ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ހަފުތާ މާލީ ހަރަދުތަކުގެ ރިޕޯޓުގައިވާ ގޮތުން 2021 ވަނަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުން ހަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ފިނޭންސުން ބުންޏެވެ.

މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަމަށް ފިނޭންސުން ބުންޏެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޕީއެސްސައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ހަރަދުކުރި އިރު، އަހަރުގެ މެދު ކުއާޓާގައި އަދި ފަހު ކުއާޓާގައި ވެސް އެ އަދަދާ އެއްވަރަށް ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ވަނީ ހިމަނައިފައެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، މިއަހަރަށް ބަޖެޓުގައި ހިމަނައިފައިވާ ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދަން ނިންމައިފައިވާ ކަމަށެވެ.