ޚަބަރު

މިދިޔަ އަހަރު އާރްޑީސީއަށް 59 މިލިއަން ރުފިޔާގެ ގެއްލުން

މުހައްމަދު އިޝާން

މިދިޔަ އަހަރުގެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް 59 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފީނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން 2021 ވަނަ އަހަރުގެ ފަހު ކުއާޓަގައި އާރުޑީސީއަށް 15.4 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އަދި އޭގެ ކުރީގެ ތިން ކުއާޓާ އެއްކުރުމުން 2021 ވަނަ އަހަރު އެ ކުންފުންޏަށް 59 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރުނު ރިޕޯޓެއްގައި ބުނީ، އާރްޑީސީއަށް މިދިޔަ އަހަރު އެހާ ބޮޑު އަދަދެއްގެ ގެއްލުމެއްވީ ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި ބުނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އާރްޑީސީގެ ހިންގުމުގެ ހަރަދަށް އެކަނި 42 މިލިއަން އަރާފައިވާ ކަމަށެވެ. އަދި އޭގެ ކުރީގެ ކުއާޓާތަކުގައި އެ ހަރަދު 27 މިލިއަނަށް އަރާފައިވާ ކަމަށެވެ.

އާރްޑީސީގެ ހަރަދުތައް ކުޑަކުރަން ޕީސީބީން ވަނީ ލަފާދީފައެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ކުރިން ފީސިބިލިޓީ ހެދުމަށް ވެސް ވަނީ ލަފާދީފައެވެ.