މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ދަރުސް ޕޯޓަލް" ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ.

ދަރުސް ޕޯޓަލް އިފްތިތާހްކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ، ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ދަރުސް ޕޯޓަލްއަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި ދަރުސް ދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެކެވެ.

މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް މިއަދު ތައާރަފް ކުރެވުނު ޕޯޓަލް ތެރެއިން ދަރުސް ދިނުމުގެ ހުއްދައަށް އެދި މިހާރު ހުށަހެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަރުސް ޕޯޓަލްގައި ރަޖިސްޓްރީކޮށް، ހުއްދައަށް އެދުމުން އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން އެ ފަރާތަށް އަންގާނެ ކަމަށެވެ.

ދަރުސް ޕޯޓަލް މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކަށާއި ކައުންސިލްތަކަށް ހުއްދައަށް އެދެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.