"އާނ ތިކަން އޮތީ ތިހެން. އެ ބޮޑާ ފިރިހެނާ ބޭނުންވީ ކޯޓުގަ ކައިވެނިކުރަން. އެކަމަކު ބުނަން ކަލޭމެންގެ ދެމީހުން ދިރިއުޅުން ހަމަޔަކަށް އެޅުމާއެކު ހަނީމޫނަށް ދާން ތެޅިގަންނާތި" ރޫބިޔާ ބުންޏެވެ. ވިލިނީ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

*****************

މެންދުރުފަހުގެ ވަގުތެކެވެ. ސޯފާގައި އޮތް ރިންދާގެ ނަޒަރު ވަނީ ސީލިންގަށް ހުއްޓިފައެވެ. މޭމަތީގައި އޮތް ކުޝަނުގައި ބައްދާލައިގެން އޮތްއިރު ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އޭނާގެ ވިސްނުންތަކާ ގުޅާލާފައި ވިލިނީ އާ ބައްދަލުކުރަން ދިޔަ ގެއިން ދިމާވި ޒުވާނާއެވެ.

"އަޔާލް" ކީއްވެގެންކަމެއް ނޭނގެއެވެ. އެ ނަން ވެސް އެހާ ކަމުގޮސްފިއެވެ. ދުވަހަކުވެސް ފިރިހެނަކު ފެނިގެން ނުވާ ގޮތްތަކެއް ރިންދާއަށް ވާން ފަށައިފިއެވެ. އަޔާލް ރިންދާއަށް ބަލަހައްޓައިގެން ހުރި ހުރުން އިރުކޮޅަކާ ހިތަށް ސިފަވާ ކަހަލައެވެ. ވާހަކަދައްކާލުމަށް ރިންދާގެ ހިތް އެދެން ފަށައިފިއެވެ. އަޔާލްއާ ގުޅޭގޮތުން ވިލިނީ ދެއްކި ވާހަކަތަކުގެ ސަބަބުން އެކަނިވެސް ބައްދަލުކޮށްލާ ހިއްވިއެވެ.

"ފިރިހެނެއް. އެކަމަކު އަންހެނަކަށްވެސް ނުކުރެވޭނެހާ މޮޅަށް އޭނަ ގޭތެރޭގެ ހުރިހާ މަސައްކަތެއްކުރޭ. ގެއިން ބޭރުގައި އުޅެނީ ވަޒީފާ އަދާކުރާ ގަޑީގައި އެކަނި. މިގޭގައި ކެއްކުމާއި ތަންތަން ސާފުކުރުމުގައި އުޅޭތަން ފެންނަނީ އޭނަ. ބަރަކް އޮފީހުން އަންނައިރު ވެސް ކާން ތައްޔާރުކޮށްލާފައި ހުންނާނީ. ބޮޑޫ ވަރަށް ޖައްސާލާފައި ހުންނަނީ އޭނަ އާ. އަހަރެންނަ ހީވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއްހެން. އެހެންވެ އިސްވެ ވާހަކަދައްކަންވެސް ނުކެރޭ. ކާކު ހީކުރާނީ އެހާ ރީތި މީހެއް ގެއެއްގެ ހުރިހާ ޒިންމާ ނަގައިގެން އުޅެފާނޭ. އަހަރެންނަށް ހީވަނީ އޭނަ އާ މެދު ބޮޑޫ ކަންތައްކުރަނީ ވަރަށް ގޯސްކޮށްހެން" ވިލިނީ ދެއްކި ވާހަކަތައް ރިންދާގެ ސިކުނޑީގައި ހިނގާލިއެވެ.

ކޮޓަރިން ނުކުތް ނަހާގެ ދެމަފިރިންނަށް ރިންދާ ފެނުމާއެކު ހުއްޓެން މަޖުބޫރުވިއެވެ. އެހެންޏާ ރިންދާގެ ފަރާތުން ނުފެންނަ މަންޒަރެއް ފެނުމުން ނަހާގެ ހިތުގައި ސުވާލު އުފެދުނެވެ. ރިންދާގެ ހަރަކާތްތަކާއި ތުންފަތަށް ވެރިވެފައިވާ މައުނަވީ ހިނިތުންވުމާއި އިރުކޮޅަކާ ތިރީ ތުންފަތުގައި ދަތްތަކުން ހިފަހައްޓާލާ ގޮތް ފެނުމުން އެހުރިހާ ކަމެއް ނަހާ މާނަކޮށްލިއެވެ. އެހެނީ ނަހާއަކީ ރިންދާގެ މަންމައެވެ. ނަހާގެ އުމުރުން ސާޅީސް އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ނަހާގެ އުމުރުގައި އެފަދަ ކިތަންމެ ކަމެއް އިހުސާސްކޮށްފައިވެއެވެ.

ރިންދާ ސިހުނީ ޝާހްބާޒް ކަރުކެހިލި އަޑަށެވެ. ފުންމައިގެން ތެދުވެ އިށީނދެފައި ކުޝަން ބޭއްވީ އުނގުތެރޭގައެވެ. މޫނު މައްޗަށް ފައިބާފައި ހުރި އިސްތަށިކޮޅު ކަންފަތް ކައިރިއަށް ލައްވާލާފައި ނަހާއަށް ހިނިތުންވުމެއް ރިންދާ ދިނެވެ.

"ހާދަ ބޮޑު ފިކުރެއްގަ" ނަހާ އެހިއެވެ. މަސައްކަތެއް ކުރަން ގޭގެ އަނެއް ފަޅިއަށް ޝާހްބާޒް ނުކުތުމުން ނަހާ އިށީނީ ރިންދާ ކައިރީގައެވެ.

"ނުވިސްނަން" ރިންދާ ބުންޏެވެ.

"އެކަނި އޮވެގެން ކޮން ރަކި ހިންޏެއް ތިހެނީ. އަނެއްކާ މަންމައަށް މި ހީވަނީ ރަނގަޅަށްބާ" ރިންދާގެ އަތްތިލައިގައި ހިފަހައްޓާލަމުން ނަހާ ބުންޏެވެ.

"ނޫން.. މަންމަ ތި ހީކުރާ ކަހަލަ ކަމެއްނުވޭ" ރިންދާ ބުންޏެވެ. ހިތަށް އައި ބަދަލު އެހާ އަވަހަށް މަންމައަށް އަންގަން ރިންދާ ބޭނުމެއްނުވިއެވެ.

"މަންމަ މިދަނީ ހަވީރަށް ހެދިކާއެއް ހަދަން. އަންނަވީނުން ބަދިގެއަށް" ނަހާ ބުންޏެވެ.

"މިދަނީ ކޮޓަރިއަށް ވަދެލާފަ. ހައިބް ކޮބާ؟" ރިންދާ އެހިއެވެ.

"އެބައިން ކުލަޖައްސަން" ނަހާ ބުންޏެވެ.

***************

ހުޅުވާލާފައި ހުރި ލެޕްޓޮޕުން ފެންނަން އިން ސޫރައެއްގެ ސަބަބުން ނަހީކްގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އެއީ އޭނާއަށް މިދުނިޔެއިން ލިބުނު އެންމެ އަގުބޮޑު ނިއުމަތެވެ. މިއަދު އޭނާއަށް އާދެވިފައި ހުރި ހިސާބަށް އައުމަށް އެންމެ ބޮޑަށް އެހީވެދިން ފަރާތެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު ހޭލެވުމާއެކު ނަހީކަށް އެ ސޫރަ ބަލާނުލ\ައި، ވާހަކަދައްކާ ނުލައި ނޭވައެއްވެސް ނުލެވެއެވެ.

އެހެންނަމަވެސް ވީޑިޔޯ ކޯލު ނިމި ލެޕްޓޮޕްގެ ސްކްރީން ކަޅުވެގެން ދިޔުމާއެކު ނަހީކްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ކައިވެންޏެއް ކުރަން އުޅޭކަން ހަނދާންވާ ކޮންމެ ފަހަރަކު ނަހީކްގެ މޫޑު ގެއްލެއެވެ. ދިރިއުޅުމަށް އަންހެނަކު އަންނަން އުޅޭކަން އެއްވެސް މީހަކަށް އަންގަން ބޭނުންނުވިޔަސް އެކަން އެނގެންޖެހޭ އެކަކު އެބަހުއްޓެވެ. ހިތް ނުތަނަވަސްވަނީ އެކަން އެމީހާއަށް ވެސް ނާންގާ ނިންމަންޖެހޭތީއެވެ.

"މިއީ ކައިވެންޏެއް ނޫން. ޑީލްއެއް. އާނ. ޑީލްއެއް ނިންމާލަނީ މި" އަމިއްލަ ހިތަށް ނަހީކް ވިސްނައިދިނެވެ.

އިރުކޮޅަކުން ފޯނު ނަގާފައި ބަދިގޭގައި އުޅުނު ބެގަރީއަށް ނަހީކް ގުޅާލިއެވެ. މާގިނަ އިރެއްނުވެ ބެގަރީ އައިސް ހުރީ ނަހީކްގެ ކުރިމަތީގައެވެ.

"މި ހުކުރުން ފެށިގެން މިގެއަށް މީހަކު އަންނާނެ" ނަހީކް ބުންޏެވެ.

"ލައްބަ" ބެގަރީ ބުންޏެވެ.

"ތިރިން ކޮޓަރިއެއް ތައްޔާރުކޮށްލާތި އިނގޭ" ނަހީކް ބުންޏެވެ. އަނެއްކާވެސް ބެގަރީ 'ލައްބަ' އޭ ބުންޏެވެ.

"އެމީހަކީ ކާކު ކަން ބެގަރީއަށް އެނގޭނެ ވަރަށް އަވަހަށް. އެކަމަކު އަހަރެންނާއި ބެގަރީ ނޫން މީހަކަށް އެކަން އެނގިގެންނުވާނެ" ނަހީކް ބުންޏެވެ. މިފަހަރު ބެގަރީ 'ލައްބަ' އޭ ބުނީ އިރުގަނޑެއް ފަހުންނެވެ.

************

ސިއްރުން ބަދިގެއަށް ބޯދިއްކޮށްލި ރޫބިޔާ އެތެރެއަށް ދެމިގަތެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން އެވަގުތު އަމާންކަން އެނގުނެވެ. ކާމޭޒުގައި އެއް އަތް އަޅުވާލާފައި ރޫބިޔާ ބަނޑުގައި އަތްހާކާލިއެވެ. ހަގީގަތުގައި ބަނޑުހައި ހޫނުކަމުގެ އިހުސާސެއް ނުކުރެވެއެވެ. އޮފީހުން ގެއަށް އައިރު އައީ އެކުވެރިޔަކާއެކު ގަދައަށް ކައިގެންނެވެ. އަޔާލް ކައްކަން ހުރި ކާއެއްޗެހީގެ ވަސް ނޭފަތުގައި ޖެހުމުން އެތިކޮޅެއް ކައިނުލާ ފަރުނުޖެހުނީއެވެ. މަޑުމަޑުން ހިނގާފައި ގޮސް އުނދުން ކައިރީގައި ހުއްޓިފައި ތެލީގެ މަތިނެގިއެވެ. އަރައިގަތް އާތްވާއެކު ނޭފަތަށް އިހުސާސްވެގެން ދިޔަ ވަސްގަނޑުން ރޫބިޔާގެ މޭ ފުރިގެން އައި ކަހަލައެވެ. ތުންފަތުގައި ދޫ ހާކާލީވެސް ދަހިވެތިކަމާއެކުގައެވެ.

"އޭނަ ކައްކަން ދަސްކުރީ ކިހިނެއް؟ ގައިމުން އަހަރެންނަކަށް ނޭނގޭ ވިއްޔާ މިގޮތަށް ބޯވަ ހަދާކަށް" އަމިއްލަ ނަފްސަށް ރޫބިޔާ ބުންޏެވެ. ހަމަ އެހާ ސިއްރުން މޭޒު ކައިރިއަށް ގޮސް މަތިޖަހާފައި ހުރި ތަށިން ރޮއްޓެއް ނަގައިގެން އައެވެ. ދެން އުނދުން ކައިރީގައި ހުރި ތެލީގެ ތެރެއަށް އަތް ބާނައިގެން ކާން ފެށިއެވެ. ހަފަމުން ދިޔައިރު އޭނާގެ ދެލޯ ވަނީ ބަދިގޭ ދޮރަށް ހުއްޓިފައެވެ.

ގޭތެރެ ދޮރުފަތް ޖެހި އަޑު އިވުމާއެކު ރޫބިޔާ ސިހުނެވެ. އަތުގައި ބާކީ އޮތް ރޮށި ފަޅި އޮތްގޮތަށް އަނގައަށް ކޮށްޕާލިއެވެ. އެމީހަކު ބަދިގެއަށް ވަނުމުމުގެ ކުރިން ދުވެފައި ގޮސް އައިސްއަލަމާރި ކައިރީގައި ހުއްޓުނެވެ. ބަދިގޭ ދޮރަށް ފުރަގަސްދީގެންނެވެ.

ބަދިގޭ ދޮރަށް އެރީ އަޔާލް އާއި ބަރަކް އެކީގައެވެ. އެހެންޏާ ނުފެންނަ ވަގުތެއްގައި ބަދިގެއިން ރޫބިޔާ ފެނުމުން އަޔާލް ދެ ބުމަ ގޮށްޖެހުނެވެ. ފުރަތަމަވެސް އަޔާލްގެ ނަޒަރު ދަތުރުކޮށްލީ އުނދުން މަތީގައި މަތިނަގާފައި ހުރި ތެއްޔަށެވެ.

"މަންމަ މިތާ ކީއްކުރަނީ" ބަރަކްގެ އަޑު އިވުމާއެކު އަނގައިގެ ތެރޭގައި ނުދިރިފައި އޮތް ރޮށިގަނޑު ގަދަކަމުން ދިރުވާލިއެވެ. ދެން މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ބަރަކްއަށް ވުރެ ކުރިން ރޫބިޔާގެ ނަޒަރު ހުއްޓުނީ އަޔާލްއަށެވެ. އަޔާލް ދީގެން ހުރި ޝައްކުގެ ނަޒަރަށެވެ.

"އަހަރެން މިތާ ކީއްކުރަނީހޭ. ބަލަ އަހަރެންގެ ގެއަކު އަހަރެންނަށް ނުވަދެވޭނެ ތަނެއް އޮންނާނެތަ؟" ރުންކުރު ޖަވާބެއް ރޫބިޔާ ދިނެވެ. "ކޮން ފާޑަކަށް ތިބަލަނީ. އަހަރެން ފެންފޮދެއް ބޯތީވެ އުނދަގުވަނީ ދޯ" އަތުގައި އޮތް ފުޅި އަނގަ އާ ދިމާކޮށް އުފުލާލަމުން ރޫބިޔާ ބުންޏެވެ.

"ބަލާނެއްނު. އަހަރެމެންނަށް އަދި ނޭނގޭ ވިއްޔާ ފެން ނެތް ފުޅިއަކުން ފެންބޯނެ ގޮތެއް" އަޔާލް ބުންޏެވެ. އަތުގައި އޮތީ ހުސް ފުޅިއެއްކަން ރޫބިޔާއަށް އެނގުނީ ދެނެވެ. ރަކިވީވަރުން ފުޅިއަށް ބަލައިލާފައި އަނގައަށް ގޮތެއް ހަދާލިއެވެ. ދެން މޭޒުމަތީގައި ފުޅި ބަހައްޓާފައި ނުކުންނަން ހިނގައިގަތެވެ.

"މީރުތަ އަހަރެން ހަދާފަ ހުރި ބޯވަ" އަޔާލްގެ އަޑާއެކު ދޮރާ ހަމައިން ރޫބިޔާ ހުއްޓުނެވެ. އަޔާލްއަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

"އައްޗީޑި. އަހަރެން މިއުޅެނީ ކަލޭ ހަދާފަ ހުރި ގުއިގަނޑު ނުކެވިގެންތަ؟" ރޫބިޔާ ބުންޏެވެ.

އަޔާލް ޖަހާލީ ހިނިގަނޑެކެވެ. ދެން ހިނގާލާފައި އައިސް ރޫބިޔާގެ ކުރިމަތީގައި ހުއްޓުނެވެ. ރޫބިޔާ ހުރީ އަޔާލް ކުރަންއުޅޭ ކަމެއް ނޭނގި ހާސްވެފައެވެ. އެހާ ސިއްރުންކުރި ކަންތައް ފަޅާއެރީތީ ފޫހިވެފައެވެ.

"ދެން މިއީ ކިހިނެއް މިތަނަށް ވެއްޓުނު ފިޔާކޮޅެއް" ރޫބިޔާ ލައިގެން ހުރި ކަޅު ކުލައިގެ ޓޮޕްކޮޅުގެ ކަރުވަޅާ ހަމައިގައި އޮތް ފިޔާގަނޑަށް އިޝާރާތްކޮށްލަމުން އަޔާލް ބުންޏެވެ. އޭތިކޮޅުގައި ރޫބިޔާ އަތްޖައްސާލިގޮތަށް ދުރަށް ފޮޅާލިއެވެ.

"ވަގު. އަބަދުވެސް އެހެންނޭ ހަދަނީ. ދެން ފަޅާއަރައިފިއްޔާ ޗާޖުކުރާނަން އިނގޭ. އެހެންޏަ އަހަރެން ބުރަ މަސައްކަތުން ކެއްކީމަ ވަގު އައިސް ވަގަށް ކަނީ. އަދި ވަގަށް ކާން އިނގޭ ނަމަވެސް ރަނގަޅުތާ. ކަންނެތް ފޮޑަރު" އަޔާލް ކިޔާލި އެއްޗިއްސާއެކު ރޫބިޔާގެ ދެލޮލުން އަލިފާންކަނި ބުރާލި ކަހަލައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވުމުގެ ކުރިން ރޫބިޔާ އިނގިލި އަޔާލްއަށް އުފުލާލިއެވެ. އިންޒާރުގެ މޮޅު އެއްޗެއް ބުނެލަންކަން ބަރަކްއަށް އެނގުނެވެ.

"މަންމަ ކީއްކުރަންތަ ވަގަށް ކަނީ. ކާހިއްވަންޏާ ދޮންބެ ކައިރީގައި ބުނިނަމަ ތިމަންނައަށް ލައިގެން ކައްކާށޭ. ނޫނީ މަންމައަށް ކައްކަން ނޭނގެޔޭ" ބަރަކް ބުންޏެވެ.

"ކަލޭވެސް މި ޖާހިލު މީހާ އާ ބައިވެރިވެގެން އަހަރެންނަށް ފާޑުކިޔަން ފެށީތަ؟" ރޫބިޔާ ބުންޏެވެ.

"ދެން ހެޔޮ. މަންމަ ދޭ މިތަނުން" ބަރަކް ބުންޏެވެ.

************

އޮފީސް ނިމުމާއެކު ރިންދާ ބޭރަށް ނުކުތެވެ. ޝާހްބާޒްގެ ހުއްދައާއެކު ރިންދާ ބޭނުންވީ ހިނގާލާފައި ގެއަށް ދާށެވެ. ދުވާލުގެ ކޮންމެސް ވަގުތެއް ހިނގާލުމަށް ހުސްކޮށްލައިފި ނަމަ ޔަގީނުންވެސް ހަށިގަނޑަށް ފައިދާތަކެއް ކުރާނެއެވެ. ރިންދާ ހިނގާފައި ދިޔައީ މަގު އެންމެ ދިގުވާނެހެންނެވެ. މަގު ހުރަސްކުރަން އުޅުނު ވަގުތު ކުއްލިއަކަށް ކައިރިއަށް ސައިކަލެއް މަޑުކޮށްލިއެވެ. ސިހުނު ވަރުން ރިންދާއަށް ދަބަހުގެ ވާގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ސައިކަލު މަތީގައި އިން ނަހީކްގެ ތުންފަތުގައި ހިނިތުންވުމެއް ދައުރުވެލިއެވެ. ރިންދާ ނަހީކަށް ބަލައިލީ ދެބުމަ ގޮށްޖަހާލުމުންނެވެ.

"ރިދާ ކިހިނެއް؟" ލޮލުގައި އޮތް އަވި އައިނު ނަގަމުން ނަހީކް ބުންޏެވެ. އެވަގުތު ރިންދާގެ ކަޅި އަމާޒުވީ ނަހީކްގެ ދެ ލޮލަށެވެ. ގުދުރަތުން އެންމެ ގަދަ އަޅި ކުލައިގެ ދެ ކަޅި ދެއްވާފައިވާ ނަހީކުގެ ލޮލުގެ ޖާދޫގައި ރިންދާ ނުބަނދެވި ސަލާމަތްވީ ވަގުތުން ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލުމުންނެވެ.

"އަހަރެންނާ ވާހަކަނުދައްކާނަންތަ؟ ރުޅީތަ؟" ރިންދާ ބަހެއްނުކިޔައި ހުރުމުން އަނެއްކާވެސް ނަހީކް ވާހަކަދެއްކިއެވެ.

"އަހަރެންނަށް ނޭނގޭ ތީ ކާކުކަމެއް؟" ރިންދާ ބުންޏެވެ.

"ހެހެހެ... ނަހީކް ކިޔަނީ. ބައެއް މީހުން ލޯބިން ނާކު އޭވެސް ކިޔާ" ނަހީކް ބުންޏެވެ.

"ހިނގާފަތަ ގެއަށް ދަނީ. ހިނގާ އަހަރެން ގެންގޮސްދޭނަން" ނަހީކް ބުންޏެވެ.

"ތިގޮތަށް ސައިކަލުގަ ދެވެން ނެތިގެނެއް ނޫން އަހަރެން ހިނގާފަ މިދަނީ. ހަމަ ދާހިތުން" ރިންދާ ބުންޏެވެ. ދެން ނަހީކް ބުނާ އެއްޗަކަށް ބެލުމެއް ނެތި މަގުހުރަސްކޮށް އަނެއް ފަޅިއަށް ރިންދާ އެރިއެވެ. ކުރިއަށް ވުރެ ހިނގުން ބާރުކޮށްލީ ނަހީކް ފަހަތުން އަންނާނެކަން އެނގުމުންނެވެ.

ވީވެސް ރިންދާ ހީކުރިގޮތަށެވެ. މިފަހަރު ނަހީކް ދިމާކުރީ ސީދާ ކުރިމަތިންނެވެ. ރިންދާ ހައިރާންވިއެވެ. ރަނގަޅަށް މަގުމަތި އަޅައިފިކަން އެނގުމުން ގޮސް ހުސްވާގޮތް ވިއެވެ. ރިންދާއަށް ނޭނގުނީ ނަހީކް ބޭނުންވެގެން އުޅެނީ ކޮންކަމެއް ކަމެވެ.

"ތިގޮތަށް ކިތަން އަންހެނުންގެ ފަހަތުން މުގޯލި އަޅަމުން ދުއްވަންތަ؟" ރިންދާ އެހިއެވެ.

"އެންމެކުއްޖެއް. ތިއީ އެކުއްޖަކީ. ރިދާ. އަހަރެންގެ ކުޑައިރުގެ އެކުވެރިޔާ. އަދި އަހަރެންގެ..."

"ތިއީ ފިލްމެއްގެ ޑައިލޮގެއްތަ؟ ނޫނީ އަހަރެންގެ ބޯކާލެވޭނެ ގޮތެއް ހޯދަނީތަ؟" ރިންދާ ބުންޏެވެ.

"އަންހެނެއްގެ ބޯކާވަރެއް އަދި ނުވޭ. ގަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން ހަމަ ހަގީގަތަށް މިވާހަކަދައްކަނީ" ނަހީކް ބުންޏެވެ.

"އޯކޭ. ކޮބާ ތިގޮތަށް އަހަރެންގެ ފަހަތުން އުޅުމުގެ ބޭނުމަކީ. ތިގޮތަށް ފަހަތު އަޅުވާލައިގެން އުޅުމަކީ އަހަރެން ވަރަށް ފޫހިވާ ސިފައެއް" ރިންދާ ބުންޏެވެ.

"ރިދާގެ ނަންބަރު އަހަރެންނަށް ދެވިދާނެތަ؟ ވަރަށް ވާހަކަދައްކާލަން ބޭނުން" ނަހީކް ބުންޏެވެ.

"ކަލޭ ހީކުރީ އަހަރެން މިއީ ތަނަކުން ދިމާވާހާ މީހަކަށް ނަންބަރުދެމުން ދުވާ އަންހެނެއް ކަމަށްތަ؟" ރިންދާ ބުންޏެވެ. ނަހީކް ބަހެއް ނުބުނެ މާޔޫސީ ނަޒަރަކުން ރިންދާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ރިންދާގެ ދުލުން އޯގާތެރިކަމުގެ އެންމެ ލަފްޒެއް ބުނޭތޯ އިންތިޒާރުގައި އިންކަހަލައެވެ.

"ނޫން... އޯކޭ ނަންބަރު ނުދިނަސް. އެކަމަކު... ރަނީންއަށް ދިމާވިގޮތުން އަހަރެންވެސް ވަރަށް ދެރަވި. އަދިވެސް އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރޭ ދޯ. ގެއަށް ގޮސްފަ ރިދާގެ މަންމަ ކައިރީގައި އަހާލައްޗެ ނަހީކް ކިޔާ ކުއްޖަކު ދަންނަންތޯ. އަހައްޗެ މިހާރު ނަހީކް ކޮބާތޯވެސް" ނަހީކް ބުންޏެވެ.

ކުއްލިއަކަށް ނަހީކްގެ ވާހަކައިގެ މިސްރާބު ބަދަލުވިގޮތުން ރިންދާގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފާޅުވެލިއެވެ. ހަގީގަތުގައިވެސް ނަހީކް ރިންދާ ދަންނަނީ ހެއްޔެވެ؟ ކުޑައިރުން ފެށިގެން ހެއްޔެވެ؟ ނަހީކް އެއީ ކާކު ހެއްޔެވެ؟ އެއްވެސް ކަމެއް ރިންދާގެ ހަނދާނުގައި ނެތީ ހެއްޔެވެ؟ ނޫނީ ރިންދާ ހަނދާން ބަލީ ހެއްޔެވެ؟ ނަހީކްގެ މޫނަށް ރިންދާ ބަލައިލީ އެއީ ކާކުކަން ދެނެގަންނަން މަސައްކަތްކުރާ ނަޒަރަކުންނެވެ.

"ތިގޮތަށް ހައިރާންވެފަ ހުންނައިރު ވަކިން ލޯބި. ދަނީ އިނގޭ ދެން. އުންމީދުކުރަން އަދި ދިމާވާނެކަމަށް" ނަހީކް ބުންޏެވެ.

ރިންދާއަށް ހުރެވުނީ ނަހީކް ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.

************

ކޮޓަރިއަށް ވަންގޮތަށް ދަބަސް އެނދުމައްޗަށް އެއްލާފައި ރިންދާ ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. މަތީގައި ހުރި ފޮށްޓަށް އަތް ނުފޯރާނެކަން އެނގުމުން އަރިމަތީ ކަބަޑުގައި ހިފައި ކޮށްޕަމުން އައިސް އަލަމާރި އާ ގާތަށް ޖެއްސިއެވެ. މަތީގައި ހުރި ފޮށި ނަގަން ރިންދާ އެރީ އަރިމަތީ ކަބަޑު މައްޗަށެވެ. ފޮށި ނަގައިގެން އައިސް އެނދުގައި ބެހެއްޓިގޮތަށް އަބަދުވެސް ރިންދާ އާއެކު ދަތުރުކުރާ ބުރި ފޮޓޯ ނެގިއެވެ. އޭގައި ހުރި ކުޑަ ފިރިހެންކުއްޖާއަށް ރިންދާ ބަލައިލިއެވެ. އެއީ ކާކުކަން ރިންދާއަށް ޔަގީންވީ އަދި ކިރިޔާއެވެ. ފޮޓޯގައި އެވާ ފިރިހެންކުއްޖާގެ ދެލޮލުގެ ކަޅި އާއި މަގުމަތިން ދިމާކުރާ ޒުވާނާގެ ކަޅި ރިންދާއަށް އެއްގޮތްކޮށްލެވުނެވެ. އެއީ ހަމަ އޭނައެވެ. ރިންދާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ. ކޮންމެގޮތެއްވިޔަސް ނަހީކް ދޮގެއް ނަހަދައެވެ. ދެމީހުންނަކީވެސް ކުޑައިރުގެ ދެ ރަހްމަތްތެރިންނެވެ. އެކަމަކު ރިންދާ މާބޮޑަކަށް ހަނދާނެއް ނެތެވެ. ނަހީކްގެ ހަނދާން އެހާ ގަދަ ހެއްޔެވެ؟ ފޮޓޯ ހިފައިގެން ރިންދާ އެނދުގައި އިށީނެވެ. ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. ދެ އެކުވެރިން އެކަކު އަނެކަކާ ވަކިވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

"މަންމައަށް އެނގޭނެ" ފޮޓޯގަނޑު ހިފައިގެން ރިންދާ ކޮޓަރިން ނުކުތެވެ.

ނަހާ ފެނުނީ ބެލްކަނީގައި ހުރި ގަސްތަކަށް ފެންދޭން ހުއްޓައެވެ. ރިންދާ ގޮވާލުމާއެކު ހިނިތުންވުމަކާއެކު ނަހާ ބަލައިލިއެވެ.

"މަންމާ، މިފޮޓޯގަ މިއީ ކާކުކަން އެނގޭތަ؟" ރިންދާ އެހިއެވެ. ފެންހޮޅި ބާރުކޮށްފައި ނަހާ ރިންދާ އާ ދިމާލަށް އައެވެ. އެވަގުތު އެއީ އެދިމާލަށް ޝާހްބާޒް ނުކުތް ވަގުތެވެ.

"ރަނީންގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި" ދެމައިންނާ ހަމައަށް ރަނގަޅަށް ނާދެވެނީސް ޝާހްބާޒް ބުންޏެވެ. ވަގުތުން ނަހާ އާއި ރިންދާގެ ސަމާލުކަން ޝާހްބާޒަށް ހުއްޓިއްޖެއެވެ. އެއްފަރާތުގައި ހުރި ޖޯލީގައި ޝާހްބާޒް މެދަށް ވާނެހެން ތިން މީހުން އިށީނެވެ. ރަނީންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރި ވާހަކަ ދެކެވެން ފެށުމާއެކު އެތަނަށް ނަހާ ހޯދަން އައި ބޭނުން ރިންދާ ހަނދާންނެތުނު ކަހަލައެވެ.

**********

މޭޒުކައިރީގައި ފޯނަށް ބަލަހައްޓައިގެން އިން ނަހީކަށް ހެވެނީއެވެ. އެންމެފަހުން ހުނުންގަނޑު ބާރުވަމުން ގޮސް އެ އަޑު މުޅިން ކެބިން ތެރެއަށް ފެތުރޭ ވަރަށް ބާރުވިއެވެ. ހުޅުވާލާފައި އިން ހަބަރުގެ ތަފްސީލު ކިޔޭ ގޮތެއްވެސް ހެވޭ ވަރުން ނުވިއެވެ. ހަބަރުގެ ސުރުހީ ކިޔާލުމާއެކު ނަހީކަށް ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ.

"ރަނީންގެ މަރު: މަރަށް ހަތަރު މަސް ވީ ފަހުން ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފިި"

"އަހަރުގެ އެންމެ ބޮޑު ޖޯކު" ހުނުންގަނޑުގެ ތެރެއިން ނަހީކް ބުންޏެވެ.

ވަގުތުން ފޯނު ނަގާފައި ބޭރު ނަންބަރަކަށް ނަހީކް ގުޅިއެވެ.

(ނުނިމޭ)