގެ މިމުޖުތަމައުގައި އެބަތިއްބެވެ.
ކޮންމެ އުމުރެއްގައިވެސް، އެދެމަފިރިއަކަށް، ކަމާ ބެހޭ ގޮތުން ޔަގީންކަމާއި ރައްކާތެރިކަމާއި ހިތްހަމަޖެހުން، އޮތްކަމަށް ވަންޏާ ދަރިން ހޯދުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ. ދެދުނިޔޭގެ އަމަންކަމާއި ބާއްޖަވެރިކަން ލިއްބައިދޭ ނަސީބުވެރި، ކުއްޖަކަށްވެސް އެދަރިފުޅު ވެދާނެތާއެވެ. ކަމުގައި ގެއްލުމެއް ނެތިއްޔާ، އެކަމެއް ކުރުމުގެ އެއްވެސް މައްސަލައެއް ނެތެއް ނޫންހެއްޔެވެ.
މިއީ ތަންކޮޅެއް ބޯދާ ފިކުރަކަށް ވިޔަސް އަދިވެސް މިފަދަ ތަރައްގީ، ތަހުޒީބު ޒަމާނުގައިވެސް ދިވެހިންގެ ތެރޭގައި މިއީ ވަރަށް އާންމު މައްސަލައެކެވެ. ބައެއް އާއިލާތަކުގައި މައްސަލަ ޖެހި، މަންމައާއި ދަރިފުޅު ދެބަސްވެ، ބީރައްޓެހި ވެފައި އެބަހުއްޓެވެ. ބައެއް އާއިލާތަކުގައި ދަރިފުޅާއި މަންމަ މުޅީން ވަކިވެ، އެއްގެއެއްގައި ނޫޅެވިގެން ދެގެޔަކަށް ދިރިއުޅުން ބަދަލު ކުރާން ޖެހިފައި އެބަހުއްޓެވެ. ބައެއް ފަހަރު މިއީ އާއިލާގެ ނަން ހުތުރުވާ ކަމެކޭ ބުނެ ޒުވާބަކަށް ވެފައި ހުރި މިމައްސަލަ ތަކަކީ ހަގީގަތުގައި، މުޖުތަމައު ތެރޭގައި ޖެހޭ ބޭކާރު މައްސަލައެއް އަމިއްލަ އާއިލީ ކަމަކަށް ހަދައިގެން އުފައްދާ ބޭކާރު ހަމަނުޖެހުމެކެވެ. މުސްލިމު ބައެއް ގައުމުތަކުގައި މަންމައިންނާއި ދަރިން އެކުގައި ބަލިވެ އިނދެ، އެކުގައި ވިހެއުމުގެ ހަބަރުތައް ފެތުރެއެވެ. ވީއިރު މިއީ ހުތުރު ކަމަކަށް، ނުވަތަ ލަދުގަންނަވަރު ކަމަކަށް ވަނީ ކޮންސަބަބަކަށްޓަކައި ބާވައެވެ.