ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ބިޑި އަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ކަމުގެ ތުހުމަތުގައި ލާއިންސާނީ އަަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ 13 ފުލުހުންގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

އެ މައްސަލައަކީ ދެހާސް ސަތާރަ ވަނަ އަހަރުގެ އޭޕްރިލް މަހުގެ 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި ފުލުހުން އެކި ކަހަލަ އަނިޔާތަށްކޮށް، ޓޯޗާގެ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެކެވެ.

އެ ހާދިސާއާ ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި 30 މީހެއްގެ ނަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ނަމަވެސް، ދައުވާ ކުރީ 13 ފުލުހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ދައުވާކުރި ފުލުހުންގެ މައްސަލަ ކުރިމިނަލް ކޯޓުގައި މާދަމާ ތާވަލުކޮށްފައިވާ އިރު، އަޑުއެހުންތައް ކުރިއަށް ގެންދަނީ ތިން ގަޑިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފަސް މީހެއްގެ މައްސަލަ ހެނދުނު 9:00ގައި، ހަތަރު މީހެއްގެ މައްސަލަ 10:00 ގައި އަދި އިތުރު ހަތަރު މީހެއްގެ މައްސަަލަ 11:00 ގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

އެ މައްސަލައަކީ ކުޑަކުދިންތަކެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމުން އަޑުއެހުންތައް ކުރިއަށްގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.

  • އިކްލީލް ޖަވާދު، ށ. މަރޮށި/ސީނާ
  • ފާތިމަތު ޝިރުފާ، ބ. ދޮންފަނު/ ހިޔާވަހި
  • ސާމް އުމަރު، ރ. މަޑުއްވަރި/ ޖަވާހިރުމާގެ
  • ޢާދިލް އަލީ، ބ. ތުޅާދޫ/ އެބަބްލޫ
  • އާދަމް ނަސީމް، ށ. ކަނޑިތީމު/އަޅިވިލާގެ
  • އިސްމާއިލް ރަފީއު، ފ. ނިލަންދޫ/ދަގަނޑުގެ
  • ހަސަން ނާފިއު، މާލެ/ ގ. ރެހެންދު 2 ފްލެޓް ނަންބަރު އޭ 30،
  • ހަސަން ރިޝްވާން، ހއ. ކެލާ/ ހުރަސް
  • އާއިޝަތު އަމްސޫދާ، ދ. ރިނބުދޫ/ ޒޭވަރު
  • އަހުމަދު މަމްނޫން އަލީ، މާލެ/ މ. ތަންތަރާ
  • ޝަނާޒް އަހުމަދު، ދ. މީދޫ/ ފިނިވާގެ
  • އަފްސާނާ އަބްދުލްވައްހާބު، ތ. ތިމަރަފުށި/ ހަވާ
  • އަބްދުލްބާރީ އަހުމަދު، ލ. އިސްދޫ/ މޫވީލައިޓް

އެ މީީހުންގެ މައްޗަށް އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ރަހުމް ކުޑަ ލާއިންސާނީ އަނިޔާއެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިރު، އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށްވެސް ތުހުމަތުކުރިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރާން ވަނީ ނިންމައިފައެވެ.