އިސްލާމީ ތާރީޚު

އާދަމުގެފާނުގެ ވާހަކަ - އިންސާނީ ތާރީޚުގެ ބަރަކާތްތެރި ފަތިސް - 3

ޑރ. މޫސާ އަންވަރު ޙަސަން

1

(5 ފެބުރުއަރީ 2022 ގެ އަދަދާ ގުޅޭ)

އަދިވެސް މާތް الله ވަޙީ ކުރައްވައިފައިވެއެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ *فَقُلْنَا يَا آدَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ *إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ *وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ﴾ މާނައަކީ:"آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ. ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ."

ފަރިއްކުޅުއްވުން ނަހީ ކުރެއްވި ގަސް:

އާދަމުގެފާނާއި ޙައްވާގެފާނަށް ފަރިއްކުޅުން ނަހީކުރެވިގެންވާ ގަހާއި ބެހޭގޮތުން ޢިލްމުވެރިންގެ ޚިލާފުތަކެއް އެބަހުއްޓެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީކަދުރު ރުކެއް ކަމަށެވެ. މުޖާހިދުގެ އަރިހުން އިބުނު ޖުރައިޖު ވިދާޅުވެފައިވަނީ އެއީ "ތީން" ގަހެއްކަމަށެވެ. އަބޫޢާލިޔާ ވިދާޅުވެފައިވަނީ އެ ގަހަކީ އެގަހަކުން މީހަކު ކައިފިނަމަ ޙަދަޘްވެރިވާ ގަހެކެވެ. ސުވަރުގޭގައި ޙަދަޘްވެރިވުމަކީ އޮންނަ ކަމެއް ނޫނެވެ."

ނަމަވެސް އެއީ ކޮންވައްތަރެއްގެ ގަހެއްކަން ވަނީ ސިއްރު ކުރައްވައިފައެވެ. އެކަން ބަޔާން ކުރެއްވުމުގައި އިންސާނާގެ މަޞްލަހަތެއް ހިމެނޭނަމަ މާތް الله އެކަން ބަޔާން ކުރެއްވީހެވެ. އަދި ޤުރްއާނުގައި ވެސް ޛިކުރު ކުރެއްވީހެވެ.

ދިރުއުޅުއްވަމުން ގެންދެވި ސުވަރުގެ:

އާދަމުގެފާނު ދިރިއުޅުއްވަމުން ގެންދެވި ސުވަރުގެއާއި ބެހޭގޮތުން ވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެއީ އުޑުގައިވާ ސުވަރުގެއެއްތޯ ނުވަތަ ބިމުގައިވާ ސުވަރުގެއެއްތޯ، ޖުމްހޫރުން ވިދާޅުވަނީ އެއީ ސުވަރުގޭގައިވާ ޖަންނަތުލް މައުވާ ކަމަށެވެ. މިހެން ވިދާޅުވެފައިވާ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ މިކަމާއި ބެހޭގޮތުން ރިވާވެފައިވާ އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ ބޭރުފުށަށެވެ. މާތް الله ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿وَقُلْنَا يَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ﴾ މާނައަކީ:"އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ! " ޝަރުޢީ ގޮތުން އިސްތިޤްރާރުވެތިބޭ ތަނަކީ ޖަންނަތުލް މައުވާއެވެ.

އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި އަބީ މާލިކު އަލްއަޝްޖަޢީގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ. «يَجْمَعُ اللهُ تَبَارَكَ وَتَعَالَى النَّاسَ، فَيَقُومُ الْمُؤْمِنُونَ حَتَّى تُزْلَفَ لَهُمُ الْجَنَّةُ، فَيَأْتُونَ آدَمَ، فَيَقُولُونَ: يَا أَبَانَا، اسْتَفْتِحْ لَنَا الْجَنَّةَ، فَيَقُولُ: وَهَلْ أَخْرَجَكُمْ مِنَ الْجَنَّةِ إِلَّا خَطِيئَةُ أَبِيكُمْ آدَمَ» މާނައަކީ:"މާތް الله تبارك وتعالى މީސްތަކުން ޖަމަޢަ ކުރައްވާނެއެވެ. މުއުމިނުންނާ ސުވަރުގެ ކައިރިކުރެވިގެން ދިޔުމުން އެމީހުން ތެދުވެގެން ގޮސް އާދަމުގެފާނުގެ އަރިހުގައި ދަންނަވާނެއެވެ. އޭ އަހަރެމެންގެ ބައްޕާއެވެ! އަހަރެމެންނަށްޓަކައި ސުވަރުގެ ހުޅުއްވައިދެއްވާށެވެ. އާދަމުގެފާނު ވިދާޅުވާނެއެވެ. ތިޔަބައިމީހުން ސުވަރުގެއިން ބޭރުކުރެވިގެން ދިޔައީ ތިޔަބައިމީހުންގެ ބަފައިކަލުން އާދަމުގެފާނަށް ކުރެވުނުކުށެއްގެ ސަބަބުން ނޫންހެއްޔެވެ؟"

އަނެއްބައި ބޭކަލުން ވިދާޅުވެފައިވަނީ އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޖަންނަތުލް ޚުލްދަކު ނޫނެވެ. އެއީ އެކަލޭގެފާނަށް އަމުރުކުރެވިގެންވަނީ އެގަހުން ފަރީނުކުޅުއްވުމަށެވެ. އެކަލޭގެފާނު އެތަނުގައި އަވަހާރަފުޅު ލެއްޕެވިއެވެ. އަދި އަދި އެތަނުން އެކަލޭގެފާނު ބޭރުކޮށްލެވުނެވެ. އަދި އެތަނަށް އިބިލީސް ވަދެއެވެ. އެހެންކަމުން މިއިން އެނގިގެންދަނީ އެއީ ޖަންނަތުލް ޚުލްދު ނޫންކަމެވެ."

މިއީ އުބައްޔު ބުނު ކަޢްބާއި އިބުނު ޢައްބާސާއި ވަހުބު ބުނުމުނައްބަހާއި ސުފިޔާނު ބުނު ޢުޔައިނާގެ ބަހެވެ. ޤުތައިބާ ވަނީ "އަލްމަޢާރިފު" ގައި މިގޮތް އިޚްތިޔާރު ކުރައްވައިފައެވެ.

އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވި ސުވަރުގެ އާއި މެދު ޢިލްމުވެރިންގެ ދެ ބަސްފުޅެއް ފެންނަން އެބައޮތެވެ. ފުރަތަމަ ބަހަކީ އެއީ ޖަންނަތުލް ޚުލްދުކަމަށް ބުނާ ބަހެވެ. ދެވަނަ ބަހަކީ މާތް اللهُ އެދެކަނބަލުންނަށްޓަކައި ތައްޔާރު ކުރައްވައިފައިވާ ސުވަރުގެ އަކީ އެދެކަނބަލުންގެ ކިޔަމަންތެރިކަން ހުރި މިންވަރު ވަޒަންކުރެއްވުމަށްޓަކައި ތައްޔާކު ކުރައްވައިފައިވާ ގެއެކެވެ. އެއީ ޖަޒާ ދެއްވުމަށްޓަކައި ތައްޔާރު ކުރައްވައިފައިވާ ޖަންނަތުލް ޚުލްދެއް ނޫނެވެ.

މިފަދައިން ވިދާޅުވާ ބޭފުޅުންވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއްބައި ބޭކަލުން ވިދާޅުވަނީ އެއީ އުޑުގައިވާތަނެއް ކަމަށެވެ. އެހެންވެގެން އެތަނުން ބޭރުކޮށްލެވުނީއެވެ. މިއީ "ޙަސަން" ވިދާޅުވާގޮތެވެ. ދެވަނަ ބަހަކީ އެއީ ބިމުގައިވާ ތަނެކެވެ. މޭވާއަޅާ އެހެންބާވަތްތަކުގެ ގަސްތައް ފިޔަވައި މާތް اللهُ ނަހީ ކުރައްވާ ގަސްހުރީ އެތަނުގައެވެ. މިއީ އިބުނު ޔަޙްޔާގެ ބަހެވެ. އެއީ އިބިލީހަށް އާދަމުގެފާނަށް ސަޖިދަކުރުމަށް އަމުރު ކުރެއްވުމަށް ފަހުއެވެ.

މިމައްސަލާގައި ދެވަނަ ރައުޔުގެ ބޭފުޅުންވަނީ ޖަވާބު ދޭން ޖެހޭފަދަ ސުވާލެއް ހުށަހަޅުއްވައި ފައެވެ. ކުޑަވެސް ޝައްކެއްނެތް ގޮތުގައި އިލާހީ އަމުރުފުޅަށް ނުކިޔަމަންތެރިވެ ސަޖިދަ ކުރުމަށް ދެކޮޅުހެދުމުން މާތް اللهُ އެކަލާނގެ ރަޙުމަތުން ޝައިޠާނާ ބޭރުކޮށްލެއްވިއެވެ. އެކަލާނގެ އޭނާއަށް ސުވަރުގެއިން ބޭރުވުމަށް ކުރެއްވި އަމުރުފުޅަކީ ޝަރުޢީ އަމުރުފުޅެކެވެ. އެއްވެސް ޙާލެއްގައި އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. އެއީ ޤަދަރެވެ. އެކަމަށް އިންކާރުކޮށް މަނާޢަވެއެއް ނުގަނެވޭނެއެވެ. އެހެންކަމުން މާތް اللهُ ވަޙީ ކުރައްވައިފައިވަނީ: ﴿قَالَ اخْرُجْ مِنْهَا مَذْءُومًا مَّدْحُورًا﴾ ﴿سورة الأعراف 18﴾ މާނައަކީ:" އެކަލާނގެ وحى ކުރެއްވިއެވެ. މަލާމާތް ލިބި، رحمة ން ދުރުކުރައްވާފައިވާ حال، ތިޔަތަނުން ކަލޭ ނުކުންނާށެވެ!"

އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا﴾ ﴿سورة الأعراف 13﴾ މާނައީ:"އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ." އަދިވެސް އިބިލީހާއި މުޚާޠަބު ކުރައްވައި ވަޙީ ކުރައްވައިފައިއެވެ. ﴿قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴾ ﴿سورة الحِجُر 24﴾ މާނައީ:"އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް لعنة ހުއްޓެވެ."

މިތަނުގައި އިޝާރަތް ކުރައްވަނީ ސުވަރުގެއަށް ނުވަތަ އުޑަށް ނުވަތަ ފޭބިތަނަށެވެ. ކޮންމެ ތަނެއް ކަމުގައި ވިޔަސް އެތަނަކީ ދެމިގެންވާ ދާއިމަށްވާ ތަނެއް ނޫނެވެ. އެއީ ހުރަސްކުރުމަށްޓަކައި އޮތްފާލަމެކެވެ.

ކީރިތި ޤުރްއާނުގެ ސިޔާޤަށް ބަލާއިރު އާދަމުގެފާނަށް ވަސްވާސްދެމުން ޝައިޠާނާ ބުންޏެވެ. ﴿فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ الْخُلْدِ وَمُلْكٍ لَّا يَبْلَىٰ ﴾ ﴿سورة طه 120﴾ މާނައީ:" ފަހެ، شيطان އާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدم ގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟"

އަދިވެސް އޭނާ ބުނެފައިވެއެވެ. ﴿ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ﴾ މާނައީ:" ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ." ﴿وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ﴾ މާނައީ:" އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ." ﴿فَدَلَّاهُمَا بِغُرُورٍ ﴾ މާނައީ:"މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ." ﴿سورة الأعراف 120﴾

އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވަމުން ގެންދެވި ސުވަރުގެއަކީ ބިމުގެ އެހެން ހުރިހާ ބައިތަކަށްވުރެ އުސްތަނެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ގަސްތަކާއި މޭވާއިން ފުރިފައިވާ ބިމެކެވެ. ހިޔާކަމާއި ފެހިކަމާއި އާރޯކަމާއި ހިތަށް އުފާވެރިކަން ލިއްބައިދޭ ބިމެކެވެ. އެއީ މިއާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ * وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ﴾ ﴿سورة طه 118-119﴾ މާނައީ:"ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައި ވުމެއްނުވެތެވެ. އަދި އުނުއޮރިޔާން ވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ."

މާނައަކީ ކަލޭގެފާނަކަށް ބަނޑުހައިކަން އިޙްސާސެއް ނުވާނެއެވެ. އަދި އަވީގެ ހޫނުކަމުގެ އިހްސާސެއް ނުވާނެއެވެ."

ބިމަށް ފައިބައިވަޑައިގަތުން:

ނަހީކުރައްވައިފައިވާ ގަހުން ފަރިއްކުޅުއްވުމުން މާތް اللهُ އެ ދެކަނބަލުން ބިމަށް ފޮނުއްވިއެވެ. އެއީ ދަތިކަމާއި އުނދަގުލާއި އިމްތިޙާނާއި މުޞީބާތުގެ ގޮވައްްޗެވެ. ވެށީގެގޮތުންނާއި ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުންނާއި ކުރަންޖެހޭ މަސައްކަތުގެ ގޮތުން ތަފާތު ތަނެކެވެ. އަދި ޤަޞްދު ކުރެވޭ ކަންތަކާއި ބޭނުންތަކާއި ބަސްތަކާއި ޢަމަލުތައް ތަފާތު ތަނެކެވެ. އެއީ އަންނަނިވި އާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ﴾ ﴿سورة البقرة 36﴾ މާނައީ:"އަދި ބިމުގައި ތިޔަބައިމީހުންނަށް ޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ."

އެހެންކަމުން މިތަނުގައި އެ ދެކަނބަލުން ތިއްބެވީ އުޑުގައިކަމެއް ލާޒިމެއް ނުކުރެއެވެ. އެއީ އަންނަނި އާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُوا الْأَرْضَ فَإِذَا جَاءَ وَعْدُ الْآخِرَةِ جِئْنَا بِكُمْ لَفِيفًا﴾ ﴿سورة الإسراء 104﴾ މާނައީ:" އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން قيامة ދުވަހުގެ وعد އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ حال، حاضر ކުރައްވާ ހުށީމެވެ." އެހެންކަމުން އެނގިގެންދަނީ އެ ދެކަނބަލުން އެތިއްބެވި ތަނަކީ އުޑެއް ނޫންކަމެވެ.

(ނުނިމޭ)

*********

އެޑިޓަރުގެ ނޯޓު: ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ފިޤުހު، އުޞޫލް ފިޤުހު“ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ޑރ. މޫސާ އަންވަރު ޙަސަން ފެއްޓެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. ފަހުން އެ މަޖިލީހުގެ ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡެއްގެ މަޤާމެވެ. މީގެ އިތުރުން ޑރ. މޫސާ އަންވަރު ޙަސަން އަކީ، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަންއަށް ލިބިވަޑައިގެންފައިވެއެވެ.