ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 08

"ބެގަރީ..." ނަހީލް އަޑު ހަރުކޮށް ބެގަރީއަށް ގޮވާލުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އައި ބެގަރީ އައިސް ނަހީކް ކުރިމަތީގައި ހުއްޓިއްޖެއެވެ.

"މެހްމާނު ބައްދަލުކުރާ ކޮޓަރިއަށް ގެންދޭ" ނަހީކް ކބުންޏެވެ. ނަހީކް ހިނގައިގަތުމާއެކު ރޫބިޔާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

ވަށައިގެން ޖަހާފައިވާ ސޯފާތަކުގެ ތެރެއިން ވަކިން ހުރި ސޯފާގައި ރޫބިޔާ އިށީނދެގެން އިނެވެ. މާގިނަ އިރެއްނުވެ ހުޅުވުނު ދޮރުން ބެގަރީ ވަންތަން ފެނުނެވެ. އަތުގައި ހުރި ތަބަށް ރޫބިޔާ ކުރިމަތީގައި ބަހައްޓާފައި ބެގަރީ ހިނގައިގަތެވެ. ކުރިމަތީގައި ހުރި ޖޫސްތައްޓަށް ރޫބިޔާ ބަލައިލިއެވެ. ވަށައިގެންވި ކޮންމެ އެއްޗަކުން ގޭ ވެރިޔާގެ ހައިބަތު އަންގައިދެއެވެ.

ދެވަނަ ފަހަރަށް ރޫބިޔާ ދޮރަށް ބަލައިލީ ހުޅުވުނު އަޑަށެވެ. މިފަހަރުވެސް ވަދެގެން އައީ ބެގަރީއެވެ. ރޫބިޔާ ބަލަހައްޓައިގެން ހުއްޓައި ތަބަށް ހިފައިގެން ބެގަރީ ހިނގައިގަތެވެ. އަތުކުރީ އޮތް ގަޑިއަށް ބަލައިލާފައި ރޫބިޔާ ނިކަން ބާރަށް ބެގަރީއަށް ގޮވާލިއެވެ.

"އޭތް..." ބެގަރީ ސިހިފައި ފަހަތް ބަލައިލިއެވެ.

"ކޮބާތަ އޭނަ؟" ރޫބިޔާ ބުންޏެވެ.

"ނަހީކް އަބަދުވެސް އޮފީހުން އައިސް ތިރީސް މިނިޓެއްހާއިރު ނިދާލާނެ. މިހާރު އޮތީ ނިދާފަ. ބުނުއްވީ ސިކުނޑި ހަމަޖައްސާލައިގެން ދުރުވާނެކަމަށް" ބެގަރީ ބުންޏެވެ.

އަނގައިން ލޭ ރަހަ ލާވަރަށް ރޫބިޔާ ދަތްކުޑި ވިކައިގަތެވެ. ނަހީކްގެ ބޮޑާކަމާއި ފޮނިކަން އެ ހުންނަނީ ހައްދުފަހަނަ އަޅައިފައެވެ. ރޫބިޔާ އިންތިޒާރުގައި އިންނަތާ ސާޅީސް ފަސް މިނިޓް ވެއްޖެއެވެ. އެންމެފަހުން ގޮނޑިން ތެދުވެގެން ދެކޮޅަށް ރޫބިޔާ ހިނގަން ފެށިއެވެ. އޭނާއަށް ނޭނގުނީ މަތީގައި ހަރުކޮށްފައި ހުރި ކެމެރާ އިން އޭނާގެ ހުރިހާ ހަރަކާތެއް ކޮޓަރީގައި އިން ނަހީކް ބަލަމުންދާކަމެވެ.

***********

ރެއަށް ކެއްކުމުގައި ބަދިގޭގައި އުޅުނު ނަހާ ބޭރަށް ބޯދިއްކޮށްލިއެވެ. ވަދެގެން އައި ރިންދާ ވަރުބަލިކަމާއެކު ސޯފާއަށް ވެއްޓިގަތްތަން ފެނުމުން ނަހާ ހިނިތުންވެލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު ރިންދާ ގެއަށް އައީ އަވަހަށެވެ. ރިންދާ ބަދިގެ އާ ދިމާލަށް ހިނގައިގަތީ ނަހާ ބަދިގޭގައި ހުރިކަން އެނގިއެވެ.

ކެބިނެޓް މަތީގައި އަތްދަބަސް ބާއްވާފައި ރިންދާ ޖެހުނީ ކަބަޑުތައް ކައިރީގައި ހުރި ނަހާ ކައިރިއަށެވެ. ފަހަތުން ނަހާގެ ގައިގައި ބައްދާލާފައި ނަހާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ.

"މިއަދު ހާދަ އުފަލުންނޭ ދަރިފުޅު" ނަހާ ބުންޏެވެ.

"މަންމައަށް ކިހިނެއް އެނގުނީ" ރިންދާ ބުންޏެވެ.

"ރިދާއަށް ބަދަލެއް އައިއްޔާ މަންމަ ނޫނީ ދެން ކާކަށް އެނގޭނީ" ނަހާ ބުންޏެވެ.

"މަންމާ، ކުރިން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. ސޮރީ މަންމާ. އެގޮތަށް މަންމަ އާ ރުޅިހަދައިގެން ނުދިޔަނަމަ ރިންނި ގެ އެންމެ ގާތުގައި ހުރެވުނީސް" ރިންދާ ބުންޏެވެ. ރަނީންގެ ނަން ކިޔާލުމާއެކު ނަހާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިފިއެވެ.

"އިށީނދެބަލަ މަންމަ ހެދި ޕުޑިން އިން އެތިކޮޅެއް ކާލަން" ނަހާ ބުންޏެވެ. ދެން ރިންދާގެ އަތުގައި ހިފައިގެން ގޮސް މޭޒު ކައިރީގައި ބޭނދިއެވެ. ފުރިޖު ހުޅުވާލާފައި ނެގި ޓްރޭ އައިސް ބެހެއްޓީ ރިންދާގެ ކުރިމަތީގައެވެ.

"މި ނުކެޔަސް އިނގޭ މީރުވާނެކަން" ހީލަމުން ރިންދާ ބުންޏެވެ. ދެން ނަހާ ގެނެސްދިން ކުޑަ ތަށީގެ ތެރެއަށް ސަމްސަލުން ނެގި އެތިކޮޅު ލިއެވެ.

"މަންމާ، ރަންނިގެ ވާހަކަ ކިޔައިދީބަލަ" ރިންދާ ބުންޏެވެ.

"ރަނީންގެ ކޮން ވާހަކައެއް؟" ނަހާ އެހިއެވެ.

"އަޅުގަނޑު ނެތް އިރު އުޅުނު ގޮތް" ރިންދާ ބުންޏެވެ.

"މިގަޑިއަކު ނޫން. މިރޭ ކޮންމެސް ގަޑިއެއްގަ" ނަހާ ބުންޏެވެ.

*************

ބައްދަލުކުރާ ކޮޓަރީގައި އިން ރޫބިޔާއަށް ނަހީކް ފެނުމާއެކު މޫނުމަތީގައި ލޭކޮށާލަން ހިތަށް އެރިއެވެ. ބޮޑާވިޔަސް ބޮޑުވަރެވެ. ފެންވަރައި ރީތިވެގެން އައިއިރު މުޅި ސަރަހައްދުގައި ސެންޓު ވަސް ހިފާލައިފިއެވެ.

"މާދަމާ އިރުއަރަންދެން އިންނަން ޖެހުނަސް އަހަރެން އިންނާނަން" ރޫބިޔާ ބުންޏެވެ.

"ހެހެހެ... ކަލޭ ކޮން މޮޔައެއްވެގެން ތި ތެޅެނީ" ނަހީކް ބުންޏެވެ.

"ކައިވެނީގެ ކަންތައް ނިންމާ. މިހާރުން މިހާރަށް ރަންކިޔަން ހެކިވެރިން ފޮނުވާ" ރޫބިޔާ ބުންޏެވެ.

"ތައްޔާރުކުރޭ. އެކަމަކު ބުނަން. ހަމައެކަނި ކައިވެނި. ކަލޭގެ މުސީބާތުން ސަލާމަތްވާން އަހަރެން ކޮށާލި މަގެއް" ނަހީކް ބުންޏެވެ.

"ހެހެހެ... އެނޫން ގޮތެއް ނެތީ ކަލެއަށް. ނުލަފާވެވޭނީ ހަމައެކަނި ކަލެއަކަށް ނޫން" ރޫބިޔާ ބުންޏެވެ.

"ބުނަން. ދެން މިގެ ފެންނަ ހިސާބަށްވެސް ކަލޭ އައިސްގެން ނުވާނެ. ރައްކާވޭ" ފަހަތަށް އެނބުރި އަތުން އިޝާރާތެއް ކޮށްލަމުން ނަހީކް ބުންޏެވެ.

ލިބުނު ކާމިޔާބަށް ހިނިތުންވެގެން ހުރެ ނުކުންނަން ރޫބިޔާ ހިނގައިގަތެވެ.

"އިހަށް މަޑުކުރޭ" ނަހީކް ބުންޏެވެ.

"ހަނދާންކުރާތި! އެއްވެސް ތަނެއްގައި އެއްވެސް ވާހަކައެއް ދައްކައިފިއްޔާ އަހަރެންނަށްވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ" ނަހީކް ބުންޏެވެ. ނަހީކް ފަހުން ބުނި ޖުމްލައަށް ރައްދު ދިނުމެއް ނެތި ރޫބިޔާ ކުރިއަށް ދިޔައެވެ.

****************

ކައިވެނި ހަމަޖެހުނުކަން އެނގުމާއެކު އެންމެ ފުރަތަމަވެސް ވިލިނީ ގުޅީ ރިންދާއަށެވެ. ރަންކިޔަން އުޅޭކަމަށް ބުނުމާއެކު ރިންދާއަށް ނުބައި ގޮތެއް ވިއެވެ. އެހާ އަވަސް އަރުވާނުލިޔަސް މީހަކާ އިނދެވިދާނެކަން ރިންދާ އެކުވެރިޔާއަށް ހަނދާންކޮށްދިނެވެ.

"ކިހިނެއް ބައްދަލުވާން ހަދާނީ" ރިންދާ ބުންޏެވެ.

"މިރޭ ރިދާ އާދޭ މިގެއަށް. ކުރީ ދުވަހު އަހަރެންނެއްނު ދިޔައީ" ވިލިނީ ބުންޏެވެ.

"ސާބަހޭ. އެންމެ ދެ ފިރިހެނުންނޭ އުޅެނީ. ދެން ހުންނާނީ ބޮޑޫ. ތަންކޮޅެއް އަނގަ ގަދަވިޔަސް ގޯހެއްނުވާނެ" ރިންދާ ލަދުން އުޅޭހެން ހީވުމުން ވިލިނީ ބުންޏެވެ.

****************

ތައްޔާރުވެގެން ރިންދާ ކޮޓަރިން ނުކުތްއިރު ސިޓިން ރޫމު ވަނީ ހަމަހިމޭންކޮށެވެ. ޓީވީއިން ދައްކަމުން ދިޔަ މަންޒަރަށް ވުރެ ބޮޑަށް ރިންދާއަށް ބެލުނީ ގޭތެރެއިން ފެނުނު މަންޒަރަށެވެ. ބަލާ ފޫހިނުވާނޭ މަންޒަރެކެވެ. ސޯފާގައި ޓީވީ ބަލަން މައިންބަފައިން ތިބިއިރު ޝާހްބާޒްގެ އުނގުގައި ބޯއަޅައިގެން އޮށޯވެގެން އޮތީ ނަހާއެވެ. ނަހާ ތެދުވެ ބަލައިލީ ކޮޓަރިއެއްގެ ދޮރު ލެއްޕުނު އަޑަށެވެ.

"ރިދާ ތަނަކަށް ދަނީތަ؟" ބޭރަށް ދާން ތައްޔާރުވެގެން ހުރި ރިންދާ ފެނުމުން ނަހާ ބުންޏެވެ.

"މަންމަ ކައިރީގައި ބުނީމެއްނު ވިލިނީގެ ވާހަކަ. އެގެއަށް ގޮސްލިޔަސް ހެޔޮތަ؟ ވަރަށް އަވަހަށް އަންނާނަން" ރިންދާ ބުންޏެވެ.

ނަހާ ބޯޖަހާލިއެވެ. ވިލިނީ އެއީ ކާކުކަން ނަހާ އެނގުނެވެ. ގޭތެރެއިން އެއްފަހަރު ވިލިނީ އާއި ނަހާ ދިމާވެ ވާހަކަދެއްކިފައިވުމުން ވިލިނީގެ ހިތްހެޔޮކަމާއި ސާދާކަން ނަހާއަށް ކަމުދިޔައެވެ.

"ބޭބެ އަޅުގަނޑު އެގެއަށް ވައްޓާލަން ދާންވީނުން" ބުނަން ނުބުނަން ހުރެފައި ރިންދާ ބުންޏެވެ.

ޝާހްބާޒަށް ލިބުނު ހިތްހަމަޖެހުމުގައި ވަގުތުން އެއްބަސްވިއެވެ. އެނޫނީ ދުވަހަކުވެސް ރިންދާ އިސްވެ ޝާހްބާޒާ ވާހަކަދައްކާފައެއް ނެތެވެ. ކުރީގައި ހުރެ ރިންދާ ހިނގައިގަތުމާއެކު ޝާހްބާޒް ބަލައިލީ ކައިރީގައި އިން ނަހާގެ މޫނަށެވެ. ފިރިމީހާ ހިތްހަމަޖެހިފައި އިން މިންވަރު ނަހާއަށް ފެނުނެވެ. ޝާހްބާޒް ދިޔައީ އަނބިމީހާގެ އަތްތިލައިގައި ބޮސްދީފައެވެ.

************

ފިހާރައަކުން އެއްޗެއް ގަނެގެން އައި އަޔާލް ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. މަގު ހުރަސްކޮށް ގެއަށް ވަންނަން އުޅުނު ވަގުތު މަޑުޖެހުނީ ގޭ ދޮރުމައްޗަށް މަޑުކޮށްލި ކަޅު ކުލައިގެ ކާރެއް ފެނިފައެވެ. ގެއަށް އައި ބައެއް ކަމަށް ޔަގީން ނުވެފައި ދޮރުކައިރީގައި މަޑުކޮށްގެން އަޔާލް ހުއްޓެވެ. ހުޅުވުނު ދޮރުން ބޭރަށް ނެރުނު ދޮން ފައިތިލަ ފެނި އަޔާލްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. ކާރުގެ ދޮރުފަތުގެ މަތީގައި އަތް އަޅުވާލައިގެން ނުކުމެ ހުރި އަންހެންކުއްޖާ ފެނިފައި އަޔާލްއަށް އެހެން ދިމާލަކަށް މޫނު އަނބުރާވެސް ނުލެވުނެވެ. އެއީ ހަމަ އެކުއްޖާއެވެ. ކުރީ ރެއަކު ބެލްކަނީގައި ހުރި ޕަރީއެވެ.

ފަޅި ސިކުންތަކަށް ނަމަވެސް އަޔާލްއަށް ހީވީ ކުރިމަތިން ރަނީން ސިފަވިހެންނެވެ. އަވަސް އަވަހަށް ފުން ނޭވާތަކެއްލަމުން އަޔާލް ހަމަޖެހިލިއެވެ. އެންމެ ބޮޑު ހައިރާންކަމެއް އަޔާލްއަށް ލިބުނީ ރިންދާ އަޔާލް އާ ދިމާލަށް އައުމުންނެވެ. ހިނިތުންވެފައި އެއްފަރާތަކަށް ޖެހިލި ވަގުތު ރިންދާ ފޯނު ކަންފަތުގައި ޖަހަމުން މީހަކާ ވާހަކަދައްކަން ފެށިއެވެ.

"ފަހިދޫގެ. ވިލީ ތިބުނާ ގޭ ކުރިމަތީގަ މިހުރީ. ވަންނަންވީތަ؟" ރިންދާ ބުންޏެވެ.

ދާދި ކައިރީގައި ހުރި އަޔާލް ހުރީ ކަޅިޖަހާނުލައި ރިންދާއަށް ބަލަހައްޓައިގެންނެވެ. ކައިރިން މީހަކު ބަލާހެން ހީވެ ރިންދާ ބަލައިލިއެވެ. ކަނާތްފަރާތުގައި ހުރި އިސްކޮޅު ދިގު ޒުވާނާ ފެނި ރިންދާގެ އަތްފައި ފިނިވެލިއެވެ. އެ ބެލުމުގައި ތަފާތެއްވެޔޭ ރިންދާގެ ހިތް ބުނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ ރިންދާ އާ އެކުވެރިކަމެއް އުފެއްދުމެވެ. ބަދަލުގައި ރިންދާ ހިނިތުންވެލަން އުޅުނު ވަގުތު ކުއްލިއަކަށް ސިހުނީ ދޮރާށިން ނުކުތް ވިލިނީ އައިސް އަތުގައި ހިފުމުންނެވެ.

"ފެންވަރައިގެން ނުކުތްތަނާ ރިދާ ގުޅީ. އެއްޗެހި ލައިގެން އަންނަން އިރުކޮޅެއް ނަގާނެއްނު. ހިނގާ އެތެރެއަށް" ވިލިނީ ބުންޏެވެ. ހިނގައިގަނެފައިވެސް ރިންދާ އަޔާލްއަށް ބަލައިލިއެވެ. ހިނިތުންވުމެއް ދިނީ ދެނެވެ. އެމަންޒަރު ފެނި ވިލިނީ ހީލިއެވެ.

"ތިއީ ކާކު މިހާރު؟" ފަހާފޮށި ދަށުގައި އިން ރޫބިޔާ އެހިއެވެ. ރިންދާ ލަދުގަތްވަރުން އިސްއޮބާލިއެވެ.

"ސާބަހޭ ބޮޑޫ.. މިއީ ރިންދާ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ" ވިލިނީ ބުންޏެވެ. ހަމަޖެހިލައިގެން ވާހަކަދައްކަން އިންނާނެ ތަނެއް އެގޭގައި ނެތުމުން ވިލިނީ ރިންދާ ގޮވައިގެން ދިޔައީ ބަދިގެއަށެވެ. ކާމޭޒު ކައިރީގައި ރިންދާ ބައިންދާފައި ފުރިޖުން ނަގައިގެން އައި ޕިއްޒާ މޭޒު މައްޗަށް އެރިއެވެ.

"މިއީ އަހަރެން ކިޔާވަރުން ބަރަކް މިއަދު ގެނެސްދިން. ކާލަބަ" ވިލިނީ ބުންޏެވެ.

"ފިނިވެފަ ދޯ. ހޫނުކޮށްލަންތަ؟" ތަށި ހިފައިގެން ވިލިނީ ޖެހުނީ އަވަން ކައިރިއަށެވެ.

"ބަރަކް" މަޑުމަޑުން އެ ނަން ރިންދާ ކިޔާލިއެވެ.

އެވަގުތު އެއީ ގަތް އެއްޗިއްސާއެކު އަޔާލް އެތެރެއަށް ވަން ވަގުތެވެ. ރޭގަނޑަށް ކައްކަން ގެނައި ނޫޑްލްސްތައް ކަބަޑަށް އަޅާފައި ހިންދެމިލި އަޔާލްގެ ނަޒަރު އަނެއްކާވެސް ރިންދާ އާ ބައްދަލުވެލިއެވެ. އެހިނދު ދެމެދުގައި މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ.

އައިސް އަލަމާރިމަތީގައި ހުރި ކޮތަޅަކުން ނެގި ދެ ފިޔާ އާއި ވަޅިއަކާ އެކު ތައްޓެއް ހިފައިގެން އަޔާލް ނުކުތީ ބޭރަށެވެ. ދެ އަންހެންކުދިންނަށް ވަގުތު ދީފައެވެ. ބޭރަށް ނުކުމެ އަޔާލް މަޑުކޮށްލީވެސް ހުޅުވާފައި ހުރި ކުޑަދޮރުން ރިންދާ ފެންނަން ހިސާބުގައެވެ.

"ކިހިނެއްވެފަ ތިއިންނަނީ. ބޮޑޫ އެހެން ބުނީމަތަ؟ އެއީ ބޮޑޫގެ ފާޑު" ވިލިނީ ބުންޏެވެ.

"ނޫނެކޭ. އެހެންވެއެއްނޫން" ރިންދާ ބުންޏެވެ. ގޭތެރެއިން ފެނުނު ޒުވާނާ އާ ބެހޭގޮތުން ވިލިނީ އާ ސުވާލުކޮށްލަން އުޅެފައިވެސް ރިންދާ މަޑުޖެހުނެވެ. ވިލިނީ ދިމާކުރާނެތީއެވެ.

"މިގޭގަ ކައްކާ މީހާކަށް އުޅެނީ ފިރިހެނެއްތަ؟" ރިންދާ އެހިއެވެ. ވިލިނީ ޖަހާލީ ހިނިގަނޑެކެވެ.

"ސާބަހޭ" ރިންދާގެ އަތްމަތީގައި ޖަހާލަމުން ވިލިނީ ބުންޏެވެ. ރިންދާ އިނީ ހައިރާންވެފައި ވިލިނީއަށް ބަލަހައްޓައިގެންނެވެ.

"ވައްތަރުތަ އޭނަޔާ ނޯކަރަކާ" ވިލިނީ އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.

"އެއީ މިގޭ ކުއްޖެއް. އަޔާލް ކިޔަނީ. ސަޅި ބިޓެއް ދޯ. ރިދާ އާ ވަރަށް ގުޅޭ. އަހަރެން ނަންބަރު ހޯދައިދެންތަ؟" ވައިއަޑުން ރިންދާ އާ ގާތަށް ޖެހިލާފައި ވިލިނީ ބުންޏެވެ. ރިންދާއަށް ހީލުން ފިޔަވާ އެހެން ކަމެއް ނުކުރެވުނެވެ.

*********

ގޭތެރޭގެ ހުރިހާ މަސައްކަތެއް ނިންމާފައި ނިދަން ވަންނަން އުޅުނު ބެގަރީއަށް ހައިރާންކަމެއް ލިބުނީ ނިދާ ހެދުމުގައި ސިޑިން ފައިބައިގެން އައި ނަހީކް ފެނިފައެވެ. ނަހީކް އަކީ ނިދަން ކޮޓަރިއަށް ވަނުމަށްފަހު ނުކުމެ އުޅޭ ކުއްޖެއް ނޫނެވެ. އެއްޗަކަށް ބޭނުންވިޔަސް ބެގަރީ ނިދުމުގެ ކުރިން އެ އެއްޗެއް ކޮޓަރިއަށް ވައްދައިދޭން ބުނާނެއެވެ.

"އެއްޗެއް ބޭނުންވީތޯ؟" ނަހީކް އަރާ ހަމަވުމާއެކު ބެގަރީ އެހިއެވެ. ނަހީކް ދެފަރާތަށް ބޯހޫރާލިއެވެ.

"ބެގަރީ ނިދަން ވަދޭ" ނަހީކް ބުންޏެވެ.

ބޯޖަހާލާފައި ބެގަރީ ހިނގައިގަތުމާއެކު ނަހީކް ވެއްޓިގަތީ ސޯފާއަށެވެ. އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ދިރިއުޅުމުގައި 'ރޫބިޔާ' އޭ ކިޔާ ބޮލުގެ ރިހުމާ ދިމާނުވިނަމައޭ ހިތަށް އަރަމުން ދިޔައއެވެ. ރޫބިޔާ ނަހީކްގެ މުޅި ދިރިއުޅުން ބަދަލުކޮށްލަން އުޅޭ ކަހަލައެވެ. ކައިވެންޏެއްކުރަން ހިތަށްވެސް އަރާފައިނުވާ ދަނޑިވަޅެއްގައި ކަންތައްތައް ބަދަލުވެގެން ދިޔައީ ނަހީކް ހީވެސްނުކުރާ ފަދަ ގޮތަކަށެވެ. ހާލަތު ތަފާތުވެފައި ވީނަމަވެސް އަލަތު ކައިވެންޏަށް ދުވަހަކުވެސް ނުދެކޭ އަންހެންކުއްޖަކު ރަންކިޔައިފިއެވެ. ހަތްދުވަސް ފަހުން ކައިވެނި ކުރެވޭނެއެވެ. ނަހީކަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އިންކާރުކޮށްފިއްޔާ ވާނެ ގޮތެއްވެސް ނޭނގެއެވެ. ރޫބިޔާއަކީ ކުރިމަތިލާ ވަރަށް ވުރެ ހިޔަޅު މީހެކެވެ.

****************

ޑިއުޓީ ނިންމާފައި ބަރަކް ގެއަށް އަންނަންދެން އަޔާލް ނުނިދާ އޮތެވެ. ކޮޓަރި ހުޅުވާލާފައި އެތެރެއަށް ވަން ބަރަކް ލައިޓްތައް ޖައްސާލިއެވެ. އަޔާލް ހޭލާ އޮތްކަން އެނގުނީ ބަރަކްއަށް ބަލަހައްޓައިގެން އޮތުމުންނެވެ.

"ކީއްވެ ކާން ނައީ" އަޔާލް ސުވާލުކޮށްލިއެވެ.

"އޮފީސް ކުއްޖެއްގެ އުފަންދުވަސް ވީމަ މިރޭ ކުޑަ ޕާޓީއެއް އޮތީ އޮފީހުގަ" ބަރަކް ބުންޏެވެ. ދެން އަލަމާރި ކައިރީގައި ހުރެ ލައިގެން ހުރި އެއްޗެހި ބަދަލުކުރަން ފެށިއެވެ.

ކޮނޑުގައި ތުވާލި އަޅުވާލައިގެން ފާހާނާއަށް ވަންނަން އުޅުނު ބަރަކްއަށް އަޔާލް ގޮވާލިއެވެ. ބަރަކް މަޑުޖެހިލިއެވެ. އަޔާލްގެ އެ ގޮވާލުމުގައި ތަފާތެއް ހުރިކަން ބަރަކްއަށް ފާހަގަވިއެވެ.

"ދޮންބެ ވާހަކައެއްބުނަން ވެގެން" އަޔާލް ބުންޏެވެ.

"ދޮންބޭ. ވަރަށް އެމެޖެންސީވެގެން މިވަންނަނީ. ޑިއުޓީއަށް ދިޔައިރުން ފެށިގެން ލޯޑުކޮށްގެން މިހުންނަނީ ގެއަށް އާދެވެންދެން. ކުޑަ އިރުކޮޅެއްދީ" އާދޭހުގެ ރާގެއްގައި ބަރަކް ބުންޏެވެ.

އަޔާލްއަށް ހެވުނެވެ. ބަރަކް ފާހާނާއަށް ވަނުމުން އަނެއްކާވެސް އަޔާލް އޮށޯވެލިއެވެ. ދެއަތުގެ ތެރޭގައި އޮތް ފޯނު ހުޅުވާލާފައި ކުރީ ރެއެއްގެ ދަންވަރު ވަގުތު ނެގި ރިންދާގެ ފޮޓޯއަށް ބަލަން ފެށިއެވެ. ބަރަކް އާއި ވިލިނީ ގާތްކަން އަޔާލްއަށް އެނގެއެވެ. ބޭނުންވީ ބަރަކް މެދުވެރިކޮށް ވިލިނީގެ ފޯނުން ރިންދާގެ ފޯނު ނަންބަރު ހޯދާށެވެ.

************

މުވައްޒަފަކު ގެނައި ލިޔުންތަކެއްގައި ސޮއިކުރަން އިން ނަހީކަށް ހައިރާން ކަމެއް ލިބުނީ ވަދެގެން އައިސް ކުރިމަތީގައި ހުއްޓުނު މީހާ ފެނިފައެވެ. ސޮއިކުރަން އިން ލިޔުންތައް ނިންމާފައި މުވައްޒަފު އަތަށް ދިނެވެ. އެއާއެކު މުވައްޒަފު ލިޔުންތައް ހިފައިގެން ކެބިން އިން ނުކުތެވެ.

"ކިހިނެއްވީ؟ އަހަރެން އައިސްގެން ނުވޭތަ؟ އަހަރެންގެ ދަރިއަކު ވަޒީފާއަދާކުރާ ތަނަށް އަހަރެންނަށް ނުވަދެވޭންވީ ސަބަބެއް ނުވިސްނޭ"

"މިތަނަކަށް ކަލޭ ވަންނަން ހުއްދަ ދިނީ ކާކު؟ އަހަރެންނަށް ރަނގަޅީ މިތަނުން ނުކުމެގެން ދިޔައިއްޔާ" ނަހީކް ބުންޏެވެ. ރުޅިގަދަވެދާނެކަމަށްޓަކައި ނަހީކް ހުރީ ވިސްނައިގެންނެވެ. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ކުރިމަތީގައި އަގުވެއްޓިދާނެކަމަށްޓަކައެވެ.

"ކޮބާތަ ދަރިފުޅުގެ މައްސަލައަކީ؟ ކޮބާ އަހަރެން ކުރި ކުށަކީ؟ އެމީހަކު ލޯބިވާ މީހަކާއެކު އުޅުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވޭ. އެއިރު އަހަރެންގެ ހުރި ހަމައެކަނި ދަރިއަކީ ތިއީ. އަހަރެން ތި ދަރިފުޅަށްޓަކައި ނުކުރަނީ ކޮންކަމެއް؟"

"ބޭކާރު ވާހަކަނުދައްކާ. އަހަރެން ބަނޑުއަޅައި ވިހޭ މީހާއަށް ލިބޭ ނިކަމެތިކަމެއް އެއީ އަހަރެންނަށްވެސް ލިބޭ ނިކަމެތި ކަމެކޭ" ނަހީކް ބުންޏެވެ.

***********

އިންނަން އުޅޭ މީހާގެ ފޮޓޯ ރޫބިޔާ ވިލިނީއަށް ދެއްކީ ނިދަން އުޅުނު ގަޑީގައެވެ. ނަހީކްގެ ފުރިހަމަ އިސްކޮޅަށް ޕްރެޒެންޓޭޝަނެއް ދޭން ހުއްޓައި ނަގާފައި ހުރި ފޮޓޮއެކެވެ. އެ ފޮޓޯ ރޫބިޔާ ހޯދީ އެ ކުންފުނީގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖުންނެވެ.

"އަހަރެން ދުވަހަކުވެސް މިހާ ރީތި މީހެއް ނުދެކެން. އޮފީހެއްގެ ބޮޑު މީހާ ތަ؟ އަޅެ... އަހަރެން ހިއެއްވެސް ނުކުރަން" ވިލިނީއަށް އުފަލުން ހެވެނީއެވެ.

"ތި ލިބުނީނު. ބުނަންތަ؟ ނިކަން ގޮތުގަ ހުންނަ ސޮރެއް މީ. ފުރަތަމަކޮޅު ނިކަން ބޮޑާދައްކާނެ. ފަހުން ހަމަޔަކަށް އެޅިދާނެ. އޭނަ އެއްޗެއް ހަމަ ބުނާއިރަށް ބިރުން ފަހަތަށް ނުޖެހޭތި. އަދި އަމުދުން ބޮޑޫ އޭ ކިޔައިގެން އެއްޗެއް ބުނެގެން ގަބޫލުނުކުރާތި. އޮފީހުގައި އުޅޭ މަންޖެތަކަށް ނިކަން ތުއި ދައްކާނެ. އެތަނުގަ އޭނަ އާ ދިމާލަށް އެއްޗެއް ބުނަން ކެރޭ މީހަކީ ބޮޑޫ ވީމަ ބޮޑޫދެކެ އެހާ ރުޅިއަންނަނީ" ކައިރީގައި އިން ވިލިނީގެ އަތުގައި ހިފައިގެން އިނދެ ރޫބިޔާ ނަސޭހަތްދެމުން ދިޔައެވެ.

"މި ޒަމާނުގަ ލޯބިވެގެން ކުރާ ކައިވެނި ގިނަދުވަހު ދެމިއެއްނޯވޭ. އެއީ ދިރާސާތަކުން ދައްކާގޮތް" ވިލިނީ ބުންޏެވެ. "އެހެންވީމަ މާ ރަނގަޅެއްނު. އަހަރެމެން ދެމީހުން ދެމީހުންނަށް ފެންނާނީވެސް ކައިވެނީގެ ހަފްލާ ތެރެއިންނެއްނު"

"އާނ ތިކަން އޮތީ ތިހެން. އެ ބޮޑާ ފިރިހެނާ ބޭނުންވީ ކޯޓުގަ ކައިވެނިކުރަން. އެކަމަކު ބުނަން ކަލޭމެންގެ ދެމީހުން ދިރިއުޅުން ހަމަޔަކަށް އެޅުމާއެކު ހަނީމޫނަށް ދާން ތެޅިގަންނާތި" ރޫބިޔާ ބުންޏެވެ. ވިލިނީ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

(ނުނިމޭ)