ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑްކަޕަކީ 32 ގައުމު ވާދަކުރާނެ އެންމެ ފަހު ވޯލްޑްކަޕެވެ. މިއީ ބައު ފޯމެޓަށް އަލްވިދާއު ކިޔާ ވޯލްޑްކަޕެވެ. އަދި ހަތަރު އަހަރު ފަހުން 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނީ މުޅި އުތުރު އެމެރިކާ ބައްރުގައެވެ. އެ ބައްރުގައި އޮންނަނީވެސް އެންމެ ތިން ގައުމެވެ. އެއީ ކެނެޑާ އާއި އެމެރިކާޔާއި މެކްސިކޯއެވެ. ކޮންމެއަކަސް އުތުރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުން 48 ގައުމު ފެންނާނެއެވެ. މިއީ 16 ގައުމުގެ އިތުރުވުމެކެވެ. ކުރިން ދެންނެވި ތިން ގައުމު ނިސްބަތްވަނީ ފީފާގެ ހަ ކޮންފެޑެރޭޝަނުގެ ތެރެއިން އުތުރު އެމެރިކާޔާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަންގެ ގައުމުތަކުގެ ޖަމިއްޔާ، ކޮންކާކަފްއަށެވެ. މިއީ ޖުމްލަ 41 ގައުމުގެ މައްޗަށް އެކުލެވިގެންވާ ކޮންފެޑެރޭޝަނެކެވެ.
މެންބަރުންގެ އަދަދުގެ ގޮތުން ކޮންކާކަފަކީ ފީފާގެ ހަތަރުވަނައަށް އެންމެ ބޮޑު ކޮންފެޑެރޭޝަނެވެ. އެންމެ ބޮޑު ކޮންފެޑެރޭޝަނަކީ ޖުމްލަ 55 ގައުމު ހިމެނޭ ޔުއޭފާ އެވެ. އެއީ ޔޫރަޕުގެ ޖަމިއްޔާއެވެ. ޔޫރަޕޭ ކިޔަސް އޭޝިއާގެ ދެ ގައުމެއްވެސް ޔުއޭފާގައި ހިމެނެއެވެ. އެއީ އިޒްރޭލާއި ކަޒަކަސްތާނެވެ. ފީފާގެ ދެވަނައަށް އެންމެ ބޮޑު ކޮންފެޑެރޭޝަނަކީ 54 ގައުމާއެކު އެފްރިކާގެ ކޮންފެޑެރޭޝަނެވެ. މީގައި ހިމެނެނީ މުޅިންވެސް އެފްރިކާގެ ގައުމުތަކެވެ. ޖުމްލަ 47 ގައުމާއެކު އޭއެފްސީ ނުވަތަ އޭޝިޔާގެ ޖަމިއްޔާއަކީ ތިންވަނައަށް އެންމެ ބޮޑު ކޮންފެޑެރޭޝަނެވެ. މި ކޮންފެޑެރޭޝަނުގައި އޭޝިޔާ ބައްރަށް ނިސްބަތްނުވާ ގައުމެއްވެސް ހިމެނެއެވެ. އެއީ އޮސްޓްރޭލިޔާއެވެ. ކުރިން ދެންނެވި ކޮންކާކަފުގައިވެސް މި އުސޫލުން އެހެން ބައްރަކަށް ނިސްބަތްވާ ތިން ގައުމެއް ހިމެނެއެވެ.
ކޮންކާކަފުގައި ހިމެނޭ ސަރަހައްދީ ނޫން ގައުމުތަކަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ސުރިނަމާއި ގަޔާނާއެވެ. ދެން ފްރެންޗް ގަޔާނާއެވެ. އޯއެފްސީ ނުވަތަ އޯޝޭނިޔާ ފުޓްބޯޅަ ކޮންފެޑެރޭޝަނަކީ ފަސްވަނައަށް އެންމެ ބޮޑު ކޮންފެޑެރޭޝަނެވެ. އޭގަައި ހިމެނެނީ ޕެސިޕިކް ސަރަހައްދުގައި ހިމެނޭ ޖުމްލަ 11 ގައުމެކެވެ. ނަގާކިޔާ ގައުމަކަށް އޮތީ ނިއުޒީލެންޑެވެ. ދެކުނު އެމެރިކާގެ ކޮންފެޑެރޭޝަނަކީ އަދަދުގެ ގޮތުން އެންމެ ކުޑަ ކޮންފެޑެރޭޝަނެވެ. އޭގައި ހިމެނެނީ ޖުމްލަ 10 ގައުމެވެ. ސަރަހައްދުން ބޭރުގެ އެއްވެސް ގައުމެއް ނުހިމެނެއެވެ. އާޖެންޓީނާޔާއި ބްރެޒިލް ހިމެނެނީ މި ޖަމިއްޔާގަައެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ކަމަށްވާ ފީފާ އެކުލެވިގެންވަނީ ބަޔާންކުރެވުނު ކޮންފެޑެރޭޝަންތައް އެކުވެގެންނެވެ.
ގަތަރުގައި މިފަހަރު 32 ގައުމާއެކު ބައު ފޯމެޓަށް އެންމެ ފަހުގެ ވޯލްޑްކަޕް ކުޅޭއިރު ކޮންމެ ކޮންފެޑެރޭޝަނަކުންވެސް ޓީމުތައް ކޮލިފައިވެފައިވަނީ އެ ކޮންފެޑެރޭޝަނަކަށް ކަނޑައެޅިފައިވާ ސްލޮޓްތަކަށް ފެތޭ ގޮތަށެވެ. ޔުއޭފާއަކީ އެންމެ ބޮޑު ކޮންފެޑެރޭޝަނަށްވާއިރު ޔުއޭފާއަށް ނިސްބަތްވާ ޖުމްލަ 14 ޓީމު މިފަހަރު ފެންނާނެއެވެ. ޔުއޭފާއިން އެންމެ ފަހުން ކޮލިފައިވީ ވޭލްސްއެވެ. އެއީ ޔުއޭފާ ޕްލޭއޮފްގެ އެންމެ ފަހު މެޗުގައި މި ހިނގާ ޖޫންމަހު ޔުކްރޭނު ބަލިކޮށްފައެވެ. އެފްރިކާ ކޮންފެޑެރޭޝަން ތަމްސީލުކުރާނީ އެންމެ 5 ގައުމެވެ. އެހުރިހާ ގައުމުތައް މާކުރިންވަނީ ޔަގީންވެ އެނގި ނިމިފައެވެ. އޭޝިއާ ތަމްސީލު ކުރާނީވެސް 5 ގައުމެވެ. އޭއެފްސީން އެންމެ ފަހުން ކޮލިފައިވީ ޖޫންމަހު އޮސްޓްރޭލިޔާއެވެ. އެއީ ޕްލޭއޮފްގައި ދެކުނު އެމެރިކާ ކޮންފެޑެރޭޝަނުގެ ޕެރޫ ބަލިކޮށްފައެވެ.
ކޮންކާކަފް ތަމްސީލު ކުރާނީ 4 ޓީމެވެ. ވޯލްޑްކަޕަށް އެންމެ ފަހުން ކޮލިފައިވީ ޖޫން 14 ވަނަ ދުވަހު ކޮންކާކަފްގެ ކޮސްޓަރީކާއެވެ. އައު ފޯމެޓަށް 48 ގައުމުގެ ފުރަތަމަ ވޯލްޑްކަޕް ކުޅެނީ ކޮންކާކަފްގައި ކަމަށްވާއިރު 32 ގައުމުގެ ބައު ފޯމެޓަށް ކުޅެވޭ އެންމެ ފަހު ވޯލްޑްކަޕްގެ އެންމެ ފަހު ޖާގަ ކޮންކާކަފްގެ ގައުމަކަށް ލިބުމަކީ ޝައުގުވެރިކުރަނިވި އިއްތިފާގެކެވެ. ކޮސްޓަރީކާ ކޮލިފައިވީ ޕްލޭއޮފްގައި އޯޝޭނިއާގެ ނިއުޒީލެންޑް ބަލިކޮށްފައެވެ. އެހެންވީމާ މިފަހަރުގެ ވޯލްޑްކަޕުން އޯޝޭނިއާ ކޮންފެޑެރޭޝަނުގެ އެއްވެސް މަންދޫބަކު ނުފެންނާނެއެވެ. ދެކުނު އެމެރިކާގެ ކޮންފެޑެރޭޝަން ތަމްސީލު ކުރާނީ ހަތަރު ޓީމެކެވެ. އެއީ ބްރެޒިލް، އާޖެންޓީނާ، އުރުގުއާއީ ދެން އިކުއެޑޯރެވެ. އޮސްޓްރޭލިއާގެ މައްޗަށް ޕެރޫއަށް ކުރި ލިބުނުނަމަ ދެކުނު އެމެރިކާއިން ފަސްވަނަ ޓީމެއްވެސް ފެންނާނެއެވެ.
ވޯލްޑްކަޕްގެ ސްލޮޓްތައް ބަހައިލުމުގެ މައްސަލަޔަކީ ފީފާގެ ހަ ކޮންފެޑެރޭޝަނުގެ މެދުގައި އަބަދުވެސް ވަރަށް ބޮޑު ވާދަވެރިކަމަކާއި އަރައިރުންތަކެއް ހިނގާ މައްސަލައެކެވެ. އެންމެ ބޮޑު ހިއްސާއެއް އަބަދުވެސް ޔޫރަޕަށެވެ. އެގޮތުން މިފަހަރުވެސް ގާތްގަޑަކަށް ދެބައިކުޅަ އެއްބައި ޖާގަ ޔޫރަޕަށެވެ. ވޯލްޑްކަޕްގެ ފޯމެޓް 48 ގައުމަށް ބަދަލުކުރިއަސް އޭގެ ތެރެއިންވެސް ސިންގާގެ ހިއްސާ ލިބޭނީ ޔޫރަޕަށެވެ. އެހެން ކޮންމެ ކޮންފެޑެރޭޝަނަކަށް އޮޓޮމެޓިކް އެއްޖާގަ ނުވަތަ ދެޖާގަ އިތުރުކުރާނެއެވެ. އޯޝޭނިއާއަށްވެސް އޮޓޮމެޓިކް ފުލް އެއްޖާގަ ކަށަވަރުވާނެއެވެ. ޔޫރަޕަށް މިހާ ބޮޑު އެޑްވާންޓޭޖެއް އޮތުމުގެ ސިއްރު ވަރަށް ސާފެވެ. އެންމެ ކާމިޔާބު އެންމެ ވަރުގަދަ ކޮންފެޑެރޭޝަނަކީ ޔުއޭފާއެވެ. ވޯލްޑްކަޕޭ ކިޔަސް ޔުއޭފާގެ ތިލަފަތް ބަރުކުރާން ޖެހެނީ އެހެންވެގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022