އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހަދަން ބާ ޖަމާލުއްދީން ސްކޫލު އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަަމަ ނިންމީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް, ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރުމަށެވެ.
ނަމަވެސް އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމި އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ, ބެލެނިވެރިން އެކަމާ ދެކޮޅު ހަދައި އިހުތިޖާޖު ކުރިއެވެ.
އެކަމާ ގުޅިގެން ސަރުކާރުން ނިންމީ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތުގައި ވަގުތީ ގޮތުން އަރަބިއްޔާ ކިޔެވުން ބަދަލު ކުރުމަށެވެ. އެ ތަން ސްކޫލަކަށް ބަދަލުކޮށް ވަގުތީގޮތުން ކިޔަވަދޭން ފެށީ މި އަހަރުގެ ޖެނުއަރީ މަހު ފެށި އާ ޓާމާއެކުއެވެ.
ބާ ޖަމާލުއްދީން ހުރި ގޯތި ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ 20 ގައެވެ.
އަދި އެ މަސައްކަތަށް، ބާ ޖަމާލުއްދީނުގައި ހިންގަމުންދިޔަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒު ހުސްކުރަން އެންގިއެވެ. އަދި އެތަން ތަޅާލުމުގެ މަސައްކަތް ހުސްވި މެއި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރިއެވެ. ޖުމުލަ 2.9 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެއީ 75 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.