ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮން ނުވަތަ އައިއީޑީ ތައްޔާރުކުރުމަށް، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމުގެ ފަންނީ ލަފާ ހޯދާފައިވާ ކަމަށް، އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިވެރިޔަކު ބުނެފިއެވެ.
ތަސްލީމުގެ މައްޗަށް އުފުލާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ މައްސަލަގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމަށް ދައުލަތުން ދެ ހެކީން ހާޒިރުކޮށްފައިވާއިރު، ހެކިބަސް ދެމުން އެ މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އޮޕަރޭޝަނަލް އެނަލިސްޓު ބުނީ، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް މުހައްމަދު ތަސްލީމު ފާހަގަވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ކަމަށެވެ.
ހެކިވެރިޔާ ބުނީ، ދީނީ ހަރުކަށި ފިކުރުގެ ތެރެޔަށް ވަނުމަށްފަހު ތަސްލީމް ވަނީ ދީނީ ހަރުކަށި ފިކުރު ކުރިއަރުވައި ކުރިއަށްގެންދިއުމުގައި އިސް ދައުރެއް އަދާކޮށް، އިސްލާމިކް ސްޓޭޓް (ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް)އަށް ތާއީދުކޮށްފައި ކަމަށެވެ. އަދި ތަސްލީމަކީ އެ ޖަމާއަތާ ގުޅުންހުރި ހަނގުރާމަވެރި އެކި މެޓީރިއަސްލްތައް ގެންގުޅެ ބައެއް އައިއީޑީ ފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ މެނުއަލް ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމަށްވެސް ބުންޏެވެ.
ހެކިވެރިޔާ ބުނީ، ތަސްލީމަށް އައިއީޑީ ހަދަން އެނގޭކަން ގަބޫލުކުރަން ޖެހޭ ކަމަށާއި 2017 ވަަނަ އަހަރު މާލޭގެ އެކި ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވައި، އެކަމަށް ބޭނުންވާ އައިއީޑީ ތައްޔާރުކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ ތަސްލީމް ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުންނާ ތަސްލީމާ ގާތް ގުޅުމެއް އޮންނަ ކަމަށް ހެކިވެރިޔާ ފާހަގަކުރިއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ، އިސްހާގާއި އަދުހަމާއި ތަހުމީނާއި ފަހުމީގެ އިތުރުން ހައިސަމް އާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ބުންޏެވެ.
"2021 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ ދިން ހަމަލާ ދިނުމުގައި ތަސްލީމްގެ އެކްސްޕާޓް އޮފީނިއަން ހޯދައިފައިވާކަން އަޅުގަނޑުމެންނަށް ވަަރަށް ބޮޑަށް ގަބޫލު ކުރެވޭ. އިންޓެލިޖެންސަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ތަަސްލީމުގެ ހިޔާލާއި ފިކުރު ބޭނުންކޮށް މި އައިއީޑީ ހެދުމަށް މަސައްކަތް ކޮށްފައިހުރިކަން ފާހަގަކުރެވޭ" ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ، ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި ތަސްލީމަކީ މަގުބޫލު މީހެއް ކަމަށާއި އޭނާގެ ހިޔާލު ކަންކަމުގައި ހޯދާ ކަމަށެވެ. އަދި ހުޅުމާލޭގެ މިސްކިތެއްގައި ތަސްލީމް އިސްވެ ހުރެ ހަފްތާއަކު ދެ ދުވަހު ބައްދަލުވުންތައް ބާއްވަމުން ދިޔަ ކަމަށް ބުންޏެވެ. ތަސްލީމު ބޮޑަށް ހަރަކާތްތެރިވެ އުޅުނީ ހުޅުމާލޭގައި ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުން އޭނާ އައްޑޫ ސިޓީއަށް ބަދަލުވެ، އައްޑޫގެ ހަރުކަށި ފިކުރުގެ ބޮޑުންނާއެކުގައި ހަރަކާތްތެރިވި ކަމަށް ހެކިވެރިޔާ ބުންޏެވެ.
ތަސްލީމްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ 2017 ވަނަ އަހަރު، މާލޭގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާވެސް ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައްވެސް މިހާރު ކުރިއަށް އެބަދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު