މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ 32 ގައުމު 8 ގްރޫޕަކަށް ބަހާލާފައިވާއިރު މިތަނުން އެންމެ ވަރުގަދަ ގްރޫޕަކީ ކޮބައިބާވައެވެ. އެންމެ ވަރުގަދަ ކަމަށް ކަރުދާހުން ފެންނަ ގްރޫޕަށް އާއްމުގޮތެއްގައި ކިޔައި އުޅެނީ މަރުގެ ގްރޫޕެވެ. ގްރޫޕް އޮފް ޑެތެވެ. މިފަހަރުގެ ވޯލްޑްކަޕުގެ 8 ގްރޫޕަށް ނަޒަރު ހިންގާއިރު މަރުގެ ގްރޫޕްކަމަށް އަޅުގަނޑަށް ފެންނަނީ ގްރޫޕް ބީއެވެ. އެގޮތަށް ނިންމަނީ ދުނިޔޭގެ ރޭންކިންގެ ފޯމިއުލާއަށް ބަލައިގެންނެވެ. ގައުމުގެ ނަމާއި މާޟީއަށް ބަލައިގެނެއް ނޫނެވެ. ދުނިޔޭގެ ރޭންކިންގައި އެގައުމެއްގެ ވަނަޔަށް ބަލައިގެން ގްރޫޕް ދިރާސާކުރީމާ އެ ގްރޫޕެއްގެ އަސްލު ފެންވަރު ދެނެގަތުން ފަސޭހަވާނެއެވެ. ޓީމުގެ ފަންވަރާއި ބުންވަރު އަންދާޒާކުރަންވެސް ފަސޭހަވާނެއެވެ. އެހެންވީމާ ގްރޫޕުތަކުގެ ފެންވަރު ކިރާ މީޒާނަކަށް ވާންޖެހޭނީ ފީފާގެ ރޭންކިންއެވެ.

ގްރޫޕް ބީގައި ހިމެނެނީ އިންގްލެންޑް، އެމެރިކާ، ވޭލްސް އަދި އީރާނެވެ. މިއީ މަރުގެ ގްރޫޕްކަމަށް އަޅުގަނޑު ނިންމީމާ ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. އަޅުގަނޑު ބެލީ އެގައުމުތަކުގައި ހުރި ނިއުކުލިއަރ ހަތިޔާރަށެވެ. އަސްކަރީ ތިލަފަތަށެވެ. އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. އިންގްލެންޑް އޮތީ ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައެވެ. އެމެރިކާއޮތީ ފަނަރަވަނައިގައެވެ. ވޭލްސް އޮތީ އަށާރަވަނައިގައެވެ. އީރާން އޮތީ އެކާވީސްވަނައިގައެވެ. މިހެން މިކަން އޮތީމާ ގްރޫޕް ބީގެ އެވަރެޖް ރޭންކިނަކީ 14.75 އެވެ. އެހެން ގްރޫޕްތަކަށް ނިސްބަތްކުރާއިރު މިއީ ވަރަށްވެސް މަތީ މިންވަރެކެވެ. މި ފޯމިއުލާއިން ބެލީމާ މިއަށްވުރެ ވާދަވެރިކަން ބޮޑު ވަރުގަދަ އެހެން ގްރޫޕެއް ނެތޭ ބުނާން ޖެހެއެވެ. ކަލްކިއުލޭޝަނެއް ހަދަންޏާ ހަދަންވާނީ ކޮންމެވެސް އަސާސެއްގެ މަތީގައެވެ.

އީރާނާއި އިނގިރޭސިވިލާތުގެ މެދުގައި އޮންނަ ސިޔާސީ އަދާވާތްތެރިކަމާއި އީރާނާއި އެމެރިކާގެ މެދުގައި ހިނގަމުން އަންނަ ދެކޮޅުވެރިކަމުގެ ހަރަކާތްތަކަކީ އެންމެންނަށްވެސް އެނގޭ ކަންކަމެވެ. ވޯލްޑްކަޕުގެ ގުރުއަތުލުމުގެ ކަންކަން ނިމިގެންދިޔައިރު އިނގިރޭސީންނާއި އެމެރިކާޔާއި އެއް ގްރޫޕެއްގައި އީރާން ލައްވައިލުމުން ވަރަށް ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. އަނެއްކާ މި ގްރޫޕަކީ ހަނގުރާމައިގެ މައިދާނަކަށް ނުވާނޭބާވައޭވެސް ބައެއް މީހުން ސުވާލު ކުރެއެވެ. އީރާނާއި އެމެރިކާ ވަނީ 1998 ގެ ވޯލްޑްކަޕުގައި ބައްދަލުކޮށްފައެވެ. އެފަހަރު ދޭއް އެކަކުން މޮޅުވީ އީރާނެވެ. އެކާމިޔާބީ އަދިވެސް އީރާނުގެ ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދެއެވެ. އެވާހަކަ ދައްކައެވެ. އީރާނާއި އިންގްލެންޑް އެއްވެސް މެޗެއްގައި މިހާތަނަށް ބައްދަލުކޮށްފައެއް ނުވެއެވެ. މިއީ ދެބައިމީހުންގެ ފުރަތަމަ ކުރިމަތިލުމެވެ.

ގްރޫޕް އީގައި ހިމެނެނީ ސްޕޭނާއި ޖަރުމަނީއާއި ޖަޕާނާއި ކޮސްޓަރީކާއެވެ. މިތަނުން ޖަރުމަނާއި ސްޕޭނަކީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކެވެ. ޖަޕާނަކީ އޭޝިޔާގެ އެންމެ ބޮޑު އެއްބާރެވެ. ނަމަށް ބަލައިގެން ކިރައިގެން ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ހަގީގީ ގްރޫޕް އޮފް ޑެތަކީ މިއީއެވެ. އެކަމަކު ރޭންކިންގެ ފޯމިއުލާއިން ބުނަނީ ކޮންއެއްޗެއްކަން ބަލައިލަމާ ބަހީއެވެ. ސްޕޭނު އޮތީ ދުނިޔޭގެ ހަތްވަނައިގައެވެ. ޖަރުމަނީގެ ވަނަޔަކީ ބާރަވަނައެވެ. ޖަޕާނުއޮތީ ތޭވީސްވަނައިގައެވެ. ކޮސްޓަރީކާ އޮތީ އެއްތިރީސްވަނައިގައެވެ. މި ގައުމުތަކުގެ ރޭންކިނަށް ބަލައިގެން އެވަރެޖް ހެދީމާ ނުކުންނަނީ 18.25 އެވެ. ކުރިން ދެންނެވި ގްރޫޕް ބީއަށްވުރެ ފަހަތުގައެވެ. އެކަމަކު 8 ގްރޫޕްގެ ތެރެއިން މި ގްރޫޕަށް ދެވަނަ ލިބެއެވެ. ވީމާ މިއީ ދެވަނައަށް އެންމެ ވަރުގަދަ ގްރޫޕެވެ.

ވޯލްޑްކަޕުގެ އެއްވެސް ގްރޫޕެއް ދެރައެއް ނުވާނެއެވެ. ފަސޭހައެއް ނުވާނެއެވެ. އެކަމަކު އެކިގޮތްގޮތަށް ހިސާބުޖެހީމާ ވަރުގަދަ ކަމަށް ފެންނަ ގްރޫޕްތަކާއި ބަލިކަށި ކަމަށް ފެންނަ ގްރޫޕްތައްވެސް ހުންނާނޭތާއެވެ. މިފަހަރުގެ ގްރޫޕްތަކަށް ބަލައިލީމާ އެންމެ ބަލިކަށިކަމަށް ފެންނަނީ ގްރޫޕް އޭ އެވެ. މި ގްރޫޕްގައި ހިމެނޭ ގަތަރުގެ ވަނަޔަކީ 51 ވަނައެވެ. މިއީ މުބާރާތް ބާއްވާ ގައުމުވެސްމެއެވެ. އެގޮތުން ގްރޫޕުގެ އެއްވަނަ ސީޑަކީ އެއީއެވެ. އިކުއެޑޯރުގެ ވަނަޔަކީ 46 ވަނައެވެ. ސެނެގޯލް އޮތީ ވިހިވަނައިގައެވެ. ހޮލެންޑުއޮތީ ދިހަވަނައިގައެވެ. މި ގްރޫޕުގެ އެވަރެޖް ހަދައިލީމާ ނުކުންނަ އަދަދަކީ 31.75 އެވެ. މިއީ ހުރިހާ ގްރޫޕްތަކުގެ ތެރެއިންވެސް އެވަރެޖް ރޭންކިން އެންމެ ދަށް ގްރޫޕެވެ. އެގޮތުން އެންމެ ބަލިކަށި ގްރޫޕް ކަމަށް ލޭބަލް ކުރެވެނީއެވެ.

ޕޯޗުގަލް ހިމެނެނީ ގްރޫޕް އެޗްގައެވެ. ކަރުދާހުގައި މި ގްރޫޕް ފެންނަނީ ދެވަނަޔަށް އެންމެ ބަލިކަަށި ގްރޫޕް ކަމުގައެވެ. ދުނިޔޭގެ ރޭންކިންއަށް ބަލައިގެން ހިސާބު ޖަހައިލީމާ މި ގްރޫޕްގެ އެވަރެޖަކީ 27.5 އެވެ. މިއީ ވޯލްޑްކަޕުގެ 8 ގްރޫޕުގެ ތެރެއިން ފުލުން ދެވަނައެވެ. މިވަގުތު ޕޯޗުގަލްގެ ވަނައަކީ ދުނިޔޭގެ 8 ވަނައެވެ. ލުއިސް ސުއަރޭޒާއި އެޑިސަން ކަވާނީމެންގެ އުރުގުއާއީގެ ވަނަޔަކީ ތޭރައެވެ. އޭޝިއާގެ ބޮޑު ބާރެއްކަމުގައިވިޔަސް ދެކުނު ކޮރެޔާގެ ވަނަޔަކީ ނަވާވީހެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާގެ ވަނަޔަކީ 60 ވަނައެވެ. މި ގްރޫޕްގެ އެވަރެޖް ދަށްވުމުގެ ސިއްރަކީ ގާނާއެވެ. ކޮންމެއަކަސް އެއީ ކަރުދާހުން ފެންނަ ގޮތެވެ. ދަނޑުމަތިން އެކަން ފެންނަގޮތް ތަފާތުވެދާނެއެވެ. މި ގްރޫޕުގައި މި ހިމެނެނީވެސް ތަފާތު ހަތަރު ކޮންފެޑެރޭޝަނަކަށް ނިސްބަތްވާ ހަތަރު ގައުމެވެ.