ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ޑީއާރުޕީން ތާއީދުކުރާނެ ކަމަށް އެޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރެއްވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ތާއީދުކުރާ ކަން ހާމަކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

"ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ޖާބިރު މިއަދު ވިދާޅުވީ, ރާއްޖެ ކުރިން އޮތް އަނިޔާވެރިކަމަށް ނުގޮސް, ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ބޮޑު ޒަލްޒަލާގައި ރާއްޖެފަދަ ނާޒުކު އިގުތިސާދެއް އޮތް ގައުމަކަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ޓަކައި ކޯލިޝަނަކުން ރާއްޖޭގެ ވެރިކަމަށް އައުމަކީ މިވަގުތަށް އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.

"އަޅުގަނޑުމެން އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ, އޭރުވެސް ނެތް ޗޮއިސްއެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނިއްޔާ. އެ ޗޮއިސް އެކަނި އޮތީ އޭރުގަވެސް. މިހާރުވެސް ނެތް އިތުރު ޗޮއިސްއެއް އެންމެން ގުޅިގެން ނޫން ގޮތެއް. އެންމެން ގުޅިގެން ނޫނިއްޔާ ވެރިކަމެއް ކާމިޔާބެއް ނުވާނެ," ޖާބިރު ވިދާޅުވިއެވެ.

މި ވެރިކަން ގެނައުމަށް އިސްކޮށް ހަރަކާތްތެރިވި ޖާބިރު ވިދާޅުވީ, ކޯލިޝަންގެ ޕާޓްނަރަކަށްވުމަށް ރައީސް ސޯލިހާއެކު މިހާރު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި ޑީއާރުޕީން ހުށަހަޅަނީ ދެން އަންނަ ސަރުކާރެއްގެ 15 ޕަސެންޓް ދިނުމަށް ކަމަށެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ފައިސާގެ ގޮތުންނާއި އަމަލީ ގޮތުންވެސް ޑީއާރުޕީން ބައިވެރިވާނެ ކަމަށާއި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް ރާއްޖޭގެ އެންމެ އިސް ވިޔަފާރިވެރިންނާވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ, ރިޔާސީ އިންތިހާބަށް ޑީއާރުޕީގެ ރިޔާސީ ޓިކެޓު ބަންދުނުވާ ކަމަށާއި 2023ގެ ރިޔާސީ އިންތިހާބުގައި ވަކިވަކިން ވާދަކުރާނަމަ ނުވަތަ ކޯލިޝަންގެ ޕާޓްނަރުކަން ނުލިބިއްޖެ ނަމަ އެ ޕާޓީން އޭނާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

"މިހާރު ރާއްޖޭގެ ވެރިކަމަށް ޑީއާރުޕީއާ ނުގުޅި އަންނަން އުދަނގޫވާނެ. އެއްބުރުން ނުނެގޭނެ. މިބުނީ ނުނެގޭނޭ. ޑީއާރުޕީއާ ނުގުޅިއެއް އެއްބުރުން އެކަކުވެސް ނާންނާނެ. އެހެންވީމަ އެންމެން ގުޅިގެންދާ ފޯމިއުލާގައި އަޅުގަނޑުމެންނަށްވެސް ދިންވަރަށް (ކޯލިޝަންގެ ޕަސެންޓޭޖް) އެއަށްވެސް ވާހަކަދައްކައިގެން މިކަން ކުރަންށޭ މިހުރީ," ޖާބިރު ވިދާޅުވިއެވެ.