މާލޭ ވިޔަފާރި ބަނދަރު ތަރައްގީކުރުމަށް ގުޅިފަޅުން ބިން ހިއްކުމަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދިނުމަށްޓަކައި 101،787،500 ޔޫރޯ (1.6 ބިލިއަން ރުފިޔާ) ލޯނު ފެސިލިޓީ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އޭބީއެން އަމްރޯ ބޭންކް، އޭކޭއޭ ބޭންކް އަދި އައިއެންޖީ ބޭންކާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.
ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އައިއެންޖީ އާއި އޭކޭއޭ އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައިއެންޖީ ބޭންކްގެ ޑިރެކްޓަރު ވިލެމް ވެން ނުއަސްއެވެ. އަދި އޭބީއެން އަމްރޯ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރު، ހެޑް އޮފް އެކްސްޕޯޓް ފައިނޭންސް ޔޫސްޓް ކިސާސްއެވެ. މިރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަދު ނެގި ލޯނުގެ ދަށުން ހިންގާ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ގުޅިފަޅު ހިއްކައި ގުޅީފަޅުގައި އާ ޕޯޓެއް ތަރައްގީކޮށް، މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލެ އިންޓަނޭޝަނަލް ޕޯޓް، ގުޅިފަޅަށް ރިލޮކޭޓް ކުރުމެވެ.
މި މަޝްރޫއުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިގުތިސޯދަށް އެކަށީގެންވާ ވަރުގެ ޕޯޓެއް ގާއިމްކުރެވޭނެ ކަމަށާއި މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވި، މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބި، އަދި މާލޭގެ ބިމުގެ ޖާގަ އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ލޯނުގެ އިންޓަރެސްޓް ރޭޓްވެސް އަދި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުވެސް މިނިސްޓްރީން ހާމަކޮށްފައެއް ނުކުރެއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށާއި ރާއްޖޭގައި އިގުތިސޯދީ ހަރަކާތްތައް އިތުރުކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މިމަޝްރޫއަކީ 2012 އިން 2022 އަށް ހަދާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން ގްރޭޓާ މާލެ ތަރައްގީކުރުމުގެ ޕްލޭންގެ މުހިއްމު މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ގުޅީފަޅުގައި ސަރުކާރުން ގާއިމުކުރާ ޕޯޓުގެ މަސައްކަތް ނިންމައި، 2023 ވަނަ އަހަރު ނިމުމުގެ ކުރީން އެ ބަނދަރުގެ ހިދުމަތް ދޭން ފަށަން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި 2019 ވަނަ އަހަރު އެ މަސައްކަތް 817.26 މިލިއަން ރުފިޔާއަށް ބޮސްކާލިސްއާ ވަނީ ހަވާލުކޮށްފައެވެ.
ބީލަމަށްނުލައި ބޮސްކާލިސް ވެސްޓްމިންސްޓާ ލިމިޓެޑަށް ގުޅިފަޅުގައި ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި އަދި ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ހަވާލުކުރީ 180 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ހުއްޓިފައިވާ އިރު، ސަރުކާރުން ބުނެފައި ވަނީ އެ މަސައްކަތް އެއިރު ހުއްޓުނީ ކޮވިޑްގެ ސަބަބުން ކަމަށެވެ.