ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއާ ގުޅިގެން ލައިވްކޮށްގެން މިހާރު ކުރިއަށްގެންދާ އަޑުއެހުންތައް ރީބްރޯޑްކާސްޓް ނުކުރަން އަންގައިފިއެވެ.
އާރަށު މައްސަލައިގައި، އަޑުއެހުން ކުރިއަށްގެންދަނީ ރައީސްގެ ޔާމީނަށް އުފުލާފައިވާ ދައުވާތަކާއި މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ މައްސަލަވެސް އެކުއެކީގައެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ދެ ހެއްކެއް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާނެއެވެ.
ހެކިބަސް ނެގުމަށް ފުރަތަމަ ހެކިވެރިޔާ ހާޒިރުކޮށް ދައުލަތާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުރި ސުވާލުތައް ހެކިވެރިޔާއާ ކޮށް ނިންމުމަށްފަހު ޔޫސުފް ނައީމަށް ފުރުސަތު ދިނުމުގެ ކުރިން އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ، އަހުމަދު ޝަކީލް ވަނީ އެ އަޑުއެހުމަކީ ކުރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށް ކުރިއަށްގެންދާ އަޑުއެހުމެއް ކަމަށާއި އެ އަޑުއެހުން ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ޝަރީއަތުން އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އެ އަޑުއެހުން ރީބްރޯޑްކާސްޓް ކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ނުކުރުމަށް ގާޒީ ޝަކީލް ވަނީ އަންގަވައިފައެވެ.
ރައީސް ޔާމީންގެ ޝަރީއަތް ރީބްރޯޑްކާސްޓް ކުރެވޭނީ އެކަމަށް ޝަރީއަތުގައި ހުއްދަ ނެގުމަށްފަހު އެ ހުއްދަ ލިބުމުން އެކަންޏެވެ. ނަމަވެސް ބައެއް ޓީވީ ޗެނަލްތަކުން އަންނަނީ އެ ޝަރީއަތް ރީބްރޯޑްކާސްޓް ކުރަމުންނެވެ.