ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް ތަސްމީނު އައްޔަން ކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާއެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، ތަސްމީނު ހަމަޖެއްސެވުމަށް ނިންމަވާފައި ވަނީ، މިހާރު އެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ. މީގެ އިތުރުން އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އިބްރާހިމް ޝަހީބު ހަމަޖެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސެއިން ނިޔާޒުގެ ބަދަލުގައެވެ.

މީގެ އިތުރުން މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލީ ހުސެއިން ހަމަޖެއްސެވުމަށްވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވަވައިފައެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން އައްޔަން ކުރަން މަޖިލީހަށް ފޮނުއްވި އިރު، 2019 ވަނަ އަހަރުން ފެށިގެން މެލޭޝިއާ ސަފީރުގެ މަގާމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީއެވެ. އޭނާ ވަނީ މިދިޔަ އޭޕްރިލް މަހު އެ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.